ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްލާހުގެ ސަބަބުން ކޮރަޕްޝަން މަދުކުރެވޭނެ ކަމަށް ބެލެވޭ: އުޝާމް

ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލިއްޔަތު ގާނޫނަށް ގެނައި އިިސްލާހުތަކުގެ ސަބަބުން ކޮރަޕްޝަންގެ އަމަލުތައް މަދުކުރެވޭނެކަމަށް ބެލެވޭކަމަށް މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ކުރީގެ ޑެޕިޔުޓަރ އޮޑިޓަރ ޖެނެރަލްކަންވެސް ކުރައްވާފައިވާ އުޝާމް ވިދާޅުވީ، މާލިއްޔަތު ގާނޫނަށް އެންމެފަހުން ގެނެސްފައިވާ ބަދަލަކީ ރަނގަޅު ބަދަލެއްކަމަށެވެ. މާލިއްޔަތު ގާނޫނަށް ގެންނަމުންދާ ބައެއް ބަދަލުތަކުގެ ތަފްސީލް ހިއްސާކުރައްވާ ފިނޭންސް އިބްރާހިމް އަމީރު ކުރެއްވި ޓުވީޓު ރީޓްވީޓް ކުރައްވައި މެމްބަރު އުޝާމް ވިދާޅުވީ، މިއިސްލާހުގެ ސަބަބުން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ޕްރޮޖެކްޓްތައް ހަވާލުކުރުން މަދުކުރެވިދާނެކަމަށް ބެލެވޭ ކަމަށެވެ.

މީގެ އިތުރަށް މިއިސްލާހުތަކާއިއެއްގޮތަށް މިނިސްޓްރީތަކުން އަމަލުކުރަމުންދާ މިންވަރު މޮނިޓަރކުރުމަކީވެސް މުހިންމުކަމެއް ގޮތުގައި އުޝާމް ފާހަގަކުރެއްވިއެވެ.

މާލިއްޔަތު ގާނޫނަށް ގެންނަމުންދާ ބަދަލުތަކަށް އަލިއަޅުއްވާލައްވައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ، ކުރިން ގާނޫނުގައިވާ ގޮތުން ބިޑްކުރުމަކާއި ނުލައި، ސަރުކާރުގެ މަސްލަހަތު އޮންނަ ކޯޕަރޭޓިވް ސޮސައިޓީއަކާއި ނުވަތަ ގައުމީ ޖަމިއްޔާއެއް ނުވަތަ ޖަމާއަތެއްކަމަށް ސަރުކާރުން ގަބޫލުކުރާ ފަރާތަކާއި ހަވާލުކޮށްގެން އެމަސައްކަތް ކުރިއަށް ގެންދެވިދާނެ ކަމަށެވެ.

އެހެންނަމަވެސް، މިހާރު ގެނައުމަށް މަސައްކަތްކުރަމުންދާ އިސްލާހާއެކު ބިޑް ކުރުމަކާއި ނުލައި މަސައްކަތެއް ހަވާލުކުރެވޭނީ، ސަރުކާރުގެ 50 އިންސައްތައަށްވުރެ މެޖޯރިޓީ ހިއްސާއެއް އޮންނަ ކުންފުނިތަކާއި، އެކުންފުނިތަކުގެ ސަބްސިޑަރީ ކުންފުނިތަކާއި، މޯލްޑިވްސް ސްޓޮކް އެކެސްޗޭންޖްގައި ލިސްޓްކޮށްފައިވާ ސަރުކާރުގެ މެޖޯރިޓީ ހިއްސާ ހިމެނޭ ކުންފުނިތަކަށެވެ.

ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވީ، މިއިސްލާހު ހުށައަޅައި ގެޒެޓް ކުރުމަށް މިހާރު ފޮނުވިފައިވާ ކަމަށެވެ. މިއީ ފިނޭންސް މިނިސްޓްރީ އިސްނަގައިގެން އެޓާނީ ޖެނެރަލާއި، އޮޑިޓަރ ޖެނެރަލް އަދި އެންޓި ކޮރަޕްޝަން ކޮމިޝަންވެސް ހިމެނެގޮތަށް އެކުލަވާލި ކޮމިޓީގެ އެންޑޯޒްމަންޓާއެކު ގެނެވުނު ބަދަލެއްކަމަށް އަމީރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: