ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހިރާއްޖެ ބޮޑު ނުރައްކަލެއްގެ ތެރޭގައި!

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީޙުން ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު މުޅި ދުނިޔޭގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ރާއްޖޭގެ ވެރިރަށް މާލޭގައި ހަލުވި ކަމާއިއެކު ފެތުރެމުންދާއިރު މި ބަލި މުޅި ރާއްޖެއަށް ފެތުރިގެން ދިއުމުގެ ފުރުސަތު މިއަދު މިވަނީ ވަރަށް ބޮޑުވެފައެވެ. މިއާއިއެކު ކޮރޯނާ ވައިރަހުން ރައްކާތެރިވުމުގެ ގޮތުން ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅަމުންދާއިރު ފެންނަމުންދާ މަންޒަރަކީ ސިއްހީ މާހިރުންގެ ލަފަޔާއި އިރުޝާދުތަކަށް ބީރުކަންފަތެއްދީ ހިތުހުރިހާ ގޮތަކަށް އުޅެމުންދާ މަންޒަރެވެ. އޭގެ ހިތި ނަތީޖާ މިވަނީ ފެންނަން ފަށާފައެވެ.

އެގޮތުން މާލެ ތެރޭގައި ބަލި ފެތުރޭ ނިސްބަތަށް ބަލާއިރު، މިހާރު މުޖްތަމައުގެ ތެރޭގައި ވަރަށް ބޮޑަށް ކޮމިއުނިޓީ ސްޕްރެޑް އެބައޮތްކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ވަނީ ބުނެފައެވެ. ސެންޓަރުގެ ފަރާތުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ރާއްޖޭގައި ދުވާލެއްގެ މައްޗަށް ފެންނަ ކޭސްތަކުގެ އަދަދުތައް ވަރަށް ބޮޑުތަނުން އިތުރުވެފައިވާ ކަމަށެވެ. އަދި ކޮންމެ ހަފްތާއެއްގެ ކޭސްތަކަށް ވަކި ވަކިން ބަލާއިރު މިހާރު ފެންނަމުން ދާ ކޭސްތަކުގެ ތެރޭގައި ގިނައީ ދިވެހީންކަމަށް ޑރ. އަފްޒަލް ވަނީ ވިދާޅުވެފައެވެ.

ބައްޔަށް ޕޮޒިޓިވް ވެގެން ރިޕޯޓު ކުރާ ކޭސްތަކުގެ ތެރޭގައި ހިމެނޭ އުމުރުފުރާގައި ގިނައީ ޒުވާނުންނެވެ. ހާއްސަކޮށް މީގެ ތެރޭގައި ކުޑަ ކްލަސްޓާތައް ގިނަކަން އެޗްއޯސީން ހިއްސާ ކުރި ސްލައިޑުތަކުން ދައްކައެވެ. ނޫސްވެރިންނާއި މައުލޫމާތުތައް ހިއްސާ ކުރައްވަމުން ޑރ. އަފްޒަލް ވިދާޅުވީ އެންމެ މީހެއްގެ ފަރާތުން ވެސް މަދު މީހަކަށް ބަލި ޖެހުނަސް، އުފެދިގެން އެ ސައިކަލް ރިޕީޓުވަމުން ދާ ނަމަ އެއީ އިތުރުވާ ކުދި ކްލަސްޓާތަކެއް ކަމަށެވެ.

މީގެ އިތުރުން ފަހުން އައިސް ފެންނަ ކޭސްތަކުގެ ތެރޭގައި، އެއްވެސް އަލާމާތެއް ނެތި ބައްޔަށް ޕޮޒިޓިވްވާ މީހުން އިތުރުވަމުން އަންނައިރު ޑރ. އަފްޒަލް ވިދާޅުވީ މުޖްތަމައުގެ ތެރޭގައި ވަރަށް ބޮޑަށް ކޮމިއުނިޓީ ސްޕްރެޑް އެބައޮތް ކަމަށެވެ. އަދި އެކަން އެންމެ ބޮޑަށް ފާހަަގަ ވަނީ ނޮން ލިންކްޑް ކޭސްތައް އިތުރުވަމުން ދިއުންކަމަށް ޑރ. އަފްޒަލް ފާހަގަ ކުރެއްވިއެވެ. ބަލި ޖެހުނު ގޮތެއް ނޭނގި، ބައްޔަށް ޕޮޒިޓިވް ވާ މީހުން އިތުރުވަމުން ދިއުމަކީ ނުރައްކާތެރިކަމެއްގެ ގޮތުގައި ޑރ. އަފްޒަލް ވިދާޅުވިއެވެ.

ރާއްޖޭގައި ފެންނަ ކޭސްތަކުގެ ތެރޭގައި، ގިނައީ އޭ ސިމްޓަމެޓިކް މީހުންކަން މީގެ ކުރިން ވެސް އެޗްއީއޯސީން ވަނީ ފާހަގަކޮށްފައެވެ. މިހެން ދިމާވާ މައިގަނޑު ސަބަބަކީ އެއްވެސް އަލާމާތެއް ނެތް މީހުންގެ އިމުނިޓީ ނުވަތަ ދިފާއީ ނިޒާމް ވަރުގަދަ ވުމެވެ.

މީގެ ކުރިން ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ ތެރޭގައި ގިނައީ ބިދޭސީން ނަމަވެސް އެ އަދަދުތައް ދަށްވެ، ދިވެހިންނަށް ބަލި ޖެހޭ ނިސްބަތް ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައެވެ. ޑރ. އަފްޒަލް ވިދާޅުވީ، ކޭސްތައް އިތުރު ވަމުންދާ ގޮތަށް ބަލާއިރު ދިވެހިން ވިސްނަން ޖެހޭ ކަމަށެވެ. އަދި މިހާރަށް ވުރެ ބޮޑަށް ސަމާލުވެ، ސިއްހީ އިދާރާތަކުން ދޭ އިރުޝާދުތަކަށް އަމަލު ކުރަންޖެހޭ ކަމަށެވެ. ބައްޔަށް ޕޮޒިޓިވް ވާ މީހުންގެ ތެރޭގައި މިހާރު ގިނައީ ޒުވާން އުމުރުގެ މީހުން ކަމަށާއި، އެއްވެސް ކްލަސްޓާއަކާއި ގުޅުމެއް ނެތް، އިންޑިޕެންޑެންޓް ކޭސްތަކުގެ އަދަދު ވެސް އިތުރުވާން ފަށާފައިވާކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. ކުދި ކްލަސްޓާތަކުގެ ވާހަކަތައް ދައްކާއިރު، އެއީ ވަރަށް ގިނަ އަދަދެއްކަން ވެސް ޑރ. އަފްޒަލް ފާހަގަ ކުރެއްވިއެވެ. އަދި ވިދާޅުވީ އެކެއްގެ ފަރާތުން، ބަލި ޖެހި އަދި އެ މީހެއްގެ ފަރާތުން ވެސް އިތުރު މީހުންނަށް ބަލި ޖެހެމުން ދާކަމަށެވެ. ބަލި ކޮންޓްރޯލް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭއިރު، ޑރ، އަފްޒަލް ވިދާޅުވީ އެންމެ މުހިންމީ މިހާރު ކޮމިއުނިޓީ ސްޕްރެޑް ލެވެލް އޮތްވަރު ދަށް ކުރުން ކަމަށެވެ.

ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވާ މީހުން އެއްދުވަހުން އަނެއް ދުވަހަށް ރާްއްޖޭގައި އިތުރވަމުންދާއިރު މިހާރު އޮތް އެންމެ ބޮޑު ބިރަކީ ބަޔަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާ ނުދެވިދާނެ ކަމުގެ ބިރެވެ. އަދި ފަރުވާ ދޭން ސިއްހީ މާހިރުން ނެތުމަކީ ވެސް މިއަދު ރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެކެވެ.

ރާއްޖޭއަށް އެހެން ގައުމުތަކާއި ހިލާފަށް ކޮވިޑު ބައްޔަށް ފަރުވާ ކުރުމުގެ ވަސީލަތްތައް ހޯދުމާއި، އަދި މެޑިކަލް ފެސިލިޓީތައް ގާއިމްކޮށް ބައްޔާއި ދެކޮޅަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ގިނަ ވަގުތުތަކެއް ލިބުނު ކަމަށް ބައެއް ފަރާތްތަކުން ގަބޫލު ކުރެއެވެ. އެހެން ކޮންމެއަކަސް ރަނގަަޅަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވި ވަނިކޮށް މާލެއިން ކޮވިޑުގެ ކޭސްތައް އިތުރުވާން ފެށިއެވެ. އަދި މިއަދު މާލޭގައި ދެވަނަ ފަހަރަށް ކޮވިޑުގެ ކޭސްތައް އިތުރުވެ، ވަރަށް ބޮޑު ކޮމިއުނިޓީ ސްޕްރެޑެއް އެބައޮތެވެ. އެއާއި އެކު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ މީހުންގެ އަދަދުތައް ވެސް ވަނީ އިތުރުވެފައެވެ. ކޮވިޑަށް ފަރުވާ ދޭ މީހުންގެ ތެރެއިން ބޮޑު އިންސައްތައަކަށް މިހާރު ފަރުވާ ދެމުން އަންނަނީ މާލެ ސަރަހައްދުގައި ގާއިމްކޮށްފައިވާ ކޮވިޑު ހޮސްޕިޓަލް ނުވަަތަ މެޑިކަލް ފެސިލިޓީތަކުގައެވެ.

ނަމަވެސް މިއަދު ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ވިދާޅުވާ ގޮތުގައި މާލެ ސަރަހައްދުގެ ހޮސްޕިޓަލް އެނދުތަކުގެ 62 އިންސައްތަ ވަނީ ފުރިފައެވެ. އަދި އާއިލާއާއި، ރައްޓެހިން އަދި ތިމާ ލޯބިވާ މީހުންގެ ރައްކަލަކަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ޑރ ނަޒްލާ މިވަނީ ވިދާޅުވެފައެވެ.

ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ސަބަބުން މިއަދު ރާއްޖެ އޮތް ހާލަތަކީ ބައްޔަށް ޕްޒިޓިވްވާ މީޙުންގެ ތެރެއިން ގިނަ މީޙުންނަކީ އެޑެމިޓް ކުރަން ޖެހޭ މޫޙުންނަށް ވެއްޖެނަމަ އެޑެމިޓް ކުރާނެ ތަނެއް އެނދެއް ޖާގައެއް ނެތެވެ. ގޭގެ ކޮޓަރީގައި ހުންނަ އެނދު ފިޔަވައި އެހެން އެނދެއް ނުލިބޭނެއެވެ. ގިނަ ބަޔަކު ބައްޔަށް ޕޮޒިޓިވްވާއިރު ފަރުވާދޭނެ ސިއްހީ މާހިރުންނެއް ނެތެވެ. މާނައަކީ ރާއްޖޭގައި މިހާރު ބަލި ފެތުރެމުންދާ ނިސްބަތަށް ބަލާއިރު ކޮވިޑަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާދޭނެ ޑޮކްޓަރުން ނުވަތަ ނަރުހުން ނެތެވެ. ގެނެވެން ވެސް ނެތެވެ.

ދެން އޮތީ ކޮވިޑުގެ ސަބަބުން އެކިއެކި ގޮތް ގޮތުން ލިބުނު އަދި ލިބެމުންދާ ގެއްލުންތަކުގެ ވާހަކައެވެ. އެގޮތުން  ކޮވިޑް-19 ގެ ސަބަބުން ދިރިއުޅުމަށް ކުރާ މަސައްކަތްތަށް ކުރި އަސަރު ދެނެގަތުމަށް ކުރި ފަހުގެ ރެޕިޑް އެސެސްމަންޓުން ދިރާސާއިން  ފާޅުވީ، ރާއްޖޭގައި ހުރިހާ ދާއިރާއަކަށްވެސް ފުންކޮށް، ފުޅާދާއިރާއެއްގައި ­­­އަސަރުކޮށްފައިވާ ކަމެވެ.

ދިރާސާއިން ދައްކާ ގޮތުގައި  ކޮވިޑް-19 ގެ ސަބަބުން ދިރިއުޅުމަށް ކުރާ މަސައްކަތަށް ކުރި އަސަރު ދެނެގަތުމަށް ކުރިއަށްގެންދިޔަ ރެޕިޑް އެސެސްމަންޓުގެ ފައިނަލް ރިޕޯޓުން ފާޅުވީ، ދިވެހިރާއްޖޭގައި ދިރިއުޅުމަށް ކުރާ މަސައްކަތަށާއި، ވަޒީފާތަކަށް ވަގުތުން ވަގުތަށް، އަދި ވަރަށް ފުޅާ ދާއިރާއެއްގައި އަސަރުކުރިކަމެވެ. އެކަމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ނާޒުކު ހާލަތުގައި ތިބި ފަރާތްތަކަށެވެ. ވަކިން ޚާއްސަކޮށް އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށެވެ.

ކޮވިޑް-19 ގެ ޕެންޑެމިކާއި ގުޅިގެން އައި އިޤްތިޞާދީ ހީނަރުކަމަކީ ގިނަ ގޮތްގޮތުން ބަލާއިރު މީގެ ކުރިން ދުވަހަކުވެސް ކުރިމަތިވެފައިވާ ކަމެއްނޫނެވެ. ފަތުރުވެރިކަމުން ފެށިގެން ޓްރޭޑުގެ އެކި ދާއިރާތަކަށް އެކަމުގެ ނޭދެވޭ އަސަރު ވަގުތުން ވަގުތަށް ކުރިއެވެ. އޭގެ ރައްދުގައި، މިކާރިސާގެ ސަބަބުން ދިރިއުޅުމަށް ކުރާ މަސައްކަތަކަށާއި، ވިޔަފާރިތަކަށް ކުރި އަސަރު ދެނެގަނެ، ވަގުތުން ވަގުތަށް ދޭނެ އިޤްތިޞާދީ ރައްދެއް ރޭވުމުގެ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ޖޫންމަހުގެ ކުރީކޮޅު ދިވެހި ސަރުކާރުން ޕްރިލިމިނަރީ އެސެސްމަންޓެއް ކުރިއަށްގެންދިޔައެވެ.

ފަތުރުވެރިކަމާއި، ތެލާއި، ކާބޯތަކެއްޗަށް ބަރޯސާވާންޖެހޭލެއް ބޮޑުކަމުން، ދިވެހިރާއްޖެ ފަދަ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ކޮވިޑް-19 ގެ ސަބަބުން ކުރާ އަސަރު މާބޮޑުވެފައި އަވަސްވާނެކަން އެއީ ގަބޫ ކުރަން ޖެހޭނެ ކަމެކެވެ.. އެހެންކަމުން، ތަރައްޤީއަށްޓަކައި އަހަރެމެން ޚިޔާރުކުރާ މަގުތަކާމެދު އައު ވިސްނުމަށް ދިޔުމަށް ކޮވިޑް-19 މިވަނީ މަޖުބޫރުކޮށްފައެވެ..

ކޮވިޑް-19 ގެ އަސަރުތަކުގެ ސަބަބުން، ވިޔަފާރިތަކާއި މުސްތަގުބަލުގެ ވަޒީފާގެ ފުރުސަތުތަކުން ޒުވާނުންނާއި އަންހެނުން މަހުރޫމު ނުވުމަކީ ކޮންމެހެން މުހިންމުކަމެކެވެ. ނެތް ހުނަރުތައް ހޯދައިދިނުމަށާއި، ނޫ އަދި ފުޅާ އިގްތިސާދީ ތަރައްޤީއަކާ ދިމާއަށް ދަތުރުކުރުމަށް އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލިބިގެންވާ ޤާބިލުކަމަށް ސަމާލުކަން ދިނުމަށް އިންވެސްޓުކުރާންވީ ވަގުތަކީ މިއީއެވެ. ދިވެހިރާއްޖެ އޮތީ ބޮޑު ނުރައްކަލެއްގެ ތެރެއަށް ވެއްޓިފައެވެ. މި އަނދަވަޅުން އެންމެން އެކުގައި މަސައްކަތް ކޮށްގެން ނޫން ގޮތަކަށް އަރައިނުގަނެވޭނެކަން އެއީ މިއަދު ގަބޫލުކުރަން ޖެހޭނެ ހަގީގަތެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: