ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ނޭވާ ހޮޅިން ވައްކަންކޮށްފައޭ ތިހުރީ ބުނީމާ، ރައީސް ސޯލިހު ވިދާޅުވީ.. މަށެއް ނޫން”

ޕީޕީއެމް އިން ބޭއްވި މުޒާހަރާގެ ތެރެއިން: ފޮޓޯ ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމުގައި ވައްކަންތައް އިތުރުވަމުންދާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މަސައްކަތްޕުޅަކީ އެ ތުހުމަތުތަކުން ސަލާމަތްވުމަށް، އިތުރު އެހެން ކަންކަން ފެންމަތި ކުރުންކަމަށް އިދިކޮޅު ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

“ގައުމު ވިއްކާލުމާ ދެކޮޅަށް” ކަމަށް ބުނެ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވަނީ މިއަދު މުޒާހަރާކޮށްފައެވެ. ޒުވާނުންނަށް ކުރާ އަނިޔާތައް ހުއްޓާލުމަށް ގޮވާލައި މާލޭގައި ވެސް ސައިކަލު ބުރެއް ބާއްވާފައިވާއިރު އެ އިހުތިޖާގުގައި ގޮވާލާފައިވަނީ ސަރުކާރުން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަކީ ޒުވާނުންގެ ސައިކަލުތަކުގައި ސްޓިކާ ޖެހުން ކަމަށެވެ.

މިއަދުގެ ސައިކަލު ބުރު ނިންމާލުމަށްފަހު ޕީޕީއެމް، ޕީއެންސީގެ އޮފީސް ދޮރުމަތީގައި އޮތް އެއްވުމުގައި ޝުޖާއު ވިދާޅުވެފައިވަނީ ސަރުކާރު އޮތީ ފެއިލްވެފައި ކަމަށެވެ. އިދިކޮޅުން މަސައްކަތް ކުރަނީ މި ވެރިކަން ބަދަލުކޮށް ސަރުކާރު ވައްޓާލުމަށްކަމަށް ބުނެ ވާހަކަދައްކާއިރު އެ މަސައްކަތް ބަޔަކު ކުރަނީ ސީދާ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ތެރެެއިން ކަމަށް ޝުޖާއު ވަނީ ވިދާޅުވެފައެވެ.

ވެރިކަމަށް ދޮޅު އަހަރު ދުވަސް ވެގެންދިޔައިރު، ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކާއި ވައްކަމުގެ ތުހުމަތު މި ސަރުކާރުގެ ބޮލުގައި އެޅުވޭއިރު ގައުމުގެ ރައީސުލްޖުމްހޫރިއްޔާ އެއާއި ދެކޮޅަށް އަޅުއްވާ ފިޔަވަޅެއް ވެސް ނެތްކަމަށް ޝުޖާއު ވިދާޅުވިއެވެ. ޝުޖާއު ވިދާޅުވީ ވައްކަމުގެ ވާހަކަތައް ދެކެވެމުން ސަރުކާރުން ބަލަނީ އަވަހަށް އެކަމުން ސަލާމަތް ވެވޭނެ ގޮތެއް ހޯދާ، ރައްޔިތުންގެ ސަމާލުކަން އެހެން ފަރާތަކަށް އަނބުރާލުމަށް ކަމަށެވެ.

“ނޭވާ ހޮޅިން ވައްކަންކޮށްފައޭ ތިހިރީ ބުނީމާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބުނީ… މަށެއް ނޫން… އަޅުގަނޑުމެންގެ ނޭވާ ހޮޅިއޭ ތިނެގީ ބުނީމާ ބުނީ…. މަށެއް ނޫން. ގައުމު ތި ވިއްކާލަނީ އޭ….. ބިރިޔާނީ ތައްޓަކަށް ބުނީމާ ބުނީ…. މަށެއް ނޫން. އަޅުގަނޑުމެން ބޭނުމެއް ނޫނޭ.. އަޅުގަނޑުމެންގެ ހަރުމުދާ ނަގައިގެން ލޯނު ނަގަން ބުނީމާ ބުނީ… މަށެއް ނޫނޭ. އަޅުގަނޑުމެން ރުފިޔާ ޗާޕު ކުރަން ބޭނުމެއް ނޫނޭ ބުނީމާ ބުނީ…. މަށެއް އެކަމެއް ނުކުރަމޭ. އަޅެ ވެރިއެއްތަ މިހިރީ” ޝުޖާއު

ޝުޖާއު ވިދާޅުވީ ދިވެހި ގައުމުގެ ޒުވާނުން މިއަދު ބޭނުންވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިސްތިއުފާ ދޭން ކަމަށެވެ. ޝުޖާއު ވިދާޅުވީ މާލޭގައި އެތައް ޒުވާނުނެއް ރެސްޓޯރަންޓް ކެފޭގެ ވިޔަފާރިތައް ހިންގާ ކަމަށެވެ. އެހެން ނަމަވެސް، މި ސަރުކާރުން ވެސް ބެލީ އެ ވިޔަފާރިތައް ހުއްޓުވާ ޒުވާނުންނަށް އުނދަގޫ ކުރެވޭނެ ގޮތެއް ހޯދުމަށް ކަމަށް ޝުޖާއު ވަނީ ވިދާޅުވެފައެވެ.

ޒުވާނުން ނިކުމެ މުޅި މާލެ ފުރާލުން އެއީ މި ސަރުކާރު ފެއިލްވެފައިވާ ކަމުގެ އެންމެ ބޮޑު އެއް ހެއްކެއްގެ ގޮތުގައި ޝުޖާއު ވިދާޅުވިއެވެ. އަދި އިދިކޮޅުން މަސައްކަތް ކުރަމުންދަނީ، ޒިންމާދާރު ޕާޓީއެއްގެ ގޮތުގައި ގައުމުގެ ރައްޔިތުންގެ ނިގުޅައިގެންފައިވާ ހައްގުތައް ހޯދައިދިނުމަށްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޝުޖާއު ވިދާޅުވީ ދިވެހިނެއް، ކޮޗިން ފެރީގެ ހިދުމަތެއް ބޭނުމެއް ނުވާ ކަމަށެވެ. އަދި މިހުރިޙާ ދުވަސް ވެސް ވޭތު ކުރަމުން އައީ އެއްވެސް ބައެއްގެ އަޅުވެތި ކަމެއްގެ ދަށުގައެއް ނޫން ކަމަށެވެ.

“އަޅުގަނޑުމެން ބޭނުމެއް ނޫނޭ، ކޮޗިން ފެރީއެއް… މި ހުރިހާ ދުވަހު ވެސް އުޅުނީ ތި ކޮޗިން ފެރީއަކާއި އެކު އެއް ނޫން…. އަޅުގަނޑުމެން ބޭނުމެއް ނޫނޭ ފުރައިގެން ގޮސް ބައެއްގެ އަޅުވެތިކަމަށް ދާން ރީޖަނަލް ޕޯޓަަކަށް ފައިބާކަށް” ޝުޖާއު

ޝުޖާއު ވިދާޅުވީ މިއަދު ޒުވާނުން ބޭނުންވަނީ ކޮން ކަމަކަށްކަން ސަރުކާރަށް އިނގެން ޖެހޭ ކަމަށެވެ. ގައުމު ލުނބޯ ކިލޯއަކަށް ވިއްކާލާ، ގައުމުގެ ދިއްދައަށް އެއްވެސް އުނި އިތުރެއް ގެންނާކަށް ވެސް ބޭނުމެއް ނުވާމަށް ޝުޖާއު ވަނީ ވިދާޅުވެފައެވެ.

އިދިކޮޅުން ވަނީ މިއަދު މާލޭގެ އިތުރުން ރާއްޖޭގެ އެކި ރަށްތަކުގައި ވެސް މުޒާހަރާތައް ކުރިޔަށް ގެންގޮސްފައެވެ.  ކޯލިޝަންގެ ލީޑާޝިޕްގެ ބައިވެރިވުމާއެކު މާލޭގައި ކުރިއަށް ގެންދިޔައީ ސައިކަލު ބުރެކެވެ.

ބައިވެރިން މުޒާހަރާތަކުގައި ގޮވާލާފައިވަނީ، ރައީސް ސޯލިހް އިސްތިއުފާ ދިނުމަށެވެ. އަދި ގައުމުގައި ކޮރަޕްޝަންގެ އަމަލުތައް ގިނަވެފައިވާއިރު ކޮވިޑުގެ ނަމުގައި ކުރާ ވައްކަންތައް ހުއްޓަން ޖެހޭކަމަށް ވެސް ވަނީ ބުނެފައެވެ.

ވަރަށް ގަދަ
83%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 17%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: