ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމެރިކާ ތަފާތުވާނެ، އެހެން ގައުމުތަކުގެ ސިޔާދަތަށް އިހުތިރާމް ކުރަން: ޕޮމްޕޭއޯ

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭއޯ ޝާރޓަން ރިސޯޓުގައި ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ/ ފޮޓޯ" ފޮރިން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމެރިކާއަކީ ދުނިޔޭގެ އެހެން ގައުމުތަކާއި ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރާ ގައުމެއް ކަމަށާއި، އެ މަސައްކަތައް ކުރިޔަށް ގެންދާއިރު އެ ގައުމެއްގެ ސިޔާދަތާއި، އިގްތިސޯދަށް އިހުތިރާމް ކުރާނެ ކަމަށް އެމެރިކާގެ ސްޓޭޓް އޮފް ސެކްރެޓަރީ މައިކް ޕޮމްޕޭއޯ ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ރާއްޖެ އަށް ކުރެއްވި ރަސްމީދަތުރުފުޅުގައި މީޑިއާތަކާއި ބައްދަލު ކުރައްވާ ވިދާޅުވީ ރާއްޖޭގެ ރައްޔިތުން އަބަދުވެސް ޑޮމޮކްރަސީ އާއި ހެޔޮ ވެރިކަމަށް އެދޭކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ނިމިދިޔަ ރިޔާސީ އިންތިހާބުން ފެށިގެން އެމެރިކާއިން ރާއްޖެއަށް ފޯރުކޮށްދެމުން އައި އެއް އެހީތެރިކަމަކީ ވެސް އެއީ ކަމަށް ޕޮމްޕެއޯ ވިދާޅުވިއެވެ. އަދި ވިދާޅުވީ ރާއްޖޭގެ ހިންގުމުގެ ދާއިރާ ރަނގަޅުކުރުމަށާއި އިގުތިސާދީ ގޮތުން ބާރުވެރިކުރުވަން 2018 ވަނަ އަހަރުން ފެށިގެން މިހާތަނަށް 40 މިލިޔަން ޑޮލަރުގެ އެހީ ފޯރުކޮށްދީފައިވާ ކަމަށެވެ.

ރާއްޖެއަށް ކުރެއްވި ދަތުރުފުޅަށް ދަތުރުފުޅަށް އިޝާރާތްކުރައްވާ ޕޮމްޕެއޯ ވިދާޅުވީ ރާއްޖެއަށް ވަޑައިގަތީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އެމެރިކާއިން ވަޒަންކުރާތީ ކަމަށެވެ. ރާއްޖެއާއި އެމެރިކާ ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު މީގެ ކުރިން ދުވަހަކު ވެސް ނެތް ވަރަށް މިހާރު އެބަ އޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެމެރިކާ އިން ބަދަހިކުރާނީ އެކުވެރިކަން ކަމަށާއި ގައުމުތަކުގެ މިނިވަން ކަމަށް އަރައިގަންނަ ބަޔަކަށް އެ ގައުމު ނުވާނެ ކަމަށް ޕޮމްޕެއޯ ވިދާޅުވިއެވެ.

ރާއްޖެފަދަ ކުޑަ ގައުމަކަށް ގޮންޖެހުންތަކެއް ދިމާވާއިރު، އެމެރިކާއިން އެހީތައް ފޯރުކޮށްދިނުމުގެ ވިސްނުން އޮތީ ކިހިނެއްތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޕޮމްޕެއޯ ވިދާޅުވީ ރާއްޖެއަށް ފަދަ ގައުމުތަކަށް ސަލާމަތާއި ރައްކާތެރިކަން ބޭނުންވާ ކަމަށެވެ. އެ ސުވާލަށް ޖަވާނު ދެއްވަމުން ވާދަވެރި ޗައިނާއަށް ބަހުގެ ހަމަލާތައް ރައްދު ކުރައްވާ އޭނާ ވިދާޅުވީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ފަރާތުން ކުދި ގައުމުތަކަށް ނުރައްކާވަމުން ދާ ކަމަށެވެ. އަދި އެހެން ގައުމުތަކުގެ އިގްތިސޯދަށް ވެސް ޗައިނާ އަތްގަދަ ކުރަން މަސައްކަތް ކުރާކަމަށް ދޭހަވާ މޭރުމަކުން އޭނާ ވާހަކަ ދެއްކެވިއެވެ.

ޕޮމްޕެއޯ ވިދާޅުވީ ގައުމުތަކުގެ ތިމާވެއްޓާއި، އިގްތިސޯދަށް ގެއްލުންތައްވާނެހެން މަސައްކަތް ކުރުން އެއީ އެމެރިކާގެ ސިޔާސަތެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ، ޗައިނާއާއި ހިލާފަށް އެމެރިކާއިން އެހެން ގައުމްތަކުގެ އިސްތިގުލާލާއި ސިޔާދަތަށް އިހުތިރާމް ކުރާނެ ކަމަށެވެ. އޭގެ ސަބަބެއްކަމަށް އޭނާ ވިދާޅުވީ ގުޅިގެން ކުރާ ކޮންމެ މަސައްކަތެއް އެއީ ދެފުށް ފެންނަ ނިޒާމަކަށް ވާން ޖެހުމެވެ. އެމެރިކާއަކީ އަބަދުވެސް އެހެން ގައުމުތަކާއި އޮންނަ ގުޅުން ބަދަހިކޮށް، އެކުވެރިކަން އިތުރަށް ފުޅާކުރުމަށް މަސައްކަތް ކުރާ ގައުމެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވިއެވެ.

މިދަތުރުގެ ތެރެއިން ދިވެހިރާއްޖެއާއި އެމެރިކާ ދެމެދު ގުޅުން ބަދަހި ކުރުމާއި މެދު މަޝްވަރާ ކުރެވުނެވެ. އަދި ދެ ގައުމު ގުޅިގެން ކުރާ މަސައްކަތްތަކުގެ އިތުރުން ސައިބާ ސެކިއުރިޓީ ވަރުގަދަ ކުރުމާއި މެދު މަޝްވަރާ ކުރިއެވެ. މީގެ އިތުރުން އިންޑިއާ ކަނޑުގެ ހަމަޖެހުމަށް މަސައްކަތް ކުރުމާއި އެކު، ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުން މީގެ ތެރޭގައި ހިމެނެއެވެ. އަދި އެމެރިކާގެ ރެޒިޑެންޓް އެމްބަސީއެއް ދިވެހިރާއްޖޭގައި ހުޅުވުމަށް ނިންމާފައިވާކަން ދަތުރުގައި ވަނީ އިއުލާނުކޮށްފައެވެ.

ޕޮމްޕޭ ދިވެހިރާއްޖެއަށް ދަތުރުކުރެއްވިއިރު، އެމެރިކާއިން ވަނީ ރާއްޖެއަށް 60 ވެންޓިލޭޓަރު ހަދިޔާކޮށްފައެވެ. އޭގެ އިތުރުން ވެސް މެޑިކަލް ސާމާނުތަކާއި، ޕީޕީއީތައް ހިމެނެއެވެ. އަދި ޝާހިދު ވަނީ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

މައިކް ޕޮމްޕޭއޯގެ ދަތުރުފުޅުގައި، އެމެރިކާއިން ރާއްޖެއަށް ދޭ އެހީތައް އިތުރުކުރުމަށް މަޝްވަރާ ކުރިއެވެ. އަދި ކޮވިޑުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ދިމާވެފައިވާ ގޮންޖެހުމުން އަރައިގަތުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ޔޫއެސް އެއިޑް ޕްރޮގްރާމްގެ ދަށުން 2 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދިނުމަށް އެގައުމުން ވަނީ ނިންމަވާފައެވެ.

ޕޮމްޕޭއޯގެ މި ދަތުރުފުޅަކީ 24 ޖުލައި 1992 ގައި އެމެރިކާގެ އޭރުގެ ސެކެޓްރީ އޮފް ސްޓޭޓް ޖޭމްސް ބޭކާ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު އެމެރިކާ ސަރުކާރުގެ އިސްބޭފުޅަކު ރާއްޖެއަށް ކުރި ފުރަތަމަ ރަސްމީ ދަތުރެވެ. ޕޮމްޕޮއޭ ރާއްޖެ ވަޑައިގެންފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުވަތަކަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: