ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކިއުކަމްބާ އިން ލިބޭ ސިއްހީ ފައިދާތައް

ޝެއާރކޮށްލާ ކަހަލަދޯ؟

ކިއުކަމްބާ އަކީ އާދަޔާޚިލާފު ގިނަ ފައިދާތަކެއް އެކުލެވިގެންވާ މޭވާ އެކެވެ. ކިއުކަމްބާގެ ފައިދާތައް ލިސްޓްކޮށް ލިޔެލަން ވެއްޖެނަމަ ކިތަންމެ ބައިވަރެއްވެސް ލިޔެވިދާނެ އެވެ.

ކިއުކަމްބާ އަކީ އެންމެ ރަގަޅު ޠަަބީއީ ޑައިޔުރެޓިކް (ހަށިގަނޑުން ފެން ބޭރުކޮށްދިނުމުގައި އެހީތެރިވާ މާއްދާ) އެވެ. ކިއުކަމްބާ ކެއުމުން ފަސޭހަ ކަމާއެކު ކުޑަކަމުދެވި ކުޑަކަމުދާ ތަކެތި ބޭރުވުމަށް ބާރު އަޅައެވެ. ގުރުދާ އަދި މަސާނާ ގެ ބަލިތަކަށް ލުއިކަން، ކިއުކަމްބާ ކެއުމުން ލިބެއެވެ. ކިއުކަމްބާ ގައި އެކުލެވޭ ޕޮޓޭސިއަމް ގެ ސަބަބުން ލޭގެ ޕްރެޝަރު މަތިވުން އަދި ދަށްވުން ފަދަ ޙާލަތް ތަކުގައި ބޭނުންތެރި އެއްޗަކަށް ކިއުކަމްބާ ވެއެވެ. ޕްރޮޓީން ހަޖަމުކުރުމަށް އެހީވެދޭ އެންޒައިމެއް ކަމުގައިވާ ’އިރެޕްސިން‘ ކިއުކަމްބާ ގައި ހުރެއެވެ. ކެރެޓް ޖޫސް، ކިއުކަމްބާ ޖޫސް، ލެޓިއުސް ޖޫސް އަދި ސްޕިނެޗް ޖޫސް އެއްކޮށް ބުއިމުން އޭގައި އެކުލެވޭ ސިލިކޯން އަދި ސަލްފަރ ގެ ސަބަބުން އިސްތަށިތައް ހެދި ބޮޑުވުމަށް އެހީވެދޭ ކަމުގައި ބުނެވެއެވެ. ކެރެޓް އަދި ކިއުކަމްބާ ޖޫސް އެއްކޮށްގެން ބުއިމަކީ ޔޫރިކް އެސިޑް ގިނަވުމުން ކުރިމަތިވާ ހުޅުގެ ބަލިތަކަށް ފައިދާހުރި ކަމެއްކަމަށް ބުނެވެއެވެ. ކިއުކަމްބާގައި އެކުލެވޭ ތަފާތު މައުދަން ތަކުގެ ސަބަބުން ނިޔަފަތި ފަޅައިގެން ދިއުމާއި ބިދުން ފަދަ ކަންތަކުން ހިމާޔަތްކުރެއެވެ. ކިއުކަމްބާ، ރެޑިޝް، އަދި ފާގައަކީ ހަކުރު ބަލީގެ މީހުންނަށް ރަގަޅު އެއްޗެއް ކަމަށް ވެއެވެ.

ކިއުކަމްބާ އަކީ ތަރުކާރީއެއް ކަމަށް ގިނަބަޔަކަށް ހީވެފައި އޮތަސް، މިއީ ކަރާ އަދި ބަރަބޯ އާއިލާއަށް ނިސްބަތްވާ މޭވާ އެކެވެ. އާއްމުގޮތެއްގައި ކިއުކަމްބާ އެއްގެ ދިގުމިނަކީ 06 އިންޗިއާއި 09 އިންޗިއާއި ދެމެދުގެ ދިގުމިނެކެވެ.

ކޮންމެ ދުވަހަކު އާދަކޮށް ކިއުކަމްބާ ކެއުމުން ލިބޭ ފައިދާތަކަށް މި ލިޔުމުގައި ބަލައިލާނަމެވެ. މި ކިޔައިދޭ ފައިދާތަކާއިމެދު ވިސްނާށެވެ. ކިއުކަމްބާ ކެއުން ހުއްޓައިނުލާށެވެ.

ފެނުގެ މިންވަރު އިތުރުކޮށްދޭ

ދުވާލަކު މަދުވެގެން 08 ތަށި ފެންބުއިމުގެ އާދަ ގެންގުޅެން އުނދަގޫ ނަމަ، ހަށިގަނޑަށް ބޭނުންވާ ފެނުގެ މިންވަރު ހިފެހެއްޓުމަށްޓަކައި ކިއުކަމްބާ ބޭނުންކުރެވިދާނެ އެވެ. ކިއުކަމްބާ އަކީ އޭގައި 96 އިންސައްތައަށް ފެން އެކުލެވޭ މޭވާ އެކެވެ. އެހެންކަމުން، ކިއުކަމްބާ ބޭނުންކުރާނަމަ، ހަށިގަނޑު ތާޒާކޮށްދީ ހަށިގަނޑުގެ ހޫނުކަން ކުޑަކޮށްދެ އެވެ. ގައިގެ ހަންގަނޑުގައި ކިއުކަމްބާ ގެ ދިޔަ އުގުޅުމުން އިރުގެ އަވިން ހަންގަނޑު އެނދުމުން އެ ނަގާ ދިލަކަން ކުޑަކޮށްދެ އެވެ.

ވިހަ މާއްދާތައް ބޭރުކޮށްދޭ

ގިނައިން ފެންބުއިމަކީ ހަށިގަނޑުގައި އުފެދޭ ވިހަ މާއްދާތައް (ޓޮކްސިން ތައްް) ބޭރުކޮށްދޭ ކަމެކެވެ. ކިއުކަމްބާ އަކީ އޭގައި ގިނަ މިންވަރަކަށް ފެންއެކުލެވޭ މޭވާ އަކަށް ވީހިނދު، ކިއުކަމްބާ ބޭނުންކުރުމުން ހަށިގަނޑުން ވިހަ މާއްދާތައް ބޭރުކުރުމުގައި އެހީތެރިވެދެ އެވެ. އާދަވެ ކިއުކަމްބާ ބޭނުންކުރާނަމަ، މަސާނާ (ބްލެޑަރ) ގައި އުދެފޭ ހިލަތައް ނައްތައިލަ އެވެ.

ވިޓަމިންގެ މާއްދާތައް މުއްސަނދި މޭވާއެއް

ކިއުކަމްބާ އަކީ ވިޓަމިންގެ މާއްދާތައް ކަމަށްވާ ވިޓަމިން އޭ، ބީ އަދި ސީ މުއްސަނދި މޭވާއެކެވެ. މި ސަބަބަށްޓަކައި މިއީ ހަށިގަނޑުގެ ދިފާޢީ ނިޒާމުގެ ދަމަނަކުރުން އިތުރުކޮށްދޭ، ހަކަތަ ލިއްބައިދޭ އަދި އަހަރެމެން އުޖާލާކޮށްދޭ މޭވާއެކެވެ. މި ނަތީޖާ ހާޞިލްކުރުމަށްޓަކައި ކެރެޓާއި ސްޕިނޭޗް އެއްކޮށްގެން ކިއުކަމްބާ ޖޫސް ތައްޔާރުކޮށް ބޭނުންކުރެވިދާނެ އެވެ.

މިނަރަލް ގެ މާއްދާތައް މުއްސަނދި

މިއީ މެގްނީޒިއަމް، ޕޮޓޭސިއަމް އަދި ސިލިކަން ގެ ނިސްބަތް މުއްސަނދި މޭވާއެކެވެ. މި ސަބަބަށްޓަކައި ’ސްޕާ‘ ތަކުގައި ކިއުކަމްބާ ބޭނުންކޮށްގެން ދެވޭ ފަރުވާތައް ގިނަގުނަ އެވެ.

ބަރުދަން ލުއިކޮށްދިނުމުގައި އެހީތެރިވޭ

ގިނަމީހުން ކިއުކަމްބާ ބޭނުންކުރަނީ ސެލެޑް ނުވަތަ ސޫޕް ތައްޔާރުކޮށްގެންނެވެ. މިއީވެސް ނަސީބެކެވެ. މިގޮތަށް ކިއުކަމްބާ ބޭނުންކުރިޔަސް ބަރުދަން ލުއިކޮށްދިނުމުގައި އެހީތެރިވެދޭނެ އެވެ. މީގެ އިތުރަށް ޔޯގަޓް ކްރީމް އާއި އެކުގައި ކްރިސްޕީ ކިއުކަމްބާ ސްޓިކްސް ތައްޔާރުކޮށްގެން ބޭނުންކުރެވިދާނެ އެވެ.

ލޮލުގެ ފެނުން ރަނގަޅުކޮށްދޭ

ލޯމަތީގައި ކިއުކަމްބާ ފޮއްޗެއް ބާއްވައިގެން އުޅޭތަން މިއީ އާއްމުކޮށް ފެންނަ މަންޒަރެކެވެ. މިކަމުގެ ސަބަބުން ލޮލުގެ ފެނުން ރަނގަޅުކޮށްދެ އެވެ. ލޮލުގެ ބޮނޑީގެ ދުޅަ ލުއިކޮށްދިނުމާއި ލޯ ކައިރީގައި އުފެދިފައި ހުންނަ ކަޅުކަން ފިލުވައިދެއެވެ.

ކެންސަރާއި ހަނގުރާމަކޮށްދޭ

މިއީ ކެންސަރުގެ އެތަކެއް ބާވަތްތަކެއް ޖެހުމުން ދުރުކޮށްދޭ މޭވާއެކެވެ. މި ސަބަބަށްޓަކައި ގިނަބަޔަކު އަންނަނީ އެމީހުންގެ ކެއުމުގައި ކިއުކަމްބާ ބޭނުންކުރަމުންނެވެ. އާއިލާގައި ކެންސަރު ބަލީގެ ތާރީޚެއް އޮންނަމަ، ގިނަގިނައިން ކިއުކަމްބާ ބޭނުންކުރުން އާދަޔަކަށް ހެދުން ބުއްދިވެރި އެވެ.

އެއްވަރެއްގައިި ޕްރެޝަރު ހިފަހައްޓައިދޭ

މިކަމަކީ ސައިންސްގެ ޢިލްމުގައި އެއްކޮށް ޔަޤީން ކުރެވިފައިނެތް ކަމެއް ނަމަވެސް، ކިއުކަމްބާ ކެއުމުން އެއްވަރެއްގައި ޕްރެޝަރު ހިފަހައްޓައިދޭކަމަށް ގިނަބަޔަކު އަންނަނީ ބުނަމުންނެވެ. ލޭގެ ޕްރެޝަރު މައްސަލަ ހުންނަ އެތައް ބައެއް ބުނާގޮތުން ކިއުކަމްބާ ކެއުމަށްފަހު ލޭގެ ޕްރެޝަރު ހަމަޔަކަށް އެޅޭކަން ފާހަގަކުރެވިފައި ވެއެވެ.

އަނގައިން ނުބައިވަސް ދުވުން ކަނޑުވައިދީ އަނގައިގެ އެތެރެ ތާޒާކޮށްދޭ

ކިއުކަމްބާ އަކީ ގިނަ އަދަދަކަށް ފެން އެކުލެވޭ މޭވާއެއްކަމުން، އަނގައާއި ހިރުގަނޑު ތާޒާކޮށްދިނުމަށް މިއީ ރަނގަޅު އެއްޗެކެވެ. މީގެ އިތުރުން އަނގައިގެ ތެރެއިން ނުބައިވަސް ދުވުން ކަނޑުވައިދެއެވެ.

ހަޖަމުކުރުން ރަނގަޅުކޮށްދޭ

މި މޭވާ ހެފުމަކީ އަނގައިން ކާތަކެތި ހެފުމުގެ މަސައްކަތަށް ރަނގަޅު ތަމްރީނެއް ލިއްބައިދޭ ކަމެކެވެ. މީގެ އިތުރުން، ކިއުކަމްބާގައި ހުންނަ ފައިބަރުގެ މިންވަރު ގިނަކަމުން، ކާތަކެތި ހަޖަމުކުރުމަށް ފަސޭހަތަކެއް ލިއްބައިދެއެވެ.

އިސްތަށްޓާއި ނިޔަފަތި މަޑުކޮށްދޭ

ކިއުކަމްބާގައި ހިމެނޭ މިނަރަލްގެ އެއް މާއްދާއަކީ ސިލިކާ އެވެ. އެއީ އިސްތަށްޓާއި ނިޔަފަތިތައް ވަރުގަދަކޮށްދީ އޮފުކަން ގެނެސްދިނުމަށް މުހިންމު މާއްދާއެކެވެ. ކިއުކަމްބާގައި އެކުލެވޭ ތަފާތު މައުދަން ތަކުގެ ސަބަބުން ނިޔަފަތި ފަޅައިގެން ދިއުމާއި ބިދުން ފަދަ ކަންތަކުން ހިމާޔަތްކުރެއެވެ.

ހުޅުހުޅުގެ ރިހުން ކުޑަކޮށްދޭ

މި މޭވާއަކީ ވިޓަމިންގެ މާއްދާތަކާއި ފައިބަރުގެ މާއްދާތަކުގެ މިންވަރު މަތިކޮށް ހުންނަ އެއްޗަކަށްވުމުގެ ސަބަބުން މަސްގަނޑާއި ހުޅުހުޅުގައި ރިހޭ ރިހުން ކުޑަކޮށްދިނުމުގައި އެހީތެރިވެދެ އެވެ.

ގުރުދާ (ކިޑްނީ) ގެ ސިއްޙަތު ރަނގަޅުކޮށްދޭ

ހަށިގަނޑުގައި އުފެދޭ ޔޫރިކް އެސިޑްގެ މިންވަރު ކިއުކަމްބާ ކެއުމުން ދުރުކޮށްދެއެވެ. ނަތީޖާއެއްގެ ގޮތުން ކިޑްނީ ރަނގަޅަށް މަސައްކަތް ކުރުމަށް އެހީތެރިވެދީ ކިޑްނީ މަސައްކަތްކުރަން ޖެހޭ މިންވަރު ދަށްކޮށްދެއެވެ.

ހަކުރުބައްޔާއި ހަނގުރާމަކޮށްދޭ

މިއީ ހަކުރުބައްޔާއި ހަނގުރާމަ ކުރުމަށް މުހިންމު ބާވަތެއް އެކުލެވޭ މޭވާއެކެވެ. ކިއުކަމްބާ ކެއުމުން ޗިސްމޭ (ޕެންކްރިއަސް) އިން ’އިންސިއުލިން‘ (ޗިސްމޭ އިން އުފައްދާ ތާސީރު) އުފެއްދުމުގެ މަސައްކަތް ރަނގަޅުކޮށްދެއެވެ. ނަތީޖާއެއްގެ ގޮތުން، ޤުދުރަތީގޮތުން ހަކުރުބަލި ކޮންޓްރޯލް ކޮށްދިނުމަށް މަގުފަހިވެއެވެ.

ކޮލެސްޓްރޯލް ނުވަަތަ ސަރުބީގެ މިންވަރު ދަށްކޮށްދޭ

ކިއުކަމްބާއަކީ ’ސްޓެރޯލްސް‘ ނަމަކަށް ކިޔާ މާއްދާއެއް އެކުލެވޭ މޭވާ އެކެވެ. ސްޓެރޯލްސް އަކީ ހަށިގަނޑުގައި ހުންނަ ގޯސް ކޮލެސްޓްރޯލް ދަށްކޮށްދިނުމަށް އެހީތެރިވެދޭ ކެމިކަލް އެކެވެ.

ކިއުކަމްބާ އިން އަހަރެމެން ހީވެސް ނުކުރާހާ ގިނަގުނަ ފައިދާތައް ލިއްބައިދޭނޫންހެއްޔެވެ؟ އެހެންކަމުން، މިހާރު ކިއުކަމްބާ ނުކާ މީހުންވެސް ކިއުކަމްބާ ކެއުމަށް ވިސްނުން މުހިންމެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: