މިނިވަން މުއައްސަސާތަކުގައި ހިމެނޭ މެމްބަރުންނަށް މަގާމުގައި ހުރެގެން ވިޔަފާރި ނުކުރެވޭނެ ކަމަށް ބަޔާންކޮށްފައިވާ މާއްދާ އަށް ބަދަލު ގެނައުމަށްފަހު ކޮމިޝަންތަކުގެ މެންބަރުންނަށް މަގާމުގައި ތިއްބަވައިގެން ވެސް ވިޔަފާރި ކުރެވޭ ގޮތަށް ގާނޫނުތަކަށް ކޮމެޓީން އިސްލާހު ގެނެސްފިއެވެ.
ސަރުކާރުން ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ގާނޫނާއި ހިއުމަން ރައިޓްސް ކޮމިޝަންގެ ގާނޫނާއި، އޮޑިޓަ ޖެނެރަލްގެ ގާނޫނާއި، އިލެކްޝަންސް ކޮމިޝަންގެ ގާނޫނާއި، ސިވިލް ސާވިސް ކޮމިޝަންގެ ގާނޫނަށް އެ އިސްލާހު ހުށަހަޅާފައެވެ. އެހެންނަމަވެސް އިއްޔެ ކޮމެޓީން ފާސްކުރީ މީގެތެރެއިން ތިން ބިލެކެވެ. އެއީ އޭސީސީއާ ސީއެސްސީގެ އިތުރުން އިލެކްޝަންސް ކޮމިޝަނެވެ.
މި ބިލުތައް މަޖިލީހަށް ހުށަހެޅިއިރު މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ ސުލޫކީ ކަންކަން ބަޔާންކޮށްފައިވެއެވެ. އެގޮތުން އެއްވެސް މެންބަރެއްގެ މަސްލަހަތު އޮންނަ ކަންކަމުން ނުވަތަ މައްސަލަތަކުން އެ މެންބަރެއް ދުރުވާން ޖެހެއެވެ. އިތުރު އާމްދަނީއެއް ހޯދުމަށް މަސައްކަތް ކުރުމަކީ މަނާ ކަމެކެވެ. އެގޮތުން އަމިއްލަ ވިޔަފާރިއެއް ނުވަތަ ވިޔަފާރީގެ އުސޫލުން އެއްވެސް ކަމެއް މެމްބަރަކު ކުރައްވައިގެން ނުވާނެ ކަމަށް ވެސް އިސްލާހުގައިވެއެވެ.
ނަމަވެސް އިއްޔެ ކޮމެޓީން އެ ބިލުތަށް ފާސްކުރިއިރު ވަނީ މިނިވަން މުއައްސަސާތަކުގެ މެންބަރުންނަށް މަގާމުގައި ތިއްބަވައިގެން ވިޔަފާރު ކުރެވޭނެ ކަމަށް ބަޔާންކޮށް އެ މާއްދާ އިސްލާހު ކޮށްފައެވެ.