ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިދޭސީން ކުރާ ވިޔަފާރީގެ ފަހަތުގައި ތިބެނީ ދިވެހިން!

ޖުމުހޫރީ މައިދާނުގައި މަޑުކޮށްލައިގެން ތިބި ބިދޭސީންތަކެއް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ އެކި ސަރަހައްދުތަކުގައި ބިދޭސީން ހިންގާ ކުދިކުދި މާރުކޭޓު އަންނަނީ ގިނަވަމުންނެވެ. ވަކިން ޚާއްސަކޮށް ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގައި ބިދޭސީންނަށް ނުތިބެވޭ ގޮތް މާލޭ ސިޓީ ކައުންސިލުން ހެދުމުން، ދެން އެ ގޮޅިތައް ފެތުރިގެންދިޔައީ މާލޭގެ ހަނިގޯޅިތަކަށާއި އެކި ދިމަދިމާލަށެވެ. ތަރުކާރީ އާއި މޭވާގެ ބާވަތްތައް ވިއްކަން ހާއްސަކޮށްގެން ހިންގާ ގޮޅިތަކަކީ، އެ ވިޔަފާރީގައި ބިދޭސީންގެ ނުފޫޒު އޮތް މިންވަރު ހާމަކޮށްދޭ ހެއްކެއް ކަމަށް ބައެއް މީހުން ދެކެއެވެ.

މާލޭގެ އެކި ސަރަހައްދުތަކުން ފެންނަ ގޮޅިތަކާއި ގުޅޭގޮތުން އެކި މީހުން ތަފާތު ގޮތް ގޮތަށް ވިސްނިޔަސް، ޙަޤީގަތަކީ އެކަން ބިދޭސީންވެސް ކުރަނީ ދިވެއްސަކާއި ގުޅިގެންނެވެ. ގޮޅިން ލިބޭ ފައިދާގެ ބައެއް، އެމީހުންނާއި ބައިވެރިވާ ދިވެހިންނަށްވެސް ދޭ ގޮތަށެވެ. އެނޫން ގޮތަކަށް އެކަން ނުކުރެވޭނެކަން ކޮންމެ މީހަކަށްވެސް ފަހުމްވާނެއެވެ. އެއީ އެ ގޮޅިއެއް ނުވަތަ މާރުކޭޓެއް ހިންގަނީ ދިވެއްސެއްގެ އަމިއްލަ ބިމުގައި ނުވަތަ ގޭގައި ނުވަތަ ގޯތީގައި ކަމަށްވާތީއެވެ.

އެންމެންވެސް އުފައްދާ ސުވާލަކީ އެގޮތަށް ޤާނޫނުތަކާއި ޤަވައިދާ އުސޫލުތަކާއި ޚިލާފަށް ކުރަމުން އަންނަ ވިޔަފާރިތައް ނުހުއްޓުވޭ ސަބަބާއިމެދުއެވެ. އެކަމަކު އެކަންކަން ހުއްޓުވަން ބޭނުންވެގެން، ހެދިފައިވާ ގާނޫނާއި ގަވާއިދުތައް ތަންފީޒުކުރަން ފަށާއިރަށް މައްސަލަ ހައްލުވާނެއެވެ. މައްސަލައަކީ ދިވެހިންގެ ބޮޑުން ދިވެހިންނަށް ހެޔޮ ނޭދޭތީއެވެ. އެމީހުން ދައްކާ ވާހަކައާއި އަމަލުކުރާ ގޮތް އުޑާއި ބިމާހާ ތަފާވުމުގެ ނަތީޖާއަކީ ހުރިހާ ގެއްލުމެއް އާންމު ދިވެހިންނަށްވުމެވެ.

ޤައުމެއް ހުރިހާދިމާލުން ކޮރަޕްޓްވެ ޤާނޫނާއި ޤަވާއިދު ތަންފީޒް ނުކުރެވުނީމަ ވާނެ ހުރިހާ ގޮތެއް މިވަނީއެވެ. އެފަދަ ކަންކަމުގައި އަވައްޓެރި ޤައުމުތަކަށް ފާޑުކިޔަން ލަދުގަންނަން ޖެހެނީ އެހެންވެއެވެ. އެޤައުމުތަކުގައި ބިދޭސީންނަށް މިގޮތަށް ޤަވާއިދާއި ޚިލާފަށް ވިޔަފާރިކޮށް ނޫޅެވޭނެއެވެ. ވަގަށް އެފަދަ ކަމެއް ކުރަނިކޮށް ހިފިއްޖެނަމަ އިންތިހާއަށް ބޮޑެތި އަދަބުތައް ލިބެއެވެ. އެކަން ކުރަން އެހީވެދޭ އެގައުމެއްގެ މީހެއްވެސް ހިމެނޭގޮތަށެވެ. މިޤައުމުގެ ތަންފީޒީއިދާރާތަކުން ދުވަނީ ، މިޤައުމުގެ ރައްޔިތުން ހުއްދަނަގައިގެން ކުރާ ވިޔަފާރީގެ ފަހަތުންނެވެ. ބިދޭސީން ޤަވައިދާ ޚިލާފަށް ކުރާ ވިޔާފާރިތަކުގެ މައްސަލައެއް ނެތެވެ.

ގަވާއިދާ ޚިލާފަށް ގޮޅި ގޮޅި އާއި މާރުކޭޓު ހަދައިގެން ވިޔަފާރި ކުރާ ބިދޭސީން އެކަންކުރާން ތިބޭ ފިހާރަތަކާއި ނުވަތަ އެ އިމާރާތެއްގެ، ގެއެއްގެ ދިވެހި މީހާ ހޯދާ ޖޫރިމަނާ ކުރަން ފަށައިފިނަމަ އެކަމަށް ޙައްލެއް އަތުވެދާނެ ހެއްޔެވެ.

ޙަޤީގަތުގައި ކަންކުރުވަން އަޑީގައި ހުންނަނީ ކަންނެތް، ދެ އަތް އުރާލައިގެން ހުރެ ފައިސާ ހޯދަން ބޭނުންވާ ދިވެއްސެކެވެ. އެންމެ ނުރުހުމާއި ނަފުރަތު އަމާޒުވާނީ ގުދާރު ބިންދައިގެން އަމިއްލަ ގައުމުގައި ތިބި އާއިލާއަށް އެއްޗެއް ފޮނުވޭތޯ މަސައްކަތްކުރާ ބިދޭސީ މީހާއެވެ. ދިވެހިން އަޑީގައި ތިބިގެން މިކަންކުރާ އިރު، ދެން އެކަމަށް ފިޔަވަޅެއް އެޅޭނެ ގޮތެއްވެސް ނޯންނަ ކަހަލައެވެ. ހަމައެގޮތަށް ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައެއް ވެސް ނުބެލެއެވެ. ކާކުކަން އަންގައިދޭ ލިޔުމެއް ނެތިއްޔާ ޖޫރިމަނާ ކޮށް ސްލިޕެއް ދެވޭކަށްވެސް ނޯވެއެވެ. ދެން ޖެހެނީ ހައްޔަރުކޮށްގެން ގެންގޮސް ގޮޅިއެއްގަ ބަހައްޓާށެވެ. އެތައް ހާސް ބަޔަކު އެހެން ބަހައްޓައިގެން ހަރަދު ކުރުންވެސް އެއީ ކުޅަދާނަ ކަމެއް ނޫނެވެ. އެހެންވީމަ ދެން މިޖެހޭނީ ގާނޫނު ނުހިނގާ ބައެއްގެ ގޮތުގައި ދޫކޮށްފައި ބައިތިއްބާށެވެ.

މަގުމަތީގައި ހަޅުތާލުކުރަން ދުވި ބަޔަކު ކައުންސިލްތަކަށް ހޮވާފައިވުމަކީ މިކަމަށް ޙައްލެއް ނައިސްގެން އުޅޭ ސަބަބެކެވެ. ކައުންސިލްތަކަށް އެކަށީގެންނުވާ ބާރު ތަކެއްދިނީ މިގޮތަށް ކަންތައް ބޮއްސުން ލެއްވުމުގެ ޕްލޭނެއްގެ ދަށުންހެންވެސް ހީވެއެވެ. ސިޓީ ކައުންސިލްތައް މިވަނީ ފެއިލްވެފައިއެވެ. ޒިންމާ ނަގަންޖެހެނީ ސިޓީތަކުގެ ރައްޔިތުންނާއި އެ ރައްޔިތުން މަގުފުރައްދަން އިތުރުފުޅު ހެއްދެވި ބޭފުޅުންނެވެ.

ވޯކް ވިސާ ގައި ހުންނަ ބިދޭސީ މީހަކައް ވިޔަފާރި އެއް ނުކުރެވޭނެކަން އެންމެނަށްވެސް އެނގެއެވެ. ބިދޭސީ މީހާ މަސަތްކަތް ކުރާ ގޮޅީގެ ވެރިފަރާތުގެ ނަމުގައި ނެތްނަމަ އޭނާ އެހެރީ ކުއްވެރި ވެފައެވެ. އެކަންކަން އެއީ ދައުލަތުން ހުއްޓުވަން މާކަ އުދަނގޫ ކަމެއްނޫނެވެ. ތަންކޮޅެއް ކުރިން ބިދޭސީންނަށް ތަންތަނުގެ ސޭޓުންނަށް ނުތިބެވޭނެކަމަށް ބުނެ އެކުލަވާލި ގަވާއިދެއްވެސް އިއުލާންކުރިއެވެ. އެކަމަކު އެ ގަވައިދު ރަނގަޅަށް ތަންފީޒް ނުކުރެވިގެން އުޅެނިކޮށް މިހާރުގެ އެކޮނޮމިކް މިނިސްޓަރުވެސް ވިދާޅުވީ ބިދޭސީންނަށް ސޭޓުންނަށް ނުތިބެވެންވީ ސަބަބެއް ނެތް ކަމަށެވެ.

މައްސަލައަކީ ބިދޭސީން ސޭޓުންގެ ގޮތުގައި ތިބުމެއް އަދި ނުތިބުމެއް ވެސް ނޫނެވެ. މައްސަލައަކީ ހެދިފައިވާ ޤާނޫނުތަކާއި ގަވައިދުތަކުގެ ބޭރުން އުޅުމުގެ ފުރުސަތު އެމީހުންނަށް ދެވުމެވެ. ބިދޭސީން ބޭނުންހާގޮތަކަށް އުޅޭ ގައުމެއް މިނޫނީނެތެވެ. ދިވެހިން ފިލާތިބެ އެމީހުންގެ ނަންދީގެން ބިދޭސީންގެ އަޅުންނަށް ވެގެން ތިބެވެނީ ދައުލަތުގެ އިދާރާތަށް ފޭލްވީމައެވެ. މަޖިލިސް, މީރާ, ފުލުސް, އިކޮނޮމިކް މިނިސްޓްރީ, ކައުންސިލް, އިމިގްރޭޝަން, ހެލްތް ޕްރޮޓެކްޝަން ފޭލްވީތާ ކިތަންމެ ދުވަހެކެވެ.

ގަވާއިދާ ޚިލާފަށް ރަށުތެރޭގަ މާރުކޭޓު ހެދެނީ އިމާރާތުގެ ވެރިފަރާތުން އެކަން ކުރަން ބިދޭސީންނަށް ތަން ދޫކުރާތީއެވެ. ނިކަން އިމާރާތުގެ ވެރިފަރާތާ ދޭތެރޭ ވެސް ފިޔަވަޅު އަޅަން ފަށާބަލާށެވެ. އަދި މިގޮތަށް ވިއްކަން ބަހައްޓާފަ ހުންނަ މުދާ ދައުލަތަށް ނަގަން ފަށާ ބަލާށެވެ. އޭއްޗެކޭ މީއްޗެކޭ ކިޔާފަ ވެސް މި އަމަލު ހުއްޓުވަން އަޅަން ޖެހޭ ފިޔަވަޅެއް ނާޅާ ހުސް ބަހަނާ ދެއްކުމަކުން ހައްލުވާނެ އެއްވެސް ކަމެއް ނޯންނާނެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: