ޖިންސީ ކުށުގެ ގާނޫނުގައި ހާމަ ނުކުރަން ބުނެފައިވާ ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނާނެ ފަދަ ބައެއް މައުލޫމާތު ރައްޔިތުންގެ މަޖިލީހުން އިއްޔެ ލައިވް ކުރި ކޮމިޓީއެއްގައި ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން ހާމަކޮށްފި އެވެ.
ދިވެހި ރައްޖޭގެ ގާނޫނު އަސާސީގެ، ޖިންސީ ކުށުގެ ގާނޫނުގެ 59 ވަނަ މާއްދާގެ ދަށުން ޖިންސީ ކުށުގެ ޝިކާރައަކަށް ވާ މީހެއްގެ ތަފްސީލެއް ހާމަކޮށްގެން ނުވާނެއެވެ. އެ މާއްދާގެ (ހ) ގައި ބުނެފައިވަނީ “ރޭޕްކުރުމުގެ ކުށުގެ ނުވަތަ ޖިންސީ އަނިޔާގެ ކުށުގެ ނުވަތަ ޖިންސީ ގޯނާގެ ކުށުގެ ތަހްގީގެއްގެ ނުވަތަ ޝަރީއަތެއްގެ ވާހަކަ މީޑިއާގެ އެއްވެސް ވަސީލަތެއްގައި ބަޔާންކުރުމުގައި ނުވަތަ ށާއިއުކުރުމުގައި، އެ ކުށުގެ ށިކާރައަށްވީ މީހަކީ ކާކުކަން ދެނެގަނެވިދާނެ އެއްވެސް މައުލޫމާތެއް، މީޑިއާގެ އެއްވެސް ވަސީލަތެއްގައި ހާމަކުރުމަކީ، މި ގާނޫނު ހުއްދަކުރާ ކަމެއް ނޫން” ކަމަށެވެ.
އަދި ހަމަ އެ މާއްދާގެ (ށ) ގައި ބުނެފައިވަނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލާ ހިލާފަށް އަމަލުކުރާ ފަރާތެއްގެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ ބާރު ވަޒީރަށް ލިބިގެންވާ ކަމަށެވެ. އަދި އެފަދަ ކަމެއް ކުރިކަމަށް ސާބިތު ވާހިނދު، އެފަރާތެއް -/10،000 (ދިހަ ހާސް) ރުފިޔާއާއި -/15،000 (ފަނަރަ ހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު، ކޯޓަށް ލިބިގެންވާ ކަމަށެވެ.
ޖިންސީ ގޯނާގެ ޝިކާރައަކަށް ވީ ކުއްޖެއްގެ މައުލޫމާތު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހާމަކޮށްފައިވަނީ އިއްޔެ ކުރިޔަށް ގެންދިޔަ ހިއުމަން ރައިޓްސް އެންޑް ޖެންޑާރ ކޮމިޓީގައެވެ. މި ކޮމިޓީ މަޖިލީހުގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ވަނީ ލައިވްކޮށްފައެވެ. ގާތްގަނޑަކަށް ދޮޅު ގަނޑިއިރުގެ އެ ކޮމިޓީއަކީ ޖިންސީ ގޯނާގެ މައްސަލަތަކާއި، ރޭޕްގެ މައްސަލަތަކުގައި ސާމްޕަލް ނަގާއިރު ރޭޕްގެ އެވިޑެންސް ކިޓު ބޭނުންކޮށްގެން ވިކްޓިމްގެ ހަށިގަނޑުން ސާމްޕަލް ނަގައި ތަހުލީލު ކުރުމާއި ގުޅޭގޮތުން ޖިންސީ ކުށުގެ ގާނޫނަށް ގެންނަ އިސްލާހު ދިރާސާ ކުރުމަށް ބޭއްވި ކޮމިޓީއެކެވެ.
މި ކޮމިޓީއަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ފަރާތުން ހާޒިރުވެ މައުލޫމާތު ހިއްސާ ކުރައްވާފައިވަނީ، އެ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާރ އައިޝަތު ނަބާހާއެވެ.
މި ކޮމިޓީގައި ރޭޕް ވިކްޓިމްއެއްގެ ސާމްޕަލް ނަގާއިރު، އެ ކުއްޖާގެ ރުހުން އޮތުމާއި ބެހޭ ގޮތުން ވާހަކަ ދެކެވުނެވެ. އަދި ސާމްޕަލް ނަގާނެ ގޮތާއި ބެހޭ ގޮތުންނާއި، ފަހުން އައިސްދާނެ މައްސަލަތައް ހައްލު ކުރުމަށް ވާހަކަ ދެއްކެވިއެވެ. އެގޮތުން ކޮމިޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ވަނީ ރީޕް ކިޓު ބޭނުން ކުރެވޭނީ އެކަމުގެ ޝިކާރައަކަށް ވާ މީހެއް ނުވަތަ ކުއްޖާގެ ރުހުމާއި އެކުކަން ގާނޫނުގައި ބަޔާން ކުރާ ކަމަށް ވިދާޅުވެފައެވެ.
“މީގެ ދެން ވަރަށް ގިނަ ފަރާތްތަކުން ކޮމެންޓު ލިބުނުއިރު، ތިބޭފުޅުން ފޮނުވާފައި ހުރި ކޮމެންޓުތަކަކު އެއްވެސް އިޝޫއެއް ނެތް. ކޮންސެންޓު އޮންނަން ޖެހޭނެ ކަމަށް ހުރިހާ ހާލަތެއްގައި ވެސް. ބަޔާންކޮށްފައިވޭ….. އެހެން ނަމަވެސް ކޮންސަންޓު ނުދެވޭ ހަލަތާއި ކޮންސެންޓު މިސާލަކަށް 16، 17 އަހަރުގެ ކުއްޖެއް ގޮވައިގެން އަންނަނީ އޭނަ ކޮންސެންޓު ދޭ ފަރާތް… އެކަމަކު އެއީ މިސާލަކަށް ސިއްހީ މަރުކަޒުގަ ހުންނަ މީހާއަށް ނޭނގިދާނެ އެއީކަން ޕާޕެޓްރޭޓާރ އަކީ. އެހެން ވެއްޖެއްޔާ ރުހުން ދޭން ވެސް ހުރީ ޕާޕެޓްރޭޓާރ. އެކަހަލަ ހާލަތްތައް އެބަ އާދޭ، އެހެން ކަމުން މިޔަށް ކޮންސެންޓް އާއި ގުޅުން ހުރި އިޝޫޒްގަ، މި އަންނަ ޗެލެންޖެސްގަ….. ޗެލެންޖެންސްއަށް އެޑްރެސް ކުރާނެ ގޮތް މަޝަވަރާ ކުރުމަށް ބޭނުން” ޖީހާން
މި ސުވާލަށް ޖަވާބު ދެއްވަމުން ޕީޖީއިން ބުނެފައިވަނީ، ލިޔުމުން ރުހުން ދިނުން މުހިންމުކަމަށް ދެކޭ ކަމަށެވެ. އަދި އޭގެ ސަބަބަކީ ގިނަ ޖިނާއީ މައްސަލަތަކުގައި ޝަރީއަތާއި ހަމައަށް ދާއިރު ވިކްޓިމް ހެކި ބަސް ދޭން ބޭނުން ނުވުން ކަމަށެވެ. މިބާވަތުގެ މައްސަލަތަކުން، މިއީ ދިމާވާ މައްސަލައެއްގެ ގޮތުގައި ޕީޖީއިން ފާހަގަ ކުރިއެވެ. އެހެން ކަމުން ލިޔުމުން ރުހުން އޮތުމުން އޭގެ އެޑްމިސިބިލިޓީ ނުވަތަ ސައްހަކަން އެއްބަސްވުމަކުން ކަށަވަރު ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
އެހެން ނޫންނަމަ މީގައި އޮންނާނީ، ވިކްޓިމް ގެ ބުނުމާއި، ސާމްޕަލް ނެގި މީހެއްގެ ބަސް ކަމަށް ޕީޖީ އިން ބުންޏެވެ.
“ވިކްޓިމް ބުނާނީ ރުހުން ނުދެމޭ…. ސާމްޕަލް ނެގި މީހާ ބުނާނީ ރުހުން ދީގެންނޭ ސާމްޕަލް ނެގީ. އަޅުގަނޑުމެންނަށް ސާބިތު ކުރެވޭ އެހެން ގޮތެއް ނޯންނާނެ” ޕީޖީ
އެއަށްފަހު ޕީޖީއިން ދެން ހާމަ ކުރީ ރޭޕްގެ ޝިކާރައަކަށް ވީ އަންހެން ކުއްޖެއްގެ ނަމެވެ. އަދި އެއީ ކޮން ކޭސްއެއްކަން އެވަގުތު އެތަނަށް ހާޒިރުވެ ތިބި އެންމެނާއި މުވައްސަސާއަށް ވެސް އެނގޭނެ ކަމަށް ވިދާޅުވިއެވެ. މި ކޭސްގައި ވެސް ދިމާވި ގޮންޖެހުމަކީ އެއީ ކަމަށް އޭނާ ބުންޏެވެ. އަދި ޕީޖީއިން ވަނީ އެ ކޭސްއާއި ގުޅޭ ގޮތުން، ހިފަހައްޓަން ޖެހޭނެ، ނުވަތަ އިތުރު ބަޔަކަށް އެނގިގެން ނުވަނެ މައުލޫމާތުތަކެއް ހިއްސާ ކުރައްވާފައެވެ. އޭގެ ތެރޭގައި މައްސަލައިގެ ތުހުމަތުވާ ފަރާތާއި، އެ ކުއްޖާ ގެންދިޔައީ ކާކު ކަމާއި، އަދި އެ ކުއްޖާއަށް އޭގެ ފަހުން ދިމާވީ ކަންކަން އޭނާ ތަފްސީލު ކުރިއެވެ.
ޕީޖީއިން އެ އާއްމު ކުރި މައުލޫމާތަކުގައި އެ ކުއްޖާ މިވަގުތު ކޮބައިކަން ވެސް ހާމަ ކުރިއެވެ. އަދި އެ ކުއްޖާގެ ހާލަތު ވެސް ތަފްސީލު ކުރިއެވެ.
މި ނޫން ވެސް އެތައް މައުލޫމާތެއް އޭނާ ހާމަ ކުރަމުން ދިޔައިރު، ކޮމިޓީގެ އަޑު ކަނޑާލުން ނުވަތަ ޖީހާން އާއި އިތުރު އެއްވެސް މެމްބަރެއް އެ ވާހަކަތައް ހުއްޓުވާފައި ނުވެއެވެ. އަދި މި މައުލޫމާތުން އެ ކުއްޖާގެ މައުލޫމާތުތައް އާއްމުވީއިރު މިއީ ގާނޫނު އަސާސީގެ ދަށުން ބޮޑު ކުށެކެވެ.
ކުޑަކުދިންގެ ގާނޫނުގައި ވެސް ބަޔާންކޮށްފައިވާ ގޮތުން ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ މައުލޫމާތު އެއްވެސް މީޑިއާއެއްގައި އަދި އެނޫންވެސް ވަސީލަތެއްގައި ހާމަ ނުކުރެވޭނެއެވެ.