ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެމްޕީއާރުސީގެ ފައިސާ ޒިޔަތު ޖަމާކުރަނީ އަދީބު އަންގާ ބައެއްގެ އެކައުންޓަށް: ދައުލަތް

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއީރުސީގެ ގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރު އަބްދުﷲ ޒިޔާތު / ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އެމްއެމްޕީއާރުސީއަށް އިކުއިޒިޝަން ކޯސްޓުގެ ގޮތުގައި ލިބެންޖެހޭ ފައިސާ އެމްއެމްޕީއާރުސީގެ އެކައުންޓަށް ޖަމާކުރުމުގެ ބަދަލުގައި އެ ފައިސާ ޖަމާކޮށްފައިވަނީ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު އަންގާ ފަރާތެއްގެ އެކައުންޓަށް ކަމަށް ދައުލަތުން ބުނެފިއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ހަތް ދައުވާއެއް އުފުލި ނަމަވެސް، ފަސް އަސާސެއްގެ މައްޗަށް ބިނާކޮށް އެ ދައުވާތައް ކްރިމިނަލް ކޯޓުން ބޭރު ކުރިއެވެ. އަދި އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުން ވަނީ މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް އަންގާފައެވެ.

މިއަދުގެ ޝަރީއަތް ފައްޓަވައި ދެއްވަމުން ގާޒީ ވަނީ، ހުރިހާ ލިޔެކިއުމެއް ލިބިފައިވޭތޯ އަދީބާއި ސުވާލު ކުރައްވާފައެވެ. އަދި އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާުފުތޯ ސުވާލު ކުރެވިއެވެ. ޖަވާބުގައި އަދީބު ވިދާޅުވީ މައްސަލަ ސާފު ކަމަށާއި، އަދި ހުރިހާ ލިޔެކިއުމެއް ވެސް އޭނާއަށް ލިބިފައިވާ ކަމަށެވެ. އެމްއެމްޕީއާރުސީ މައްސަލައިގައި އަދީބަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ފައިދާ ހޯދައިދިނުމުގެ ދައުވާ ހިމެނެއެވެ. އަދީބުގެ މައްޗަށް ހަތް ދައުވާ ވެސް އުފުލީ އެމްއެމްޕީއާރްސީގެ ތެރެއިން 2014 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާއި ދެމެދު ހިންގި ކޮރަޕްޝަނާއި މަނީލޯންޑްރިން މައްސަލައާއި ގުޅިގެންނެވެ.

އަދީބުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާގެ ތަފްސީލުތައް ވަކި ވަކީން ދައުލަތުން ވަނީ ސާފުކޮށް ދެއްވާފައެވެ. ދައުލަތުން ބުނެފައިވަނީ އަދީބު ޓޫރިޒަމް މިނިސްޓަރުކަމުގައި ހުންނަވައިގެން ސިޔާސީ އެކި އެކި ބޭނުންތަކަށް ހަރަދުކުރުމަށްޓަކާ ދައުލަތުން ފައިސާ ބޭނުން ކުރުމަށް އިތުރު ބަޔަކާއި ގުޅިގެން ރާވާ އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިންޑިރެކްޓަރު އަބްދުﷲ ޒިޔަތު އާއި އިތުރު ބަޔަކާއި ގުޅިގެން އެމްއެމްޕީއާރުސީ ވަސީލަތެއްގެ ގޮތުގައި ބޭނުންކޮށްގެން ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ދިވެހި ރާއްޖޭގެ ފަޅުތަކައި، ފަޅު ރަށްތައް ދޫކޮށް އެތަކުގެ ލީސް އިކުއިޒިޝަން ކޯސްޓު ނުވަތަ ސޭލް ޕްރައިޒްގެ ގޮތުގައި ލިބޭ ފައިސާ ނަހަމަގޮތުގައި ބޭނުންކޮށް އެ ލިބޭނެ ގޮތުގެ އިންތިޒާމު ހަމަޖެއްސި ކަމަށެވެ. އަދި ރަށްތަކުގެ އިކުއިޒިޝަންގެ ގޮތުގައި ލިބިފައިވާ ފައިސާތައް، އެމްއެމްޕީއާރުސީގެ އެކައުންޓަށް ޖަމާކުރުމުގެ ބަދަލުގައި ޒިޔަތު އެ ފައިސާތައް ޖަމާކޮށްފައިވަނީ އަދީބުގެ އިރުޝާދުގެ މަތީން އޭނާ އަންގާ ބައެއްގެ އެކައުންޓަށް ކަމަށެވެ.

އެގޮތުން އެމްއެމްޕީއާރުސީން ލިބެން ޖެހޭ ލީޒް އިކުއިޒިޝަން ކޯސްޓު ކުންފުނީގެ އެކައުންޓަށް ޖަމާކުރުމުގެ ބަދަލުގައި އެ ފައިސާ ޓްރާންސްފާ ކުރި 26 އެކައުންޓެއްގެ ތަފްސީލު ދައުލަތުން ވަނީ ހުށަހަޅާފައެވެ. އަދި ދައުލަތުން ވަނީ އެ ފައިސާތައް ޓްރާންސްފާކުރި ތާރީހާއި، އެކައުންޓު ނަމްބަރުތައް ވެސް ވެސް ޝަރީއަތުގައި ތަފްސީލުކޮށް ދެއްވާފައެވެ.

ޝަރީއަތުން ވަނީ، މައްސަލައިގައި އަދީބަށް ލިބިގެންވާ ހައްގުތައް ފާހަގަ ކުރައްވާފައެވެ. އެގޮތުން ދައުވާ ލިބޭ ފާރާތުގެ ހައިސިއްޔަތުން ދައުވާއަށް އިންކާރު ކުރުމުގެ ހައްގު ލިބިގެންވާ ކަމަށް ވިދާޅުވިއެވެ. އަދި ދައުވާއިން ބަރީއަވުމަށްޓަކާ، އެކަށީގެންވާ ވަސީލަތްތަކާއި ވަގުތު ލިބިގެންވާނެކަމަށް ދައުލަތުން ވަނީ ބުނެފައެވެ. އޭގެ އިތުރުން އިހުތިޔާރުކުރާ ވަކީލަކާއި އެކު މައްސަލަ ކުރިޔަށް ގެންދިއުމާއި އެކު، ދައުވާ ލިބޭ ފަރާތުގެ ހާޒިރުގައި ޝަރީއަތްތައް ކުރިޔަށް ގެންދިއުމުގެ ހައްގު ލިބިގެންވާކަމަށް ޝަރީއަތުން ވިދާޅުވިއެވެ.

މައްސަލައިގައި ހަތް ދައުވާ ކުރިޔަށް ގެންދިޔައީ އެކުއެކީގައެވެ، އަދި އަދީބު ވިދާޅުވީ ދައުވާ ސާފުވެފައިވާ ކަމަށާއި، ވަގުތު ސަލާމަތް ކުރުމުގެ ގޮތުން ހުށަހަޅާފައިވާކަންކަން ތަކުރާރުނުވާހެން ކުރިޔަށް ގެންދިއުމަށް އެދޭ ކަމަށެވެ. އެހެން ނަމަވެސް ދައުލަތުން އޭގެ ރައްދުގައި ބުނެފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން މައްސަލައިގެ ތަފްސީލުތައް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި ކުރިޔަށް ދަނީ އިބްތިދާއީ އަޑުއެހުން ކަމުން، ފުރިހަމަކުރަން ޖެހޭ އިޖުރާއަތްތަކެއް ހުންނާނެ ކަމަށް ދައުލަތުން ބުންޏެވެ. އެއާއި އެކު ދައުވާތައް ހުށަހަޅާއިރު އެ އަސާސްތައް ބަޔާންކޮށްދޭން ޖެހޭނެ ކަމަށް ވެސް ޝަރީއަތް ކުރުމާއި ބެހޭ ގާނޫނުގައި ބުނެފައިވާކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުގެ ވާހަކަތަކަށް ފަހު ޝަރީއަތުން ވަނީ، ޝަރީއަތާއި ދެ ފަރާތަށް ވެސް ލިއުންތައް ހުށަހަޅާފައިވާ ކަމަށާއި، އަދި ފޯލިއޯ ނަމްބަރުތައް ވިދާޅުވެދެއްވުމަށްފަހު ކުރިޔަށް ގެންދެވިދާނެކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ރައްދުގައި ދައުލަތުން ބުނެފައިވަނީ މިއީ ވަރަށް ގިނަ މުއާމަލާތްތަކެއް އެކުލެވޭ ކަންތަކެއްގެ މައްޗަށް ބުނާވާ ދައުވާތަކެއް ކަމަށެވެ. އެހެން ކަމުން ސީދާ އެންމެ ފޯލިއޯ ނަމްބަރަކަށް ވެސް ރިއާޔަތްކޮށްފައި ނުވާނެ ކަމަށެވެ.

ދައުލަތުން ވަނީ އަދީބުގެ މައްޗަށް އުފުލާފައިވާ ހަތް ދުވާވެސް ވަކިން ހުށަހަޅާ، އޭގެ ދަށުން އަދީބުގެ މައްޗަށް އަންނާނެ ހުކުމްތައް ފާހަގަކޮށްފައެވެ، އަދި މީގެ އިތުރުން އެއްބަސްވުމުގެ ދަށުން އަދަބަށް ލިބޭނެ ލުއިތައް ވެސް ފާހަގަ ކުރިއެވެ.

މައްސަލައިގައި މީގެ ކުރިން އަދީބު ވިދާޅުވެފައިވަނީ ކޯޓުގައި އެއްވެސް ވާހަކައެއް ދެއްކުމުގެ މަޖުބޫރުކަމަކާއި ކުރިމަތިލާން ނުޖެހޭ ކަމަށެވެ. އަދީބު ވިދާޅުވީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒާއި، ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ބިޝާމް އޭނާއި މެދު ޓޯޗާގެ އަމަލެއް ހިންގިކަމަށް އެއްވެސް އިރެއްގައި ބުނެފައި ނޯންނާނެ ކަމަށެވެ. އެހެން ނަމަވެސް އޮންލައިންކޮށް ޝަރީއަތްތައް ކުރިޔަށް ގެންދިޔަ އިރު ކޮންމެވެސް ވަރެއްގެ އޮޅުންތަކެއް އައި ކަމަށާއި އޭގެ ފަހުން ވަކީލުންނާއި ބައްދަލުވެ ލިޔެކިއުންތައް ބެލުމުން އެކަން ސާފުވެގެން ދިޔަ ކަމަށް އަދީބު ވިދާޅުވިއެވެ. މީގެ އިތުރުން އަދީބު ވިދާޅުވީ މައްސަލަ ބެލުމުގައި ސަރުކާރުގެ ނިޔަތާއި މެދު ސުވާލެއް ނެތް ކަމަށެވެ. އަދި މައްސަލައިގެ ތެރެއިން ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދަންޖެހޭކަން ގަބޫލުކުރާ ކަމަށް އަދީބު ވިދާޅުވިއެވެ.

އަދީބު މިވަގުތު ހުންނެވީ، 15 ދުވަހުގެ ބަންދެއްގައެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 67%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: