ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑުން ވައްކަން ކުރާ ވާހަކަ ދައްކާ މީހުން ކޮވިޑުގެ ނަމުގައި ހިންގަނީ ސިޔާސީ ހަރަކާތް!

އެންމެން އެއް އަޑަކުންގެ ނަމުގައި އިދިކޮޅުން ކުރިޔަށް ގެންދިޔަ މުޒާހަރާގެ ތެރެއިން/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރާއި އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަނުން އެންމެ އަޑުޖަރުކޮށް ދައްކަމުންދާ އެއް ވާހަކައަކީ ކޮރޯނާ ވައިރަހުން ރާއްޖޭގެ ރައްޔިތުން ރައްކާތެރި ކުރުމުގެ ނަމުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ވައްކަން ކުރާ ކަމަށް ބުނެ ދައްކާ ވާހަކަތަކެވެ.

އެގޮތުން ކޮރޯނާ ވައިރަހަށް ޕްޒިޓްވްވާ މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ސިއްހީ ސާމާނުތައް ގެނައުމުގައްޔާއި މެޑިކަލް ފެސެލިޓީޒް ގާއިމް ކުރުމުގެ ނަމުގައި ސަރުކާރުން ކޮރޮޕްޝަނަށްގެ ބޮޑެތި އަމަލުތައް ހިންގަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.

ކޮވިޑުގެ ނަމުގައި ސަރުކާރުން ކޮރޮޕްޝަންގެ އަމަލުތައް ހިމްގަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާ މައިގަނޑު އެއް ސަބަބަކީ ރާއްޖެއަށް ވެއްންޓިލޭޓަރުތަކާއި ސިއްހީ ބައެއް ސާމާނު ގަތުގައި ނުވަތަ ހޯދުމުގައި ގޮތް ނޭނގޭ އެތައް ކަމެއް ހިނގާފައިވާ ކަމަށް ހެލްތް މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން ހާމަވުމާއި ގުޅިގެންނެވެ.

އެގޮތުން މާލިއްޔަތު ގާނޫނާއި ހިލާފަށް އެޑްވާންސް ޕޭމަންޓް ގެރެންޓީއަކާނުލައި ހެލްތް މިނިސްޓްރީއިން ވެންޓިލޭޓަރުތަކަށް 30.9 މިލިއަން ރުފިޔާ ދުބާއީގެ އެގްޒެކިއުޓާ ޖެނަރަލް ޓްރޭޑަށް ދައްކާފައިވާކަމަށް އޮޑިޓުންވަނީ ހާމަވެފައެވެ.

އޮޑިޓް އޮފީހުން އާއްމުކޮށްފައިވާ ރިޕޯޓު ދައްކާގޮތުން، އެގްޒެކިއުޓާސް އާއި އެކު ހެލްތް މިނިސްޓްރީއިން ވެފައިވާ އެއްބަސްވުމުގެ ދަށުން ގެނަން ބުނި 75 ވެންޓިލޭޓަރެއްގެ ތެރެއިން 65 ވެންޓިލޭޓަރެއް އެއީ އައިސީޔޫ ވެންޓިލޭޓަރުތައް ކަމަށެވެ. އަދި އެ އައިސީޔޫ ވެންޓިލޭޓަރުތައް ފޯރުކޮށް ދިނުމަށް އެގްޒެކިއުޓާސް ކުންފުންޏާއި އެކު އެއްބަސްވެފައިވަނީ ވެންޓިލޭޓަރަކަށް -/150,501( ފަސްލައްކަ އެއް ހާސް އެއް ސަތޭކަ ފަންސާސް) ރުފިޔާ ކަމަށެވެ. ނަމަވެސް އެ އަގުތަކަކީ އައިސީޔޫ ވެންޓިލޭޓަރު ހޯދުމަށް ހެލްތް މިނިސްޓްރީއިން ދިވެހި ބައެއް ކުންފުނިތަކާއި އެކު އެއްބަސްވެފައިވާ އަގުތަކަށްވުރެ ބޮޑު އަގެއްކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

އޮޑިޓު ރިޕޯޓުގައި ބުނެފައިވަނީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ދަށުން މަސައްކަތްކޮށްދޭ ފަރާތަށް ނުވަތަ ޚިދުމަތް ފޯރުކޮށްދޭ ފަރާތަށް ނުވަތަ ތަކެތި ފޯރުކޮށްދޭ ފަރާތަށް އެޑްވާންސް ފައިސާ ދޭނަމަ، އެ ފަރާތަކުން އެ އެޑްވާންސް ޕޭމަންޓާ އެއްވަރުގެ ޕޭމަންޓް ގެރެންޓީއެއް ހޯދަންޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް ހެލްތް މިނިސްޓްރީއިން މާލިއްޔަތު ގާނޫނާއި ހިލާފުވެ ވެންޓިލޭޓަރުތައް ފޯރުކޮށްދިނުމަށް ދުބާއީގެ ކުންފުންޏާއި އެކު ހެދި އެއްބަސްވުމުގެ ދަށުން، ފިނޭންސްގެ ހުއްދައާއެކު، ދެ ފަހަރެއްގެ މަތިން މި ޕްރޮޖެކްޓްގެ އަގުގެ ޖުމްލަ 90 އިންސައްތަ ފައިސާ ދައްކާފައިވާކަމަށް ރިޕޯޓުގައި ވެއެވެ. އެއީ ދިވެހި ފައިސާގެ 30 މިލިއަން ރުފިޔާއެވެ. އެހެން ނަމަވެސް އެޑްވާންސް ޕޭމަންޓުގެ ގެރަންޓީއެއް ހެލްތްއިން ހޯދާފައި ނުވެއެވެ.

ދެން އޮތީ ޓޫރިޒަމް މިނިސްޓްރީގެ އޮޑިޓް ރިޕޯޓެވެ. ޓޫރިޒަމް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ކޮވިޑް:19 އާއި ގުޅިގެން މި އަހަރުގެ ޖެނުއަރީން ފެށިގެން ޖޫން މަހުގެ ނިޔަލަށް ޓޫރިޒަމް މިނިސްޓްރީގެ ޒިންމާގެ ތެރޭގައި ނުހިމެނޭ ކަންތައްތަކަކަށް 26 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

އޮޑިޓް ރިޕޯޓުގައިވާ ގޮތުން ޓޫރިޒަމް މިނިސްޓްރީގެ ޓްރަސްޓް ފަންޑުން ކުރި ހަރަދުގެ 99 ޕަސެންޓަކީ އެ މިނިސްޓްރީގެ ޒިންމާއިން ނުވަތަ މެންޑޭޓުގެ ބޭރުން ކޮށްފައިވާ ހަރަދުތަކެވެ. އެހެންވެ ސަރުކާރުގެ ވަކިވަކި އިދާރާތަކަށް މަތިކޮށްފައިވާ ބައެއް ކަންކަމަށް ޓޫރިޒަމް މިނިސްޓްރީން ހަރަދު ކުރުމަކީ މައްސަލައެއްގެ ގޮތުގައި އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ހަނިމާދޫ އަދި ގަން އިންޓަނޭޝަނަލް އެއާޕޯޓަށް އެތެރެވާ ފަރާތްތަކުގެ ހުން ހުރި މިންވަރު ދެނެގަނެވޭނެ ނިޒާމެއް ގާއިމުކުރުމަށް، 2.3 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ތާމަލް އިމޭޖިން ކެމެރާ ސިސްޓަމްތަކެއް ގަތުމަށް ޓޫރިޒަމް މިނިސްޓްރީގެ ހަރަދުކޮށްފައިވެއެވެ.

އޭގެ ތެރެއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތާމަލް އިމޭޖިން ކެމެރާ ހަރުކުރުމަށްޓަކައި 1.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވަނީ ބިޑް ކޮމިޓީގެ ލަފާ ހޯދުމެއްނެތި އަދި އެހެން އެއްވެސް ފަރާތަކުން އަގު ހޯދުމަކާއި ނުލައި، ސެކިއޯ ސޯސް އިންޓަނޭޝަނަލް އެލްއެލްސީ (އެސްއެސްއައި) އާއި ހަވާލުކޮށްގެންކަން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އަޅުގަނޑު މިފާހަގަ ކޮށްލީ ކޮވިޑުގެ ނަމުގައި ސަރުކާރުން ވައްކަން ކުރަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާ މައިގަނޑު ކަންތައްތަކުގެ ތަފްސީލެވެ. ނަމަވެސް ސުވާލަކީ ކޮވިޑުގެ ނަމުގައި ސަރުކާރުން ވައްކަން ކުރާ ކަމަށް ވާނަމަ ކޮވޮޑުގެ ނަމުގައި އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީން ކިރަނީ ކޮންކަމެއްތޯއެވެ.؟ ޖަވާބް ވަރަށް ސާފެވެ. ކޮވިޑުގެ ނަމުގައި އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީ ކުރާ ކަމަކީ ސިޔާސީ މަންފާ ހޯދުމެވެ.

އެގޮތުން ކޮވިޑާއި ގުޅިގެން ސަރުކާރުން އެކަށީގެންވާ ފިޔަވަޅުތައް އަޅަމުން ނުދާ ކަމަށް ބުނެ ގާނޫނުތަކާއި ގަވާއިދުތަކާއި ހިލާފަށް މަގު މައްޗަށް ނިކުމެ މުޒާހަރާ ކުރަނީ އެވެ. ބޮޑު ބަލިމަޑު ކަމެއްގެ ތެރޭގައި ގައުމު ވަނިކޮށް އެތައް ހާސް ރައްޔިތުން ނުރައްކަލެއްގެ ތެރެއަށް ވައްޓާލަނީއެވެ. ހަމަ އެންމެ މަގުސަދެއްގައެވެ. ސަރުކާރަށް ސިޔާސީ ގޮތުން ޕްރެޝަރު ކޮށްގެން ލީޑަރު ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުވުމުގެ ބޭނުމުގައެވެ. އެހެން ނޫންނަމަ ގައުމު މިފަދަ ނުރައްކާތެރި ފައްތަރެއްގައި ވަނިކޮށް ބޮޑެތި އެއްވުންތަކެއް ނުބާއްވާނެއެވެ. އެއްވުންތައް ބޭއްވުމަށް ގޮވެލި ފަތި ނުގޮވާނެއެވެ. ޕީޕީއެމް އަދި ޕީއެންސީގެ ބޭފުޅުންނަށް ހަޖަމް ނުވިޔަސް ހަގީގަތަކީ ހަމަ މިއީއެވެ.

ގާނޫނުއަސާސީއާއި ގާނޫނުތަކުން ލިބިދީފައިވާ ހަްގުތަކުގެ ބޭނުން ކުރަން ޖެހެނީ ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން އެހެން މީޙުންގެ ހައްގުތައް ވެސް ރަްކާތެރިކޮށްގެންނެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން  ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީ އުފެއްދުމާއި، ރަޖިސްޓަރީކުރުމާއި، ހިންގުމާއި، ޕާޓީގެ މެންބަރުކަމާއި، ޕާޓީގެ ނަމުގައި އިންތިހާބުތަކަށް ކުރިމަތިލުމާއި، މި ނޫން ވެސް ކަންކަމަކީ ސިޔާސީ ޕާޓީތަކަސް ލިބިގެންވާ ހައްގުތަކެވެ. މުޒާހަރާ ކުރުމާއި އެއްވުންތައް ބޭއްވުމާއި މި ނޫޏް ވެސް ސިޔާސީ ހަރަކާތްތައް ހިންގަން ޖެހޭނީ ގާނޫނީ އިމުގެ ތެރެއިންނެވެ. ގާނޫނީ އިމުން ބޭރުވާނަމަ ފިޔަވަޅު އަޅާނެއެވެ. އަދި ޖޫރިމަނާ ވެސް ކުރާނެއެވެ. ސިޔާސީ ޕާޓީ އުވާލަން ޖެހިއްޖެނަމަ އެކަން ވެސް ކުރާނެއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނެފައިވާ ގޮތުގައި  އަންނަނިވި ކަންކަން ސިޔާސީ ޕާޓީއަކުން ކޮށްގެން ނުވާނެއެވެ.

  1. އިސްލާމްދީނުގެ އަސްލަކާ ހިލާފު އަމަލެއް ހިންގުން.
  2. ގާނޫނުއަސާސީއާއި ގާނޫނާ ހިލާފު އަމަލެއް ހިންގުން.
  3. ޓެރަރިޒަމަށް ވާގިދޭ އަމަލެއް ހިންގުން.
  4. ހަރުކަށި އަމަލު ހިންގުމަށް ގޮވާލުމާއި އެކަމަށް ހިތްވަރު ދިނުން.
  5. ބިރުވެރިކަން އުފެއްދުން.
  6. ހަތިޔާރު ގެންގުޅުމާއި ގާނޫނާ ހިލާފަށް އެފަދަ ކަމެއް ކުރާ ޖަމާއަތަކާ ގުޅުން ހިންގުން.
  7. ވަކި ރަށަކަށް ނުވަތަ ވަކި އަތޮޅަކަށް ނުވަތަ ވަކި ސަރަހައްދަކަށް އެކަނި އަމާޒުކޮށްގެން ޕާޓީ ހިންގުން.
  8. ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމެއް ކުރިމަތިވެދާނެ ފަދަ ޖާސޫސީ ހަރަކާތް ހިންގުން.

ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އިންތިހާބެއްގައި ވާދަކުރުމަށް ކެމްޕޭންކުރުމަށްޓަކައި ބިދޭސީ ސަރުކާރަކުން ނުވަތަ ބިދޭސީ ޖަމާއަތަކުން ނުވަތަ ބިދޭސީ ފަރުދެއްގެ އަތުން ފައިސާ ހޯދުން..

އެހެން ކަމުން ސިޔާސީ ޕާޓީތަކުގެ ގާނޫނުނަށް ބަލާއިރު މިވަގުތު ޕީޕީއެމް އަދި ޕީއެންސީން ހިންގަމުން ގެންދާ ސިޔާސީ ހަރަކާތްތަކަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ހިލާފް ހަރަކާތްތަކެވެ. ހާއްސަކޮށް ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވަނިކޮށް އެއްވުންތައް ނުބޭއްވުމަށް ހެލްތް ޕްރޮތެކްޝަންސް އެޖެންސީއިން ވަނީ އަންގާފައެވެ. އަދި30 މީހުންނަށް ވުރެ ގިނައިން އެއްފަހަރާ އެއްތަނަކަށް އެއްނުވުމަށް އެޗްޕީއޭ އިން ވަނީ އަންގާފައެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނެފައިވާ ގޮތުގައި ސިޔާސީ ޕާޓީތަކުން ހަރަކާތްތައް ހިންގަން ޖެހޭނީ އެހެން ގާނޫނުތަކާއި ހިލާފް ނުވާނޭ ގޮތުގެ މަތިންނެވެ. ހާއްސަކޮށް ރާއްޖޭގެ ގިނަ ރައްޔިތުން ބޮޑު ނުރައްކަލެއްގެ ތެރެއަށް ހުށަހެޅިގެންދާ ގޮތަށް ސިޔާސީ ޕާޓީތަކުން ސިޔާސީ ހަރަކާތް ހިންގުމަކީ ކަނޑައެޅިގެން ގާނޫނުއަސާސީއާއި ހިލާފް ކަމެކެވެ. އެފަދަ ކަންކަމަށް ޖަގައެއް ނުދެވޭނެއެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: