ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހެންވޭރު ޓިއޯލޯ ކެފޭގެ އަލިފާނުގެ ހާދިސާ: އަލިފާންގަނޑު ބޮޑަށް ނުފެތުރުނުކަން އެއީ ނަސީބެއް!

ހެންވޭރު އެސްބީއައި ހުންނަ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން: ފޮޓޯ ސާޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިރަށް މާލެ ސިޓީގައި އަނެއްކާވެސް ނުރައްކާތެރި އަލިފާނުގެ ބޮޑު ހާދިސާއެކެވެ. ކަން ދިމާ ކުރިގޮތުން ރޭވެސް ނޫވެސްވެރިއެއްގެ ހައިސިއްޔަތުން އެތަނަށް ހާޒިރުވެ، އަލިފާން ނިއްވާލުމުގައި ސިފައިންނާއި، ފަޔާ އެންޑް ރެސްކިއުގެ ޓީމުން ކުރަމުން ދިޔަ މަސައްކަތް ކަވަރު ކުރަމުން ދިޔައީމެވެ.

ރޭ 09:30 ހާއިރު ހިނގި އެ އަލިފާން އެކީ ކޮންޓްރޯލް ކުރެވިފައިވަނީ ރޭގަނޑު ދަންވަރު 01 ޖެހުމާއި ގާތްވެފައި ވަނިކޮށެވެ.

ބޮޑެތި ގެއްލުންތަކެއް ލިބިގެން ދިޔަ އެ ހާދިސާގައި އެންމެ ފުރަތަމަ އަލިފާން ރޯވެފައިވަނީ ބީއެމްއެލް ޑޮލަރު އޭޓީއެމް އާއި، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ދެމެދަށް ވާ ގޮތަށް ހުންނަ މަޝްހޫރު ޓިއޯލޯ ކެފޭގައެވެ. މިއީ އާއްމު ގޮތެއްގައި ގިޔަ ބަޔަކު ގޮސް އުޅޭ ކެފޭއެކެވެ. އަދި ކެފޭ ކުރިމަތީ އޮންނަ ކުޑަ ހެންވޭރު ފުޓްސަލް ދަނޑަކީ މަރާމާތުތަކަށް ބަންދު ކުރުމުގެ ކުރިން ކޮންމެ ރެއަކުކަހަލަ ގޮތަކަށް ޒުވާނުންތައް އެއްވާ ދަނޑެކެވެ.

މާލޭގައި ވަކި ގަޑިތަކެއްގައި ކާފިއު ހިންގާއިރު، އޭގެ ކުރީގެ ގަނޑިތަކުގައި މީހުން މަގުތަކުގައި ރޭގަނޑު އުޅެން ޖެހެނީ ހިނގާފައެވެ. އެގޮތުން ގިނަ އަދަދެއްގެ ބަޔަކު އާޓިފިޝަލް ބީޗަށް އެއްވެއެވެ.

 

އެންމެ ފުރަތަމަ އަލިފާން ރޯވެފައިވަނީ ކެފޭ ޓިއޯލޯގައި، އެސްބީއައި އިމާރާތަށް ފެތުރުނީ އޭގެ ފަހުން/ ފޮޓޯ:މ އަވަސް

އަލިފާން ރޯވީ އެންމެ ފުރަތަމަ ކެފޭގައި، އެއަށްފަހު ފެތުރުނީ އެސްބީއައީ އިމާރާތަށް!

އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތާއި އެކު އެ ސަރަހައްދަށް ދިޔައިރު، ލޯމައްޗަށް ފެންނަން ހުރީ ބޮޑު ހުޅުގަނޑެކެވެ. ޓިއޯލޯ ކެފޭގައި ހިފި އަލިފާންގަނޑު، އެސްބީއައީ އިމާރާތުގެ އެއް ކަނުން އޭރު މައްޗަށް އަރައިގެން ދަނީއެވެ. އެ ސަރަހައްދަށް އެއްވި ބައެއް މީހުންނާއި ވާހަކަ ދެއްކުމުން އެނގިގެން ދިޔައީ، އަލިފާން ރޯވެ ހުޅުގަނޑު ފެތުރުމުގެ ކުރިން ތަނުގެ ތެރޭގައި ހުރި ބައެއް ގޭސް ފުޅިތަކެއް ނެރުނުކަމެވެ. އެހެން ނޫންނަމަ، ޖެހިގެން ހުރި އިމާރާތަށް ވެސް އަލިފާންގަނޑު ފެތުރިގެން ދިއުމުގެ ފުރުސަތު އޮތީހެވެ.

ކެފޭގައި ހުރީ އަލިފާން ފަސޭހައިން ހިފާނެ ޒާތުގެ ތަކެއްޗެވެ. އެގޮތުން ކެފޭގެ ފްލޯރިން އާއި، އަދި ސިޑި ހަދާފައި ހުންނަނީ ވަކަރުންނެވެ. މިއީ ކެފޭއަކަށް ވުމާއި އެކު ކެއްކުމަށް ބޭނުން ކުރާ ތަކެތިތައް ހުންނާނެއެވެ. އަދި ދެ ބުރިއަށް ނަގާފައި ހުންނަ އެ ކެފޭގެ ދެވަނަ ފްލޯގައި އަލިފާން ހިފިއިރު، ތަނުގެ ތެރޭގައި ހުރި ބިދޭސީއެއްގެ އިތުރުން ކައިރީ ޖެހިގެން ހުރި އިމާރާތުގެ މީހުންނަށް އެކަން އެންގީ ދަނޑު ކައިރީ ތިބި ޒުވާނުންތަކެކެވެ.

ކެފޭގައި އަލިފާން ރޯވެ، ތަން ބިމާއި ހަމަވާން މާގިނަ ވަގުތުތަކެއް ނުނަގެއެވެ. އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުއަށް އާދެވުނުއިރު، ކެފޭގައި ހުރީ އެއްކޮށް އަލިފާން ހިފާފައެވެ. އަދި އޭރު އަލިފާންގަނޑު ދިޔައީ އެސްބީއައި އިމާރާތަށް ފެތުރެމުންނެވެ. 10 ބުރިއަށް ނަގާފައި ހުރި އެ އިމާރާތުގެ 08 ވަނަ ފްލޯ އާއި، 09 ވަނަ ފްލޯ އަދި ޓެރެސްގައި ވަރަށް ބޯޑަށް ރޯވިއެވެ.

 

One Photos - W5BHFGbJgTBlVhQCeR3xCHx9C.jpg
އެސްބީއައި، އަދި އުރީދޫ އިމާރާތުގެ އަށް ވަނަ ފްލޯ އާއި ނުވަ ވަނަ ފްލޯގައި ހިފާފައި ހުރި އަލިފާންގަނޑު/ ފޮޓޯ: ވަން

ޓެރެސްގައި ރޯވިއިރު، ހުޅުގަނޑު ވަރަށް ބޮޑަށް ފެންނަން ހުއްޓެވެ. މައުލޫމާތު ލިބޭ ގޮތުން އެއީ ޕޭންޓްހައުސްއެކެވެ. ބޮޑަށް ތަނުގައި ހުރީ ލަކުޑި އާއި، ބިއްލޫރިއެވެ. އަދި އުރީދޫގެ ބައެއް ވަޔަރުތަކެއް ތަނުގައި ހުއްޓެވެ.

08 ފްލޯ އާއި 09 ވަނަ ފްލޯއަށް އެކްސެސް ވުމުގައި ދަތިތަކެއް އައި!

އަލިފާން އެންމެ ބޮޑަށް ހިފި 08 ވަނަ ފްލޯ އާއި 09 ފްލޯ އެއީ އެސްބީއައިގެ ފްލޯތަކެކެވެ. އެ ފްލޯ ހަދާފައި ހުރީ ހައި ސެކިއުރީ ފީޗާސްތަކާއި އެކުކަމަށްވާއިރު، ތަނުގެ އެކްސެސް މިވަގުތު އޮތް މީހުން ތިބީ ރާއްޖެއިން ބޭރުގައެވެ. އެހެން ކަމުން ހައިސެކިއުރިޓީ ފީޗާސްތައް ފަޅާލައި އެމްއެންޑީއެފްގެ ޑެވައިސް ފީޗާސްތައް ބޭނުންކޮށް އެތެރެއަށް ވަދެގަތުމަށް ދަތިވިއެވެ.

އެސްބީއައިއަށް އަލިފާންގަނޑު ފެތުރު ގޮތާއި މެދު އެންމެ ފުރަތަމަ ސުވާލު ވެސް އުފެދުނެވެ. ސަބަބަކީ އެ އިމާރާތުގެ އެންމެ މަތީ ފްލޯގައި އަލިފާން ހިފާފައި ހުރުމުންނެވެ. އެސްބީއައި އިމާރާތުގައި، ކްލެޑިން ބޭނުންކޮށްފައި ހުއްޓެވެ. މިއީ އިމާރާތްތައް ވަރުގަދަ ކުރުމުގެ ގޮތުން ބޭނުންކުރާ އެލްމެނިއަމް ޒާތުގެ ޝިލްޑެކެވެ. ކްލެޑިންގެ ބޭރުގައި ހުންނަނީ ވަރުގަދަކޮށް ހުންނަ ދަވާދު ފަށަލައެކެވެ. އެހެން ކަމުން އިމާރާތުގެ މައްޗަށް އަލިފާންގާނޑު ފެތުރިގެން ދިޔަ ގޮތަކީ އެއީކަމަށް ބެލެވެއެވެ.

One Photos - lLMV04R8GGeSucRvbLnvvkb3r.jpg
އެސްބީއައި ހުންނަ ހ.ސަންލީޓް އިމާރާތުގައި ރޯވެ އަނދަމުންދަނީ/ ފޮޓޯ: ވަން އޮންލައިން

ކްލޭޑިންގެ ބައިތައް މަގުމައްޗަށް ބުރައިގެން ދިޔަ، ދަނޑުގައި ވެސް ދަގަނޑު ކޮޅުތައް!

އަލިފާންގަނޑު ކޮންޓްރޯލް ކުރެވުމަށްފަހު، ކަވަރޭޖްގެ ތެރެއިން އުޅުމުގެ ތެރޭގައި ބިންމަތީން މެޓަލްކޮޅުތަކެއް ފާހަގަވިއެވެ. އަދި އެއީ ސްބީއައީ އިމާރާތުން ބުރައިގެން އައިސްފައި ހުރިތަކެތިކަން ވެސް ޔަގީން ކުރެވުނެއެވެ. އެއަށްފަހު ކެފޭ ކުރިމަތީ ހުންނަ ގަނޑުން މިފަދަ ކުދި ކުދި މެޓަލްކޮޅުތައް ފެނުނެވެ. ވަގުތަކީ މާލޭފައި، ކާފިއު ހިންގާ ގަޑިކަމަށްވުމާއި އެކު ގިނަ ބަޔަކު މަގުމަތީ އާއި އަދި ދަނޑުގައި ނެތުން އެއީ ނަސީބެކެވެ.

 

އިމާރާތުގެ ކްލޭޑިންގެ ބައިތައް އަލިފާނުގެ ހާދިސާއާއި އެކު ކުރިމަތީ ހުރި ދަނޑުގައި/ ފޮޓޯ: އަވަސް

މާރިޔާގެ ބަސް: އަލިފާންގަނޑު ދެ ގަޑިއިރު ކޮންޓްރޯލް ވި!

އަލިފާންގަނޑު ރޯވެ، އެ ކޮންޓްރޯލް ވުމާއި ހަމައަށް އެ ސަރަހައްދުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ހުންނެވިއެވެ. އަދި މާރިޔާ ވަނީ އަލިފާންގަނޑު ކޮންޓްރޯލު ކުރުމަށް ހޭދަވީ ދެ ގަޑިއެއްހާއިރުކަން ފާހަގަކުރައްވާފައެވެ. މާރިޔާ ވިދާޅުވީ އަލިފާން ކޮންޓްރޯލް ކުރުމަށް ވަގުތު ނެގޯ، ބޮޑެތި މެޝިނަރީސްތައް ބޭނުން ކުރަންޖެހުމުގެ ސަބަބުން ކަމަށެވެ.

މީހުން އެއްވީ ފޮޓޯ ނަގަން!

އަލިފާނުގެ ހާދިސާ ހިނގިި ސަރަހައްދުގައި ސިފައިން އަލިފާން ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރިޔަށް ގެންދިޔައިރު އިތުރުން ފުލުހުންނާއި ސިފައިންވެސް ވަނީ ކެނޑިނޭޅި، އެކި ފަހަރު މަތިން އާންމުންނަށް އެ ސަރަހައްދު ދޫކޮށް ދިއުމަށް ނަސޭހަތް ތެރިވެފައެވެ. އަދި އެތައް ފަހަރެއްގެ މަތީން އަޑުގަދަ ކުރާ ބޭނުންކޮށްގެން ވެސް ބައެއް މީހުން ދުރަށް ޖައްސާލުމުގެ މަސައްކަތް ކުރިޔަށް ގެންދިޔައެވެ.

ރާއްޖެ އޮތީ ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައިކަމަށްވާއިރު ކޮވިޑާއި ދެކޮޅަށް ހަރަކާތްތެރިވާ އެކި އިދާރާތަކުންވެސް ވަނީ އެ ސަރަހައްދަށް އާންމުން ނުދިއުމަށް ނަސޭހަތްތެރި ވެފައެވެ. އެހެން ނަމަވެސް، އާއްމުން ދިޔައީ ފޮޓޯ ނެގުމާއި، ވީޑިއޯ ކުރުމަށް އެ ސަރަހައްދަށް އެއްވަމުންނެވެ.

One Photos - sLx96A5ciobcsS80L5clcIREe.jpg
އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ގިނަ ބަޔަކު އެއްވި/ ފޮޓޯ: ވަން

ރޭގެ އަލިފާނުގެ ހާދިސާ ހިނގި ވަގުތު ބީޗަށް ޖަމާވި މީހުންތެރޭ ގިނަ އަދަދެއްގެ ޒުވާނުން ހިމެނެއެވެ. އަދި ފެނިގެން ދިޔައީ އެންމެން ވެސް ފޮޓޯ ނެގުމާއި، ވީީޑިއޯ ނެގުމުގައެވެ.

އެވަގުތު ފުލުހުންނާއި، މޯލްޑިވްސް ރެޑްކެރެސެންޓް އިން ދިޔައީ ކައިރި ގެތަކުން އިވަކުއޭޓު ކުރި މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެހެން ނަމަވެސް ގިނަ މީހުން އެކަމަށް ބެލުމެއް ނެތި ފުލުހުންގެ އެންގުމަށް ވެސް ތަންދޫކޮށް ނުގޮސް ތިބިއެވެ.

އަލިފާނުގެ ހާދިސާ ފުލުހުން ތަހުގީގު ކުރާނެ!

މި ހާދިސާއާއި ގުޅިގެން ހޯމް މިނިސްޓަރު އިމާރާން ވިދާޅުވީ، ތަހުގީގީ ޓީމްތަކުން މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި އަލިފާން ރޯވުމަށް މެދުވެރިވީ ސަބަބު ދެނެގަތުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އިމާރާން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: