ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

16 އަހަރަށްފަހު އެމެރިކާގެ ޙާރިޖީ ވަޒީރު ރާއްޖެ އަށް ކުރައްވާ ރަސްމީ ދަތުރުފުޅު!

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއަށް ފުރަތަމަ ފަހަރަށް އެމެރިކާގެ ޙާރިޖީ ވަޒީރަކު ވަޑައިގެންފައިވަނީ 1992 ވަނަ އަހަރުއެވެ. އެއީ ސެކްރެޓަރީ އޮފް ސްޓޭޓް ޖޭމްސް ބޭކަރ އެވެ. އަދި އެއައްފަހު 2004 ގައި ސެކްރެޓަރީ އޮފް ސްޓޭޓް ކޮލިން ޕަވެލް ރާއްޖެއަށް ޒިޔާރަތް ކުރެއްވިއެވެ. މިފަހަރު އެމެރިކާގެ ރިޔާސީ އިންތިހާބަށް ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮންޕޭއޯ ރާއްޖެއަށް މިކުރައްވަނީ އާދައިގެ ޒިޔާރަތެއްނޫނެވެ. މީގެން ދައްކުވައިދެނީ މުޅި ދެކުނު އޭސިއާ ބައްރުގައި ރާއްޖޭގެ މުހިންމުކަން އިތުރުވެފައިވާވަރެވެ.

ރައީސް އިބްރާހިމް ސޯލިހު ވެރިކަމަށް ވަޑައިގެންނެވިތާ 2 އަހަރުވާން ދުވަސްކޮޅަކަށްވެފައިވާއިރު ދިވެހިރާއްޖެ މިވަނީ އަނެއްކާވެސް ބައިނަލްއަގުވާމީ ދުނިޔޭގައި ބަސްކިޔޭނެ ގައުމަކަށް ހަދާދެއްވާފައެވެ. އިންސާނީ ހައްގުތަކާއި ޑިމޮކްރަސީގެ އުސޫލުތައް އަލުން ގާއިމްކުރައްވާ ، ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން މުޅި ދުނިޔެއާއި ކަނޑައިލި ގުޅުންތައް މިވަނީ އިޔާދަ ކުރައްވާފައެވެ. އަދި އޭގެ އިތުރުންވެސް މިމަދުދުވަސް ކޮޅުތެރޭގައި އަދި މިކޮވިޑް ވަބައިގެ އުނދަގޫތަކުގެ ތެރޭގައިވެސް ރައީސް ސޯލިހުގެ އިރުޝާދުގެ ދަށުން ޙާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވަނީ ޙާރިޖީ ދާއިރާގެ ކުރިއެރުންތަކެއްހޯދާފައެވެ.

އެމެރިކާގެ ޙާރިޖީ ވަޒީރު މައިކް ޕޮންޕޭއޯ އިންޑިއާ، ލަންކާ، އިންޑޮނޭޝިއާ އަދި ރާއްޖެއަށް ކުރައްވާ ދަތުރުފުޅަކީ އެމެރިކާގެ ރިޔާސީ އިންތިހާބުގެ ކެންޕޭން އެންމެ ފޯރިގަދަ ދުވަސްކޮޅެވެ. އިންޑިއާ އަދި ޗައިނާގެ ދެމެދުގައި އެތައް މައްސަލައެއް ޖެހިފައިވާ ވަގުތެކެވެ. ސްރީލަންކާގެ ވެރިކަމަށް ރަޖަޕަކްސޭގެ އާއިލާ އަނބުރާ އައިސް ޗައިނާޔާ އެކުގައި ގުޅުންތައް އިތުރަށް ވަރުގަދަ ކުރަންފަށާފައިވާ ވަގުތެވެ. ދިވެހިރާއްޖެ ހަމައެކަނި ޗައިނާ އަދި ސައޫދީ އަރަބިއްޔާ އަށް ބަރޯސާވި 5 އަހަރަށް ފަހު އިންޑިއާ އާއި އެމެރިކާ އާއި އެކީގައި ވަނީ މަސައްކަތް ކުރަން ފަށާފައެވެ.

އާދެ މިއަދުގެ ދުނިޔޭގައި އެވެސް ގައުމަކަށް އެކަހެރިވެގެނެއް ނޯވެވޭނެއެވެ. މިއަދު ރައީސް ސޯލިހު އެންމެ ގާތްކޮށް މަސައްކަތް ކުރައްވާ އިންޑިއާ ، އެމެރިކާ ، އިނގެރޭސިވިލާތް އަދި ޔޫރަޕިއަން ޔޫނިއަން އަކީ ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ ތަކެވެ. އަދި މިނިވަން ވިޔަފާރި ގަބޫލު ކުރާ ގައުމުތަކެވެ. އަބަދުވެސް ދިވެހި ރާއްޖެއަށް ބޭނުން ވަނީ އިންވެސްޓްމެންޓް ތަކެވެ. މި ގައުމުތަކާއި ގުޅިގެން އިންވެސްޓަރުންނާއި އަދި ދިވެހި ރާއްޖެއަށް މިގައުމުތަކުން އިންވެސްޓަރުންނާއި ވިޔަފާރިތައް ގެނައުން ފަހި ކުރުމަށް ޑަބަލް ޓެކްސް ޓްރީޓީ ތަކާއި އެގްރިމަންޓްތައް ހެދިދާނެއެވެ.

ދިވެހި ރާއްޖެއަށް ދުވަހަކުވެސް ނުހުޅުވޭނެ ވަރުގެ ދޮރުތައް މިވަނީ ހުޅުވިފައެވެ. މިވަގުތުގެ ބޭނުންހިފާ ދިވެހިރާއްޖޭގައި ފައިނޭންޝަލް ސެންޓަރުތަކާއި ހާއްސަ އިގްތިސާދީ ޒޯންތަކުގެ އެއްބަސްވުންތައް ހެދިދާނެ ވަގުތަކީ މިއެވެ. އެހެނީ ދިވެހިރާއްޖޭގެ ބޭނުން އެންމެ ބޮޑަށް ހިފަން ބޭނުންވާނެ ވަގުތަކީ ވެސް މިއެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރުވެސް ދިވެހިރާއްޖެ އޮންނަ އިސްތިރާޖީ ސަރަހައްދުގެ ސަބަބުން ރާއްޖޭގެ އެތައް ބޭނުމެއް އިނގެރޭސި އެންޕަޔަޔަރާއި ހުޅަނގުގެ ކޯލިޝަނުންހިފިއެވެ. ނަމަވެސް ރާއްޖެއަށް ބަނޑުފުރާނަ މުއްތި ކޮށްލުމުގެ އެހީއެއްވެސް އެދުވަސްވަރު ނުލިބުނެވެ.

އެހެންވެ މިފުރަސަތުގައި ދިވެހިރާއްޖެއާއި އަދި ބޭރުފަރާތް ތަކަށް “ވިން-ވިން” ސިޓުއޭޝަނެއް ހޯދައިދޭނެ ކަމުގެ އުންމީދު ރައީސް ސޯލިހު އާއި މެދު އެބައޮތެވެ. ރާއްޖޭގެ ބޭނުން ހިފަންޏާ ރާއްޖެ އަށްވެސް އިގްތިސާދީ ގޮތުން ހިންދެމިލާ މި ދިވެހި ކުޑައާބާދީ އަށް ދެމިހެއްޓެނިވި ގޮތެއްގައި އުފަލާއި ތިޔާގި ކަމުގައި އުޅުމުގެ ފުރުސަތު ލިބެންޖެހެއެވެ. ކޮންމެގޮތަކަށް ބެލިޔަސް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮންޕޭއޯ ދިވެހިރާއްޖެއަށް މިއަދު ކުރައްވާ ޒިޔާރަތަކީ ވަރަށް ތާރީޙީ ދަތުރު ފުޅަކަށްވާނެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: