ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަގު ބޮޑުކޮށް ތަކެތި ގަތް މައްސަލާގައި ފައިސާ ހޯދައިފިން: އެންޑީއެމްއޭ

ހިސާން ހަސަން-- ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑާއި ގުޅިގެން ގާއިމުކުރި ކަރަންޓީނު ފެސިލިޓީތަކާއި ހާލުގައި ޖެހުނު މީހުންނަށް އަގުބޮޑުކޮށް ކާބޯތަކެތި ފޯރުކޮށްދިން މައްސަލަ ސަމާލު ކަމަށް އައިސް ފައިސާ ހޯދާފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޮރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

ކޮވިޑާއި ގުޅިގެން އެންޑީއެމްއޭ އިން ކުރި ހަރަދުތަކާ ގުޅޭ އޮޑިޓު ރިޕޯޓު އިއްޔެ ނެރުނުއިރު އެ ރިޕޯޓުގައިވާ ގޮތުން ކަރަންޓީނު ފެސިލިޓީތަކަށް ފޯރުކޮށްދިނުމަށް އެންޑީއެމްއޭ އިން ކާބޯތަކެތި ގަނެފައިވަނީ ސަރުކާރުން ކަނޑައަޅާފައިވާ ކޮންޓްރޯލްޑް އަގުތަކަށް ވުރެ ބޮޑު އަގުގައެވެ.

އެގޮތުން އެންޑީއެމްއޭ އިން ހަނޑޫ، ހަކުރު، ފުށް، ފިޔާ އަދި މުގު ގަނެފައިވަނީ، އަސްލު ޖެހޭ ޖުމްލަ އަގަށްވުރެ 23،457 ރުފިޔާ އަގުބޮޑުކޮށް ކަމަށް އޮޑިޓުގައި ބުނެފައިވެއެވެ.

އޮޑިޓު ރިޕޯޓުގައިވާ ކަންކަން ސާފުކޮށްދިނުމަށް މިއަދު އެންޑީއެމްއޭ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ އޮޑިޓު ރިޕޯޓުގައި އަގު ކޮންޓްރޯލްކޮށްގެން ވިއްކާ ތަކެތީގެ ތެރެއިން ބޮޑު އަގުގައި ތަކެތި ގަނެ ފެސިލިޓީތަކަށް ފޯރުކޮށްދިން ކަމަށް ބުނެ 23،000 ރުފިޔާގެ މައްސަލައެއް ފާހަގަކޮށްފައިވާ ކަމަށެވެ.

އެކަމާއި ގުޅިގެން ހިސާން ވިދާޅުވީ އޮޑިޓް ރިޕޯޓުގައި އެކަން ނުބައިކޮށް ފާހަގަކުރާތީ ހައިރާންވާ ކަމަށެވެ. އެ މައްސަލަ އޮޑިޓް ރިޕޯޓުގައި ފާހަގަކުރުމުގެ ކުރިން އެންޑީއެމްއޭއަށް ފާހަގަކުރެވި އެ މައްސަލަ އިސްލާހުކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. ތަކެތި އަގުބޮޑުކޮށް 28000 ރުފިޔާގެ ސާމާނު ގަނެވިފައިވާކަމަށާއި އެ ފައިސާ ހޯދާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

“އެހެންވީމަ މިއީ އޮޑިޓު ރިޕޯޓުގައި އޮންނަން ޖެހޭ ވާހަކައެއް ވެސް ނޫން. އޮޑިޓު ރިޕޯޓުގައި މިކަން ފާހަގަކޮށްފައި މިވަނީ މިކަން ބަލަންވާ ވަރަށް ރަނގަޅަށް ނުބެލި ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅޭ ގޮތަށްކަން ހިތާމަޔާއެކު ފާހަގަކޮށްލަން” ހިސާން ވިދާޅުވިއެވެ.

އަދި މި ފައިސާ ހޯދުމަށްފަހު ފެސިލިޓީތަކަށް ކާބޯތަކެތި ފޯރުކޮށްދެމުން ދިޔައީ މިފަދަ ކަމެއް ދެވަނަ ފަހަރަށް ތަކުރާރު ނުވާނެ ގޮތަށް އެއަށް ވުރެ ހަރުދަނާ ނިޒާމެއްގެ ތެރެއިން ކަމަށްވެސް ހިސާން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: