ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަޒީފާއާއި ބެހޭ ގާނޫނު: އައު ބަދަލާއިއެކު ވަޒީފާ ދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތަށް ލިބެނީ ކޮން ހައްގުތަކެއް؟

މުސާރައިގެ މައްސަލައިގައި ކުރި މުޒާހަރާއެއްގެ ތެރެއިން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި، ވަޒީފާއާބެހޭ އަސާސީ އުސޫލުތައް ކަނޑައަޅައި، ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ހައްގުތަކާއި ޒިންމާތައް ކަނޑައަޅައި އެ ހައްގުތައް ހިމާޔަތްކޮށްދިނުމަށް، ލޭބަރ ރިލޭށަންސް އޮތޯރިޓީއަކާއި ވަޒީފާއާބެހޭ ޓްރައިބިއުނަލެއް ގާއިމުކޮށް އަދި މިނޫންވެސް ވަޒީފާއާބެހޭގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުމާބެހޭ ގާނޫނެއް ރާއްޖެއަށް ވުޖޫދުވީ 2008 ވަނަ އަހަރުއެވެ.

މި ދެންނެވި ގޮތުގެ މަތިން ރާއްޖޭގައި ވަޒީފާއާއި ބެހޭ ގާނޫނަށް އަމަލު ކުރަމުންދާތާ 13 އަހަރު ވެފައިވާއިރު ވަޒީފާއާއި ބެހޭ ގާނޫނަށް އެކި ފަހަރު މަތިން އިސްލާހުތައް ވަނީ ގެނެވިފައެވެ. އެގޮތުން މިހާތަނަށް ވަޒީފާއާއި ބެހޭ ގާނޫނަށް ހަ އިސްލާހެއް ވަނީ ގެނެވިފައެވެ. އެގޮތުން މިހާތަނަށް ވަޒީފާއާއި ބެހޭ ގާނޫނަސް ގެނެވުނު އިސްލާހުތަކުގެ ތެރެއިން ރައްޔިތުންގެ މެދުގައި އެންމެ ބޮޑަށް ބަހުސް ކުރެވުނު އަދި ބޮޑެތި ފާޑުކިޔުންތަކެއް އަމާޒް ވެގެން ދިޔަ އިސްލާހުތަކަކީ މިއަހަރު ވަޒީފާއާއި ބެހޭ ގާނޫނަށް ގެނައި އިސްލާހުތަކަށެވެ.

ސަބަބަކީ ވަޒީފާއާއި ބެހޭ ގާނޫނަށް އަލަށް ގެނައި އިސްލާހުތަކުގެ ދަށުން އެންމެ ކުޑަ އުޖޫރަ ކަނޑައެޅިގެން ދިއުމާއި، އަދި ޗުއްޓީއާއި ސަލާމް ބުމުގެ އުސޫލަށް ބޮދެތި ބަދަލުތައް ގެނައުމެވެ. އެހެން ކަމުން އަޅުގަނޑުގެ ޚިޔާލުގައި ވަޒީފާ ދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތަށް ވަޒީފާއި ބެހޭ ގާނޫނަށް އަލަށް ގެނެސްފައިވާ އިސްލާހުތައް އެނގިފައި އޮތުމަކީ ދެ ފަރާތުގެ ހައްގުތައް ފުރިހަމަ އަށް ރައްކާތެރި ކުރެވިގެންދާނެ ކަމެކެވެ. އެހެން ކަމުން ވަޒީފާއި ބެހޭ ގާނޫނަސް ގެނެސްފައިވާ އިސްލާހުތަކުގެ ތެރެއިން މުހިންމު ބައެއް ކަންކަމަށް އަލިއަޅުވާލާނަމެވެ.

ވަޒީފާއާއި ބެހޭ ގާނޫނަށް އަލަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައިވާ ގޮތުގައި  ވަޒީފާގެ އެއްބަސްވުން، ވަޒީފާދޭ ފަރާތުން މުވައްޒަފާއެކު އެކުލަވާލައި ދެފަރާތުން ސޮއިކޮށް، އެއްބަސްވުމުގެ ކޮޕީއެއް މުވައްޒަފާ ޙަވާލުކުރަންވާނެއެވެ. އަދި ޤާނޫނަށް ޢަމަލުކުރަން ފަށާއިރު، އެއްބަސްވުމުގެ ކޮޕީ ޙަވާލުނުކޮށްހުރި ފަރާތްތަކުން، ޤާނޫނަށް ޢަމަލުކުރަން ފަށާތާ، 3 މަސްދުވަހުގެ ތެރޭގައި ޙަވާލުކޮށް ނިންމަންވާނެއެވެ. ހަމައެހެންމެ ވަޒީފާގެ އެއްބަސްވުން ހަދާފައި ނުވާނަމަ، ނުވަތަ މުވައްޒަފާ އެއްބަސްވުން ޙަވާލުކޮށްފައި ނުވާނަމަ ވިޔަފާރީގެ ކުޑަބޮޑުމިނަށް ބަލައި، 2000ރ އާއި 30،000ރ އާއި  ދެމެދުގެ ޢަދަދަކުން، ވަޒީފާދޭ ފަރާތް ޖޫރިމަނާކުރެވޭނެއެވެ.

ވަޒީފާއާއި ބެހޭ ގާނޫނަށް އަލަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައިވާ ގޮތުގައި ވަޒީފާދޭ ފަރާތުން ހިންގާ ވިޔަފާރިއެއް ނުވަތަ ދެމުންގެންދާ ޚިދުމަތެއް ހުއްޓާލަންޖެހުމާ ގުޅިގެން، ނުވަތަ ވަޒީފާދޭ ފަރާތުގެ ހިންގުމަށް ގެންނަ ބަދަލަކާ ގުޅިގެން ނުވަތަ ވަޒީފާދޭ ފަރާތުގެ މާލީ ޙާލަތު ދަށްވުމާ ގުޅިގެން މަޤާމެއް އުނިކުރަންޖެހުމުގެ ސަބަބުން، ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަކީ، ވަޒީފާއިން ވަކިކުރެވިދާނެ އެކަށީގެންވާ ސަބަބެއް ކަމުގައި ބެލެވޭނެއެވެ. ނަމަވެސް، އެ ސަބަބު ބަޔާންކޮށް، އެފަދައިން ޢަމަލުކޮށްފައިވަނީ ހެޔޮ ނިޔަތުގައި، އަދި ވަކި މުވައްޒަފެއް ނުވަތަ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރުމުގެ ނިޔަތުގައި ނޫންކަން ސާބިތުކޮށްދިނުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެއް ކަމަށް ގާނޫނުގައި ވަނީ ބުނެފައެވެ.

މީގެއިތުރުން ވަޒީފާދޭ ފަރާތުން ހިންގާ ވިޔަފާރިއެއް ނުވަތަ ދެމުންގެންދާ ޚިދުމަތެއް ހުއްޓާލަން ޖެހުމާ ގުޅިގެން، ނުވަތަ ވަޒީފާދޭ ފަރާތުގެ ހިންގުމަށް ގެންނަ ބަދަލަކާ ގުޅިގެން ނުވަތަ ވަޒީފާދޭ ފަރާތުގެ މާލީ ޙާލަތު ދަށްވުމާ ގުޅިގެން މަޤާމެއް އުނި ކުރަންޖެހުމުގެ ސަބަބުން، ވަޒީފާއިން ވަކިކުރާ މުވައްޒަފުންނާއި މެދު އަމަލު ކުރަން ޖެހޭނެ ގޮތް ވެސް ގާނޫނުގައި ވަނީ ކަނޑައަޅާފައެވެ.

އެގޮތުން މުވައްޒަފު ވަޒީފާއިން ވަކިކުރާއިރު، އެ މުވައްޒަފަކު ވަޒީފާގައި ޚިދުމަތްކޮށްފައިވާ މުއްދަތަށް 1 އަހަރު ފުރިފައިނުވާނަމަ، 1 މަސްދުވަހުގެ ނޯޓިސް ނުވަތަ ނޯޓިސްގެ މުއްދަތަށްވާ ފައިސާ ދޭންވާނެއެވެ. ވަޒީފާގައި ޚިދުމަތްކޮށްފައިވާ މުއްދަތު 1 އަހަރާއި 4 އަހަރާ ދެމެދުގެ މުއްދަތެއްނަމަ، ވަޒީފާއިން ވަކިކުރުމަށް، މަދުވެގެން 2 މަސްދުވަހުގެ ނޯޓިސް ނުވަތަ އެ ނޯޓިސްގެ މުއްދަތަށްވާ ފައިސާ ދޭންވާނެއެވެ. އަދި ވަޒީފާގައި ޚިދުމަތްކޮށްފައިވާ މުއްދަތު 4 އަހަރުދުވަހަށްވުރެ އިތުރުވާނަމަ، ވަޒީފާއިން ވަކިކުރުމަށް، މަދުވެގެން 3 މަސްދުވަހުގެ ނޯޓިސް ނުވަތަ އެ ނޯޓިސްގެ މުއްދަތަށްވާ ފައިސާ ދޭންވާނެ ގާނޫނުގައި ވަނީ ކަނޑައަޅާފައެވެ.

ގާނޫނުގައި ބުނެފައިވާ ގޮތުގައި ވަޒީފާދޭ ފަރާތުން ޤާނޫނާ ނުވަތަ ވަޒީފާގެ އެއްބަސްވުމާ ކަނޑައެޅިގެން ޚިލާފަށް ޢަމަލުކުރާނަމަ، ވަޒީފާއަދާކުރާ ފަރާތުން ވަޒީފާދޭ ފަރާތަށް އެކަން ހުށަހެޅުމުގެ ޙައްޤު ލިބިގެންވެއެވެ. މިގޮތުން ދޭ ނޯޓިސްގައި އެފަދަ ކަންކަން ރަނގަޅުކުރުމަށް ދީފައިވާ މުއްދަތުގައި އެދިފައިވާ ކަންކަން ވަޒީފާގެ އެއްބަސްވުމާ އެއްގޮތަށް ރަނގަޅުނުކޮށްފިނަމަ، ވަޒީފާގެ އެއްބަސްވުމުގައި ވަޒީފާއިން ވަކިވުމަށް ދޭންޖެހޭ ނޯޓިސް ދިނުމަށްފަހު، ވަކިވުމުގެ ޙައްޤު ވަޒީފާއަދާކުރާ ފަރާތަށް ލިބިގެންވެއެވެ.

މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާ ގުޅިގެން، އެ މުވައްޒަފަކު ހުށަހަޅާ ޝަކުވާއެއް ނުވަތަ ދަޢުވާއެއްގައި، އޭނާ ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން ސާބިތުކޮށްދިނުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެއް ކަމަށް ގާނޫނުގައި ވަނީ ކަނޑައަޅާފައެވެ. އަދި އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރި ސަބަބަކީ، އެކަށީގެންވާ ސަބަބެއް ކަމުގައި ވަޒީފާދޭ ފަރާތަށް ސާބިތުކޮށް ނުދެވިއްޖެނަމަ، އޭނާ ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބެއްނެތި ކަމުގައި ބެލެވޭނެ ކަމަށް ގާނޫނުގައި ވަނީ ބުނެފައެވެ.

މަސައްކަތު ގަޑި ނިމުމުން މަސައްކަތް ކުރާ ތަން ދޫކޮށް ދިއުމުގެ ޙައްޤު. 

ވަޒީފާއާއި ބެހޭ ގާނޫނަސް އަލަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައިވާ ގޮތުގައި  މުވައްޒަފަކު އޭނާ މަސައްކަތްކުރުމަށް ކަނޑައަޅާފައިވާ ގަޑި ނިމުމުން، އޭނާ މަސައްކަތްކުރާ ސައިޓުގައި ނުވަތަ ރަށުގައި ނުވަތަ އުޅަނދެއްފަދަ ތަނެއްގައި ހުރުމަށް ވަޒީފާދޭ ފަރާތުން އޭނާއަށް މަޖުބޫރުކޮށްގެން ނުވާނެއެވެ. އަދި، މުވައްޒަފަކު އޭނާ މަސައްކަތްކުރުމަށް ކަނޑައަޅާފައިވާ ގަޑި ނިމުމުން، އޭނާ ވަޒީފާއަދާކުރާ ތަން ދޫކޮށް ދިއުމާއި ވަޒީފާއަށް ނުކުންނަންޖެހޭ ގަޑިއަށް އެތަނަށް އަނބުރާ އައުމަށް ވަޒީފާދޭ ފަރާތުން ނުވަތަ ތަނުގެ ވެރިފަރާތުން ހުރަސްއަޅައިގެންނުވާނެ ކަމަށް ގާނޫނުގައި ވަނީ ބުނެފައެވެ.

މީގެއިތުރުން މަސައްކަތު ގަޑި ނިމުމުން، މުވައްޒަފަކު އޭނާ ވަޒީފާއަދާކުރާ ތަން ދޫކޮށް ދިއުމަށް އަދި ވަޒީފާއަށް ނުކުންނަންޖެހޭ ގަޑިއަށް އެތަނަށް އަނބުރާ އައުމަށް ފުރާދުއްވާ އުޅަނދެއް ބޭނުންކުރަންޖެހޭނަމަ، އެ އުޅަނދަކަށް އެތަނަކަށް ކައިރިކުރުމުގެ ހުއްދަ ވަޒީފާދޭ ފަރާތުން ނުވަތަ ތަނުގެ ވެރިފަރާތުން ދޭންވާނެ ކަމަށް ވެސް ގާނޫނުގައި ވަނީ ބުނެފައެވެ.

ސަލާމުގެ ޗުއްޓީ. 

ވަޒީފާއާއި ބެހޭ ގާނޫނަށް އަލަށް ގެނެސްފައިވާ އިސްލާހުތަކުގެ ތެރެއިން ސަލާމާއި ޗުއްޓީއާއި ބެހޭ ގޮތުން މިހާރު ގާނޫނުގައި ބުނެފައި ވަނީ  މުވައްޒަފަކު ޚިދުމަތްކުރާ ކޮންމެ އަހަރަކު، މުސާރަ ލިބޭގޮތަށް ކޮންމެ މުވައްޒަފަކަށްވެސް މަދުވެގެން 30 ދުވަހުގެ ޗުއްޓީއެއް، ސަލާމުގެ ޗުއްޓީގެ ގޮތުގައި ދޭންވާނެއެވެ.

މީގެއިތުރުން ބަލީގެ ބާވަތާއި އެ ބަލީގެ ސަބަބުން މުވައްޒަފަކަށް މަސައްކަތަށް ނުނިކުމެވޭނެ މުއްދަތު ބަޔާންކޮށް، ރަޖިސްޓަރީކޮށްފައިވާ ޞިއްޙީ މަސައްކަތްތެރިޔަކު ދޫކުރާ މެޑިކަލް ސެޓްފިކެޓެއް ވަޒީފާއަށް ނުކުންނަ ދުވަހު ހުށަހެޅުމުން މެނުވީ، އެ މުވައްޒަފަކަށް ސަލާމުގެ ޗުއްޓީ ދިނުން، ވަޒީފާދޭ ފަރާތުގެ މައްޗަށް ލާޒިމުވެގެން ނުވާ ކަމަށް ގާނޫނުގައި ވަނީ ކަނޑައަޅާފައެވެ.ނަމަވެސް، ސަލާމުގެ ޗުއްޓީގެ ގޮތުގައި ބަޔާންކުރާ 30 ތިރީސް ދުވަހުގެ ތެރެއިން 15 ދުވަސް، ވިދިވިދިގެން 2 ދުވަހަށްވުރެ ދިގު ނުވާނެ ގޮތެއްގެ މަތިން، މެޑިކަލް ސެޓްފިކެޓަކާ ނުލައި، ސަލާމުގެ ޗުއްޓީގެ ގޮތުގައި ބޭނުންކުރުމުގެ އިޚްތިޔާރު، ވަޒީފާއަދާކުރާ ފަރާތަށް ލިބިގެންވެއެވެ.

ސަރވިސްޗާޖް. 

ގާނޫނުގައި ބުނެފައިވާ ގޮތުގައި ފަތުރުވެރިކަމުގެ ޞިނާޢަތުގައި ހިންގާ ވިޔަފާރިތަކުން ފޯރުކޮށްދޭ ކޮންމެ ޚިދުމަތަކުން، %10 ( ދިހައެއް އިންސައްތަ) އަށްވުރެ މަދުނޫން ޢަދަދަކުން ސަރވިސްޗާޖް ނަގަންވާނެއެވެ. އަދި، ފަތުރުވެރިކަމުގެ ޞިނާޢަތުގައި ހިންގާ ވިޔަފާރިތައް ފިޔަވައި، އެހެން ވިޔަފާރިތަކަށްވެސް އެ ވިޔަފާރިތަކުން ފޯރުކޮށްދޭ ކޮންމެ ޚިދުމަތަކުން ސަރވިސްޗާޖް ނެގުމުގެ އިޚްތިޔާރު އެފަރާތްތަކަށް ލިބިގެންވެއެވެ. އަދި  ސަރވިސްޗާޖުގެ ގޮތުގައި ނަގާ ފައިސާ، ވަޒީފާދޭ ފަރާތުގެ ހުރިހާ މުވައްޒަފުންގެ މެދުގައި ހަމަހަމަކަމާއެކު ބަހަންވާނެ ކަމަށް ގާނޫނުގައި ވަނީ ކަނޑައަޅާފައެވެ.

ވަޒީފާއާއި ބެހޭ ގާނޫނުގައި މިހާރު ބުނެފައިވާ ގޮތުގައި ސަރވިސްޗާޖުގެ ގޮތުގައި ވަޒީފާދޭ ފަރާތަށް ކޮންމެ މަހަކު ލިބުނު ފައިސާގެ ޖުމުލަ ޢަދަދުގެ ތެރެއިން، އިދާރީ ފީގެ ގޮތުގައި %1( އެކެއް އިންސައްތަ) ނެގިދާނެއެވެ. އަދި އެއްވެސް ޙާލެއްގައި އެއަށްވުރެ އިތުރު ޢަދަދެއް ވަޒީފާދޭ ފަރާތުން ނަގައިގެންނުވާނެއެވެ.

މީގެއިތުރުން ޚިދުމަތެއް ފޯރުކޮށްދިނުމުގައި ވަޒީފާދޭ ފަރާތަށް ސަރވިސްޗާޖުގެ ގޮތުގައި ކޮންމެ މަހަކަށް ލިބުނު ޖުމުލަ އާމްދަނީ އާއި، އެމަހަކު ސަރވިސްޗާޖް ލިބުނު މުވައްޒަފުންގެ ޢަދަދާއި، ސަރވިސްޗާޖުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް ޙައްޤުވާ މިންވަރާއި، ސަރވިސްޗާޖުގެ ގޮތުގައި ދިން ފައިސާގެ ޢަދަދުގެ މަޢުލޫމާތު، ވަޒީފާދޭ ފަރާތުން ގަވާއިދުން ބަލަހައްޓަންވާނެއެވެ. އަދި ކޮންމެ އަހަރަކު 2 ފަހަރު، ލޭބަރ ރިލޭޝަންސް އޮތޯރިޓީން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ތާރީޚެއްގެ ކުރިން އެ މަޢުލޫމާތު އެ އޮތޯރިޓީއަށާއި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ފޮނުވަންވާނެ ކަމަށް ގާނޫނުގައި ވަނީ ކަނޑައަޅާފައެވެ.

އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރަ ކަނޑައެޅުން. 

ވަޒީފާއާއި ބެހޭ ގާނޫނުގައި ބުނެފައިވާ ގޮތުގައި ދިވެހިރާއްޖޭގައި މަސައްކަތްކުރާ މީހުންނަށް މުސާރައިގެގޮތުން އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރަ، ޤާނޫނުގައިވާ ގޮތުގެމަތިން މިނިސްޓަރު ކަނޑައަޅަންވާނެއެވެ. އެގޮތުން އެކިއެކި ވިޔަފާރިކުރާ ތަންތަނުގައާއި، އެނޫންވެސް މަސައްކަތްތައްކުރާ ތަންތަނުގައި މުވައްޒަފުން މަސައްކަތް ކުރަމުންދާގޮތް ބަލައި ދެނެގަތުމަށާއި، އެތަންތަނުގައި މަސައްކަތްކުރާ މީހުންނަށް މުސާރައިގެގޮތުން އެންމެ ކުޑަމިނުން ދެވޭނެ އުޖޫރައާ ގުޅޭގޮތުން މިނިސްޓަރަށް ލަފާދިނުމަށްޓަކައި “މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑު” ގެ ނަމުގައި ބޯޑެއް އޮންނަންވާނެ ކަމަށް ގާނޫނުގައި ވަނީ ކަނޑައަޅާފައެވެ. އަދި  ގާނޫނަށް  ޢަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ބޯޑު އުފައްދައި، ބޯޑަށް މެންބަރުން ޢައްޔަނުކުރަންވާނެއެވެ. އެހެން ކަމުން ގާނޫނަށް މިހާރު އަމަލު ކުރަން ފަށާފައިވުމާއިއެކު މިއަހަރުގެ އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހުގެ ކުރިން “މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑު” އުފައްދައި މެމްބަރުން އައްޔަން ކުރަން ޖެހޭނެއެވެ.

ގާނޫނުގައި ބުނެފައިވާ ގޮތުގައި ބޯޑުން މިނިސްޓަރަށް ދޭ ލަފާ ދިރާސާކުރުމަށްފަހު، ގިނަވެގެން، 30 ދުވަހުގެ ތެރޭގައި، ދިވެހިރާއްޖޭގައި މަސައްކަތްކުރާ މީހުންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ، މިނިސްޓަރު ނެރޭ އަމުރެއް މެދުވެރިކޮށް ކަނޑައަޅަންވާނެއެވެ. އަދި އެންމެ ކުޑަމިނުން ދެވޭނެ އުޖޫރައާ ގުޅޭގޮތުން މިނިސްޓަރު ނެރޭ އަމުރުގައި، މުވައްޒަފެއްގެ މުސާރައިން ގަޑިއަކަށް ޖެހޭވަރާއި، މަސައްކަތުގެ ބަޔަކަށް ޖެހޭ ޢަދަދާއި، އިތުރުގަޑީގައި ލިބޭނެ މިންވަރު ކަނޑައަޅަންވާނެއެވެ. އަދި މީގެ އިތުރުން ވަކި މަސައްކަތެއްގައި ނުވަތަ ވަކި ދާއިރާއެއްގައި ހަރަކާތްތެރިވާ މަސައްކަތްތެރިންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރައެއް ވަކިން ބަޔާންކުރުމާއެކު، މިގޮތުން ކަނޑައަޅާ އުޖޫރައެއް ދިނުމުގައި ވަޒީފާދޭ ފަރާތްތަކުން އެ އަމުރަކަށް ފުރިހަމައަށް ޢަމަލުކުރުމަށް ވަކި މުއްދަތެއް ނުވަތަ މުއްދަތުތަކެއް ކަނޑައަޅާފައިވާނަމަ، އެކަން ބަޔާންކުރަންވާނެއެވެ. ނަމަވެސް ބޯޑުން މިނިސްޓަރަށް ލަފާއަރުވަން ގާނޫނުގައި ވަކި މުއްދަތެއް ކަނޑައަޅާފައެއް ނެތެވެ.

ކޮންމެއަކަސް އަޅުގަނޑުގެ މި ރިޕޯޓުގައި މި ބަލާލީ ވަޒީފާއާއި ބެހޭ ގާނޫނަށް އަލަށް ގެނެސްފައިވާ އިސްލާހުތަކުގެ ދަށުން ވަޒީފާ ދޭ ފަރާއި ވަޒީފާ އަދާ ކުރާ ފަރާތަށް ލިބިގެންވާ ހައްގުތަކަށެވެ. އުންމީދަކީ ގާނޫނުގައި ކަނޑައަޅާފައިވާ ކަންކަން ތަންފީޒް ވެގެން އަންނައިރު ދެ ފަރާތުގެ ހައްގުތައް ފުރިހަމައަށް ލިބިގެން ދިއުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: