ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ވަގުތާއި ހިޔާލަށް އިންވެސްޓުކުރުން މުހިންމު: ފަސްޓްލޭޑީ

ޝެއާރކޮށްލާ ކަހަލަދޯ؟

ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމުގައާއި މުސްތަޤްބަލުގައިވެސް ދިމާވެދާނެ މިފަދަ ޞިއްޙީ ކާރިސާއަކުން ރައްކާތެރިވުމަށްޓަކައި، ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ކުރާ ހޭދައަކީ ހަމައެކަނި މާލީގޮތުން ކުރާ އިންވެސްޓްމަންޓަކަށް ވެގެން ނުވާނެކަމަށާއި، ހެޔޮ ބަދަލެއް ގެނައުމަށް ވަގުތާއި ހިޔާލާއި އިޚުލާސްތެރިކަމަށް ވެސް އިންވެސްޓުކުރަން ޢަޒުމް ކަނޑައަޅަންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.

އެ ކަމަނާ މިހެން ވިދާޅުވީ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މޯލްޑިވިއަން ރެޑް ކްރެސެންޓް (އެމް.އާރް.ސީ) އިން އިސްނަގައިގެން އޮންލައިންކޮށް ބޭއްވި ވެބިނާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ވެބިނާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، މުޖުތަމަޢެއް އާރާސްތުކުރުމުގައި ނަފްސާނީ ދުޅަހެޔޮކަމުގެ ދައުރުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. މި ގޮތުން، ކޯވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ނަފްސާނީ ދުޅަހެޔޮކަމުގެ މުހިންމުކަން އިތުރުވެފައިވާ މި ފަދަ ދަނޑިވަޅެއްގައި، ނަފްސާނީ ދުޅަހެޔޮކަމަށް ދޭ އަހަންމިއްޔަތުކަން ކުޑަ ކުރެވިއްޖެ ނަމަ، މި ހާލަތުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކުގެ މުހިންމު އެއްބައި އުނިވެގެންދާނެ ކަމުގައި އެ ކަމަނާ ވިދާޅުވިއެވެ. މީގެ އިތުރުން އެ ކަމަނާ ވަނީ، ކޯވިޑް-19 އާއި ގުޅިގެން ނަފްސާނީ އަދި އިޖްތިމާޢީ އެހީތެރިކަމަށް ބޭނުންވެފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްޞަ ނިޒާމެއް ޤާއިމުކޮށްފައިވާތީ އެ ކަމާ އުފާކުރައްވާކަން ހާމަކުރައްވާފައެވެ. ހަމަ އެއާއެކު އެކަމަނާ ވަނީ ނަފްސާނީ ޞިއްޙަތު ކުރިއެރުވުމަށް މަސައްކަތްކުރައްވާ ހުރިހާ ފަރާތްތަކަށް ޝުކުރުއަދާކުރައްވާފައެވެ.

ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް ޤައުމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކަށް އިޝާރާތްކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ، ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކޮށްދިނުމާ ގުޅޭ ޤައުމީ ފެންވަރުގެ ސިޔާސަތުތަކެއް ވީ އެންމެ އަވަސް ފުރުޞަތެއްގައި ތަންފީޒުވެގެން ދިޔުމަކީ އެ ކަމަނާ އުންމީދުކުރައްވާކަމެއް ކަމުގައެވެ. އަދި، އޭގެ ސަބަބުން ނަފްސާނީ ގޮތުން ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ބާރުވެރިކަމެއް ލިބިގެންދާނެކަމަށާއި، އެ ފަދަ ބަލިތަކަށް ފަރުވާދެއްވާ ޑޮކްޓަރުންނަށް ޚާއްޞަކޮށްގެން “ކޯޑް އޮފް އެތިކްސް” އެކުލަވައިލެވޭނެ ކަމުގައެވެ. އަދި، އެ ފަދަ ސިޔާސަތެއް އެކުލަވައިލުމާއި ތަންފީޒުކުރުމުގެ މަރުޙަލާގައި، ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ އަޑު އަހައި، އެ މީހުންގެ ޚިޔާލުތަކަށް މަރުޙަބާ ކިޔުމަށް ވެސް އެ ކަމަނާ އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅު ނިންމަވައިލެއްވީ، ނަފްސާނީ ބައްޔެއް ހުރިކަން ފާހަގަވާ ހިސާބުން ފެށިގެން، އެ ބައްޔަކަށް ފަރުވާ ހޯދުމުގެ މަސައްކަތް ފެށުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައިލައްވަމުންނެވެ. މި ގޮތުން، އަވަސް ފަރުވާ ހޯދުމުގެ ބޭނުމަކީ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ހޯދުމާ، ބަލި މެނޭޖްކުރަން ދަސްކުރުން ކަމުގައި އެ ކަމަނާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އިތުރުން މި ވެބިނާގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރސެކްރެޓަރީ ޑރ ޢަބްދުލްމަލިކާއި، އެމް.އާރް.ސީ. ގެ ސެކްރެޓަރީ ޖެނެރަލް ފާޠިމަތު ހިމްޔާއާއި، ޔުނިސެފްގެ ޕްރޮގްރާމް ސްޕެޝަލިސްޓް ޝަހުލާ އަޙްމަދާއި، ސެންޓަރ ފޮރ މެންޓަލް ހެލްތުގެ އިސްވެރިޔާ ޑރ ޝަނޫހާ މަންސޫރުގެ އިތުރުން، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) ގެ ޑިރެކްޓަރ އާމިނަތު ޝަހުޒާ ބައިވެރިވެވަޑައިގެންނެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: