ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުޒާހަރާ އިންތިޒާމް ކުރީ އިދިކޮޅުންނެއް ނޫން، ޕީޕީއެމް/ޕީއެންސީއިން ހަމައެކަނި ބައިވެރިވީ: ޝިޔާމް

މާލޭގައި ކުރިއަށް ގެންދިޔަ އެއްވުމުގެ ތެރެއިން/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީގައި މިއަދު ކުރިޔަށް ދިޔަ، ސައިކަލު ބުރު ނުވަތަ އިހުތިޖާޖަކީ އިދިކޮޅު ޕީޕީއެމް، ޕީއެންސީގެ ރޭވުމުގެ ދަށުން ކުރިޔަށް ގެންދިޔަ ހަރަކާތެއް ނޫން ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅު ޕާޓީތަކަށް ތާއީދުކުރާ ޒުވާނުންތަކެއް އިސްނަގައިގެން މިއަދު ސައިކަލު ބުރެއް ބޭއްވުމަށް މަސައްކަތް ކުރި ނަމަވެސް ފުލުހުން ވަނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެ އެއްވުން ރޫޅާލާ ބާރުގެ ބޭނުންކޮށްފައެވެ.

އެއްވުމެއް އިންތިޒާމު ކުރަން އުޅޭކަމަށް މީޑިއާތަކުން ރިޕޯޓު ކުރުމާއި އެކު ފުލުހުން ވެސް ވަނީ ކޮވިޑުގެ މި ބަލިމަޑުކަމުގެ ތެރެއިން އާއްމު ސިއްހަތާއި ބެހޭ ގަވައިދާއި ހިލާފަށް އެއްވުމެއް ބޭއްވުމަށް ފުރުސަތު ނުދޭނެ ކަމަށް ބުނެފައެވެ.

މުޒާހަރާއަށް ފުރުސަތު ނުދިނުމުން، މާލޭގެ އިތުރު ސަރަހައްދުތަކަށް ވެސް އެއްވާން މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް ފުލުހުން ވަނީ ޕެޕާ ސްޕްރޭ ޖަހާ، ބައެއް މީހުން ހައްޔަރުކޮށްފައެވެ.

އެއްވުމާއި ގުޅޭގޮތުން “ސަންގު” އިން ސުވާލު ކުރުމުން، ޕީޕީއެމްގެ ނައިބް ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ މި އެއްވުމާއި ބެހޭ ގޮތުން މީގެ ކުރިން އެއްވެސް މައުލޫމާތެއް ނޭނގޭ ކަމަށެވެ. އެހެން ނަމަވެސް ދެ ދުވަސް ކުރީން ފުލުހަށް ހާޒިރުކޮށް މި އެއްވުމާއި ގުޅޭގޮތުން ސުވާލު ކުރި ކަމަށާއި، މިއީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ މުޒާހަރާއެއް ނޫންކަން ފުލުހުންނަށް ވެސް ދަންނަވާފައިވާނެ ކަމަށެވެ.

ޝިޔާމް ވިދާޅުވީ ހޮނިހިރު ދުވަހުގެ އެއްވުމާއި ބެހޭ މައުލޫމާތު ފުލުހުން މެދުވެރިކޮށް ލިބުމުން، ރައްޔިތުން މިފަދަ އިވެންޓެއް އިންތިޒާމު ކުރާނަމަ އިދިކޮޅުގެ ސަޕޯޓުވެސް ލިބޭނެ ކަމަށް ބުނެފައިވާނެ ކަމަށެވެ. ސަބަބަކީ އެ މުޒާހަރާގެ ބޭނުމަކީ ސަރުކާރާއި ހަމަޔަށް ރައްޔިތުންގެ އަޑު ފޯރުވުން ކަމަށާއި، ރައްޔިތުން އެދޭ ކޮންމެކަމެއްގެ ފަހަތުގައި އިދިކޮޅު ވެސް އޮންނާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

“އެހެންވީމަ މި އިވެންޓު ހިންގާ ރޭވުމުގައި ޕީޕީއެމް، ޕީއެންސީގެ އެއްވެސް ދައުރެއް ނޯންނާނެ.” ޝިޔާމް

ޝިޔާމް ވިދާޅުވީ ރައްޔިތުން މިއަދު ތިބީ ދަތި ހާލެއްގައި ކަމަށެވެ. އަދި އެކި ޕްލެޓްފޯމުތަކުން ފެންނަމުން ދަނީ ރައްޔިތުންގެ ހުރި ނުތަނަވަސްކަން ކަމަށް ޝިޔާމް ވިދާޅުވިއެވެ. މުޅި ގައުމުވެސް އޮތީ އަޅުވެތިކަމެއްގެ ތެރެއަށް ހުށަހެޅިފައި ކަމަށާއި ރައްޔިތުންގެ ނުތަނަވަސްކަމުގެ އަޑު ސަރުކާރާއި ހަމައަށް ގެނެސްދިނުމަށް އިދިކޮޅުން ވެސް މަސައްކަތް ކުރާނެކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.

ވެރިކަމުގެ ދުވަސްތަކުގެ ވާހަކަތައް ފާހަގަކުރައްވަމުން ޝިޔާމް ވިދާޅުވީ، އޭރު ވެސް ކުރަމުން އައީ ގައުމީ މަސައްކަތްތަކެއް ކަމަށެވެ. އަދި މިހާރު ވެސް އިދިކޮޅުން ކުރަނީ ގައުމީ މަސައްކަތްތަކެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ. އެހެން ކަމުން މިއަދު ކުރަމުން މިދާ މަސައްކަތްތަކަކީ ގައުމު އަނބުރާ ހޯދުމަށް ކުރަމުންދާ މަސައްކަތްތަކެއްގެ ގޮތުގައި ޝިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން ޝިޔާމް ވިދާޅުވީ މިއީ އެއްގޮތަކަށް ވެސް ވެރިކަމުގެ ދަހިވެތިކަމުގެ ތެރެއިން ކުރަމުންދާ މަސައްކަތްތަކެއް ނޫން ކަމަށެވެ. ރާއްޖޭގެ ހުރިހާ ދިމާލެއްގައި ވެސް ރައްޔިތުންގެ އިހުތިޖާޖުތަކެއް ދާއިރު، އެ ރައްޔިތުން އެ ގޮވާލާ ގޮވާލުންތަށް އަޑުއަހާނެ ޕާޓީއަކީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން ކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.

“އަޅުގަނޑުމެންނަށް ދަތުރުކޮށްގެން އެހެން ރަށްތަކަށް ދެވޭނަމަ، އެ ރަށްތަކަށް ވެސް ދާނަން އެ ހަރަކާތްތަކުގައި ބައިވެރިވާން. އެހެން ނަމަވެސް ވަކި ހުދޫދެއްގެ ތެރޭގައި އަޅުގަނޑުމެންނަށް މަސައްކަތް ކުރަންޖެހިފައި މިއޮތީ….. އަދި ކޮވިޑު ކޮންޓެއިން ކުރަން ވެސް ހަރުދަނާ މަސައްކަތްތަކެއް ކުރާ ތަނެއް އަޅުގަނޑުމެންނަކަށް ނުފެނޭ” ޝިޔާމް

މީގެ އިތުރުން ޝިޔާމް ވިދާޅުވީ، ސަރުކާރު ފެއިލް ވަމުންދާއިރު، އެކަމާއި ދެކޮޅަށް ނިކުންނަ ރައްޔިތުންތައް ހައްޔަރުކޮށް އަނިޔާ ކުރުން އެއީ މި ސަރުކާރުގެ ނާގާބިލުކަން ކަމަށެވެ. އަދި އޭގެއިން ވެސް ދޭހަވަނީ ސަރުކާރުން ކަންތަކާއި މެދު ޖެހިލުންވާ މަންޒަރު ކަމަށާއި، ޒުވާނުންތަކެއް އިސްނަގައިގެން ގެންދިޔަ ހަރަކާތްތަކަށް މިހެން ހުރަސް އެޅުން އެއީ ގަބޫލު ކުރެވޭނެ ކަމައް ނޫން ކަމަށެވެ.

އެ ޒުވާނުން މަގުތަކަށް ނިކުންނަން ޖެހުނީ ވެސް އިތުރު އެއްވެސް ގޮތެއް ނެތިގެން ކަމަސް ވެސް ޝިޔާމް ފާހަގަ ކުރެއްވިއެވެ. އެއްވުމުގެ ތެރެއިން 41 މީހަކު ހައްޔަރުކޮށްފައިވާއިރު ޝިޔާމް ވަނީ އިދިކޮޅުން ހައްޔަރުކުރި މީހުންނަށް ގާނޫނީ އެހީ ދޭނެ ކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: