ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަމާލުވޭ: ވިޔާފާރި ކުރުމަށްފަހު ފޭކު ރިސިޓްތައް ފޮނުވާ މައްސަލައާއި އެކު، އެހެން މީހުންގެ ނަމުގައި ވެސް ވިޔަފާރި ކުރަނީ!

ފިހާރައަށް ފައިސާ ދެއްކި ކަމަށް ފޭކް ސްލިޕްކޮޅުތައް ފޮނުވާ މައްސަލަތައް/ ފޮޓޯ: އެމްބީއެސް
ޝެއާރކޮށްލާ ކަހަލަދޯ؟

މީގެ ދެ ދުވަހެއް ހާ ކުރިން، ފިހާރައަކުން ވިޔަފާރިއެއްކޮށްގެން ފައިސާ ދެއްކުމުގެ ކުރިން، އޮންލައިން ޓްރާންސެކްޝަން ގަބޫލު ކުރަންތޯ ސުވާލު ކުރީމެވެ. ޖަވާބުގައި ފިހާރައިގެ ބޮޑު މީހާ ދިން ޖަވާބަކީ، “ކޮއްކޮ، މިހާރު މި ހުންނަނީ އޮންލައިން ޓްރާންސްފާތައް ގަބޫލު ނުކުރަން ކަމަށް” މިހެންނެވެ. އެއީ ކީއްވެގެންތޯ ސުވާލު ކުރުން އޭނާ ބުނީ ފަހަކަށް އައިސް ފޭކް ޓްރާންސްފާ ސިލްތައް ފޮނުވުން އިތުރުވެފައިވާ ކަމަށެވެ. މީގެ ތެރޭގައި ބޮޑެތި ވިޔަފާރިކޮށްގެންނާއި، ކުދި ކުދި ވިޔަފާރިތައްކޮށް ވެސް ފޭކު ސްލިޕްތަކެއް ފޮނުވަމުން ދާ ކަމަށް އޭނާ ބުންޏެވެ.

ވިޔަފާރިވެރިޔާ ބުނީ، ފިހާރައިގެ ރެގިއުލާ ކަސްޓަމަރުންނާއި އަދި އާއްމުކޮށް ދަންނަ ގާތް މީހުންގެ ޓްރާންސްފާތައް ނޫނީ މިހާރު ގިނަ ފަހަރަށް ބަލައި ނުގަންނަ ކަމަށެވެ. އަދި އޭނާ އެދުނީ ނޫސްވެރިން މިކަން ވިޔަފާރިވެރިންގެ ކަންބޮޑުވުމެއްގެ ގޮތުގައި ގެނެސްދިނުމަށެވެ.

ކޮވިޑުގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތައް ވަނީ ވަރަށް ބޮޑަށް ދައްވެފައެވެ. ހާއްސަކޮށް މާލެ ސަރަހަދުގައެވެ. ރާއްޖޭގެ ފިހާރަތަކަށް މާބޮޑެތި ފައިދާއެއް ނުލިބި ގެއްލުންތަކެއް ވަމުންދާއިރު އޭގެ މައްޗަށް ބައެއް އާއްމުން ކުރާ ވިޔަފާރިތަކަށް ފޮނުވަނީ ފޭކު ސްލިޕްކޮޅުތަކެކެވެ. ކޮންމެ ވަގުތަކު އާއްމުންގެ މީހެއް ސްލިޕްކޮޅު ވައިބާ ކުރުމާއި އެކު، އެކައުންޓަށް ފައިސާ ޖަމާވިތޯ ނުވަތަ ނޫންތޯ ޔަގީން ނުކުރެވިދާނެއެވެ.

ވިޔާފާރިތައްކުރުމަށްފަހު، ފޭކު ސްލިޕްތައް ފޮނުވާ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައި/ ގިނަ ފިހާރަތަކުން ވަނީ އޮންލައިން ޓްރާންސްފާތައް ބަލައިގަތުން ހުއްޓާލާފައި/ ފޮޓޯ: ޖަޒީރާ ނިއުސް

ކޮވިޑުގެ ސަބަބުން ރައްކާތެރިކަމެއްގެ ގޮތުން ފައިސާ އަތުގައި ބެހެއްޓުމުގެ ބަދަލުގައި ކާޑުން ފައިސާ ކަނޑަން ނުވަތަ އޮންލައިން ޓްރާންސްފާތަކަށް ބާރުއެޅިއެވެ. އެއީ އެކެއްގެ އަތުން އަނެކެއްގެ އަތަށް ފައިސާ ދިއުން ހުއްޓުވުމަށެވެ. އެއާއި އެކު ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސާ މާލޭގެ އެންމެ ކުދި ފިހާރަތަކުން ފެށިގެން ބޮޑެތި ފިހާރަތަކައި ހަމައަށް އޮންލައިން ޓްރާންސްފާގެ އިންތިޒާމުތައް ހަމަޖެއްސިއެވެ. އަދި މާލޭގެ ކޮންމެ ސަރަހައްދަކަށް ވެސް ޑެލިވަރީގެ ހިދުމަތް ދިނުމަށް ނިންމާ، އެކަމަށް ހާއްސަ ނަމްބަރުތަކެއް ވެސް ކަނޑައެޅިއެވެ.

މާލެ ފުރަބަންދުގެ ތެރޭގައި އޮތް ދުވަސްވަރު، ގިނަ މީހުން ބޭނުން ކުރީ މޯބައިލް ބޭންކިން އެވެ. ފަހަކަށް އައިސް ފެންމަތިވީ މައްސަލަތަކުގެ ތެރޭގައި ފޭކު ސްލިޕްތައް ފޮނުވުން ވަރަށް ބޮޑަށް އިތުރުވިއެވެ. ޓެކްސީއަކަށް އަރާ ދައްކަންޖެހޭ 25 ރުފިޔާގެ ބަދަލުގައި ވެސް ފޭކު ސްލިޕްކޮޅުތައް ފޮނުވަނީ އެވެ. ނުވަތަ މާލެއިން އެއާޕޯޓަށް ދާން ދައްކަން ޖެހޭ 75 ރުފިޔާ އާއި، ހުޅުމާލެ ދާން ދައްކަން ޖެހޭ 100 ރުފިޔާގެ ބަދަލުގައި ޓެކްސީ ޑްރައިވަރަށް ވެސް ފޭކު ސްލިޕްތައް ފޮނުވަނީއެވެ.

ފޭކު ސްލިޕްތައް ފޮނުވުން އާއްމުކަމަކަށް ވެ ގިނަ ފިހާރަތަކުން މިހާރު ވަނީ، އެކައުންޓު ބެލެންސް ބަލަން ފަށާފައެވެ. އެއްހާހާއި ގާތް ކުރާ އަދަދުތަކުން ވިޔަފާރިކޮށް، އެއަށް ދޭން ޖެހޭ ފައިސާތައް ނުދޭ މައްސަލައިގައި ވިޔަފާރިވެރިންނަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވެއެވެ. އަދި ގިނަ ފިހާރަކުން މިހާރު އޮންލައިން ޓްރާންސްފާ ގަބޫލު ކުރަނީ ދަންނަ މީހުން ނުވަތަ ރެގިއުލާ ކަސްޓަމަރުންގެ ފަރާތުންނެވެ. އަދި ގިނަ ޓެކްސީތަކުން ވަނީ ޓްރާންސްފާތައް ގަބޫލުކުރުން އެކީ ހުއްޓާލާފައެވެ. އެއީ ކުދި އަދަދުތަކުން އެކައުންޓަށް ޖަމާވާން ޖެހޭ ފައިސާގެ ބޮޑުބައެއް ޖަމާނުވެ ހުރިނަމަވެސް ގިނަ ފަހަރަށް އެކަން ޔަގީން ކުރެވޭނެ ގޮތެއް ނޯންނާނެތީއެވެ.

މީގެ ދުވަސްތަކެއް ކުރިން ފުލުހުން ވަނީ، އެ އިދާރާއަށް ހުށަހެޅިފައިވާ މައްސަލަތަކަކާއި ގުޅިގެން މިކަން އާއްމުންގެ ސަމާލުކަމަށް ގެނެސްފައެވެ. އަދި އަނެއްކާ މި މައްސަލަ މިއައީ އިތުރު އެހެން މީހުންގެ ނަމުގައި ތަކެއްޗަށް އޯޑަރުތަކެއް ދީ ފޭކް ސްލިޕުތައް ފޮނުވާ މައްސަލައިގައެވެ. އެގޮތުން މިއަދު ސޯޝަލް މީޑިއާއިން ފެނިގެން ދިޔައީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ނަމުގައި މީހަކު ކުރަމުން ދިޔަ “ވައްކަން” ތަކެވެ. މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމްގެ ނަމުގައި ބަޔަކު ދިޔައީ ވައިބާ އެކައުންޓެއް ހަދާ މާލޭގެ ބޮޑެތި ފިހާރަތަކުން ވައްކަން ކުރަމުންނެވެ.

ރާއްޖޭގެ އޮންލައިން މީޑިއާއެއްކަމަށް ވާ “ޖަޒީރާ” އިން ވަނީ މި ކޮންވަޒޭޝަންތަކުގެ ސްކްރީންޝޮޓުތަކެއް ވެސް ހިއްސާކޮށްފައެވެ. އެގޮތުން ހައިތަމްގެ ނަމުގައި މާލޭގެ މަޝްހޫރު ސީހައުސް މާޓުން ވެސް ބޮޑެތި ވިޔަފާރިތައް ހިންގާފައިވެއެވެ. އެހެން ނަމަވެސް، ފޮނުވަނީ ފޭކު ސްލިޕްތަކެކެވެ. ފިހާރަތަކުން ކުރާ ވިޔަފާރިތަކުގެ އަގު 1،500 ރުފިޔާ އާއި 2،000 ރުފިޔާއާއި ގާތް ކުރެއެވެ. ބައެއް ސްކްރީންޝޮޓުތަކުގައި ވާ ގޮތުން ގަނެފައިވާ ތަކެތީގެ ތެރޭގައި 800 ގްރާމްގެ ކޯސްޓު ދެ ކިރު ދަޅާއި، 500 ގްރާމްގެ ނެސްކެފޭ ބޮޑު ދެ ފުޅި އާއި، 500 ގްރާމްގެ ބޮޑު މައިލޯ ދަޅާއި، ޕީނަޓް ބަޓާ ދެ ފުޅި އަދި ސަފާ ބްރޭންޑުގެ މާމުއި އާއި ކްރަމްޕީ، ދެ ވައްތަރަތަކުން 08 ފޮށި ސިނގިރޭޓު، އަދި އެކްސެލް 04 ދަޅާއި، ރެޑްބުލް 04 ދަޅާއި، ފޮގް ބްރޭންޑުގެ ސެންޓު ފުޅިއެއް، އަދި ޑޯވް ބްރޭންޑުގެ ޑިއޯޑްރަންޓާއި ބެޓީނާ ބާޓީ ބްރޭންޑުގެ ލޯޝަން، އަދި ސެނިޓަރީ ނެޕްކިން ހިމެނެއެވެ. މި ތަކެތީގެ އަގުތައް 1،500 ރުފިޔާއިން މައްޗެވެ.

ފޭކު ނަންތަކުގައި ވެސް ވިޔަފާރިކޮށް ސްލިޕްތައް ފޮނުވާ މައްސަލަތައް/ ހައިތަމްގެ ނަމުގައި މީހަކު ކުރި ވިޔާފާރި، އޭނާ ފޮނުވީ ފޭކު ސްލިޕެއް/ ފޮޓޯ: ޖަޒީރާ ނިއުސް

މި މައްސަލައިގައި ހައިތަމް ވިދާޅުވީ، އޭނާގެ ނަމުގައި ފޭކް ސިލިޕްތަކެއް ހަދާ ވިޔަފާރި ކުރަމުން ދާ މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މިކަން އޭނަގެ ސަމާލުކަމަށް އައީ މި މަހުގެ 17 ވަނަ ދުވަހު ކަމަށާއި، މިފަދަ އަމަލެއް ހިންގާކަން އެނގުނީ ގާތް ރައްޓެއްސެއްގެ ފަރާތުންކަން ހައިތަމް ފާހަގަ ކުރެވިއެވެ. އަދި ވިދާޅުވީ މިކަން ފަޅާއެރީ އެހެން ފިހާރައަކުން ބޮޑު ވިޔާފާރިއެއްކޮށް ތަކެތި ބަލާ ދިޔައިރު، ސްލިޕް ފޮނުވި ނަމަވެސް އެކައުންޓަށް ފައިސާ ޖަމާނުވެ ހުރުމުން ކަމަށެވެ. އޭގެ އިތުރުން އޭނާ ދިރިއުޅޭ ގެޔާއި ދުރު ހިސާބެއްގައި ހުރި ތަނަކަށް ޑެލިވަރީ ގެނަންނަން އެދުމުން ކަމަށެވެ.

ފަހަކަށް އައިސް އޮންލައިން ފޭކު ޓްރާންސްފާތައް ހިންގުން އިތުރުވެފައިވާއިރު، ފޮނުވާ ސްލިޕްތަކާއި އަސްލު ސްލިޕާއި މާބޮޑު ތަފާތެއް ނުހުރެއެވެ. އެހެން ނަމަވެސް، ސްލިޕަށް ރަނގަޅަށް ބަލައިފިނަމަ ތަފާތުކަމެއް ފާހަގަ ކުރެވޭނެއެވެ.

ގަނޑުކޮށް މުދާ ވިއްކާ އެއްވެސް ބައެއް މިހާރު ފައިސާ ވަގުތުން ނުދެނީސް މުދާތައް ދޫނުކުރެއެވެ. ހާއްސަކޮށް ބާޒާރުމަތީ ފިހާރަތަކެވެ.

ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި އެތައް ބަޔަކަށް ގެއްލުންތަކެއް ވަމުންދާއިރު، އޮޅުވާލައިގެން މިފަދަ ކަންކަން ހިންގުމަކީ އެހެން މީހުންނަށް ލިބޭ ވަރަށް ބޮޑު ދެރައެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 17%ހައިރާންވެއްޖެ 50%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: