ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޖޭއަކީ އަންލިމިޓެޑްކޮށް ބިޑު ކުރެވޭ ގޮތަށް ކެޓަގަރައިޒް ކުރެވިފައިވާ ކުންފުންޏެއް، ގާނޫނާއި ހިލާފު ކަމެއް ނުހިނގާ: އެސްޖޭ ގާނުނީ ޓީމް

ޝެއާރކޮށްލާ ކަހަލަދޯ؟

ޒިކުރާ މިސްކިތް އިމާރާތް ކުރަން އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލު ކުރުމުގެ މަރުހަލާގައި މާލިއްޔަތު ގާނޫނާއި ހިލާފު އަދި ގާނޫނާއި ގަވައިދާއި ހިލާފު އެއްވެސް ކަމެއް ކުންފުނީގެ ފަރާތުން ކޮށްފައިވާ ކަމަށް ފާހަގަވެފައި ނުވާ ކަމަށް އެސްޖޭ ކުންފުނީގެ ގާނޫނީ ވަކީލުންގެ ޓީމު އެޑްވޮކެސީ ޗެމްބާސް ލޯ ފާމުން ބުނެފިއެވެ.

އެސްޖޭގެ ވަކީލުން މިފަދަ ބަޔާނެއް އާއްމު ކުރީ، މުއާމަލާތާ ގުޅޭ ތަހުގީގެއް ހިންގުމަށް ފަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރި ތަހުގީގުގެ މައްޗަށް ބިނާކޮށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދުގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައިވަނިކޮށެވެ.

މައްސަލައިގައި ސަންގުއާއި ވާހަކަ ދައްކަވަމުން އެސްޖޭގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ މުހުތާޒް މުހުސިން ވިދާޅުވީ ޒިކުރާ މިސްކިތް އެވޯޑްކޮށްފައިވަނީ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކަމަށެވެ. އަދި މި މުއާމަލާތުގައި ގާނޫނާއި ހިލާފު އެއްވެސް ކަމެއް ފާހަގަ ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

އެސްޖޭ ކޮންސްޓްރަކްޝަންގެ ގާނޫނީ ވަކީލުންގެ ޓީމުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ޒިކުރާ މިސްކިތް އިމާރާތް ކުރުމަށް އެސްޖޭއާއި ހަވާލު ކުރީ އިސްލާމިކް މިނިސްޓްރީއިން ކަމަށާއި، އަދި އެ އެއްބަސްވުން އެކުލަވާލުމުގެ މަރުހަލާގައި ގާނޫނާއި ހިލާފު އެއްވެސްކަމެއް ފާހަގަ ކުރެވިފައި ނެތް ކަމަށެވެ.

ޒިކުރާ މިސްކިތުގެ މަސައްކަތް ކުންފުންޏާއި ހަވާލު ކުރީ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ 09 ވަނަ ދުވަހު ކަމަށާއި، އެ މަސައްކަތް ހަވާލުކުރީ ދައުލަތުގެ މާލިއްޔަތު ގަވައިދުގެ 10.27 ވަނަ މާއްދާގެ ދަށުން ކަމަށް ގާނޫނީ ޓީމުން ވަނީ ބުނެފައެވެ.

އެ މާއްދާގައި ބުނެފައިވަނީ “ސަރުކާރުން ހިންގަން ކަނޑައަޅާ މަޝްރޫއެއް ހިންގުމުގައި ބިޑު ކުރުމަކާއި ނުލައި ވަޒީރުންގެ މަޖިލީހުގައި ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއްގެ މަޝްވަރާއެއްގެ މަތީން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ފަރާތަކާއި ހަވާލުކޮށްގެން އެ މަޝްރޫއުއެއް ހިންގިދާނެ” ކަމަށެވެ. އެ މާއްދާގައި ބުނެފައިވާ ގޮތުން  މާއްދާގައި ވާގޮތުން ދައުލަތުގެ ފަރާތުން ރައްޔިތުންނަށް ދޭން ޖެހޭ ޚިދުމަތެއް ބިޑްކުރުމަކާ ނުލައި ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުންޏަކާ ނުވަތަ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ލިސްޓު ކޮށްފައިވާ ސަރުކާރުގެ ހިއްސާ ހިމެނޭ ކުންފުންޏަކާ ނުވަތަ ގައުމީ ޖަމިއްޔާއެއް ނުވަތަ ޖަމާއަތެއް ކަމަށް ސަރުކާރުން ގަބޫލުކުރާ މުއައްސަސާއަކާ ހަވާލުކޮށްގެން އެ މަސައްކަތެއް ކުރެވިދާނެ އެވެ.

ގާނޫނީ ވަކީލުންގެ ޓީމުން ބުނެފައިވަނީ އެސްޖޭ ކޮންސްޓްރަކްޝަންގެ ފަރާތުން ޕްރޮޖެކްޓާއި ހަވާލުވުމުގެ ކުރިން މިނިސްޓްރީގެ ފަރާތުން ހޯދަންޖެހޭ ހުއްދަތައް ހޯދާފައިވޭތޯ ބަލާފައިވާނެ ކަމަށެވެ. ބިޑު ކުރުމަކާއި ނުލާ ޕްރޮޖެކްޓު އެވޯޑު ކުރުމުގެ ގޮތުން މިނިސްޓްރީގެ ފަރާތުން 2018 ވަނަ އަހަރުގެ މާޗު މަހުގެ 15 ވަނަ ދުވަހު މާލިއްޔަތު ގަވައިދުގެ 10.27 ގައި ބަޔާންކޮށްފައިވާ ހުއްދަ ހޯދުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހެޅުމުން، ރައީސް އޮފީހުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމުގެ ގޮތުން ފިނޭންސް މިނިސްޓްރީގެ ބައެއް ހޯދާފައިވާ ކަމަށެވެ.

އެގޮތުން ފިނޭންސް މިނިސްޓްރީއިން ޕްރޮޖެކްޓަށް ހުށަހަޅާފައިވާ ޕްރޮޕޯސަލްތައް ދިރާސާކުރުމަށްފަހު ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ދައުލަތަށް އެންމެ ފައިދާހުރި އަދި ބަޖެޓަށް ބުރަ ބޮޑު ނުވާ ގޮތަށް ޕްރޮޕޯސަލް ހުށެހެޅީ އެސްޖޭއިން ކަމަށް ކުންފުނީގެ ގާނުނީ ވަކީލުން ބުނެފައި ވެއެވެ.

މީގެ އިތުރުން ވަކީލުންގެ ބަޔާނުގައި ބުނެފައިވަނީ އެސްޖޭއަކީ ކޮންސްޓްރަކްޝަން ކުންފުނިތަކުގެ ކެޓަގަރީގައި އަންލިމިޓެޑްކޮށް ބިޑު ކުރެވޭ ގޮތަށް ކެޓަގަރައިޒް ކުރެވިފައިވާ ކުންފުންޏެއް ކަމަށެވެ. އެސްޖޭގެ ގާނޫނީ ވަކީލުން ބުނެފައިވަނީ މޭއި މަހު ބޭއްވި އިކޮނޮމިކް ކައުންސިލް ބައްދަލުވުމުގައި ވެސް ޒިކުރާ މިސްކިތުގެ ޕްރޮޖެކްޓު އެސްޖޭއަށް ދިނުމަށް ނިންމާފައިވާކަން ޖޫން 03 ގައި ރައީސް އޮފީހުން މިނިސްޓްރީއަށް ފޮނުވާފައިވާ ސިޓީގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެހެން ކަމުން ޕްރޮޖެކްޓު އެވޯޑުކޮށްފައިވަނީ ގާނޫނާއި ގަވައިދާއި އެއްގޮތަށްކަން އެސްޖޭއިން ކަށަވަރުކޮށްފައިވާކަމަށް ގާނޫނީ ވަކީލުން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: