ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާފިޔާގެ ބަސް، “މިއަދު ޖެހި ޖެހީނުން މަރާލާނަން” ކުކުރެމުން އިބްތިހާލްގެ އެންމެ ފަހު ބަހަކަށް “މަންމާ”!

އިބްތިހާލުގެ މަރުގެ މައްސަލައިގެ ހުލާސާ ބަޔާން އިއްވައިފި، ހުކުމް އިއްވުން އަންނަ މަހު ކުރީކޮޅު
ޝެއާރކޮށްލާ ކަހަލަދޯ؟

ވ. ރަކީދޫގައި، އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލަށް އޭނާގެ މަންމަ އާފިޔާ މުހައްމަދު އަނިޔާކޮށް މޭމަތީ ކޮޅުފައިން ޖަހަމުން ދިޔައިރު އިބްތިހާލުގެ އެންމެ ފަހު ބަަހަކަށް ވީ “މަންމާ” ކަމަށް ހުލާސާ ބަޔާނުގައި ބުނެފިއެވެ.

ޖެނުއަރީ، 2015 ގައި ތިން އަހަރުގެ އިބްތިހާލަށް އަނިޔާކޮށް، މަރާލި މައްސަލާގައި އޭނާގެ މަންމަ އާފިޔާ މުހައްމަދުގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް ކުރެއެވެ. އެއީ އިބްތިހާލް މަރުވުމުގެ ކުރިން އެކި ދުވަސްމަތިން އަނިޔާކުރި ކަމަށް ބުނެ ކުރާ އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އާއި އިބްތިހާލް މަރުވި މައްސަލާގައި ކުރާ ގަސްދުގައި ކުއްޖަކު މެރުމުގެ ދައުވާ އެވެ.

އެ މައްސަލައިގައި އިބްތިހާލްގެ މަންމަ އާފިޔާ ހައްޔަރު ކުރުމާއި އެކު އޭރު މުވައްސަސާތަކަކާއި ވުޒާރާތަކުން ވެރިން ބުނަމުން ދިޔައީ މައްސަލަ ވަރަށް އަވަހަށް ތަހުގީގުކޮށް އިބްތިހާލަށް ލިބެންޖެހޭ އިންސާފު ހޯދައިދޭނެކަމަށެވެ. ފަސް އަހަރު ފަހުން، އިބްތިހާލުގެ މަރުގެ މައްސަލައިގެ ހުކުމާއި ހަމައަށް އާދެވިފައިވާއިރު މިއަދު ކްރިމިނަލް ކޯޓުގައި އިއްވާފައިވަނީ މައްސަލައިގެ ހުލާސާ ބަޔާނެވެ.

މައްސަލައިގައި ހުލާސާ ބަޔާން އިއްވުމަށްފަހު، އާފިޔާއަށް ދިން ފުރުސަތުގައި އޭނާ ބުނީ ހުލާސާ ބަޔާނަށް އެއްވެސް އެއްޗެއް ބުނަން ނެތް ކަމަށެވެ. އެއަށްފަހު ޝަރީއަތުން ވަނީ، މިއީ ވާހަކަ ދެއްކުމަށް ލިބޭނެ އެންމެ ފަހު ފުރުސަތުކަން ފާހަގަކޮށް އެއްވެސް ވާހަކައެއް އޮތް ނަމަ އެކަމެއް ހުށަހެޅުމަށް އެދިފައެވެ. އެހާހިސާބުން އާފިޔާ ބުނީ، “އެއީ ދޮގު، ގަސްތުގައި ނުމަރަން” ކަމަށެވެ. ގާޒީ އިތުރު ކަމެއް އެބައޮތްތޯ އަނެއްކާވެސް ސުވާލު ކުރުމުން ކުޑައިރުކޮޅަކަށް ހުރުމަށްފަހު އާފިޔާ ބުނީ “އަނިޔާއެއް ނުކުރަން” މިހެންނެވެ. ގާޒީ އަނެއްކާވެސް “ދެން” ވިދާޅުވުމުން، އާފިޔާ ބުނީ “ޑޮކްޓަރުންގެ ބަޔާން އެއީ ދޮގެއް، އެކައްޗެއް ވެސް ނޫން ހުރީ!” އާފިޔާ އެއަށްފަހު އެއްވެސް ވާހަކައެއް ނުދެއްކުމުން ގާޒީ ވަނީ އިތުރު ކަމެއް އެބައޮތޯ ސުވާލުކުރައްވާފައެވެ. ޖަވާބުގައި އާފިޔާ ބުނީ “ނެތް” ކަމަށެވެ.

އާފިޔާ އެންމެ ފަުހު ފުރުސަތުގައި ބުނީ އިބްތިހާލް މަރައެއް ނުލާ ކަމަށް

އާފިޔާ އިބްތިހާލަށް ކުރާ އަނިޔާތަކާއި، އަދި އެހެން ދަރީންތަކާއި މެދު ގެންގުޅޭ ތަފާތު ކުރުންތައް އަދި އިބްތިހާލް މަރުވީ ދުވަހު ހިނގައިދިޔަ ހުރިހާކަމެއް ދައުލަތުން ވަނީ ތަފްސީލީ ގޮތެއްގައި ހުލާސާ ބަޔާނުގައި ހުށަހަޅާފައެވެ. ހުލާސާ ބަޔާން އިއްވުމަށް ދެ ގަޑިއެއްހާއިރު ހޭދަވެގެންދިޔައިރު ހުލާސާ ބަޔާނުގައި އެންމެ ފުރަތަމަ ހިމެނީ އެ ދުވަހު ހިނގައިދިޔަ ކަންތަކެވެ.

ދައުލަތުން ހުލާސާ ބަޔާން އިއްވަމުން ބުނެފައިވަނީ، އިބްތިހާލްގެ ކަރަށް ފިތައި އާފިޔާ ނޭވާ ހާސްކޮށްފައިވާ ކަމަށެވެ. އަދި އިބްތިހާލްގެ މޭމަތީ، ތިން ފަަހަރަށް އާފިޔާ ދަށްފައިން ޖެހި ކަމަށެވެ. ތަފާތު އެކި ފަހަރު މަތީން އިބްތިހާލްއަށް ކުރި އަނިޔާތަކަށް އާފިޔާ މީގެ ކުރިން އިއުތިރާފް ވެފައިވާކަން ދައުލަތުން ވަނީ ފާހަގަކޮށްފައެވެ. އެހެން ކަމުން އެ އިއުތިރާފަކީ ރުޖޫއަ ނުކުރެވޭނެ އިއުތިރާފެއް ކަމަށް ދައުލަތުން ބުންޏެވެ.

އިސްލާމީ ޝަރީއާގައި ވާގޮތުން އާދަމު ދަރިއެއްގެ ހައްގު އެކުލެވޭ ކަމެއްގައި ވެވޭ އިއުތިރާފަކީ ރުޖޫއަ ނުކުރެވޭނެ އިއުތިރާފެއްގެ ގޮތުގައި ދައުލަތުން ފާހަގަކުރިއެވެ. އަދި އާފިޔާގެ އެއްބަސްވުމުގެ ބަޔާނާއި، އަދި ކޯޓުގައި ވެފައިވާ އިއުތިރާފަކީ ހުރިހާ އިޖުރާތްތަކެއް ފުރިހަމަވެ އެއްވެސް ނުފޫޒެއް ނެތި، ކުރިޔަށް ގެންދެވުނު މަރުހަލާއެއް ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

މި މައްސަލައިގައި، އާފިޔާގެ އަވައްޓެރިންގެ ހެކި ބަސް ވަނީ ހިމަނާފައެވެ. އެގޮތުން އާފިޔާ އިބްތިހާލާއި މެދު ކަންތައް ކުރާ ގޮތާއި އިބްތިހާލަށް ކާން ނުދިނުން އަދި ފެންނުވަރާ ނެޕީ ފޯވަންދެން ބަހައްޓާ ކަމަށް ވަނީ ބުނެފައެވެ. ދައުލަތުން ބުނެފައިވަނީ އާފިޔާގެ ފިރިމީހާގެ ހެކި ބަހުން ވެސް އިބްތިހާލުގެ ގައިގައި އަނިޔާގެ ނިޝާންތަކެއް ހުންނަކަން ސާބިތުވާއިރު، އޭނާއަށް އެމަންޒަތު ފެނި އެކަމާއި ގުޅޭގޮތުން ސުވާލު ކުރުމުން “މަންމަ، ޖެހީ” ކަމަށް އިބްތިހާލް ބުނާ ކަމަށެވެ. އަދި ގިނަ ދުވަހު އޭނާގެ ދަތުރުތައް ނިންމުމަށްފަހު ގެއަށް އަނބުރާ އައުމުން ޝަފީގް ގެންނަ ކާއެއްޗެހި އެޅި ކޮތަޅު ދުވެފައި ގޮސް ހޯދާ ކަމަށް ދައުލަތުން ބުންޏެވެ.

އިބްތިހާލް ފެންވެރުވީ ދުވަހަކު، ކުރިމަތިފަރާތް ދުޅަވެފައި ހުރުމުން، އެކަމާއި ގުޅޭގޮތުން އާފިޔާއާއި އާފިޔަގެ ފިރިމީހާ ސުވާލު ކުރުމުން “އެއީ ކުޅެން އުޅެނިކޮށް” ލިބުނު އަނިޔާއެއްކަމަށް ބުނެފައިވާކަމަށް ވެސް ބަޔާނުގައި ވެއެވެ.

އާފިޔާ އެންމެ ފަުހު ފުރުސަތުގައި ބުނީ އިބްތިހާލް މަރައެއް ނުލާ ކަމަށް، މާޗް 12 ގައި ހުކުމް އިއްވަނީ

އިބްތިހާލް މަރުވީ ދުވަހު، އާފިޔާ ގޮސް ކޮޓަރިއަށް ވަތް އިރު އިބްތިހާލް އޮތީ ހުސް ނެޕީއާއި އެކު ކޮޓަރީގެ އަލަމާރީއާއި ފާރާއި ވީ ހުސްތަންކޮޅުގައި ބާލީހެއް ބާއްވާ އޭގެ މަތީ ބޯއަޅައިގެންނެވެ. އެއަށްފަހު އާފިޔާ ގޮސް އިބްތިހާލުގެ ކަނާއަތުގައި ހިފާ ނަގާ އަނބުރާލުމަށްފަހު ކަރަށް ފިތައި ނޭވާ ހާސް ކުރިކަމަށެވެ. އެވަގުތު އިބްތިހާލް “މަންމާ” ކިޔާ ގޮވާލިކަމަށް ދައުލަތުން ބުންޏެވެ.

އާފިޔާ އިބްތިހާލްގެ މޭމަތީގައި ތިން ފަހަރަކަށް ފައިން ޖެހުމުން އިބްތިހާލްގެ އަނގައިން ލޭ އައި ކަމަށާއި، އޭރު އެ ކުއްޖާގެ ހޭވެރިކަމެއް ނެތް ކަމަށް ދައުލަތުން ބުންޏެވެ. އާފިޔާ އިބްތިހާލް ގެ ކަންފަތް މަތީ އެއަށް ފަހު ބާރަކަށް ޖެހިއެވެ. އަދި އިބްތިލާލް އެހާލަށް ދޫކޮށްލުމަށްފަހު އޭނާ ކޮޓަރިން ނިކުތްއިރު އެކުއްޖާ ކުކުރެމުން ދިޔަކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

އިބްތިހާލް އެ ހާލަށް ދޫކޮށްލުމަށްފަހު އާފިޔާ ދިޔައީ ނެޕީތަކެއް ހިފައިގެން އޭނާގެ އަވައްޓެރިއާގެ ގެއަށެވެ. އަދި އެ ގޭގައި ޑްރާމާ ބަލަން އިނެވެ. އަަވައްޓެރިއާ ލަހެއް ނުވެތޯ އާއި އިބްތިހާލު ކޮބައިތޯ ސުވާލު ކުރުމުން އޭނާއަށް ދިން ޖަވާބަކީ އިބްތިހާލް އޮތީ ނިދާފައި ކަމަށެވެ.

ގިނަ އިރުތަކެއްވަންދެން އެ ގޭގައި ހުރުމަށްފަހު އާފިޔާ ގެއަށް ދިޔައިރު، އިބްތިހާލް  ބަރަހަނާ ހާލުގައެވެ. އަދި ނެޕީ އޮތީ ނެއްޓިފައެވެ. އިބްތިހާލުގެ ހަރަކާތެއް ނެތުމުން މޫނުގައި ފެން ހޭކި ކަމަށާއި އެވަރުން ވެސް އިބްތިހާލުގެ ހަރަކާތެއް ނެތުމުން އަވަށްޓެރިން ގޮވައިގެން “ބޮޑު މީހާއަށް” ކަމެއް ވެއްޖެ ކަމަށް ބުނަމުން އާފިޔާ އައި ކަމަށެވެ. އަވައްޓަރިން ސިއްހީ މަރުކަޒުން މީހަކު ގެންނަން ބުނުމުން އާފިޔާ ދުވަފައި ދިޔަ ކަމަށާއި އެ ވަގުތު އޭނާއާއި ކުރިން ނެޕީ ހިފައިގެން ދިޔަ ގޭގެ އަވައްޓެރިއާއި ދިމާވެ “ބޮޑު މީހާއަށް” ކަމެއްވެއްޖެ ކަމަށް ބުނި ކަމަށެވެ. އެހެން ބުނުމުމަށްފަހު ދުވަފައި ހޮސްޕިޓަލަށް ދެވުނުތަނާ، އޭނާ ހޭނެތިގެން ވެއްޓުނެވެ.

ދައުލަތުން ބުނެފައިވަނީ، އާފިޔާއަށް ހޭވެރިކަން ވީއިރު އިބްތިހާލުގެ ފުރާނަ ނެތް މަސްގަނޑު އައިސް ބޭއްވީ އާފިޔާއާއި ޖެހިގެން އޮތް އެނދުގައި ކަމަށެވެ. އެހެން ނަމަވެސް، އޭނާ އިބްތިހާލްއަށް ބަލާވެސް ނުލާ ކަމަށެވެ. އަދި އިބްތިހާލު ކައިރިއަށް އައުމަށް ބުނުމުން، “ނުދާނަން” މިހެން ބުނި ކަމަށެވެ.

ދައުލަތުން ވަނީ، ހެކި ބަސް ދިން ޑޮކްޓަރުންނާއި، މެޑިކަލް ރިޕޯޓުގައި ވާ ކަންތައް ވެސް ފާހަގަކޮށްފައެވެ. އެގޮތުން އިބްތިހާލުގެ އުމުރަށް ބަލާއިރު އެވަރުގެ ކުއްޖެގެ ގައިގައި 12 ކިލޯ ނުވަތަ 12.5 ކިލޯ ހުންނަން ޖެހުނު ނަމަވެސް އިބްތިހާލްގެ ބަރުދަނަކީ އެންމެ 9 ކިލޯ ކަމަށް ޑޮކްޓަރުންގެ ހެކި ބަހުން އެނގޭ ކަމަށް ދައުލަތުން ބުންޏެވެ. ދައުލަތުން ބުނެފައިވަނީ، އިބްތިހާލް ހޮސްޕިޓަލަށް ގެންދިޔައިރު ގައިގައި ތާޒާ އަދި ދުވަސްވީ އަނިޔާގެ ލަކުނުތަކެއް ހުރި ކަމަށެވެ. އިބްތިހާލްގެ ކުރިމަތި ފަރާތް ދުޅަވެފައިވާއިރު، ބުރަކަށީގައި ވެސް ކަނޑައިގެން ގޮސްފައިވާ ނިޝާނެއް ހުރި ކަމަށެވެ. އަދި އެ ޒަހަމް 7 އިންޗިއަށް ހުރި ކަމަށެވެ. މީގެ އިތުރުން އަތުގައި އާއި، ކަންފަތުގައި ވެސް އެ ނިޝާންތައް ހުރިއިރު އިބްތިހާލްގެ މޭމަތީ އަތް ޖައްސާލާއިރު އިހުސާސް ކުރެވޭ ވަރަށް މޭގެ ކަށިކޮޅެއްގައި ރެނދު ލާފައިވާކަމަށެވެ.

މަރަށް ފަސް އަހަރު، ބޭނުންވަނީ އިންސާފު

އިބްތިހާލުގެ އަނގައިގެ ހިރުގަނޑުގައި ވެސް ކަނޑައިގެން ގޮސްފައިވާ ވަރަށް ގިނަތަންތަން ހުއްޓެވެ. ނޭފަތް އެކީ ރަތްވެފައިވާއިރު، ކޯމަތީ ވަކީގެ ނިޝާންތަކެއް ހުރިކަމަށް ދައުލަތުން ވަނީ ބުނެފައެވެ. އަދި ވަކިތައް ވަށާ ލޭއަރާފައި ހުރިކަމަށް ވެސް ދައުލަތުން ވަނީ ބުނެފައެވެ.

މި ހުރިހާ ކަމެއް ދައުލަތުން ހުށަހަޅަމުން ދިޔައިރު، އާފިޔާގެ މޫނުމަތީން އެއްވެސް ހާސްކަމެއް ނުފެނެއެވެ. އަދި ދޭތެރެއަކުން އޭނާ ހުރި ގޮނޑިން ފަސް އެނބުރި އެތަނަށް ހާޒިރުވެ ތިބި ނޫސްވެރިންނަށް ވެސް ނަޒަރު ހިންގާލައެވެ.

އިބްތިހާލަށް ލިބިފައި ހުރި އަނިޔާތައް ވަރަށް ރީޗަށް ފެންނަން ހުރިއިރު، އެއް ލޯ ކުޑަކޮށް ހުރީ ހުޅުވިފައެވެ. އަދި ހޮސްޕިޓަލަށް ގެނައި އިރު ވެސް އިބްތިހާލްގެ އުރަވަޅި ވަރަށް ބޮޑަށް ދުޅަވެފައިވެއެވެ. އަދި މުޅި ހަށިގަނޑު އެކީ ފިނިވެ، އަނގައިން ހުދު އެއްޗެއް ބޭރުވެފައި ހުރިކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

ދައުލަތުން ވަނީ، އާފިޔާ އިބްތިހާލްއަށް އަނިޔާ ކުރުމުގެ ތެރެއިން “މިއަދު ތެޅި ތެޅީނުން މަރާލާނަން” ބުނެފައިވާ ކަމަށެވެ.

އިބްތިހާލްއަށް ދީފައި ހުރި އަނިޔާތަކާއި ހެކިންގެ ހެކިބަސް ފާހަގަކުރުމަށްފަހު ދައުލަތުން ވަނީ އާފިފާ ސައިކޮލޮޖިކަލް އެސެސްމެންޓާއި ގުޅޭގޮތުން ވާހަކަ ދައްކާފައެވެ. އާފިޔާގެ ނަފްސާނީ ބަލި ހުރިތޯ ބެލުމަށް ޓެސްޓްތަކެއް ޑރ. ނާޒް ހެއްދެވިއިރު އަމިއްލަ އިހްތިޔާރު ގެއްލޭ ފަދަ ނަފްސާނީ ބައްޔެއް އާފިޔާގެ ނެތްކަން ސާފުވާކަމަށް ދައުލަތުން ފާހަގަކުރިއެވެ. ނަމަވެސް ޑިޕްރެޝަން އާއި އެންޒައިޓީ އަދި ރުޅި ކޮންޓްރޯލް ނުވުން ހުރި ނަމެސް، އިބްތިހާލަށް އަނިކޮށްފައިވަނީ އަމިއްލަ އިހުތިޔާރުގައި ކަމަށް ޑރ. ނާޒް ވިދާޅުވި ކަމަށް ދައުލަތުން ބުންޏެވެ. ދައުލަތުން ވަނީ، ފަހުން ވެސް އާފިޔަގެ ސައިކޮލޮޖިކަލް އެސެސްމެންޓު ހެދިކަން ފާހަގަކޮށްފައެވެ. އަދި، ޑެޕްރެޝަން އާއި އެންޒައިޓީ ފަހުން ހުރީ ވަރަށް ބޮޑަށް ދަށްވެފައިކަމަށް ދައުލަތުން ބުންޏެވެ.

ހުލާސާ ބަޔާން ނިންމާލަމުން ދައުލަތުން ބުނެފައިވަނީ އާފިޔާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ދައުލަތުން ދެކޭ ކަމަށެވެ. މިއީ އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައެޅިފައިވާ ކުށަކަށްވާއިރު އެ ކުށް ސާބިތުވުމަށް އިސްލާމީ ޝަރީއަތުގައިވާ ރުކުންތައް ވެސް މި މައްސަލާގައި ފުރިހަމަވާކަމަށް ދައުލަތުން ބުންޏެވެ. އިބްތިހާލަކީ ލޭ ހަލާލު މީހެއް ނޫން ކަމާއި، އިބްތިހާލް މަރުވީ އަނިޔާތަކުގެ ސަބަބުންކަށް ދައުލަތުން ބުންޏެވެ. އަދި އަނިޔާ ކުރުމުންނާއި، އާފިޔާ އިބްތިހާލާއި މެދު އަމަލުތައް ބެހެއްޓިގޮތުން އޭނާގެ ނިޔަތެއް އެބައޮތްކަން ސާބިތުވާކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

މި މައްސަލާގައި މީގެކުރިން ވަނީ އިބްތިހާލުގެ ވާރިސެއްގެ ގޮތުން އާފިޔާގެ މަންމަގެ ހެކި ބަސް ނަގާފަ އެވެ. އޭނާ ބުނެފައިވަނީ އިބްތިހާލުގެ މަރުގެ ދިޔަ ބޭނުން ނުވާ ކަމަށެވެ. އިބްތިހާލުގެ ވާރިސުންގެ ގޮތުގައި ތިބީ އާފިޔާގެ އަނެއް ދެ ދަރިން އެކަންޏެވެ.

މައްސަލާގެ އަޑުއެހުންތައް ނިންމާލެއްވީކަން ގާޒީ އިއުލާން ކުރައްވައި ގާޒީ ވަނީ، މައްސަލައިގެ ހުކުމް އިއްވުން އަންނަ މާޗު މަހުގެ 12 ގައި ބޭއްވުމަށް އިއުލާނުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

5 Responses

  1. އަހަރެން ބުނާނެ ހަމަ އެކައްޗެއްވެސް ނެތް. މިވެސް ޤައުމެއްވާދޯ. ކީއްކުރަން ހަދާފަ އޮންނަ ޤާނޫން ތަކެއް. އަމަލު ނުކުރެވޭ ގާނޫން ނުހަދާ. ބޮޑެތި ޤާނޫން ހާދާފަ ކޮން ޤާނޫނެއްގެ ދަށުން ބަޔަކަށް އެކުރި ކަމެއްގެ އަދަބު ދީފަ ހުރީ. ނަމަކައް ހަދާފަ އޮންނަ އެޗެއްއެއީ. ކިތަންމެ ބޮޑު ކުށެއް ކުރި ކަމަށް ވިއަސް އެބަ އިނގޭ ޤާނޫންގަ އޮތްގޮތަށް ހުކުން ނާންނާނެކަން. އެމީހަކު އުޅޭނެ ގޮތަކަށް އުޅެންވީ. ޤާނޫންގަ މަނާ ކަމެއްކަން އެނގި ހުރެ ޖެހިލުމެއްނެތި ބިރެެއްނެތި ކޮންމެ ކޮންމެ މީހަކު ކޮންމެ ކަމެއް މިހާރު ކޮށްލާ. ( މިއަދު އަހަރެންއަށް މަގުމަތިން ދިމާވި ކަމަކުން އަހަރެންގޮސް އެމީހަ ކާރީގަ ބުނިން ތީ މަނާ ކަމެއްނޫންހޭ. ޖަވާބުގަ އޭނަބުނީ މި ނޫނަސް މަނާ ކަންކަން ބާވަރު ކުރާ ކަމަށް. )

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: