ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރު އަދި އަމިއްލަ ވަޒީފާ ކަމުގައިވިޔަސް، ނުހައްގު މުއްސަނދިކަމެއްނަމަ އެއީ ކުށަކަށް ވާންޖެހޭ: އަލީ ހުސެއިން

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު އަދި އަމިއްލަ ކުންފުންޏެއްގެ ވަޒީފާގައި އުޅުނު ކަމުގައިވިޔަސް، ނުހައްގު މުއްސަނދިކަމެއް މީހަކަށް ލިބި، އެފައިސާ ލިބުނު ގޮތް ސާބިތުކޮށް ނުދެވިއްޖެނަމަ، އެއީ ގާނޫނީ ކުށެއްކަމަށް ބަލައި އެފައިސާ ދައުލަތަށް ނަގަންޖެހޭ ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް ހުށައަޅުއްވާފައިވާ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް އިސްލާހު ހުށައެޅުމުގެ ބިލަށް ބަހުސްކުރައްވަމުން މެމްބަރު އަލީ ހުސެއިން ވިދާޅުވީ މިއިސްލާހަކީ ރަނގަޅު އިސްލާހެއް ކަމަށާއި މިއިސްލާހު ގެނައުން މިހާރުވެސް ލަސްވެފައިވާ ކަމަށެވެ.

މެމްބަރު އަލީ ހުސެއިން ވިދާޅުވީ ނުހައްގު މުއްސަނދިކަމަކީ ގާނޫނީ ކުށަކަށް ހެދުމަށްޓަކައި މީގެ ކުރިން އޭސީސީގެ އަމިއްލަ އިސްނެގުމުގެ މަތިން ބިލެއް ޑްރާފްޓްކޮށް ކުރީ ސަރުކާރުގައި ހުށައަޅާފައިވާ ކަމަށެވެ. އެހެންނަމަވެސް، ދައުރުގެ ފަހުކޮޅު ކަމުން އެމަސައްކަތް ނުކުރެވި އޮތީ ކަމަށެވެ.

ރާއްޖޭގައި ހިންގާ ކޮރަޕްޝަންގެ އަމަލުތައް ނުވަތަ މަގާމުގެ ނާޖާއިޒު ފައިދާ ނެގުން ހުއްޓުވަން ބޭނުންވާކަމުގައިވާނަމަ، ނުހައްގު މުއްސަނދިކަމަކީ ކުށެއްކަމުގައި ކޮންމެހެންވެސް ހަދަންޖެހޭ ކަމަށް ވިދާޅުވިއެވެ. ސަރުކާރުގެ ވަޒީފާތަކުގައި ނުވަތަ ދައުލަތުގެ ކުންފުންޏެއްގެ ވަޒީފާގައި ދެތިން އަހަރު ހޭދަކުރާއިރު، ރާއްޖެއިން ދެތިން ފްލެޓާއި ރާއްޖެއިން ބޭރުން ފްލެޓް ގަނެފައި ހުންނަ ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް، އެއީ ކިހިނެއް ހޯދި ފައިސާއަކުން ހޯދި ތަންތަނެއްކަން އެނގެން ނޯންނަކަމަށް ވިދާޅުވިއެވެ.

10،000އެއްހާ އަކަފޫޓުގެ ބިމެއްގައި ދަނޑުވެރިކަން ކުރާ މީހުން ކަމަށް ބުނާ މީހުންގެ ބާލިސް ދަށުން އެބަ ފެނޭ 5 މިލިޔަނެއްހާ ރުފިޔާ. ގާނޫނު އޮތް ގޮތުން މިއިން އެއްވެސް ފައިސާއެއް ލިބުނުގޮތެއް ބުނެދޭކަށް ނުޖެހޭ. ހަމައެކަނި ޕްރޮސެކިޔުޝަނުން ސާބިތުކޮށްދޭން ޖެހެނީ

އެހެންނަމަވެސް، ބިލަށް އިސްލާހު ހުށައަޅައި ފަސްކުރެވިއްޖެނަމަ ސަރުކާރު އަދި ޕްރިއިވެޓް ކުންފުންޏެއްގައި އުޅޭ މީހަކަށްވިޔަސް ވަޒީފާއާ ނުބައްދަލު އަދަދަކަށް މީހެއް އަތުގައި ފައިސާ ހުރެއްޖެނަމަ، އެސާބިތުކުރުމުގެ ޒިންމާ އެމީހެއްގެ ބޮލުގައި އެޅޭ ކަމަށެވެ. އަދި ފައިސާ ހޯދިގޮތް ސާބިތު ނުކޮށްދެވިއްޖެނަމަ އެއީ ކުށެއްކަމަަށް ބަލައި އެފައިސާ ދައުލަތަށް ނެގޭނެ ކަމަށެވެ.

ބޭރު ބައެއް ގައުމުތަކުގެ އުސޫލުތަކަށް އަލިއަޅުއްވާލައްވަމުން އަލީ ހުސެއިން ވިދާޅުވީ، އަތުގައި ހުރި ފައިސާގެ 100 އިންސައްތަ ކޮންމެހެން ސާބިތުކޮށްދޭން ނުޖެހޭ ކަމަށެވެ. އަދި ސާބިތުކޮށްދޭންޖެހޭ މާޖީނުގެ ގޮތުގައި 5 ނުވަތަ 10 އިންސައްތަ ބަޔާންކޮށްފައިވާކަމަށް ވިދާޅުވިއެވެ.

މިސާލަކަށް މީހެއް އެކައުންޓްގައިި 100 ރުފިޔާ އޮވެއްޖަނަމަ، އޭގެން 95 ރުފިޔާ އޭނާ ހޯދީ ރަނގަޅަށްކަން އޭނާ ސާބިތުކޮށްދެވިއްޖަނަމަ އެއީ ކުށެއް ނޫންކަމުގައި ބެލެވިދާނެ

 

ގާނޫނުލްއުގޫބާތަށް ހުށައަޅާފައިޥާ އިސްލާހަށް ވާހަކދައްކަވަމުން އަލީ ހުސެން ވިދާޅުވީ ގާނޫނަށް އިސްލާހު އައުން ލަސްވެއްޖެކަމަށެވެ. އޭސީސީ އުފެދިފައިވާތާ 12 އަހަރުވެފައިވާއިރު، އޭގެ ކުރިން އެންޓި ކޮރަޕްޝަން ބޯޑެއްވެސް އޮތް ކަމަށް ވިދާޅުވިއެވެ. އެހެންނަަމަވެސް، އޭސީސީ ފާހަގަކުރެވިފައިވަނީ ދަތް ނެތް ސިންގާއެއް ގޮތުގައިކަމަށް އަލީ ހުސެއިން ވަނީ ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: