ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިދޭސީންގެ ހައްގުތައް ކަށަވަރުކުރެވޭނީ އެމީހުންނަކީ ފުރަތަމަ އިންސާނުންގެ ގޮތުގައި ދެކިގެން: ތޮލާލް

ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ސީނިއަރ ޕްރޮޖެކްޓް މެނޭޖަރ އަހުމަދު ތޮލާލް
ޝެއާރކޮށްލާ ކަހަލަދޯ؟

-ބިދޭސީންގެ ހައްގުތައް ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތަކުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އެމީހުންނަކީ އިންސާނުން ކަމުގައި ނުދެކުންކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ސީނިއަރ ޕްރޮޖެކްޓް މެނޭޖަރ އަހުމަދު ތޮލާލް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ފުރަމެންދުރު ޕްރޮގްރާމްގައި ވާހަދައްކަވަމުން ތޮލާލް ވިދާޅުވީ، ބިދޭސީންނާއި މެދު ދިވެހިން ދެކެނީ އެމީހުންނަކީ ގައުމަށް ދިމާވެފައިވާ ބޮޑު މުސީބާތެއް ނުވަތަ ވަބާއެއްގެ ގޮތުގައި ކަމަށެވެ. އަދި އެމީހުންނަކީ އިގްތިސާދީ މަންފާއެއް ހޯދުމަށް ބޭނުންކުރާ ވަސީލަތްތަކެއްގެ ގޮތުގައި ބެލެވިފައިވާކަމަށް ތޮލާލް ވިދާޅުވިއެވެ.

ތޮލާލް ވިދާޅުވީ، އިންސާނުން ކަމަށް ނުދެކެވޭ ބަޔަކަށް އިންސާނީ ހައްގުތައްވެސް ހޯދައިނުދެވޭނެ ކަމަށެވެ. ސޯޝަލް މީޑިޔާ ޕްލެޓްފޯމްތަކުގައިވެސް އަދި ސިޔާސީ ބޭފުޅުންވެސް ބިދޭސީން ސިފަ ކުރަނީ އެއްވެސް އިންސާނިައްޔަތުކަމެއްނެތް ބައެއްގެ ގޮތުގައި ކަމަށެވެ. އެހެންނަމަވެސް، އެމީހުން ދަށްކޮށްލުމުގެ ބޭނުމުގައި ދައްކަމުންދާ އެއްވެސް ވާހަކައަކީ ހަގީގަތެއްނޫން ކަމަށް ތޮލާލް ވިދާޅުވިއެވެ.

އެގޮތުން ދާދިފަހުން ދެކެވުނު ވާހަކަތަކަށް ބަލާއިރު އެމީހުންނަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްގެ ގޮތުގައި ސިފަކޮށްފައިވުމާއި އެމީހުންގެ ސަބަބުން ރާއްޖޭގެ އިޖްތިމާއީ ފޭރާން ހަލާކުވަމުންދާކަމަށާއި ބިދޭސީންގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ހަލާކުވަމުންދާކަމަށް ބުނެ ދައްކާވާފައިވާ ވާހަަކަތައް ތޮލާލް ފާހަގަކުރެއްވިއެވެ.

“އެހެންވީމަ، ބިދޭސީ މަސައްކަތްތެރިންނަށް ލިބިދޭންޖެހޭ ހައްގުތައް ލިބުމަކީ މުހިންމުކަމެއްގެ ގޮތުގައި ނުދެކެވޭ. އަދި އެމީހުންނާއި ދޭތެރޭ އަނިޔާވެރިވެ، އެމީހުން ލައްވާ މަސައްކަްތް ކުރުވާފައި އުޖުރަ ނުދިނުމާއި އިންސާނުން އުޅެން ހެޔޮނުވާވަރުގެ ތަންތަނުގައި އެމީހުން ބައިއިތއްބާފައި ސިއްހީ ގޮތުން ފޮރުކޮށްދޭންޖެހޭ ކަންކަން ފޯރުކޮށްނުދީ މިގޮތަށް އުޅެން އެބަ ފަސޭހަވޭ މިވިސްނުން ގެންގުޅުނީމަ.”

ބިދޭސީ މަސައްކަތްތެރިންގެ ތެރެއިންވެސް މިފަދަ ކަންކަމުގެ ޝިކާރައަކަށް ގިނަފަހަރު ވަނީ ސެމީ-ސްކިލްޑް ނުވަތަ ލޭބަރުންގެ ގޮތުގައި މަސައްކަތް ކުރުމަށް ރާއްޖެ އަންނަ މީހުންކަމަށް ތޮލާލް ވިދާޅުވިއެވެ. އަދި މިފަދަ މަސައްކަތްތެރިނާއި ދިވެހި މަސައްކަތްތެރިންނާއި އަޅާބަލާއިރު ބިދޭސީންނާއި މެދު ބޮޑެތި ތަފާތުކުރުންތަކެއް ގެންގުޅެމުންދާކަމަށް ވިދާޅުވިއެވެ.

އެންމެ ބޮޑު އެއް ތަފާތުކުރުމެއްގެ ގޮތުގައި ތޮލާލް ފާހަގަކުރެވއްވީ މިފަދަ ބިދޭސީން ހިޔުމަން ޓްރެފިކިންގެ ޝިކާރައަކަށްވުން ކަމަށެވެ. ރާއްޖޭގައި މިހާރު ހުރި ސިޔާސަތުތަކާއި ނިޒާމްތަކަށް ބަލާއިރު، ހިޔުމަން ޓްރެފިކިންގެ ޝިކާރައަކަށްވެފައިވާ މީހުންވެސް، އެއީ ހިޔުމަން ޓްރެފިކިންގެ ޝިކާރައަކަށްވެފައިވާ މީހުންގެ ގޮތުގައި ނުބެލެވޭ ކަމަށް ވިދާޅުވިއެވެ. އެކަން ސާބިތުކޮށްދޭން ޖެހެނީވެސް އެމީހުން އަމިއްލައަށް ކަމަށާއި ހިޔުމަން ޓްރެފިކިން ގާނޫނާއި އެކީ އަންނަން ޖެހޭ ގަވާއިދުތައް ވުޖޫދުކޮށްފައިނުވާކަމަށް ތޮލާލް ވިދާޅުވިއެވެ.

“ހިޔުމަން ޓްރެފިކިންގެ ގާނޫނުގައި އެބަ އޮވޭ ގަވާއިދެއްގެ ދަށުން މިކަމުގެ ޝިކާރައަކަށްވާ މީހުން އައިޑެންޓިފައި ކުރެވި، އެމީހުންނަށް ހިމާޔަތް ދިނުމަށް އުސޫލުތައް ކަނޑައެޅެންޖެހޭނެ ކަމަށް. އެކަމަކު މިހާރު މިވާގޮތަަކީ، ހިޔުމަން ޓްރެފިކިންގެ ޝިކާރައަކަށް މީހުން ވަމުންދާކަން އެބަ އިނގޭ. އެކަމަކު ގާނޫނާއި އެއްގޮތަށްވިޔަސް، މީގެން ކަމެއްގައިވެސް އެމީހުން މުޒާހަރާކޮށް ނުވަތަ އަޑު އުފުލީމަ، އެމީހުން މިހައްޔަރުކުރަނީ. ހައްޔަރުކުރީމަ، އެމީހުން މިޖެހެނީ ސާބިތުކޮށްދޭން ތިމަންނާއަކީ އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވެފައިވާ މީހެއްކަން.”

ބިދޭސީ މަސައްކަތްތެރިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް އޮނިގަނޑެއް ކަނޑައެޅިފައިނެތްކަމަށް ތޮލާލް ވިދާޅުވިއެވެ. މަސައްކަތުގެ މާހައުލުގައި ދިވެހިންނަށްވެސް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވަމުންދާ ކަމަށާއި ޚާއްސަކޮށް ކޮވިޑް-19ގެ މިހާލަތުގައި ހުރިހާ މަސައްކަތްތެރިންނަށްވެސް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވަމުންދާ ކަމަށެވެ.

އެހެންނަމަވެސް، މިކަމުގައިވެސް ބިދޭސީ މަސައްކަތްތެރިންނަށް ކުރިމަތިވާ ގޮންޖެހުންތައް މާ ބޮޑުކަން ތޮލާލް ފާހަގަކުރެއްވިއެވެ. އޭގެ ސަބަބެއްގެ ގޮތުގައި ތޮލާލް ފާހަގަކުރެއްވީ، މިހާލަތު ދިމާއިރުވެސް، އިންސާނުން އުޅެން ނުވާފަދަ ހާލަތެއްގައި އޭރުވެސް އެމީހުން ދިރިއުޅެމުން އައުން ކަމަށެވެ. އެމީހުންނާއި ދޭތެރޭ އިހާނެތިކޮށް ކަންކަން ކުރުމުންވެސް، އެކަމަށް ހޯދައިދެވޭ ހައްލަކީ އެމީހުން ބަންދުކުރުމަށްފަހު އެމީހުން ގައުމުން ޑީޕޯޓް ކޮށްލުން ކަމަށެވެ. އެހެންކަމުން، މިއީ މިފަދަ ޖަރީމާތައް ހިންގާ މީހުންނަށް ލިބޭ ބޮޑު ހިތްވަރެއްގެ ގޮތުގައި ތޮލާލް ވަނީ ސިފަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: