ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެންނަނީ ހަލަނި، ބޮލަށް އުނދަގޫ މަޖިލީހެއް، ޑްރާމާއެއް ބޭނުމެއް ނޫން!

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: މަޖިލިސް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރާއި، ދައުލަތުގެ އިދާރާތަކުގެ ކުށްހޯދާ އެކަމުގެ ޝަކުވާ ކުރެއްވުމުގައި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ އަރާ ހުންނެވި ބޭފުޅެކެވެ. ބައެއް ބޭފުޅުންގެ ބަހުންނަމަ އެއީ އަމިއްލަ ސަރުކާރު ޒިންމާދާރު ކުރުމެވެ. ރައީސް ނަޝީދު އަބަދުވެސް ބޭނުންފުޅުވަނީ ސާފު ހުދު ގަނޑެއްގައި ހުރި ކަޅު ތިއްކެއް ރައްޔިތުންނަށް ދެއްކުމަށެވެ. އެއާ ޚިލާފަށް މިހާރަކަށް އައިަސް ބޮޑަށް މަސައްކަތް ކުރައްވަނީ ސަމާލުކަން ހޯދުމާއި، ސްޓަންޓު ޖެއްސެވުން، އަދި މީޑިއާތަކުގެ ފްރަންޓް ޕޭޖުން ކޮންމެގޮތެއް ހައްދަވާފައި ވިޔަސް ޖާގަ ހޯއްދަވާން ކަމަށް ދެކޭ މީހުން މަދެއް ނޫންވެ.

ދުނިޔޭގެ އެކި ގައުމުތަކަށް ދިމާވި ބޮޑު ބަލިމަޑުކަމެއްގެ ހާލަތު ރާއްޖެއަށް ވެސް ދިމާވެ، ބައްޔާއި ދެކޮޅަށް ކުރި މަސައްކަތްތަކުގައި އޮޅުވާލުމާއި، މަކަރާއި ހީލަތް އަދި ކޮރަޕްޝަނަށް މަގުފަހިފާ އެތައް އަމަލެއް ހިންގާފައިވާކަން ވަނީ ކޮވިޑުގެ އޮޑިޓް ރިޕޯޓުތަކުން ހާމަވެފައެވެ. ސަރުކާރުގެ ވަޒީރުންނާއި، އަދި އިސް މަގާމުތަކުގައި ތިއްބަވާ ފަރާތްތަކަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ދަނީ ކުރެވެމުންނެވެ. އަދި ސޯޝަލް މީޑިއާގައި އެމްޑީޕީގެ ސަރުކާރަށް ވަރަށް ބޮޑެތި ފާޑުކިއުންތަކެއް ދަނީ އަމާޒުވެމުންނެވެ.

ފަހަކަށް އައިސް އަމާޒުވާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމްޑީޕީ އާއި ވާދަ ވެރި ޕާޓީތަކުން ސަރުކާރަށް ވައްކަމުގެ ތުހުމަތުތަކެއް ކުރަމުންދާ ކަމަށެވެ. އެހެން ނަމަވެސް ސަރުކާރުން ދަނީ އެމްޑީޕީ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހަށް ޖާގަ ދީ، އިސްލާހު ކުރަންޖެހޭ ކަންތަކަށް ފުރުސަތު ދެމުންކަން ރައްޔިތުންނަށް ވެސް ސާފުވާނެ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ސަރުކާރު ހިންގީ މަޖިލީހުގެ ތެރެއަށް ސިފައިން ވައްދައިގެން ކަމަށެވެ.

ރައީސް ނަޝީދުގެ މި ޓްވީޓަށް ބައެއް މީހުން ވަނީ ފާޑުވެސް ކިޔާފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި ހުންނަވައިގެން މަޖިލީހުގެ ނިޒާމުން ބޭރުން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ބައެއް މީހުން ވަނީ ބުނެފައެވެ. އަދި މަޖިލީހުގެ ތެރެއަށް ސިފައިން ނުވެއްދި ނަމަވެސް، މަޖިލީހުގައި ބައެއް މެމްބަރުން ދައްކަވާ ވާހަކަތަކަށް ރައްދު ދިނުމާއި، އަދި ބައެއް ވާހަކަތަކަށް ހުރަސް އަޅުއްވާކަން ބައެއް އާއްމުން ވަނީ ފާހަގަކޮށްފައެވެ.

“އެމްޑީޕީގެ ވާދަވެރި ޕާޓީތަކުން މި ސަރުކާރުގައި ވައްކަމުގެ ތުހުމަތުތު ގިނަ ކަމަަށް ބުނާއިރު، ދިވެހި ރައްޔިތުންނަށް ސާފު ވަނީ މި ސަރުކަރުން އެ ގެންދަވަނީ އެމްޑީޕީ މެޖޯރިޓީ މަޖިލީހަށް ޖަގަ ދެއްވާ ކަންކަން ފާހަގަކޮށް އިސްލާހަށް ކުރައްވަމުން ގެންދާކަން. ރައީސް ޔާމީންގެ ސަރުކާރުގައި މަޖިލީހަށް ވެއްދީ ސިފައިން.”

ރައްޔިތުންގެ މަޖިލީހުން މިހާރު ވަނީ އޮޑިޓު ރިޕޯޓުތަކާއި އެކު އެ މައްސަލަތައް ވެސް ބަލަން ފަށާފައެވެ. އެގޮތުން މާލިއްޔަތު ކޮމިޓީން ވެސް ވަނީ މަޖިލީހަށް އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ހާޒިރުކޮށް މައްސަލައިގެ އިތުރު މައުލޫމާތުތައް ހޯދާފައެވެ. މީގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް ވެންޓިލޭޓަރުގެ މައްސަލަތައް ބެލިއިރު އެ ކޮމިޝަނަށް އޮޑިޓުން ހާމަވީ ކަންކަން ނޭނގުނީ ކީއްވެގެންތޯ ބެލުމަށް ވެސް މަޖިލީހުން ވަނީ އަންގާފައެވެ.

ރައީސް މުހައްމަދު ނަޝީދަކީ، އަބަދުވެސް ވަރަށް ހަލަނި ބޭފުޅެކެވެ. ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކުޔުން އެއީ ޒިންމާދާރު ކުރުން ކަމުގައި ބައެއް ބޭފުޅުން ދެކޭއިރު ހަގީގަތުގައި މިއީ ޖެއްސުން ކުރުމޭ ވެސް ބުނެވިދާނެއެވެ. މަޖިލީހަކީ ސަރުކާރު ހިންގާ ތަޅުމަށް ހަދާ، ބާރުތެރެއަށް މުށުތެރެއަށް ލާފައި އޮތްގޮތުން ރާއްޖެ މިއޮތީ ބަރުލަމާނީގެ މިސްރާބަކަށެވެ.

މިއީ ރައީސް ނަޝީދަށް ފޫހި މައުޟޫއަކަށް ވިޔަސް، އެންމެ ގަޔާ ވާ މަގާމެވެ. ރާއްޖޭގެ ބޮޑު ވަޒީރުކަމުގެ މަގާމަށް އައުމަށް ރައީސް ނަޝީދު ހުވަފެން ދެކެން ފެށީ އެމަނިކުފާނުގެ ބަހުންނަމަ ބަސް ދަސްވީ ހިސާބުންނެވެ.

މަޖިލީހުގެ ތެރޭގައި ސަރުކާރު ހިންގުމަށް، ނުވަތަ އިސްލާހުގެ މަގަށް މަސައްކަތް ކުރުމަށް ޖާގަ ސަރުކާރުން ދޭކަމަށް ވިދާޅުވީއިރު، ރައީސް ނަޝީދުގެ އެންމެ ބޮޑު ފާޑުކިޔުން އަމާޒުވާ ހިސާބަކީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި މަޖިލީހުގެ ތެރެއަށް ސިފައިން ވެއްދި ވާހަަކައާއި އެކުއެވެ. އަދި ކުރީގެ ސަރުކާރުން ފޮނުވިހާ ބިލްތަކަށް އާނ ބަސް ބުނި ކަމުގެ ވާހަކަތަކެވެ.

ރައީސް ނަޝީދު މަޖިލީހުގައި ކަންކަން ކުރައްވާ ގޮތަކީ، ބޭނުންފުޅުވާ ބިލެއް ކުރިޔަށް ގެންދިއުމެވެ. އެހެން ނޫނީ، ބައެއް ބިލްތަކަކީ އެއީ މަޝްވަރާ ނުކޮށް ހުށަހަޅާ ބިލްތަކަކަށް ވެއެވެ.

ދެން އޮތީ މުޅި ދުނިޔޭގެ އެކި ގައުމުތަކުގައި އާއި ރާއްޖޭގައި ވެސް ފެތުރެމުން ދާ ކޮވިޑުގެ ވާހަކައެކެވެ. މި ބައްޔަކީ މާ ނުރައްކާތެރި ބައްޔެއް ނޫން ކަމާއި، މިއީ ހަމަ އާދައިގެ ރޯގާއެކޭ ވިދާޅުވީ އިރަށް މަޖިލީހުގެ އެހެން މެމްބަރުން ވެސް ހަމަ އެ ބަނދިވަރު ރިޕީޓު ކުރިއެވެ. ފެންނަ ފެނުމަށް މި ބަލި ރާއްޖޭގެ ހުރިހާ ރަށަކަށް ފެތުރޭނެ ކަމަށް ވެސް ވިދާޅުވިއެވެ. މި ހުރިހާ ކަމެއް ނިމިގެންދާއިރު ރާއްޖޭގައި މި ބަލި ނުޖެހޭނެ މީހެއް ނުހުންނާނެ ކަމަށް ވެސް ވިދާޅުވިއެވެ. ދެން ބައެއް ބޭފުޅުން އަޅާ ކިޔުއްވަނީ ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ ޑަބްލިއުއެޗްއޯއާއި ރައީސް ނަޝީދު ދައްކަވާ ވާހަކައެވެ. ގޯސްވަނީ ހަމައެކަނި ރައީސް ނަޝީދު ތޯ ސުވާލު ކުރެއެވެ. މިވާހަކަތައް އަޑު އަހާ ލަދުން ވެސް ބޯހަލާކެވެ.

ރައްޔިތުންގެ މަޖިލީހަކީ މިހާރު ކުޅޭ ޑްރާމާއަކާއި އެއްވަރެވެ. މިއީ މިހާރު ރާއްޖޭގެ ޝަރުއީ ކޯޓަކަށް ވެފައިވާ މަޖިލީހެކެވެ. މައްސަލަތައް ބެލުމާއި، އެކުލަވާލާފައިވާ ރިޕޯޓެއްގެ ފައިނަލް ރިޕޯޓު ތައްޔާރު ކުރުންފަދަ އެތައް މައްސަަލައެކެވެ،

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ނަޒަރު ހިންގާލުމަށްފަހު ހިތަށް އަންނަހާ ވެސް ވާހަކައަކީ ދެން އަންނަ ދައުރެއްގައި މި މެމްބަރުން ތަޅުމުން ބޭނުން ނުވާ ކަމެވެ. ބޭނުންވަނީ ތައުލީމީ ގާބިލް، ނަޒާހަތްތެރި ބައެކެވެ. ސިޔާސީ ބޯތަކެއް ނޫނެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 67%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: