ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޚިތާބު ލިޔެދޭނެ މީހަކު އަބަދު ކައިރީގައި ނުހުރެދާނެއެވެ.

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ރައީސް ސާލިހު މީޑިއާތަކަށް މައުލޫމާތު ދެއްވަނީ: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ހުކުރު ދުވަހުގެ ރެއަކީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ކެފޭ ޓިއޯލޯ އަދި ގަދަގޭ މުޙައްމަދުފުޅު ބިލްޑިންގ ހުންނަ ހިސާބުގައި ދިރިއުޅޭ އާންމުންނަށް ކުރިމަތިވި ބިރުވެރި ނާމާން ރެއެކެވެ. ސްޓޭޓް ބޭންކް އޮފް އިންޑިއާ ހުރި ބިލްޑިން އާއި އެ އިމާރާތް ޖެހިގެން ދެން ހުރި ބިލްޑިންގަ ހިނގި އަލިފާނުގެ ހާދިސާއަކީ އެކިގޮތްގޮތުން އެކަމުގެ އަސަރު ކުރިމަތިވި ފަރާތްތަކަށް ބިރުވެރިކަމާއި، ހިތްދަތިކަން އަދި މޮޅިވެރިކަން ގެނުވިކަމެކެވެ. ބައެއްގެ ވިޔަފާރިތައް އަދާ އަޅިއަށްވެގެންދިޔައެވެ. އުމުރު ދުވަހުން ބިނާކުރި ގޯތި ނުވަތަ އިމާރާތް ބޭނުން ނުކުރެވޭވަރުވަނީ ވެފައެވެ. އިރާދަކުރެއްވީތީ އެއްވެސް މީހެއްގެ ފުރާނައަށް ނުވަތަ ޖިސްމާނީ ގޮތުން ގެއްލުމެއް ނުލިބިއެވެ.

މި ބޮޑު ހުޅުގަނޑުގެ އަރިމަތިން ލޮލުގައި އަޅައިގަތް، އަދި ކަންފަތަށް އިވުނު ވާހަކަތަކަކުން ކަމެއް ފާހަގަކޮށްލެވޭތޯ ބަލާނަމެވެ. އޭގެ އަލިފާންގަނޑު ކޮންޓްރޯލް ކުރަން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމާއި އެއަރޕޯޓްސް ކޮމްޕެނީގެ ފަޔަރ ޓީމުގެ މަސައްކަތް ފާހަގަ ކުރަމެވެ. މި އަލިފާން ކޮންޓްރޯލްކުރުމަށް ފެނާއި ފޯމް ބޭނުންކޮށްފައިވެއެވެ. މިއަލިފާނުގެ ޙާދިސާގައި ލިބުނު ގެއްލުމުގެ ސީދާ ތަފްސީލެއް އަދި ނުލިބެއެވެ.

ދެން އަސްލު މައުލޫއަށް އެނބުރިލެވޭތޯ ބަލާލާނަމެވެ. ހުކުރު ދުވަހުގެ ރޭ އެ ނުރައްކާތެރި އަލިފާނުގެ ހާދިސާ ހިނގި ސަރައްދަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވަޑައިގެންނެވިއެވެ. އެމަނިކުފާނުގެ އަރިހުގައި ނައިބުރައީސާ އާއި ދާޚިލީ ވަޒީރާއި ޑިފެންސް މިނިސްޓަރުގެ އިތުރުން ސަރުކާރުގެ އިސްބޭފުޅުންވެސް ތިއްބެވިއެވެ. ރައީސް ގެންދެވީ އެ ހާދިސާގެ މައުލޫމާތުތައް އޮޅުންފިލުއްވަމުންނެވެ. ނަމަވެސް އާޚިރުގައި އެމަނިކުފާނު ދެއްކެވީ އެ ހާލަތާއި ގުޅުމެއް ނެތް ސިޔާސީ ވާހަކަތަކެވެ. އެމަނިކުފާނުގެ ފާޑުކިޔުން އަމާޒުވީ ހުކުރު ދުވަހުގެ ހަވީރު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި ސައިކަލު ބުރަށެވެ. ދިމާވެގެން އުޅޭ ބޮޑު ހާދިސާއާއި ގުޅިގެން ސަރުކާރުން އަޅާނެ ފިޔަޅެއް ޢަމަލު ކުރައްވާނެ ގޮތެއްގެ ވާހަކަ އެމަނިކުފާނު ވިދާޅެއް ނުވެއެވެ. ފަހަރުގައި އެވަގުތު ދައްކަވަންވީ ވާހަކަތައް ހަނދުމަކޮށްދެއްވާނެ ބޭފުޅަކު ގާތުގައި ނެތީ ކަމަށްވެދާނެއެވެ.

އަލިފާނުގެ ހާދިސާ ހިނގައިގެން އުޅުނު ސަރަހައްދުގައި އެވަގުތު ތިބި ނޫސްވެރިންނާއި ވާހަކަ ދައްކަމުން ރައީސް ސޯލިހު ވިދާޅުވީ ކޮވިޑް-19 ގެ ނުރައްކާ އޮތް ނަމަވެސް، ސަލާމަތީ ކަންކަމަށް ނުބަލާ، ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ އުސޫލުތަކާއި ޚިލާފަށް ބަޔަކު އުޅެމުންދާކަމަށެވެ. ޚިޔާލު ފާޅުކުރުމާއި އެއްވެ އުޅުމަށް މި ސަރުކާރުން ހުރަސް ނޭޅިނަމަވެސް، އެއްވެސް ހާލެއްގައި އެޗްޕީއޭގެ އެންގުންތަކާއި ޚިލާފުވެ، އެޗްޕީއޭގެ އެންގުންތައް މުގުރާލުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ.

“ވަރަށް ހިތާމަކުރަން މިއަދު ވެސް މާލޭގައި ބަޔަކު މުޒާހަރާ ކޮށްފި. އަޅުގަނޑުމެންގެ ތެރޭ ތިއްބެވި ވަރަށް އިސް ބޭފުޅުން މާސްކު ވެސް ނާޅާ އުޅުއްވި މަންޒަރު ފެންނިގެން ހިނގައްޖެ. އެއީ ވަރަށް ހިތާމަވެރި ކަމެއް، ބަލި ފެތުރުމުގައި އެންމެ ބޮޑު މައްސަލަައަކަށް މިވަނީ އެންމެން އެއްތަނަކަށް އެއްވެ ގައިދުރު ނުވެ އުޅުން. އެހެންނަމަވެސް އަޅުގަނޑުމެންގެ ތެރޭގައި އެއާއި ޚިލާފަށް އަމަލުކުރާ ފަރާތްތައް އެބަ އުޅޭ” ރައީސް ސޯލިޙް

އެޗްޕީއޭގެ ވާހަކަ ރައީސް ސޯލިހު ވިދާޅުވަމުން ގެންދެވި އިރު، އެޗްޕީއޭގެ އެ ގައިޑްލައިންތަކުގައި އެމަނިކުފާނަށްވެސް ހިފަހައްޓައެއް ނުލެވުނެވެ. ގައިދުރު ކަމެއް ނެތެވެ. ހުންނެވީ މަސްހުނިކަން ބޮޑު ގޮތެއްގައެވެ. ރައީސް ވާހަކަފުޅުން އެ އިމާރާތްތަކުގައި ރޯވި އަލިފާނުގެ ހޫނަށްވުރެ ހުކުރު ދުވަހުގެ ހަވީރު އޮތް ސައިކަލްބުރުގައި ދުއްވި ސައިކަލުތަކުގެ ސައިލަންސަރު ތަކުން އެރި ހޫނު މާ ގަދަހެން ހީވެއެވެ. އެހެންނޫން ނަމަ އެވަގުތު ރައީސް ދައްކަވާނީ އެފަދަ ސިޔާސީ ވާހަކަތަކެއް ނޫނެވެ. މީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންފަހުން އަލަށް ތަޖުރިބާ ކުރައްވަންޖެހިވަޑައިގަތް ކަމެއް ނޫނެވެ. ސިޔާސީ ވާހަކަތަކެއް ދެއްކެވުމަށްވުރެ ބޮޑަށް މި ފަދަ ހާދިސާތައް މެދުވެރިވުން މަދުކުރެވޭނެ ގޮތްތަކާއި، ކަންކަން ހަރުދަނާ ކުރުމަށް އެޅޭނެ ފިޔަވަޅުތަކުގެ ވާހަކަތައް ވިދާޅުވުން މާ މުހިތްމެވެ. މީ ވެރިކަމަށް ވަޑައިގެންފަހުން މިފަދަ ކަމަކާއި ކުރިމަތިވި ތިން ވަނަ ފަހަރެވެ.

އަލިފާނުގެ މި ހާދިސާ ހިނގުމާއެކު އެ ސަރަހައްދަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ނާއިބު ރައީސް ފައިސަލް ނަސީމް އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އިތުރުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲވެސް ވަޑައިގެންނެވި އެވެ. އަދި ޗީފް އޮފް ޑިފެންސް އަބްދުﷲ ޝަމާލް އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުވެސް ވަނީ ވަޑައިގެންފަ އެވެ. މި ބޭފުޅުންގެ ވާހަކަ އަނެއްކާވެސް މި ގެނައީ މީގެ ފަހަތުން އަންނަ ބަޔާއި ގުޅުވާލުމަށެވެ. މީ މި ވެރިކަމުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން މި މަޤާމުތަކުގައި ތިއްބެވި އަދި މިފަދަ އެތަކެއް ހާދިސާއެއް ތަޖުރިބާ ކުރައްވާފައިވާ ބޭފުޅުންނަށްވާތީއެވެ. އެކަމަކު އަމަލީ ގޮތުން މިފަދަ ހާދިސާތަކުން ރައްކާތެރިވުމަށް ކުރެވުނު މާ ގިނަ ކަމެއް ނެތެވެ.

އެސްބީއައި އަދި އުރީދޫގެ އޮފީސް ފަދަ ގިނަ އޮފީސްތަކެއް ހުންނަ ގަދަގޭ މުހައްދުފުޅު ބިލްޑިންގާއި އިތުރު އެހެން ދެ ބުރި އިމާރާތެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއަކީ ވެރިރަށް މާލޭގައި މި ދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ހިނގި މިފަދަ ތިން ވަނަ ހާދިސާއެވެ. އެގޮތުން 2019 ވަނަ އަހަރުގެ ތެރޭގައި އަލިފާނުގެ ނުރައްކާތެރި ދެ ހާދިސާއެއް ހިނގާފައިވެއެވެ. އެއީ ދެ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަސްތެރޭގައެވެ. ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު މާލޭ ހެންވޭރުގެ އަބަދަށްފެހި މަގުގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގިއެވ ކެމިކަލް ގުދަނެއްގައި ރޯވި އަލިފާންގަނޑު ބޮޑު ހުޅުގަނޑަކަށް ބަދަލުވިއެވެ. 31 ގެއެއް އަނދާ އަޅިއަށްވެ، އުމުރުން 46 އަހަރުގެ އަންހެނަކު ނިޔާވިއެވެ. މީ ފަހުގެ ތާރީޚެއްގައި މާލޭގައި ހިނގި މިފަދަ އެންމެ ބޮޑު އެންމެ ނުރައްކާތެރި ހާދިސާއެވެ.

އަބަދަށްފެހި މަގުގައި ހިނގި އަލިފާނުގެ ހާދިސާއަށްފަހު ދެން އެފަދަ ހާދިސާއެއް ހިނގީ މާލޭގެ ހުޅަނގު ދެކުނު ފަރާތު ޓީޖެޓީއާ ކައިރީގައެވެ. އެތަނުގައި އޮތް ތެޔޮ ބައުޒަރެއްގައި ރޯވެ، އެ ހާދިސާގައި ހަތް މީހަކު ވަރަށް ބޮޑަށް ފިހުނެވެ. އަދި ތެޔޮ ބައުޒަރުތަކަށް ބޮޑެތި ގެއްލުންތައް ލިބުނު އިރު ލޯންޗެއް އެކަށް އެނދި އެވެ. ދެން ހުކުރު ދުވަހުގެ ރޭ ބޮޑުތަކުރުފާނު މަގުން އާޓިފިޝަލް ބީޗާ ދިމާއަށް ވާގޮތަށް ހުންނަ “ކެފޭ ޓިއޯލޯ” ހިންގަމުން އައި ދެ ބުރި އިމާރާތުގަ އެވެ. އެ އަލިފާންގަނޑު ފެތުރިގެން ދިޔަގޮތުގެ ވާހަކަ ކުރިން ދެންނެވިފައިވާނެއެވެ. މި ހާދިސާ އާއި ގުޅިގެން އެ ސަރަހައްދުގައި ހުރި އެހެން އިމާރާތްތަކުން މީހުން ހުސްކޮށް ވަގުތީ ހިޔާވަހިކަން ދޭންޖެހޭ މީހުންނަށް ކަލާފާނު ސްކޫލް ތައްޔާރު ކޮށްފައި ވެއެވެ. އެކަމަކު އެއީ ޙައްލެއްނޫނެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހެންވޭރުގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެ، ހިނގި އެ ހާދިސާގައި ކައިރީގައި ހުރި ގެތައް އަނދައިގެން ދިއުމުން ހާލުގައި ޖެހުނު އާއިލާތަކަށްވެސް ވަގުތީ ބޯހިޔާވަހިކަން ދަނީ ފޯރުކޮށް ދެމުންނެވެ. އެކަމަކު ބައެއް އާއިލާތަކަށް ވަގުތީ ހިޔާތަކުން ނުކުތުމަށް އެންގުމަށްފަހު އެ މުއްދަތު އަލުން ތިން މަސް ދުވަހަށް އިތުރުކޮށްދިނީ މި މަހުގެ 27 ވަނަ ދުވަހުއެވެ. އަލިފާނުގެ ހާދިސާގައި ގެދޮރު ގެއްލުނު ހަތް ގޭބީސީއެއްގެ 29 މީހަކަށް ގާކޮށިން ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދިނެވެ. ވަގުތީ ބޯހިޔާވަހިކަން ދެނީ އެ މީހުން އުޅުނު ގެތައް މަރާމާތު ކުރެވޭނެ ކަމަށް އެސެސްމަންޓުން ދައްކާ މުއްދަތުތަކަށް ބަލައި، އެކި ގޭބީސީތަކަށް އެކި މުއްދަތަށެވެ.

މިހުރިހާ އަލިފާނުގެ ހާދިސާތަކެއް ހިނގާފައިވަނީ މި ވެރިކަމުގެ ތެރޭގައެވެ. މިހުރިހާ ތަނެއް ބައްލަވާ ލެއްވުމަށް ރައީސް ސޯލިހާއި އެކު ކުރިން ދެންނެވި މުއައްސަސާތަކުގެ ވެރިންވެސް ވަޑައިގަންނަވައެވެ. ނަމަވެސް މިއަދާހަމައަށް މިކަންކަމާއި ގުޅިގެން އެޅުނު މާ ހަރުދަނާ ފިޔަވަޅުތަކެއް ނެތެވެ. ނަމަވެސް އަބަދަށްފެހި މަގުގައި ހިނގި އަލިފާނުގެ ހާދިސާއަށްފަހު ސަރުކާރުން ވަނީ ކެމިކަލް ގެންގުޅުމުގެ އުސޫލުތައް ހަރުކަށިކޮށް، ކެމިކަލް ގުދަންތައް ތިލަފުށްޓަށް ބަދަލު ކުރަން ނިންމައިފައެވެ. އެކަމަކު އެމަސައްކަތް ކުރާތާ އަހަރެއްވާން ގާތްވާއިރު، ގުދަންތަކުގެ މަސައްކަތް ދިޔަ ހިސާބެއް އެނގޭކަށްނެތެވެ.

އަލިފާނުގެ ނުރައްކާތެރި ތިން ހާދިސާއެއް ތަޖުރިބާ ކުރެއްވުމަށްފަހުވެސް ރައީސް ސޯލިހަށް އެއްޗެއް ވިދާޅުވާން އެނގިވަޑައިގަތީ އިދިކޮޅު ފަރާތްތަކުގެ މުޒާހަރާއާއި ގުޅޭގޮތުންނެވެ. ދެން ނުސީދާ ގޮތެއްގައި ޑރ. މުޙައްމަދު ވަހީދު ހަސަން މަނިކު މާސްކު ނާޅުއްވާ އިހުތިޖާޖުގައި ހުންނެވުމުން އެކަމަށެވެ. ރައީސް ސޯޅިހުގެ ވެރިކަމުގައި މި ސަރުކާރުން މިފަދަ ހާދިސާތައް މަދު ކުރުމަށް ރޭވިފައިވާ ޕޮލިސީތަކާއި އަޅަމުންދާ ފިޔަވަޅުތަކެއްގެ ވާހަކައެއް ނައެވެ. މިފަދަ ހާދިސާތަކުގައި ގެއްލުންވެ، ޙާލުގައި ޖެހޭ ފަރާތްތަކަށް ކަންކަން ފަހިކޮށްދޭނެ އުސޫލެއް ސިޔާސަތެއްގެ ވާހަކައެއް ނެތެވެ. ރޭވުންތެރިކަމެއް ހިންގުންތެރިކަމެއްގެ ސިފައެއް ނެތެވެ. ނުވަތަ ސަރުކާރުގައި އެކަށީގެންވާ ސިޔާސަތެއް ބައްޓަންކުރެވޭނެ ޤާބިލު ބަޔަކު ނެތީ ކަމަށްވެދާނެއެވެ. ނޫން ނަމަ އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭ ތަނަކަށް ވަޑައިގެން ދައްކަވަންޖެހޭ ވާހަކަފުޅު ބުނެދޭނެ ބޭފުޅަކު އަރިހުގައި ނެތީ ކަމަށްވެދާނެއެވެ.

ވަރަށް ގަދަ
63%ވަރަށް ގަދަ 3%ވަރަށް ގަޔާވޭ 18%ބޮޑު ޖޯކެއް 2%ހައިރާންވެއްޖެ 5%ވަރަށް ދެރަ 8%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

5 Responses

  1. ރޯވިތަންތަން ވިއްޔާ ނިއްވާލެވިއްޖެއެވެ، އެކަމަކު ތިޔަބުނާ ބައިގަނޑުން ރާވަމުން ގެންދަނީ ލޭއޮހޮރުވާލާށޯއެވެ، ތިބޭފުޅުންގެ ދުރުމީއިން ފެންނަ ގޮތަށް ތިޔަލިޔެލީއެވެ.

  2. ﷲ މިންވަރު ކުރައްވާފައިވަނީ މިވަގުތު މި ގައިމުގެ ރައީސް އަކަށް އިބުރާހީމް މުހައްމަދު ސޯލިހު، ފިތުނަ ވެރިން ޙިތްހަމަ ޖެހުނަސް ނުޖެހުނަސް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: