ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހެލްތްގެ ކޮވިޑް އޮޑިޓު: ނިޝާމާ ހާޒިރެއް ނުވޭ، ކޮމިޓީން ނިންމީ އަމުރެއް ނެރެ ހާޒިރު ކުރަން!

ނިޝާމާ އަކީ، ހެލްތް މިނިސްޓްރީގެ ބިޑު ކޮމިޓީގެ ޗެއާ/ ނިޝާނާއަށް މީގެ ކުރިން ވެސް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވުނު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑުގެ ތެރޭގައި ހެލްތް މިނިސްޓްރީން ކުރި ހަރަދުތަކުގެ މައްސަލައިގައި، އެކުލަވާލާފައިވާ އޮޑިޓުން ހާމަވީ ކޮރަޕްޝަންތަކުގެ މައްސަލައިގައި ކޮމިޓީއަށް ހާޒިރުވާން އެނގުމުން ވެސް ހާޒިރުވެފައި ނުވާތީ ބިޑު ކޮމިޓިގެ ޗެއާ، އަދި ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދާއި، ފައިނޭންޝިއަލް އެގްޒެކެޓިވް އަހުމަދު އަސްލަމްގެ މައްޗަށް ގާނޫނީ އަމުރެއް ނެރެ ކޮމިޓީއަށް ހާޒިރު ކުރުމަށް މާލިއްޔަތު ކޮމިޓީން ނިންމައިފިއެވެ.

ކޮވިޑުގެ ތެރޭގައި ހެލްތް މިނިސްޓްރީގެ މަސައްކަތްތަކުގެ ތަފްސީލު ހިމެނޭހެން އޮޑިޓު ރިޕޯޓެއް ވަނީ އެކުލަވާލާފައެވެ. އެ ރިޕޯޓުން ދައްކާގޮތުން ފާއިތުވީ ހަ މަހެއް ހާ ދުވަހުގެ ތެރޭގައި ހެލްތް މިނިސްޓްރީއިން ކޮވިޑާއި ގުޅިގެން ކުރި މަސައްކަތްތަކުގައި ބޮޑެތި އޮޅުވާލުންތަކާއި، ނާޖާއިޒް ފައިދާ ހޯދައިދިނުން އަދި މަގާމުގެ ނުފޫޒު ބޭނުން ކުރުމުގެ އިތުރުން ކޮރަޕްޝަނަށް މަގުފައިވާ އަމަލުތަކެއް ހިންގާފައިވާކަން ވަނީ ހާމަވެފައެވެ.

ބޮޑެތި ހަރަދުތަކެއް ކުރި، މެޑިކަލް އެތައް ސާމާނެއް ރާއްޖެއާއި ހަމައަށް އައިސްފައި ނުވާއިރު، އެ ތަކެއްޗަށް ވީނުވީއެއް ނޭނގެއެވެ. އޭގެ ތެރޭގައި ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓު (ޕީޕީއީ) އާއި، ވެންޓިލޭޓަރުތައް އަދި އެ ނޫން ވެސް މެޑިކަލް ސާމާނުތަކެއް ހިމެނެއެވެ.

މި މައްސަލައިގައި އެންމެ ބޮޑެތި ތުހުމަތުތަކެއް ކުރެވުނު، ހެލްތް މިނިސްޓަރު އަމީން ވަނީ އަމިއްލަފުޅަށް މަގާމުގެ މަސައްކަތްތަކުން އެކަހެރިވެފައެވެ. އަދި ދެވަނައަށް އޮޑިޓް ރިޕޯޓުން ބޮޑެތި ތުހުމަތުތަކެއް ކުރެވުނު މިނިސްޓްރީގެ ބިޑު ކޮމިޓީގެ މެމްބަރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސަސްޕެންޑް ކުރައްވައި، ގޭގައި މަޑު ކުރުމަށް އަންގަވާފައެވެ.

އޮޑިޓާރ ޖެނެރަލް ހަސަން ޒިޔަތު އެކުލަވާލާފައިވާ އޮޑިޓު ރިޕޯޓާއި ގުޅިގެން އިތުރު މައުލޫމާތުތައް ސާފު ކުުރުމަށް ޒިޔަތު ވެސް ވަނީ މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކޮށްފައެވެ. އަދި ކޮމިޓީގައި ޒިޔަތު ދެއްކެވި ވާހަކަތަކުން އެނގޭ ގޮތުން ވެންޓިލޭޓަރުތައް ގަތުމަށް ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏާއި ހަވާލު ކުރުމުގައި މަކަރާއި ބޮޑެތި އޮޅުވާލުންތަކެއް ހިމެނެއެވެ. އަދި ވެންޓިލޭޓަރުތައް ގެންނަން ހަވާލު ކުރި ދުބާއީ ކުންފުނީގެ ސައްހަ ކަމާއި މެދު ސުވާލު ވެސް އުފެދޭއިރު، މިނިސްޓްރީއިން ކުންފުނީގެ މާލީ ހާލަތާއި، މާލީ ގާބިލުކަން ބަލާފައި ނުވެއެވެ. އަދި އެއްބަސްވުން ގާއުމްކޮށް އިންޑިވިޖުއަލްއެއްގެ އެކައުންޓަށް ފައިސާ ޖަމާ ކުރަން މަސައްކަތް ކުރިކަން ވަނީ ހާމަވެފައެވެ. އަދި އެ ޓްރާންސެކްޝަން ޕްރޮސެސްވުން ހުއްޓުވީ ފިނޭންސް މިނިސްޓްރީއިންނެވެ.

މި މައްސަލައިގައި، އެތައް ބައެއްގެ ބައިވެރިވުން ހިމެނޭނެ ކަމަށް ބެލެވޭތީ، މާލިއްޔަތު ކޮމިޓިން ނިންމީ ހެލްތް މިނިސްޓްރީގެ އިސް ބޭފުޅުން ވެސް ކޮމިޓީއަށް ހާޒިރު ކުރުމަށެވެ. މިއަދުގެ ކޮމިޓީގެ ބައްދަލުވުން ފައްޓަވައި ދެއްވަމުން ކޮމިޓީގެ މުގައްރިރު އަދި މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒު ވިދާޅުވީ ލިބިފައިވާ ސިޓީގައި ކޮމިޓީގައި 11 ބޭފުޅަކު ބައިވެރިވާނެކަމުގެ މައުލޫމާތު ހިމަނާފައިވާ ކަމަށެވެ. އެހެން ނަމަވެސް ބިޑު ކޮމިޓިގެ ޗެއާ، އަދި ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދު ކޮމިޓީގައި ބައިވެރިވެވެން ނެތްކަމަށް އަންގާފައިވާ ކަމަށެވެ. އޭގެ އިތުރުން ޑައިރެކްޓަރ، ފައިނޭންޝިއަލް އެގްޒެކެޓިވް އަހުމަދު އަސްލަމް ވެސް ބައިވެރިވުމަށް އުޒުރުވެރިވެފައިވާ ކަމަށެވެ.

ކޮމިޓީ ކުރިޔަށް ގެންދިއުމާއި ގުޅޭގޮތުން ފުރުސަތަކަށް އެދިވަޑައިގެން އައްޑޫ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވަނީީ ކޮމިޓީއަށް ހާޒިރުވާނެ ކަމަށް ސިޓީ ފޮނުވާ، އޭގެ ފަހުން ހާޒިރު ވެވެން ނެތީ ކޮން ސަބަބަކާއި ހެދިތޯ ސުވާލު އުފައްދާފައެވެ. އަދި ރިޕޯޓުން ވެސް އެ ދެ ފަރާތަކީ ވެސް ތުހުމަތު ކުރެވޭ މީހުންކަމަށް އިލްޔާސް ވިދާޅުވިއެވެ.

“އެ ދެ ބޭފުޅުން ވަޑައި ނުގެން ސައްހަ މައުލޫމާތު ލިބޭނެ ކަމާއި މެދު ވެސް އަޅުގަނޑަށް ޝައްކު.” އިލްޔާސް

މީގެ އިތުރުން ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޤަފޫރު މޫސާ ވެސް ވިދާޅުވީ ބިޑު ކޮމިޓީގެ ޗެއާ އާއި، ފައިނޭންޝިއަލް ކޮންޓްރޯލާގެ ފަރާތުން މައުލޫމާތުތަކެއް ބޭނުންވާ ކަމަށެވެ. އަދި އެންމެ މުހިންމު ދެ މީހުންނަކީ ވެސް އެއީ ކަމަށެވެ. އެގޮތުން ޤަފޫރު ހުށަހެޅުއްވީ ގާނޫނީ ގޮތުން، އަމުރެއް ނެރެގެން އެ ދެ ބޭފުޅުން ވެސް މާދަމާގެ މެންދުރު 2:00 އަށް ކޮމިޓީއަށް ހާޒިރު ކުރުމަށެވެ.

“ސަބަބަކީ އެއްބަޔަކު ހާޒިރު ނުވެ، ދެން ތިބި ބައެއްގެ ހާޒިރުގައި މިކަން ކުރީމާ ލިބޭނެ މައުލޫމާތުތަކެއް ވެސް ހުންނާނެ. އެހެންވީމަ އަޅުގަނޑު ހުށަހަޅަން އެގޮތަށް ކުރިޔަށް ގެންދަން” ޤަފޫރު

ގަފޫރުގެ މި ހުށަހެޅުމަށް ތާއީދު ކުރެއްވީ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުއެވެ. ޔައުގޫބް ވިދަޅުވީ އިސްވެރިން ހާޒިރު ކުރަން ޖެހޭނީ އެކު އެކީގައި ކަމަށާއި، ވަކި ވަކިން ގެންނަން ތާއީދެއް ނުކުރާ ކަމަށެވެ. އަދި އޭގެ ސަބަބަކަށް ޔައުގޫބް ވިދާޅުވީ އެއް ބޭފުޅެއްގެ ވާހަކައިން އަނެއް ބޭފުޅަކު މަންފާއެއް ހޯދަން މަސައްކަތް ކުރުމެވެ. ނަމަވެސް ކޮމިޓީގައި ބައެއް މެމްބަރުން ވަނީ ސްޕެސިފިކް ބޭފުޅުންތަކެއް ވަކިން ހާޒިރު ކުރަން ވެސް ހުށަހަޅާފައެވެ.

ކޮމިޓީގައި، ނާޝިޒް ފަހުން ވިދަޅުވީ، މިއީ ތަހުގީގު ކުރިޔަށް ދާ މައްސަލައެއް ކަމުން ދެ ބޭފުޅުންގެ ވަކީލުން ވެސް ލަފާ ދެއްވީ ކޮމިޓީއަށް ހާޒިރު ނުވުމަށް ކަމަށެވެ.

އެކަމާއި ގުޅިގެން އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު ނާޝިޒް ވިދާޅުވީ މަސްއޫލިއްޔަތެއްގެ މައުލޫމާތެއް ކޮމިޓީއަށް ސާފު ކުރެވެން ވާނެ ކަމަށެވެ. އަދި އިލްޔާސް ވެސް ވަނީ މިއީ، އަދި ކޯޓަށް ވެސް ފޮނުވި މައްސަލައެއް ނޫންކަން ފާހަގަކޮށް، އެ ބޭފުޅުން ހާޒިރު ވާން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ. ނިޝާމާ އާއި އަސްލަމް އަށް ވަކީޅުން އެފަދަ ލަފައެއް ދިން ނަމަވެސް ގާނޫނީ ގޮތުން އޮތް އެއްވެސް ހުރަހެށް ނެތް ކަމަށެވެ.

ކޮމިޓީގައި ވާހަކަ ދެއްކި ހުރިހާ މެމްބަރުން ވެސް މައިގަނޑު ގޮތެއްގައި ދެއްކެވީ އެއް ވާހަކައެކެވެ. އަދި މެމްބަރުން އިއްތިފާގު ވީ، މިނިސްޓަރާއި ބިޑު ކޮމިޓީގެ މެމްބަރުންނާއި އެކު ކޮމިޓީ ކުރިޔަށް ގެންދިއުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: