ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“އޮންލައިން ބަދިގެ”ތަކުގެ ސަބަބުން “ބޮޑެތި ބަދިގެ”ތައް ބިރުން ރަޖާލީތަ؟

ކެފެ، ރެސްޓޯރަންޓްތަކުގެ ވެރިން ކުރި އިހތިޖާޖުގެތެރެއިން/ ފޮޓޯ: އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ) | އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ލޮކްޑައުންގައި ހޭދަވި މުއްދަތަކީ ގިނަ ބައެއްގެ އާމްދަނީ ހުއްޓުމަކަށް އައި ނުވަތަ ބޮޑުތަނުން ދަށަށް ދިޔަ ދުވަސްވަރެކެވެ. އެތައެް ބައެއްގެ ވަޒީފާ ގެއްލި، މުސާރައިގެ ބޮޑު ބައެއް ކުޑަވެގެން ދިޔައިރުވެސް، ކުރަން ޖެހުނު ޚަރަދުތަކަށް ބަދަލެއް އައިސްފައިނުވުމުގެ ސަބަބުން ގިނަ ބަޔަކު އަތާއި އަނގައާއި ދިމާ ނުވެގެން އުޚެން ޖެހުނެވެ.

މިކަންކަމުން އަރައިގަތުމަށް ގިނަ ބަޔަކު ޚާއްސަކޮށް މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ ގިނަ އަންހެނުން ވަނީ އެކި ކަހަލަ ކާބޯތަކެތި ހަދައި ވިއްކަން ފަށާފައެވެ. ދިވެހިންނަކީ ކާބޯތަކެއްޗަށް ޚާއްސަ ލޯތްބެއް ދޭ ބަޔަކަށް ވުމުގެ ސަބަބުން، ކާބޯތަކެތި ހަދައި ވިއްކާ މީހުންނަށް މިކަމުގެ ސަބަބުން އާމްދަނީ ހޯދުމަށް މާ އުނދަގޫ ކަމަކަށް ނުވިއެވެ.

މީގެ ކުރިންވެސް މަދުމަދުން ކާބޯތަކެތި ވިއްކާ އޮންލައިން ޕޭޖްތައް ހަރަކާތްތެރިވަމުންދިޔައެވެ. އެހެންނަމަވެސް، މިބުނި ސަބަބުތަކާއި ގުޅިގެން މިލޮކްޑައުންގައި ބޮޑު “ބޫސްޓް”އެއް މިކަމަށް އައެވެ. އޮންލައިން ޕޭޖްތަކުގެ މެދުގައި ފެނިގެންދިޔައީ އެކުވެރި މާހައުލެކެވެ. އެއްބަޔަކު އަނެއްބަޔަކު ޕްރޮމޯޓް ކުރުމަށް މަސައްކަތް ކުރަމުންދިޔަ ތަނެވެ. އާންމުންގެ ފަރާތުންވެސް ބޮޑު އެއްބާރުލުމެއް މިޕޭޖްތަކަށް ލިބިގެންދިޔައެވެ.

ލޮކްޑައުންގައި އޮތްއިރު ކެފޭ ރެސްޓޯރަންޓްތައް ބަންދުކުރުމުގެ ސަބަބުން އެތަންތަން ހިންގާ މީހުންނަށްވެސް ބޮޑެތި ގެއްލުންތަކެއް ވިއެވެ. ބައެއް ރެސްޓޯރަންޓްތައް ދަރަނީގައި ހިންގަމުންދިޔައިރު، ބައެއް ކެފޭތައް ޖެހުނީ އަލުން ބަލުން މަސައްކަަތަށް ނުކުންނާށެވެ. އަދި ލޮކްޑައުންއަކަށް ލުއި ދިނުމަށްފަހު ރޭގަނޑުގެ ވަކި ވަގުތެއްގައި ފައި މަގުގައި ހިނގާފައި އުޅެވޭގޮތް ހެދުމުގެ ސަބަބުން އެކަމާއި ގުޅިގެންވެސް އިހުތިޖާޖުތަކެއް ކޮށްްފައިވެއެވެ.

ކެފޭ، ރެސްޓޯރަންޓްތަކުގެ ވެރިން ކުރި އިހުތިޖާޖުގެ ތެރެއިން/ ފޮޓޯ: އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ) | އަވަސް

އެހެންނަމަވެސް، ދާދި ފަހުން ބައެއް ރެސްޓޯރަންޓްތަކުގެ ވެރިންގެ ކިބައިން ފެނިގެންދިޔަ އަމަލުތަކަކީ ގިނަ ބަޔަކަށް ބަލައިގަނެވޭފަދަ އަމަލުތަކަކަށް ނުވިއެވެ. ހުއްދަ ނުނަގާ ނުވަތަ ރަޖިސްޓްރީނުކޮށް ހިންގާ ވިޔަފާރިތަކާއި ދެކޮޅަށް ފިޔަވަޅު އަޅަން ނިންމި ހިސާބުން، ފެނިގެންދިޔައީ ބައެއް ކެފޭ ރެސްޓޯރަންޓްތަކުގެ ވެރިން ނުވަތަ ހިއްސާދާރުން އެކަމާއި އުފާ ފާޅުކުރި ތަނެވެ.

ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ސްކްރީންޝޮޓްތަކަށް ބަލާލާއިރު، ބައެއްވެރިންގެ ވާހަކަތައް ހުރީ  ވިޔަފާރީގެ މާހައުލުން ސީދާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފަހާލައި، ބޭރުކުރަން ބޭނުންވާ ގޮތަކަށެވެ. އޮންލައިންކޮށް ތަކެތި ވިއްކަމުން އަންނަ ޕޭޖުތަކުގެ ސަބަބުން ބޮޑެތި ކެފޭ ރެސްޓޯރަންޓްތަކުގެ ވިޔަފާރިއަށް ގެއްލުންވެދާނެ ކަމުގެ ބިރު ހީވެ މައިދާނުން ކުދި ވިޔަފާރިތައް ފަހާލަން އުޅޭ ފަދަ ގޮތަކަށެވެ. މަދު ކެފޭ، ރެސްޓޯރަންޓްތަކުގެ ވެރިން “އޮންލައިން ބަދިގެ”ތަކަށް އަދިވެސް ހެޔޮ ނިޔަތުގައި ކަންކަން ކޮށްދޭ މަންޒަރު ފެނުމަކީ ލިބޭ ހިތްހަމަޖެހުމެކެވެ.

ގިނަ އާންމުން އަންނަނީ މިއީ އެއްވެސް ވަރަކަށް ބުއްދި ގަބޫލުނުކުރެވޭ ކަމެއްކަމަށް ބުނަމުންނެވެ. އެގޮތުން ހަމައެކަނި ދެތިން ހެދިކާއެއް ނުވަތަ ފޮނި ކާއެއްޗެއް ތައްޔާރުކޮށްގެން ވިއްކަން މަސައްކަތްކުރާ މީހުންގެ މަސައްކަތް ފުނޑާލުމަށް ބޮޑެތި ކެފެ، ރެސްޓޯރަންޓްތަކުގެ ވެރިން މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އަންނަނީ ބުނަމުންނެވެ.

އޮންލައިން ވިޔަފާރިތައް ރަޖިސްޓްރީ ކުރަންޖެހޭ ގޮތަށް ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނަށް ގެނައި އިސްލާހު ރައީސުުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރެއްވީ ހުސްވި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އަދި އޮންލައިން ވިޔަފާރިތައް ރަޖިސިްޓްރީކުރުމަށް30 ދުވަހުގެ މުހުލަތެއް ދިނެވެ. އެހެންނަމަވެސް، ފަހުން އެކަމަކަށް ސަރުކާރުން މާބޮޑު އަޅާލުމެއް ދިން ތަނެއް ނުފެނެއެވެ.

ނަމަވެސް ކުއްލިއަކަށް މިހާލަތުގައި އަނެއްކާވެސް މިކަމާއި އުޅެގަތުން މިއީ ހަގީގަތުގައި ކޮން ބޭނުމެއްގައި ކުރާ ކަމެއްތޯ ސުވާލު އުފެދެއެވެ. ރަޖިސްޓްރީ ނުކުރާ ކަމަށްބުނެ، އަނެއްކާވެސް ބަޔަކު މީހުން ޖުރިމަނާކޮށް ދައުލަތަށް އެއްޗެއް ލިބޭނެ ގޮތެއް ހޯދަން ކުރާ ކަމެއްތޯ އާންމުން ސުވާލު އުފައްދައެވެ. ނުވަތަ ބޮޑެތި ކެފޭ ރެސްޓޯރަންޓްތަކުގެ ވެރިން ޕްރެޝަރ ކުރުމުގެ ސަބަބުން މިކަން މިގޮތަށް ކުރަން ސަރުކާރަށް މަޖުބުރުވީތޯވެސް އާންމުން ސުވާލު އުފައްދައެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށްް ފަހު ފުރުސަތުތައް ހޯދައިދޭނެކަމަށް ބުނެ ދައްކާ ވާހަކަތަކާއި މިއަމަލުތަކާއި ދިމައެއް ނުވެއެވެ. އެފަދަ ޕޭޖްތައް ވެރިފައިކޮށް، ޕޭޖްތަކުން ކުރާ މަސައްކަތްތައް ބެލެހެއްޓުމަކުން މައްސަލައެއް ނެތެވެ. އެކަމަކު، މީގެން ކޮންމެ ކަމަކީ ރަޖިސްޓްރީ ކޮށްގެން ޓެކްސް ދައްކައިގެން ކުރަންވެއްޖެ ކަމަކަށް ހަދަފިއްޔާ ނިކަމެތި ރައްޔިތުން މީހާއަށް އޮންނާނީ ކޯއްޗެއްތޯ އާންމުން ސުވާލު އުފައްދައެވެ. އަމުދުން މިފަދަ ދަނޑިވަޅެއްގައި މިކަން ކުރަން ނިންމާނީ ރައްޔިތުން ހެޔޮ އެދުމެއް ނެތި، ޖެއްސުން ކުރާ އުސޫލު ގެންގުޅެން ބޭނުންވާތީ ކަމަށް ގިނަ އާންމުން ދެކެއެވެ.

ރިވެތި އުސޫލަކީ ވިޔަފާރީގެ މައިދާނުގައި ބޮޑެތި ވިޔަފާރިތައް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީވެދީ، އަތް ގާތްކޮށްދިނުމެވެ. މިވާހަކަ ދެކެވެނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި އަރާ ހަމަކުރުމަށް މަސައްކަތް ކުރަމުންދާ ބައެއްގެ މަސައްކަތުގެ ވާހަކައެވެ. ގިނަ “އޮންލައިން ބަދިގެ”ތަކަށް އަދި އަހަރެއްހާ ދުވަސްވެސް ނުވާނެއެވެ. ވީއިރު މިފަދަ ގޮތަކަށް ކަންކަން ކުރުމަށް ބާރު އަޅައި، ނުވަތަ މިފަދަ ކަންކަމާއިމެދު އުފާ ފާޅުކުރުމަކީ ކެފޭ، ރެސްޓޯރަންޓްތަކުގެ ވެރިން ހާލުގައި ޖެހުނު ދުވަހު އެމީހުންގެ ދިފާއުގައި ވާހަކަ ދެއްކި އެންމެންގެ ކަރަށް ފައިން އެރުމުގެ ގޮތުގައި އާންމުން ސިފަ ކުރެއެވެ. އަދި ގިނަ ބަޔަކު އަންނަނީ އެފަދަ މީހުން ހިންގާ ކެފޭ، ރެސްޓޯރަންޓްތައް ބޯއިކޮޓް ކުރުމަށް ގޮވާލަމުންނެވެ.

ވަރަށް ގަދަ
15%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 5%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 20%ވަރަށް ދެރަ 60%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ކުދި އަދި ވަކިވަކި ފަރުދުންނަށް އެއްވެސް މައްފާއެއް ލިބުން ބޮޑެތި ވިޔަފާރި ކުރާފަރާތް ތައްނެދޭ، މިކަން މިގޮތައްކުރަނީ ސަރިކާރާ ގުޅިގެން. ދެންވެސް އަތައް ނުގޮވަނީސް ކޯވިޑް އެލަވަންސް ކޮޅު ދޭން އުޅޭ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: