ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަނުކުރުމުން ދޭހަވަނީ ގައުމު އަޅިވެތިވެފައިވާ މިންވަރު ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިހެން ވިދާޅުވީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބި އަދަދާއި އެމީހުންނަށް ދިވެހިރާއްޖޭގެ ދައުލަތުން ކުރާ ހަރަދު ހާމަނުކުރީ އެއީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ގަބޫލު ކުރެވޭތީ ކަމަށް ޑިފެންސް މިނިސްޓްރީން ބުނުމާ ގުޅިގެންނެވެ.
އެގޮތުން ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެކަމުން ދާހަކޮށްދެނީ ދިވެހިރާއްޖޭގެ ވެރިކަމުގައި ތިބި ބައެއްގެ ނުކުޅެދުންތެރިކަމުން ގައުމު އަޅުވެތިވެފައިވާ މިންވަރު ކަމަށެވެ.
“މިއީ ބިރުވެރިކަމެއް.[ސިފައިންގެ އަދަދު] ހާމަކުރަން ޖެހޭ.” ޝިޔާމް ވިދާޅުވިއެވެ.
Mikamun dheyhakohdhenee Dhivehi Raajjeyge verikamuga thibi baehge nukulhedhuntherikamun qaumu alhuvethivefaiva minvaru. Mee biruverikameh. Haama kuran jehey.
އިންޑިއާ ސިފައިންގެ އަދަދު ހާމަކުރުމުން ރާއްޖެ-އިންޑިއާ ގުޅުމަށް ބުރޫއަރާނެ: ޑިފެންސް މިނިސްޓްރީ https://t.co/x337SZUREc
— Ahmed Shiyam (@Shiyamaldives) October 6, 2020
ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހޯދަމް މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަށް ހުށަހެޅީ “ދިޔަރެސް” ނޫހުގެ ފަރާތުންނެވެ.
މިއަދު އެ ކޮމިޝަނުން ބޭއްވި މި މައްސަލައިގެ އާންމު އަޑުއެހުމުގައި އިންފޮމޭޝަން ކޮމިޝަނަރަ ހުސައިން ފިޔާޒް މޫސާ ވަނީ ޑިފެންސް މިނިސްޓްރީން މިމައުލޫމާތު ހާމަނުކުރީ ކީއްވެގެންތޯ ސުވާލު ކުރައްވާފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ޑިފެންސް މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރ އަހުމަދު ސިމާހު ވިދާޅުވީ އަޒާން އެ މައުލޫމާތު ހޯދަން އެދުމާއި އެކު އެ މިނިސްޓްރީން ވާނީ މިކަމުގެ މައުލޫމާތު ހާމަކުރެވެން އޮތްތޯ ސިފައިންގެ ލަފާދޭ މަޖިލީހަށް ހުަށަހަޅާފައި ކަމަށާއި، އެމަޖިލީހުން ވަނީ މި މައުލޫމާތު ހާމަކުރުމަށް ދެކޮޅު ހަދާފައިކަމަށެވެ. އެ މަޖިލީހުން މިއީ އާންމުކުރެވެން ނެތް މައުލޫމާތެއް ކަމަށާއި، ގައުމީ ސަލާމަތަށް މިކަމުން ނުރައްކަލެއް އޮތް ކަމަށް ވިދާޅުވުމުން އެއީ ކީއްވެގެންތޯ އޮޅުން ފިލުވާފައި ނުވާނޭ ކަމަށް ސިމާހު ވިދާޅިވިއެވެ.