ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގެ މޭޔަރު ސިފާގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ ލޮނުޒިޔާރާތްކޮޅު ސަރަހައްދުގައި މާލޭ ސިޓީ ކައުންސިލުން ތަރައްޤީކޮށްފައިވާ ޕާކް (އަޑި ޕާކް) ގެ މައްސަލައިގައި މާލޭގެ މޭޔަރު ސިފާ މުހައްމަދުގެ މައްޗަށް ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ)ޢީން ޕީޖީ އޮފީހަށް ފޮނުވައިފިއެވެ.

އޭސީސީން ބުނީ މި މައްސަލައިގައި ސިފާ މައްޗަށް ދަޢުވާކުރުމަށްޓަކައި ފޮނުވާފައިވަނީ، ޤާނޫނުލްއުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާކަމުގެ ދަޢުވާ ކަމަށެވެ.

މި މައްސަލައިގައި އެ ކޮމިޝަންގެ ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، މާލޭ ލޮނުޒިޔާރަތްކޮޅު ސަރަޙައްދުގައި ޕާކު ތަރައްޤީކުރުމަށް މާލޭ ސިޓީ ކައުންސިލުން ހިންގާފައިވާ މަޝްރޫޢުގައި ހިމެނޭ ޢިމާރާތްތައް (ދެ ފާޚާނާބަރިއާއި، ތިން ހަޓާއި، ތިން އެންޓްރަންސް ކެނޮޕީއާއި، ލައިފްގާޑް ޓަވަރެއް ރެނޮވޭޓްކުރުމާއި، އެއް ގާޑަން ބްރިޖް ހަދައި އިންސްޓޯލްކުރުން) ގެ މަސައްކަތްތަކުގެ ތެރެއިން ތިން ފާޚާނާބަރީގެ މަސައްކަތް އަމިން ކޮންސްޓްރަކްޝަންއާ އިން ކޮށް ނިންމާފައިވާއިރު، އިޢުލާނުކޮށްގެން ވާދަވެރި ބީލަމެއްގެ ތެރެއިން މި މަސައްކަތް ހަވާލުކުރެވެން އޮތް އިރު، އެ ކުންފުންޏާ މި މަސައްކަތް ހަވާލުކޮށްފައިވަނީ ލިޔެކިޔުމެއް ނެތި ވާދަވެރި ދެފުށްފެންނަ އުޞޫލަކުން ނޫންކަން ތަޙްޤީޤަށް ވަނީ ފާހަގަކުރެވިފައިވާ ކަމަށެވެ.

“އެގޮތުން، ފުރަތަމަވެސް އެ ކުންފުނިން އެކަނި ކޯޓޭޝަން ހޯދައިގެން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.25 ވަނަ މާއްދާގެ ދަށުން ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ އުޞޫލުން މިނިސްޓްރީ އޮފް ފިނޭންސްއަށް ހުށަހަޅައިގެން މަސައްކަތް ހަވާލުކުރުމަށް މަސައްކަތް ކޮށްފައިވާކަމާއި، އެ ހުއްދަ ނުދީ، ކައުންސިލްގެ އިދާރާގެ ބިޑް ކޮމިޓީގެ ހުއްދައަށް އެދުމަށް އެ މިނިސްޓްރީއިން އެންގުމުން، 03 ކޯޓޭޝަން ހަމަކޮށް ބިޑް ކޮމިޓީއަށް ހުށަހެޅިނަމަވެސް، އެ ކޮމިޓީއަށާއި ކައުންސިލްގެ މެމްބަރުންނަށް އެންގުމަކާ ނުލައި އެ މަސައްކަތް އަމިން ކޮންސްޓަރަކްޝަންއާ ހަވާލުކޮށްގެން ކުރުވާފައިވާކަން އެނގެއެވެ.” އޭސީސީން ބުނެފައިވެއެވެ.

އަދި ބިޑް ކޮމިޓީއިން ނުވަތަ މާލޭ ސިޓީ ކައުންސިލުން އެ މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅާފައިނުވާކަން ފާހަގަކުރެވިފައިވާއިރު، ޢަމަލީގޮތުން އެ ބިމުގައި މަސައްކަތް ފެށުމަށް ހުއްދަ ދެވޭނީ ކައުންސިލަށް ނުވަތަ ކައުންސިލްގެ އެންމެ އިސް ފަރާތެއްގެ ހައިސިއްޔަތުން މާލޭ ސިޓީގެ މޭޔަރ ސިފާ އަށް ކަމަށްވެފައި، އެ ހުއްދަ ދިނީ ސިފާކަން އެ ކޮމިޝަންގެ ތަޙުޤީޤަށް އެނގިފައިވާ ކަމަށް އޭސީސީން ބުނެއެވެ.

އަދި އެކަން ހިނގަމުން ދިޔައިރު މަސައްކަތް ހުއްޓުވުމުގެ ބާރު ލިބި އޮވެ މަސައްކަތް ހުއްޓުވާފައި ނުވާކަން ވެސް ތަޙްޤީޤަށް ފާހަގަކުރެވޭ ކަމަށް ވެސް އެ ކޮމިޝަނުން ބުނެއެވެ.

މީގެއިތުރުން، ސްރީލަންކާގެ ކުންފުންޏަކުން މި ދެ ފާޚާނާބަރީގެ މަސައްކަތް ކޮށްދޭ ފަރާތަކަށް ފައިސާ ދައްކާނެކަމަށް މޭޔަރު ސިފާ އަށް އެޑްރެސްކޮށް މާލޭ ސިޓީ ކައުންސިލަށް 15 އޮކްޓޫބަރު 2019 ގައި ފޮނުވާފައިވާ ސިޓީގައި ބުނެފައިވާއިރު، ވަކި ކުންފުންޏަކާ މަސައްކަތް ހަވާލުކުރުމަށް އެ ކުންފުނިން އެދިފައިނުވާ ކަމަށްވެސް އޭސީސީން ބުނެއެވެ.

އަދި ހިލޭ އެހީއަކީ ދައުލަތަށް ލިބޭ ފައިސާކަމަށްވީއިރު އެ ފައިސާ ޚަރަދުކުރަން އޮންނަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި އެއްގޮތައްކަމަށް ވާއިރު، ހިލޭ އެހީ ހުށަހެޅިކަން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 9 ވަނަ ބާބުގައި ބަޔާންކުރާ އުޞޫލުތަކާ އެއްގޮތަށް މިނިސްޓްރީ އޮފް ފިނޭންސްއާއި، މާލޭ ސިޓީ ކައުންސިލްގެ މެމްބަރުންނާއި، ބިޑް ކޮމިޓީގެ މެމްބަރުންނާއި، ކައުންސިލްގެ އިދާރާގެ ފައިނޭންސް ސެކްޝަނާ ސިފާ ހިއްސާކޮށްފައި ނުވާކަން ތަހުގީގަށް އެނގިފައިވާ ކަމަށްވެސް އޭސީސީން ބުނެއެވެ.

“ކައުންސިލްގެ އިދާރާއިން ފިނޭންސް މިނިސްޓްރީއާ އެ މަޢުލޫމާތު ހިއްސާކުރީ މަސައްކަތް ނިމި ކައުންސިލްގެ އިދާރާއާ ތަން ހަވާލުކުރި ފަހުންކަން އެނގެއެވެ” އޭސީސީން ބުންޏެވެ.

މީގެއިތުރުން، އެ މަސައްކަތް ހަވާލުކޮށްފައިވަނީ އެއްބަސްވުމެއްގެ ދަށުން ނޫންކަމަށްވާތީ މަސައްކަތުގެ ތަފްޞީލް އެނގެން ނެތްކަމާއި، ޖުމުލަ ތިން މެމޯއަކުން މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅައިދިނުމަށް އެދި އެކި ދުވަސް މަތިން ސިފާ ބިޑް ކޮމިޓީގައި އެދިފައިވާކަން ވެސް ވަނީ ފާހަގަކޮށްފައެވެ.

އަދި މަސައްކަތް ފެށިކަމަށް ބުނާ ތާރީޚްގެ ފަހުން ވެސް ދެ ފާޚާނާބަރި ހިމެނޭގޮތަށް ޢިމާރާތްތަކުގެ މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅައިދިނުމަށް އެދި ސިފާ ބިޑް ކޮމިޓީއަށް 21 އޮކްޓޫބަރު 2019 ގައި މެމޯ ފޮނުވާފައިވާކަމާއި، އެ މެމޯ ފޮނުވިއިރުވެސް ޢަމަލީ ގޮތުން އެ މަސައްކަތް ފަށާފައިވާކަން ތަހުގީގަށް ފާހަގަކުރެވުނު ކަމަށް އޭސީސީން ބުނެފައިވެއެވެ.

އެހެންކަމުން ސިފާ ޢަމަލުކޮށްފައިވަނީ އަމިން ކޮންސްޓްރަކްޝަން ޕވޓ. ލޓޑ. އަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމުގެ ނިޔަތުގައިކަން ތަޙުޤީޤަށް ލިބިފައިހުރި ހެކިތަކުން އެނގެން އޮންނާތީ އޭނާގެ މައްޗަށް ދައުވާކުރަން ފޮނުވީ ކަމަށް އޭސީސީން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 14%ވަރަށް ގަޔާވޭ 86%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: