ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޖެޓު 2021: ދެއްކެވި ވާހަކަތަކާއި، ފާސްވި ބަޖެޓަކާއި ގުޅުމެއް ނެތް!

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު މަޖިލީހަށް ބަޖެޓު ހުށައަޅުއްވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ފާސްކޮށްފައިވާއިރު، މިބަޖެޓަކީ ރައްޔިތުންވެސް އަދި ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުން ވެސް މާ ގަޔާވި ބަޖެޓަކަށް ނުވިއެވެ. އެކަން އެންމެ ބޮޑަށް ސާފުވަނީ މަޖިލީހުގައި މެމްބަރުން ދެއްކެވި ވާހަކަތަކުންނާއި، ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ވާހަކަތަކުގެ ސަބަބުންނެވެ. އަދި ބައެއް މެމްބަރުން ވަނީ މީޑިއާތަކުން ގެނެސްދިން ޕްރޮގްރާމުތަކުގައި ވެސް ބަޖެޓުގައި ހުރި ބައެއް ގަބޫލު ނުކުރެވޭފަދަ ވާހަކަތައް ފާހަގަ ކުރައްވާފައެވެ. ބަހުސް މަރުހަލާގައި، ފިނޭންސް މިނިސްޓްރީއިން ހުށައެޅި ބަޖެޓާއި ދެކޮޅު ހެދީ ހަމައެކަނި، އިދިކޮޅު ކޯލިޝަންގެ މެމްބަރުން އެކަންޏެއް ނޫނެވެ. ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުން ވެސް، ބަޖެޓަށް ވަރަށް ބޮޑަށް ދެކޮޅު ހެދިއެވެ.

މަޖިލީހަށް ފިނޭންސުން ހުށައެޅި ބަޖެޓުގެ ޖުމްލަ އަދަދަކީ 34.7 ބިލިއަން ރުފިޔާއެވެ. ބަޖެޓުގެ ޖުމްލަ ޑެފިސިޓަކީ 15 ބިލިއަން ރުފިޔާއެވެ. އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވަނީ 17 ބިލިއަން ރުފިޔާއެވެ. އެހެންނަމަވެސް، ބަޖެޓު ކޮމެޓީއިން ބަޖެޓު ފާސްވެގެން އައިއިރު، ބަޖެޓުގެ ޖުމްލަ އާމްދަނީ 34.9 ބިލިއަން ރުފިޔާއަށް ބޮޑުކުރިއެވެ. އެހެން ނަމަވެސް، ބަޖެޓުގެ ޖުމްލަ އަދަދު ބޮޑުވިއިރު، ދަރަނި ވީ ކުޑައެވެ. 15 ބިލިއަނުން 12 ބިލިއަނަށް ދަރަނި ވަނީ ކުޑަކޮށްފައެވެ. މިކަން ކުރި ގޮތަކީ، އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ބެލި 17 ރުފިޔާގެ ބަދަލުގައި 21 ރުފިޔާ ޖަހާލުމެވެ.

މިއާއެކުވެސް، ގިނަ މެމްބަރުންތަކެއްގެ ފާޑުކިޔުން އަމާޒުވެގެންދިޔައެވެ. މީގެ ތެރޭގައި ސަރުކާރަށް ތާއީދުކުރައްވާ ގިނަ މެމްބަރުންގެ ފާޑުކިޔުންވެސް ހިމެނެއެވެ. އެގޮތުން، އާމްދަނީގެ ގޮތުގައި އިތުރު ހަތަރު ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާާޒާ ކުރިއިރު، އެ އާމްދާނީ ހޯދާނީ ކިހިނެއްތޯ ގިނަ ބަޔަކު ސުވާލު އުފައްދައެވެ. ޚާއްސަކޮށް ދިވެހިރާއްޖެއަކީ ފަތުރުވެރިކަމުގެ ދާއިރާއަށް ނުހަނު ބޮޑަށް ބަރޯސާވެފައިވާ ގައުމަކަށް ވާއިރު، ފަތުރުވެރިކަން ރަނގަޅުވެދާނެކަމަށް ދެކުމަކީ ބުއދިވެރިކަމެއް ނޫންކަމަށް މާލީ އިދާރާތަކުގެ ވެރިންވެސް ދެކެވަޑައިގަންނަވައެވެ. ބަޖެޓު ދިރާސާކުރާ ކޮމެޓީއަށް އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝީމް ވަޑައިގެން ދެއްކި ވާހަކަތަކުގައިވެސް، މިކަމަށް އިޝާރާތްކުރައްވާފައިވެއެވެ. އެހެންނަމަވެސް، ބަޖެޓު ކޮމެޓީއިން ބަޖެޓަށް އިސްލާހުތައް ގެނައިއިރުވެސް، މިއިން އެއްވެސް ކަމަކަށް ރިއާޔަތްކޮށްފައި ނުވާކަން ފާހަގަކުރެވެއެވެ.

މިހުރިހާ ކަމެއްގެ ތެރެއިންވެސް އެންމެ ސުވާލު އުފެދޭ ކަމަކީ، ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުން ބަޖެޓާއި ދެކޮޅަށް ވާހަކަ ދެއްކެވުމަށްފަހު، ވޯޓު ދިންއިރު ބަޖެޓާއި އެއްކޮޅަށް ވޯތު ދިނީ ކީއްވެތޯ އުފެދޭ ސުވާލެވެ. ނުވަތަ އެ ހުރިހާ ވާހަކަތަކެއް ދައްކަވާއިރު ވެސް، ބަޖެޓަށް ވޯޓު ދެއްވާނެކަން އެއްވެސް މެމްބަރަކު ހާމަ ނުކުރެއްވީ ކީއްވެތޯ އުފެދޭ ސުވާލެވެ. އެ ވާހަކަތަކަކީ ރައްޔިތުންގެ ލޮލުގައި އެޅުވި އަނދުނެއްތޯ އުފެދޭ ސުވާލެކެެވެ. ރައްޔިިތުންގެ ހައްގުގައި ވަކާލާތު ކުރުމަށް ތިއްބަވާ ބަޔަކު، އެ ބުނާފަދަ ގެއްލުންހުރި ބަޖެޓަކަށްވާނަމަ، މިބަޖެޓަށް ވޯޓު ދިނީ ކީއްވެތޯ ސުވާލު ކުރުން ރަނގަޅެވެ.

ސަރުކާރަށް ތާއީދުކުރައްވާ ބައެއް މެމްބަރުން ދެއްކެވި ވާހަކަތަކަށް ބަލާއިރު، އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ، މިއީ ހަމައެކަނި ލިޔެލާފައިވާ އަދަދުތަކެއް ކަމަށެވެ. އަދި ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުގެ ކުރިން ބަޖެޓު ފޮނުވަން ޖެހޭތީ ފޮނުވާފައި އޮތްއެއްޗެއް ގޮތުގައި އޭނާ ސިފަ ކުރިއެވެ.

މީގެ އިތުރުން އުނގޫފާރު ދާއިރާގެ މެމްބަރު އިބްރާހިމް ވަހީދު (ވައްޑެ) ވިދާޅުވީ މިއީ ވަޒީރުންނަށް ސަނާ ކިޔާވަރުގެ ބަޖެޓެއް ނޫންކަމަށެވެ. އަދި ބަޖެޓު އެއްކޮޅުން އަނެއްކޮޅަށް ކިޔާ ނިމޭއިރު ވެސް އެއްވެސް އުންމީދީ މަންޒަރެއް ނުފެންނަ ކަމަށާއި ފެންނަނައީ ހުސް ނާއުންމީދީ މަންޒަރުތަކެއްކަމަށް އޭނާ ވިދާޅވިއެވެ. ވައްޑެ އިތުރަށް ވިދާޅުވީ ރައްޔިތުންނަށް ހަގީގަތް އޮޅުވާލުމުގެ ބަދަލުގައި، ރާއްޖޭގެ ހާލަތު ސާފުކޮށްދޭން ޖެހޭކަމަށެވެ.

އަންނަ އަހަރު އާމްދަނީ ހޯދުމަށް އިތރު ފީތަކަކާއި ޓެކްސްތަކެއް އާންމުންގެ އަތުން ނެގުމަށް ނިންމާފައިވާއިރު، އެކަމަށް އަލިއޅުއްވާލައްވައި ވައްޑެ ވިދާޅުވެފައި ވަނީ ޤައުމުގެ އިޤްތިސާދު އޮތް ހާލަތުން އަރައިގަތުމަށް ރައްޔިތުންގެ އަތުން އިތުރު ފީއާއި، އެކި ނަން ނަމުގައި ޓެކްސް ނަގައި ދައުލަތް ހިންގަން އުޅުމަކީ އެމްޑީޕީން ވެފައިވާ ވައުދުތަކާއި ޚިލާފް ކަމެއްކަމަށެވެ.

މީގެ އިތުރަށްވެސް، ބައެއް ޕީއެސްއައިޕީ މަޝްރޫއުތަކަކީ މިވަގުތަށް ބޭކާރު މަޝްރޫއުތައްކަން ބަޖެޓުގެ ބަހުސް މަރުހަލާގައި މެމްބަރުން ފާހަގަކުރައްވާފައި ވީނަމަވެސް، ބަޖެޓު ކޮމެޓީއިން، ބަޖެޓު ފާސްވެގެން އައިއިރު ކުރިން ނެތް ބައެއް މަޝްރޫއުތައްވެސް ވަނީ އިތުރުވެފައެވެ. އަދި މިނިވަން މުއައްސަސާތަކަށް ދިނުމަށް ކަނޑައަޅާފައިިވާ ފައިސާގެ އަދަދު އިތުރުކޮށްފައިވާއިރު، ޖުމްލަކޮށް ބުނާނަމަ ރާއްޖޭގެ އިގްތިސާދީ ހާލަތު މިހާރު އޮތް ގޮތަށާއި ރާއްޖޭގެ އަދި ބޭރު ދުނިޔޭގެ މާލީ އިދާރާތަކުން ދީފައިވާ ލަފާތަކަށް އެއްވެސް ވަރަކަށް ރިއާޔަތްކޮށްފައިނުވާކަން ވަނީ ހާމަވެފައެވެ.

މަޖިލީހުގެ ރައީސް އަދި އެމްީިޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ބަޖެޓަށް ވޯޓު ދޭން ފުރުސަތު ލިބޭނަނަމަ، މިއީ އެމަނިކުފާނު ވޯޓު ދޭނެ ބަޖެޓެއް ނޫން ކަމަށެވެ. އަދި ބަޖެޓުގައި ބައެއް ކަންކަމަށް ހިމަނާފައިވާ ފައިސާ އެއްކޮށް ކަނޑާލަންޖެހޭކަމަށް ވިދާޅުވި އެވެ. އެހެން ނަމަވެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުވެސް ފާހަގަކުރައްވަނީ މިއީ، އިގްތިސާދީ ގޮތުން ރާއްޖެ އޮތް ހާލަތަށް ބަލާއިރު، އެންމެ ރަނގަޅު ބަޖެޓުގެ ގޮތުގައެވެ. އަދި ރިކަރަންޓް ހަރަދުތައް ކުޑަކޮށް، ބަޖެޓުކުޑަކޮށްފި ނަމަ ދަރަނިތަކުން ސަލާމަތްވާނެ ގޮތެއްވެސް ނޯންނާނެ ކަމަށާއި ކުރިއަށް އޮތް ފަހެއް ނުވަތަ ދިހަ އަހަރު ތެރޭގައި ވެސް އިގްތިސާދީ އަނދަވަޅުން މި ގައުމަށް އަރައިނުގަނެވޭނެ ކަމަށެވެ. އޭގެ ބަދަލުގައި އިގްތިސާދު ހުއްޓުމަކަށް އަޔަނުދީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދަންޖެހޭކަމަށް އަމީރު ވިދާޅުވެފައި ވެއެވެ.

ދަތި އަހަރަކަށް، މަޖިލީހުން މިފާސްކުރީ ބިޔަ ބޮޑު ބަޖެޓެކެވެ. މަޖިލީހުގައ ތިބެގެން ސަރުކާރު ޒިންމާދާރު ކުރުވުމަށް ދެއްކެވި ވާހަކަތަކުގެ އެއްވެސް ބޭނުމެއް ނުވަތަ ނަތީޖާއެއް ނުފެނުނެވެ. ދެއްކެވި ވާހަކަތަކާއި، ފާސްވި ބަޖެޓަކާއި ގުޅުމެއް އެއްވެސް ގުޅުމެއް ނެތެވެ!

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: