ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ އިސްތިއުނާފު އަޑުއެހުންތައް ނިމުމަކަށް: ފަހު ބަހަކަށް ދިފާއުވާން ކުރެވެން ހުރި ކަމެއް ކުރާނަން!

ހައިކޯޓުގެ އަޑުއެހުމަށް ރައީސް ޔާމީން ހާޒިރު ކުރި ދުވަހު/ ފޮޓޯ: ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނާއި ހިލާފު އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމަށާއި، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ހުކުމް އިއްވާފައިވާ މައްސަލައިން ދިފާއުވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ވެރިކަމުގައި ހުންނަވައިގެން މަނީ ލޯންޑާރ ކުރެއްވިކަމުގެ ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

ރައީސް ޔާމީނަށް އިއްވާފައިވާ ފަސް އަހަރުގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، ކަފާލާތުގެ ދަށުން މިނިވަން ކުރެވެން ނެތް ކަމާއި އަދި ހުކުމް ތަންފީޒު ކުރުން މަޑުޖައްސާލުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ހައިކޯޓުން ވަނީ ހުކުމްކޮށްފައެވެ. އަދި އެ ހުކުމް ރިވިއުކޮށްދިނުމަށް އެދި ހުށަހެޅުމުން ކޯޓުން ވަނީ ހުކުމް މުރާޖައާ ކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ނިންމާފައެވެ.

ގިނަ އަދަދެއްގެ ފައިސާ އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ މައްސަލައިގައި ރައީސް ޔާމީނާއި ސުވާލު ކުރުމަށް އެކި ފަހަރުމަތީން ފުލުސް އޮފީހަށް ވެސް ހާޒިރު ކުރިއެވެ. “ކެމްޕޭނަށް” ހޯއްދެވި ފައިސާއާއި ގުޅޭ ތަފްސީލު ހޯދުމަށް ފުލުސް އޮފީހަށް ހާޒިރު ކުރުމަށްފަހު ފުލުހުން އެންމެފަހުން ރައީސް ޔަމީންގެ ނަމުގައި ހުރި އެކައުންޓުތައް ފްރީޒް ވެސް ކުރިއެވެ.

ހައިކޯޓުގައި ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފުކޮށްފައިވާ މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމީނަށް ދިން ފުރުސަތުގައި އެމަކިނުފާނު ވިދާޅުވީ، ވޮޑަމުއްލާ ކިޔާ ރަށެއް އޮންނަކަން ވެސް އެނގިވަޑައި ނުގަންނަވާ ކަމަށެވެ. އަދި އެ ރަށަކީ އެއީ ކުރީގެ ސަރުކާރުތަކުން އޭރު ފަތުރުވެރިކަން އުފެއްދުމަށް މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އަށް ދީފައިވާ ރަށެއް ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ރަށާއި ގުޅޭގޮތުން ވާހަކަ ދައްކަން ވީ އެއްވެސް ސަބަބެއް ވެސް ނެތް ކަމަށެވެ. އަދި ރަށް ކުއްޔަށް ދިނުމާއި ގުޅޭގޮތުން ރަަސްމީ ސިފައެއްގައި ވެސް އަދި ނުރަސްމީ ސިފައެއްގައި ވެސް އެއްވެސް ވާހަކައެއް އެމަނިކުފާނާއި ހަމައަށް އައިސްފައި ނުވާ ކަމަށެވެ. ރަށްތައް ކުއްޔަށް ދޭ ވަކި އުސޫލަކާއި އަދި އެ ރަށުގެ އަގު ކަނޑައެޅުމާއި ބެހޭ ޕްރޮސީޖާއެއް އޮންނައިރު އޭގެ ދަށުން ފަތުރުވެރިކަމުގެ ބޭނުމަށް ރަށެއް ދޫކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ ހުއްދައެއް ހޯދަން ނުޖެހޭނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެހެން ކަމުން ވޮޑަމުލާގެ ނަމުން ނަން ދީފައިވާ ރަށެއް ކުއްޔަށް ދީ އޭގެ މުއާމަލާތްތަކެއް ހިންގާކަމުގެ އެއްވެސް މައުލޫމާތެއް ރައީސާއި ހަމައަށް އަންނަންޖެހޭ ސަބަބެއް ނެތް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން ކްރިމިނަލް ކޯޓުގެ އަޑުއެހުންތައް ކުރިޔަށް ގެންދިޔައިރާއި، ހިޔާނާތުގެ މައްސަލައިގައި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބާއި އެމްއެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ވާހަކައިގައި ވެސް ވޮޑަމުއްލާގެ ވާހަކަ ގެނެސް އެ ރަށާއި އެއްވެސް ގުޅުމެއް އޮތް ވާހަކައެއް ދައްކާފައި ނުވާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ރައީސް ޔާމީން ވަނީ ތަކުރާރުކޮށް އެކައުންޓަށް ޖަމާވި ފައިސާއަކީ، ވޮޑަމުއްލާގެ ފައިސާ ނުވަތަ ހިޔާނާތުގެ ފައިސާކަން ދައުލަތަށް ސާބިތުކޮށް ނުދެވޭ ކަމަށް ވިދާޅުވެފައެވެ. އަދި އެ ފައިސާ ލިބޭނަމަ ލިބެންވީ ސަބަބަކީ ކޮބައިކަން ވެސް ބުނެދެވިފައި ނުވާ ކަމަށެވެ.

ވޮޑަމުއްލާ އާއި ގުޅުމެއް ނެތް، އެ ނަން ކިޔާ ރަށެއް އޮންނަކަން އެނގުނީ ވެސް ޝަރީއަތުގެ ތެރެއިން: ރައީސް ޔާމީން

އޭގެ އިތުރަށް ރައީސް ޔާމީނު ގުޅުއްވައިގެން ވޮޑަމުއްލާގެ ފައިސާ ހޯއްދަވަން އެދިވަޑައިގެންނެވިކަން ސާބިތުކުރުމަށް ކުޑަމިނުން އެސްއެމްއެސްއެއްހާ މިންވަރުވެސް ދައުލަތުން ހުށަހަޅާފައިނުވާ ކަމަށާއި، އަދީބުގެ ހެކިބަހަށް ބާރު ލިބޭނެ އެއްވެސް ހެއްކެއް ނެތް ކަމުގައިވެސް ވިދާޅުވިއެވެ.

ހަމައެހެންމެ ރައީސް ޔާމީނަށް ލިބިވަޑައިގަތީ ދައުލަތުގެ ފައިސާ ކަމުގައި ބުނެ ސިޓީއެއް އޭސީސީގެ ކުރީގެ ރައީސް މުޢައްވިޒު ރަޝީދު ރައީސް ޔާމީނަށް ފޮނުއްވި ކަމަށް ޙުކުމުގައި ބުނެފައިވީނަމަވެސް އެފަދަ ސިޓީއެއް ނެތް ކަމަށާއި އެސިޓީއެއް ދައުލަތަށް ދެއްކިފައި ނެތް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކޯޓު ހުކުމުގެ ޢިބާރާތުން އެ ސިޓީއަކީ މާފަހުން މުޢައްވިޒު ފުލުހަށް ފޮނުއްވި ސިޓީއެއްކަން އެނގޭ ކަމުގައިވެސް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، އެ ފައިސާއަކީ ވޮޑަމުއްލާގެ ފައިސާއެއްކަމަށް ބުނާއިރު އެ ނަން ކިޔާ ރަށެއް އޮންނަކަން ވެސް އެމަނިކުފާނަށް އެނގިވަޑައިގަތީ ޝަރީއަތުގެ މަޖިލީހުގެ ތެރެއިންނެވެ. އެހެން ކަމުން އޭގެއިން ވެސް އެމަނިކުފާނާއި ވޮޑަމުއްލާއާއި އެއްވެސް ގުޅުމެއް ނެތްކަން ވަރަށް ސާފުކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. މިއީ އެއްވެސް އަސާސެއްގެ މައްޗަށް ކުރާ ތުހުމަތުތަކެއް ނޫން ކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ މައްސަލައިގެ ތަހުގީގުގައި އުޅުނު ފުލުހުންނަށް މި ރަށް ލިބިފައި އޮތީ ކޮން ބަޔަކަށް ކަން ވަރަށް ސާފުކޮށް އެނގޭނެ ކަމަށެވެ. އަދި ވޮޑަމުއްލާއާއި ގުޅުން އޮތީ ވެސް ކުރީގެ ނައިބް ރައީސް އަހުމަދު އަދީބާއި އޭނާގެ ގާތް ދެ އެކުވެރިންނާއި ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

 

ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫކޮށްލުމާމެދު ގޮތެއް ނިންމުން މާދަމާ! - MV Times
ރައީސް ޔަމީންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިޔަށް ގެންދިޔަ އިރު

ރައީސް ޔާމީންގެ ބޮޑު ބަހުސްއަކަށް އަދީބާއި، ޒިޔަތު!

ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީން ވިދާޅުވެފައިވަނީ ވޮޑަމުއްލާގެ ވާހަކައިގައި މާބޮޑު ހަރުދަނާ ހެއްކެއް ނެތް ކަމަށެވެ. އަދި މިއީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއްގެ ގޮތުގައި ބުނާއިރު ތުހުމަތު ބިނާ ވަނީ ޒިޔަތާއި، އަދީބުގެ ބުނުމެއްގެ މައްޗަށް ކަމަށެވެ. ނަމަވެސް އެއީ ފާސިގުން ކަމަށާއި، ފާސިގުން އެއީ އަދުލުވެރިގެ ގޮތުގައި ބެލެވޭނެ ގޮތެއް ނޯންނާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ހޯދަން ބޭނުންވީ ސިޔާސީ މަސައްކަތްތަކަށް ލިބިފައި ހުރި ފައިސާތައް ކަމަށެވެ. އަދި ސިޔާސީ މަސައްކަތެއްގެ ފައިސާތަކެއް ލިބޭނީ ވަކި އިންތިހާބަކާއި ދިމާކޮށް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ވޮޑަމުލާގެ މައުޟޫއަށް ތަފްސީލުކޮށް ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވެފައިވަނީ، ހޯދަން މަސައްކަތް ކުރީ ވޮޑަމުލާގެ ފައިސާކަން އެސްއޯފްގެ މެނޭޖިން ޑިރެކްޓަރު އައްލާމް ލަތީފް (މޮހޯ) ގެ ފުލުސް ބަޔާނުން ވެސް އެނެގެން ނެތް ކަމަށެވެ.

އެހެން ކަމުން ރަށުގެ ފައިސާ ހޯދަން މަސައްކަތް ކުރިކަން، އަދި ހޯދާފައިވާކަން ސާބިތުވާނެ ފޯނު ކޯލެއް ވެސް އަދި މެސެޖެއް ހާމިނުން ވެސް ހުށަހެޅިފައި ނެތް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އެއީ ލޯންޗު ގޮއްވާލި ދުވަސްވަރު، އަދީބުގެ އަތުން ގާނޫނާއި ހިލާފު ފައިސާއެއް ހޯދަން ޖެހޭ ސަބަބެއް ނެތް!

2015 ވަނަ އަހަރު ރިޔާސީ ލޯންޗުކޮޅު ގޮއްވާލި ހާދިސާއަށް ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ އާއިލާއާއި އެކު ދަތުރުކުރި ލޯންޗުގައި އެއްޗެއް ގޮއްވާލާ ފުރާނައަށް ގެއްލުންދިނުމަސް މަސައްކަތްތަކެއް ކުރީ އަދީބުކަމަށް ތުހުމަތު ކުރެވުނުއިރު ހައްސަކޮށް އެފަދަ ދުވަސްވަރެއްގައި އަދީބުގެ އަތުން ގާނޫނާއި ހިލާފު އަމަލެއް ހިންގާ ފައިސާ ހޯދަން ބުނަން ވީ ސަބަބެއް ނެތް ކަމަށެވެ. އަދި އެފަދަ ވާހަކައެއް އަދީބާއި ދެމެދު ނުހިނގަނެކަން އެއީ ބުއްދީގެ ހަމަތަކަށް ވެސް ގަބޫލު ކުރެވޭނެ ވަރުގެ ވާހަކައެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެސްއޯއެފްއިން ފައިސާ ޖަމާ ކުރިއިރު، އެއީ ވައްކަމެއްގެ ފައިސާކަން ރައީސް ޔާމީނަށް ވެސް އެނގޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.

ރައީސް ޔާމީންގެ ޝަރީއަތް: ޒިޔަތުގެ ހެކި ބަސް ގަބޫލު ނުކުރެވޭ ވާހަކައާއި އެކު އަނެއްކާވެސް “ފާސިގުން” ގެ ވާހަކަ!

ޝަރީއަތުގައި ރައީސް ޔާމީން ވިދާޅުވަމުން ގެންދެވީ އެއީ ހެޔޮ އެދޭ ފަރާތްތަކަކުން ލިބިވަޑައިގެންފައިވާ ފައިސާތަކެއް ކަމަށެވެ. އެއާއި އެކު ފަނޑިޔާރުންގެ ބެންޗުގައި ހުންނެވި، ފަނޑިޔާރު ނިޔާޒު ސުވާލު ކުރެއްވީ ރައީސެއްގެ މަގާމުގައި ބޭފުޅަކު ހުންނަވާއިރު ހެޔޮ އެދޭ ވަރަށް ގިނަ މީހުން ތިބޭނެ ކަމަށާއި، އެހެން ކަމުން އެ ހެޔޮ އެދޭ މީހުންގެ ތަފްސީލަކީ ކޮބައިތޯ ސުވާލު ކުރައްވާފައެވެ. އަދި އެ ނޫން ގޮތަކަށް އެއަށް ރިއާޔަތް ކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށް ވިދާޅުވިއެވެ.

ޖަވާބުގައި ރައީސް ޔާމީން ވިދާޅުވީ ސިޔާސީ ކަންކަމަށް ލިބިވަޑައިގަތް ފައިސާއާ ހަވާލުވީ އަދީބުގެ އިތުރުން އޭރުގެ ފިޝަރީޒް މިނިސްޓަރަކަށް ހުންނެވި މުހައްމަދު ޝައިނީ ކަމަށެވެ. އަދި އަދީބުގެ އަތުން ބޭނުންވި ފައިސާ އަކީ އެއީ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެއީ ގާނޫނީ ގޮތުން މަނާ ކަމެއް ވެސް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ފަހު ބަސް: ދިފާއުވާން ކުރެވެން ހުރި ކަމެއް ކުރާނަން!

ރައީސް ޔާމީނަށް ލިބިވަޑައިގެންނެވި ފަހު ފުރުސަތުގައި ވިދާޅުވީ، މިއީ އެއްވެސް އަސާސެއްގެ މައްޗަށް ކުރާ ތުހުމަތުތަކެއް ނޫން ކަމަށެވެ. އަދި މައްސަލައިން ދިފާއުވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ.

ދައުލަތުގެ ބަސް، ގޮތް ނޭނގޭ ބައެއްފެ ފައިސާގައި ހިފަން ވީ ކީއްވެ؟

ރައީސް ޔާމީން ދެއްކެވި ވާހަކަތަކަށް ދައުލަތުން ވަނީ ރައްދު ދީފައެވެ. އެގޮތުން މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ޕަބްލިކް ޕްރޮސިކުއުޓާ އަހްމަދު ނައުފަލް ވިދާޅުވީ، ކާކުކަން ނޭނގޭ ފަރާތަކުން ލިބޭ ފައިސާއެއްގައި ހިފަންވީ ސަބަބެއް ނެތް ކަމަށެވެ. އަދި އެކައުންޓަށް ޖަމާވީ ވޮޑަމުލާގެ ފައިސާކަން އެނގެނީ އެ ދުވަސް ވަރު އެ އަގުގައި އިތުރު ރަށެއް ވިއްކާފައި ނުވާތީ ކަމަށެވެ.

މީގެ އިތުރުން ވެރިކަމުގައި ހުންނަވައިގެން ވިޔަފާރި ނުކުރެވޭއިރު، އަދީބަކީ ވެސް އެއްވެސް ވިޔަފާރިއެއް ކުރެއްވި ބޭފުޅެއް ނޫންކަމަށް ދައުލަތުން ބުންޏެވެ. އެހެން ކަމުން އެފަދަ ފައިސާއެއް ހޯދީ ކިހިނަކުންތޯ ބަލަންޖެހޭނެކަމަށް ދައުލަތުން ވަނީ ބުނެފައެވެ. އަދި  އެ ފައިސާ ޖަމާވީ އެއްވެސް އިންތިހާބެއް އޮތް ދުވަސްވަރެއްގައި ނޫންކަމަށް ވާއިރު، އިންތިހާބެއް ނާންނަނީ ވެސް އެ ފައިސާ އިންވެސްޓް ކުރަންޖެހޭ ސަބަބެއް ނޯންނާނެ ކަމަށް ވެސް ދައުލަތުން ވަނީ ފާހަގަކޮށްފައެވެ.

އަޑުއެހުންތައް ނިމުމަކަށް، ދެން އަންނަ އަޑުއެހުމެއްގައި އޮންނާނީ ހުކުމް ކުރުން!

މިއަދުގެ އަޑުއެހުމުގައި ދެ ފަރާތުން ވެސް ވަނީ ވާހަކަ ދައްކަވާފައެވެ. އަޑުއެހުން ނިއްވާލައްވަމުން، ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވީ، އިތުރުކަމެއް ސާފުކުރަން ނެތް ނަމަ ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ހުކުމް އިއްވުން ކަމަށެވެ.

މަނީ ލޯންޑަރ ކުރުމުގެ މައްސަލައިގެ އަޑުއެހުންތައް ހައިކޯޓުގައި ނިމުމަކަށް އައި ނަމަވެސް، ކްރިމިނަލް ކޯޓުގައި ރައީސް ޔާމީނަށް ތުހުމަތުވާ އިތުރު މައްސަލަތަކެއް ވަނީ ފަށާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 69%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 8%ވަރަށް ދެރަ 31%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: