ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެވަނަ ބާޣީ ލުތުފީއެއް ބޭނުމެއް ނޫން: ތަންފުކެއް ވެސް ނުދޭނަން މަ ކުރަމޭ ހުވާ!

ނޮވެމްބަރު ތިނެއްގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ މޭސްތިރި ލުތުފީ ހައްޔަރުކޮސްގެން ގެންދާ މަންޒަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސްރީލަންކާގެ ޕީޕަލް ލިބަރޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް) ޖަމާއަތާއި ރާއްޖޭގެ ބައެއް މީހުން ގުޅިގެން ރާއްޖޭގެ ވެރިކަން ބަޣާވާތަކުން ބަދަލުކޮށް ރާއްޖޭގެ މިނިވަންކަން ނިގުޅައިގަތުމަށް ދިން ހަމަލާއަށް މި މަހުގެ ތިން ވަނަ ދުވަހު 32 އަހަރު ފުރުނީ އެވެ. 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ގައި އަވައްޓެރި ލަންކާގެ ތަމަޅަ ގްރޫޕެއް ގޮވައިގެން މާލެ އަރާ ޓެރަރިސްޓު ހަމަލާ ދިން ހ.ހާޖަރާގެ އަބްދުﷲ ލުތުފީ ހައްޔަރުކޮށް މާލެ ގެނައިތާ އަހަރެއް ވެ ދިޔައީއެވެ. މި ސަރުކާރު އުފެދި، މަސައްކަތްތައް މަޑުމަޑުން ފަންކްޝަން ކުރެވެމުން ދަނިކޮށް، ބާޣީ ލުތުފީއަށް ދެމުން ދިޔަ ހިދުމަތް ތަކުގެ ވާހަކަ ފަޅާ އަރުވާލީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.

މިދިޔަ އަހަރުގެ ތެރޭގައި އަވައްޓެރި ލަންކާއަށް ސިލްސިލާގޮތެއްގައި ދިން ޓެރަރިސްޓު ބޮމުގެ ހަމަލާއަށް ފަހު މުޅި އެ ގައުމުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް ގެތައް ބަލާ ފާސްކުރިއެވެ. އަދި ކިރިޔާ ވެސް ޝައްކެއް ކުރެވޭ މީހެއް ނަމަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ސުވާލުތަކެއް ކުރިއެވެ. މި ހުރިހާ ކަމެއްގެ ތެރެއިން އެ ގައުމުގައި “ޒާން” އެއްގެ ނަމުގައި ދިރިއުޅެމުން ދިޔަ ބާޣީ ލުތިފީ ޖެހުނީ ހިމާޔަތް ހޯދުމަށް ލަންކާގައި ހުރި ރާއްޖޭގެ އެމްބަސީއަށް ވަންނާށެވެ.

ދިވެހި އެތައް ބައެއްގެ ލޭ އޮހުރުވާލުމުގައި މޭސްތިރިއަކަށް ހުރި، ބާޣީ ލުތުފީއަށް ތިން އިރުގެ ކޮއްތު އެމްބަސީއިން ދެމުން ދިޔައެވެ. އަދި އެކަން އުމަރު ފަޅާ އަރުވާލުމާއި އެކު ރާއްޖޭގެ މުވައްސަސާތަކުން ވެސް އަވަސް ވެގަތީ، ބަޔާންތައް ނެރުމަށެވެ. ބަޔާން ނެރެ ފޮރިން މިނިސްޓްރީޢިން ބުނީ އެއީ ތިމަންނާ މެންނަކާއި ބެހޭ ކަމެއް ނޫން ކަމަށެވެ. އޭގެ ފަހަތުން ފުލުހުން ބުނީ އެ މުވައްސަސާގެ ޒިންމާއެއް ނޫން ކަމަށެވެ. ގައުމުގެ ވެރިން ތިބީ ނިދާފައެވެ.

ހާޖަރާގޭ ލުތުފީ އަކީ 1988 ގައި ރާއްޖެއަށް ދިން ހަމަލާގައި އެންމެ އިސްކޮށް ހުރި މީހާ

ކޮންމެއަކަސް މިއީ މިދިޔަ އަހަރުގެ ޖޫން، ޖުލައި މަހު ދިވެހި ރައްޔިތުން ހަރު އަޑުން ގޮވަންޖެހުނު ވާހަކަތަކެވެ. ލުތުފީ ބޭސްފަރުވާއަށް ފޮނުވުމުން އޭނާ އެނބުރި ނައި ސަބަބާއި މެދު ސުވާލު އުފެދެއެވެ. ލުތުފީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮވާފައިވަނީ ކުރީގެ ރައީސް، އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. އެހެން ނަމަވެސް، އެ ދިޔަގޮތަށް ލުފްތީ ފިލީއެވެ.

މިއި ކިހިނެއް، ކާކުގެ ބާރުގެ ސަބަބުން ހިނގި ކަމެއްތޯ ބަލަންޖެހެއެވެ. ހަމަ ގައިމުވެސް އޭރުގެ ސަރުކާރުގެ ބަޔަކު އަޑީގައި ނެތީ މިކަމެއް ނުވާނެ ކަންކަށަވަރެވެ. ރައީސް ނަޝީދުގެ ސަރުކާރުގެ ތިން އަހަރު ނިމިގެން ދިޔައިރު ވެސް ލުތްފީ ހޯދުމަށްއެއްވެސް މަސައްކަތެއް ނުކުރެއެވެ. އޭގެ ފަހުން އައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރަށް ވެސް ކުރެވުނު ކަމެއް ނެތެވެ. ހަމަ އެގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ކުރެވުނު ކަމެއް ވެސް ނެތެވެ.

އެމްބަސީގައި ލުތުފީ ހުރިކަން މީޑިއާތަކާއި، ދިވެހިންށް ފަޅާއަރުވާނުލި ނަމަ ލަންކާގެ މަޝްރަހު ހަމައަކަށް އެޅި މިއަދުވެސް ލުތްފީ ދިރިއުޅެމުންދާނީ ލަންކާގައެވެ. މި ސަރުކާރުން ވަނީ، އުމަރު ނަސީރު އެ ވާހަކަތައް ފަޅުވާ އަރުވާލުމާއި ހަމައަށް ލުތުފީ ލަންކާ އެމްބަސީގައި ހުރިކަން ސިއްރުކޮށްފައެވެ. ނަމަވެސް އޭރު ލަންކާގެ ނިއުސް ފަސްޓް މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުން  ޝަހުސު އޮޅުވާލައިގެން ގަވައިދާއި ހިލާފަށް ލަންކާގައި ދިރިއުޅެމުން އައި ލުތްފީ އެމްބަސީގައި ހުރިކަމުގެ އެއްވެސް މައުލޫމާތެއް އެ އިދާރާއަށް އެނގިފައެއް ނެތެވެ.

ނޮވެމްބަރު ތިނެއްގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ ތެރެއިން

ލުތްފީ އެމްބަސީގައި ހުރިކަން ފަޅާއަރުވާލުމުން ފުލުހުން ބުނެފައިވަނީ ލުތްފީ އެމްބަސީއަށް ހާޒިރުވީ އެ ގައުމުގައި ދިން ޓެރަރިސްޓު ހަމަކާތަކަށްފަހު ގެތައް ބަލާ ފާސްކުރުމުގެ އޮޕަރޭޝަނެއް ފެށުމުން އޭނާ ހައްޔަރުކޮށްފާނެތީ އިތުރު ގޮތެއް ނެތިގެން ކަމަށެވެ.

19 ދިވެހީން ޝަހީދުވި އެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީގެ މައްޗަށް ކުރީގެ ޖިނާއީ ކޯޓުން އިއްވީ މަރުގެ ހުކުމެކެވެ. ލަންކާގެ ޕްލޮޓް ޖަމާއަތުގެ ބަޔަކާ ދިވެހިންގެ ބަޔަކު ގުޅިގެން ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި އިސްކޮށް ހުރި މީހާއަށް، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަނީ މަރުގެ ހުކުމް ލުއި ކޮށްދެއްވައި އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުކޮށްފައެވެ. ބާޣީއަށް މަރުގެ އަދަބުން ނުދީ މާފް ކޮށްދިނީއެވެ.

ދިވެހީން ސިއްސުވާލި އެ އުދުވާނީ ހަމަލާގައި މަރުވި 19 މީހުންގެ ތެރޭގައި ހިމެނެނީ ދީނާއި ގައުމުގެ ދިފާއުގައި ހަނގުރާމަ ކުރަނިކޮށް ޝަހީދުވި އަށް ސިފައިންނާއި ބާޣީންގެ ބަޑީގެ ހަމަލާތަކުގައި ޝަހީދުވި އާންމުންގެ 11 މީހުންނެވެ.

ލުތްފީ ރާއްޖެ ގެނައި ދުވަހު ވެސް ދިވެހި ރައްޔިތުންގެ މޫނު މަތީގައި ޖެހީ ތަފާއްޔެކެވެ. 19 ދިވެހިން ޝަހީދުކޮށްލި މީހަކު ރާއްޖެ ގެނައި އިރު ނޫސްވެރިއެއްގެ ހައިސިއްޔަތުން އެއާޕޯޓުގައި ހުރީމެވެ. އަދި އެ މަންޒަރު އެންމެ ގާތުން ފެނުނު އެކަކަށް ވެސް ވާނައެވެ. އޭނާ ގެނައީ ރަސްމީ އިއްޒަތުގައެވެ. މީގެ 32 އަހަރު ކުރިން ހިނގައިދިޔަ ހާދިސާގައި ލުތްފީ އަތުގައި ބިޑި އަޅުވައިގެން ދިޔައިރުގެ ވީޑިއޯއިން ލުތުފީގެ މޫނުމަތީން ކޮންމެވެސް ވަރެއްގެ ލަދުވެތި ކަމެއް ފެނުނެވެ. އެ ދުވަހު އިސް އުފުލާ ބަލާލަން ވެސް ނުކެރުނެވެ. ލުތްފީ ރާއްޖެ ގެނެވުނު ދުވަހު، އެއާޕޯޓުގެ އެރައިވަލްގެސް ގޭޓުން ލުތުފީ ނިކުތީ ފަހުރުވެރިކަމާއި އެކީ ކަމަށް ބުނުމަކުން ދޮގަކަށް ނުވާނެއެވެ. މޫނުމަތީން ފެނުނީ ބޮޑ ކަމާއި ކިބުރުވެރިކަމެވެ.

ނޮވެމްބަރު 1988 ގައި ރާއްޖެއަށް ދިން ހަމަލާގައި އެންމެ އިސްކޮށް ހުރި ލުތުފީ/ ފޮޓޯ: މިހާރު އޮންލައިން

ލުތްފީ ހައްޔަރުކޮށް މާލެ ގެނެވުނުތާ އެއް އަހަރާއި، ހަތަރު މަސް ދުވަސް ވެއްޖެއެވެ. ލަންކާގައި ވިސާއެއް ނެތި ގަވައިދާ ހިލާފަށް އުޅެމުން އައިމައްސަލައިގައި ޖޫރިމަނާ އާއި އެކު އެ ގައުމަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ އޭނާ ދައްކަން ޖެހެއެވެ. އެ ފައިސާ ދައްކައިިފި ބާއެވެ؟ ފައިސާ ދައްކައިފިނަމަ އެއީ ކިހިނެއް ކޮންތާކުން ހޯދި ފައިސާއެއްކަން ރައްޔިތުންނަށް އަންގަން ޖެހޭނެއެވެ.

ލުތުފީ މާލެ ގެނައިތާ އަހަރެއް ފަހުން، މިދިޔަ ޖޫން މަހުގެ ތެރޭގައި އޭނާ ފިލި މައްސަލައިގައި އިބްތިދާއީ އަޑުއެހުމެއް ބޭއްވިއެވެ. ފިލި މައްސަލައިގައި ލުތުފީގެ މައްޗަށް އުފުލާފައި ވަނީ ބަންދުކުރާ މަރުކަޒަކުން ފިލުމުގެ ދައުވާއެވެ. އަދި އެ ދައުވާގައި ބުނެފައި ވަނީ ޖަލު ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް، ރާއްޖޭން ބޭރަށް ބޭސްފަރުވާއަށް ފޮނުވުމުން އޭނާ ފިލީ ކަމަށެވެ.

އެ މައްސަލައިގެ އަޑުއެހުން ކުރިޔަށް ގެންދިޔައީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ. އަދި ޝަރީއަތުގެ އަޑުއެހުމުގައި އޭނާ އެދުނުގޮތަކަށް ވަކީލަކު ހަމަޖެއްސުމަށް ދިހަ ދުވަހުގެ މުއްދަތެއް ދިނެވެ. އަދި ވީހާވެސް އަވަހަށް އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް ބުންޏެވެ. އެހެން ނަމަވެސް އޭގެ ފަހުން އަޑުއެހުމެއް ތަވާލުކޮށްފައި ނުވެއެވެ.

މި ހުރިހާ ވާހަކައެއްގެ ތެރެއިން، ހަގީގަތުގައި ހަނދާނަށް އަންނަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކަށް ލުތުފީ އާއި ގުޅޭގޮތުން ހުށަހެޅި ކުއްލި މައްސަލައިގެ މަތީންނެވެ. ކުރީގެޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު އެ މައްސަލަ ހުށަހެޅުއްވުމުން ބަހުސް މަރުހަލާގެ ތެރެއިން ގިނަ މެމްބަރުންގެ ފަރާތުން ފެނިގެން ދިޔައީ އެއްވެސް ދިވެހި ރައްޔިތަކު ދެކެން ބޭނުންވާނެ މަންޒަރެއް ނޫނެވެ. އެއަށްވުރެ، މާ ދަށު ދަރަޖައިގެ އަމަލުތަކެކެވެ.

އެ ދުވަހު ބައެއް މެމްބަރުންނަށް ސިފަވީ ގޮތުން ލުތްފީ ހުރީ “މުސްކުޅިވެ ގައިގެ ބާރު ދެރަ” ވެފައެވެ. އެހެން ކަމުން އެ ދެޭން ޖެހޭ އިހުތިރާމެއްގެ ވާހަކަ ދެއްކެވި މެމްބަރުން ވެސް ތިއްބެވިއެވެ. އޭގެ ފަހަތުން ދެން ބައެއް މެމްބަރުން ގޮވީ އޭނާއަށް ލިބެންޖެހޭ އަދަބު ލިބިއްޖެކަމާއި، އެހެން ކަމުން މައާފު ކުރުމަކުން “ގޯހެއް ނެތް” ކަމަށެވެ.

ކޮންމެއަކަސް ހަގީގަތަކީ، އޭގެ އެތަކެއް އަހަރު ފަހުން ވެސް ލުތުފީ ފިލުމަށް ޖާގަ ދީ އެކަމަށް އެހީވީ ބަޔަކު ހޯދަން ޖެހޭ ކަމެވެ. ލަންކާގެ މަގުމަތީން ލުތުފީ އާއި ބައެއް ދިވެހިން ބައްދަލުވެސް ވިއެވެ. އަދި އެކަން ދިވެހި ރާއްޖޭގެ ކަމާއި ބެހޭ އިދާރާތްތަކަށް އެ ފަރާތްތަކުން ހުށަހަޅާފައިވެއެވެ. އެހެން ނަމަވެސް ދައުލަތުން އެކަމަށް މާބޮޑު ސަމާލުކަމެއް ދިންހެން ހީއެއް ނުވެއެވެ. ސަބަބަކީ އެ ސުވާލުތައް އަމާޒުވާން ފެށުމުން އުމަރު ވެސް ވިދާޅުވީ އޭނާގެ ހޯމް މިނިސްޓަރުކަމުގައި ލިބުނު މައުލޫމާތުތަކެއްގެ މައްޗަށް އޭނާ ހޯދަން މަސައްކަތް ކުރި ކަމަށެވެ. އެހެން ނަމަވެސް ސަލާމަތީ ބާރުތަކަށް އޭނާ ފެނުނުކަމަށް ބުނާ ސަރަހައްދަށް ދިޔައިރު ފިލާފައިވާ ކަމަށެވެ.

އުދުވާނީ ހަމަލާގައި ބައިވެރިވި މީހުން ހައްޔަރުކޮށްގެން ގެންދާ މަންޒަރު

ދިވެހިންނަކީ ސިޔާސީ ގޮތުން ކިތަންމެ ބޮޑު ކޯޅުމެއްގެ ތެރޭގައި ތިބި ބަޔަކަށް ވިޔަސް ގައުމާއި، ދީނާއި ހަމައިން އެއްބައި ވާނެއެވެ. އަދި އަހަރެމެން ޒުވާނުން މީ މާ ވަތަނީ ވަތަނީ ބައެއްހެން ހީނުވީ ނަމަވެސް  ހާޖަރާގޭ ބާޣީ ލުތްފީއަށް މި ހިތުގައި އޮތް ރުޅިވެރިކަމާއި ނަފްތަރު ދުވަހަކުވެސް ކުޑައެއް ނުވާނެއެވެ. އަދި އެކަމަށް އެހީވެދީ، އެކަމުގެ ފަހަތުގައި ތިބި ބަޔަކާއި އެ ތާރީހު އޮޅުވާލަން މަސައްކަތް ކުރާ ބައެއްގެ މައްޗަށް ވެސް އޮތީ ނަފްރަތެވެ. އެކަމަށް ބަދަލެއް ވެސްނާންނާނެއެވެ.

1997 ގައި އުފަންވިޔަސް، އެންމެ ޅަ އުމުރުން ފެށިގެން އައިސް މިއަދާއި ހަމައަށްވެސް އުމުރުން ދުވަސްވީ މީހުންގެ ފަރާތުން އަޑު އިވުނީ ފާއިތުވީ އެތައް އަހަރެއްގެ ތެރޭގައި ގައުމަށްޓަކާ ޝަހީދުވީ އެތައް ދިވެހި ދަރީންނެއްގެ ވާހަކައެވެ. ދިވެހި ރައްޔިތުންނަށް، ދިވެހީންގެ ބަޔަކު އިސްވެގެން ތިބެ ޖެއްސި ހާލުގެ ވާހަކައެވެ.

ނޮވެމްބަރު 3 ވިޔަސް، އަދި ގައުމީ ސިފައެއްގައި ފާހަގަ ކުރެވޭ އެހެން ދުވަސްތަކެއްގައި ވެސް މައިންބަފައިން ގޭގެ ސުފުރާ މަތީގައި ކިޔައިދީ އުޅުނީ އޭރު އުފެދުނު ބިރުވެރި މާހައުލުގެ ވާހަކައެވެ. ދަރިފުޅުމެންނަ ދުވަހަކުވެސް އެފަދަ ދުވަހަކާއި ކުރިމަތިލާން ނުޖެހޭނެކަމަށް އަބަދުވެސް ދުއާ ކުރާ ވާހަކަ އަޑުއިވެއެވެ. އެދުވަހުގެ ބިރުވެރިކަމާއި ނާމާންކަމުގެ ވާހަކައެވެ. އެދުވަހު ގައުމުގެ ދިފާއުގައި، ދިވެހި ލޭ ހުރި ކުދިން ނިކުމެ ކުރި ޖިހާދު މަތިން ދުވަހަކު ވެސް ހަނދާން ނައްތާނުލުމަށް މާމަމެންނާއި ކާފަމެން އެދުނެވެ.

ނޮވެމްބަރު ތިނެއްގެ ހަމަލާގައި އިސްކޮށް އުޅުނު ލުތުފީ އާއި ނާސިރު

ސްކޫލުން އަޑުއިވުނީ، ގައުމުގެ ދިފާއުގައި ނިކުތް މީހުންގެ ހިތްވަރާއި އެ އަޒުމުގެ ވާހަކައެވެ. ގައުމަށްޓަކާ މޭ އަޑަނައަކަށް ހަދާ ނިކުތީ ކެރިގެންކަމެވެ. އެ ދުވަހު ޝަހީދުވި ޝަހީދުންގެ ވާހަކައިން ދިވެހި ޒުވާނުން ފަހުރުވެރިވާކަން ޔަގީނެވެ.

ދިވެހި ގައުމާއި މި ފަސްގަނޑަށްޓަކާ މޭ އައްޑަނައަކަށް ހަދައި އެތައް ބަޔަކު ޝަހީދުވެގެން ދިޔައީ ރާއްޖޭގެ ނަން ރަންއަކުރުން ފަވާލާފައެވެ. އެ ހުރިހާ ބޭކަލުން ރާއްޖެއަށް ނަސްރު ހޯއްދަވައިދެއްވީ ވަރަށް ފުރިހަމަ ކަމާ އެކީގައެވެ. ނަމަވެސް އެ ދުވަހުގެ ބިރުވެރިކަމާ އެ ދުވަހުގެ ހަނދާންތައް ދިވެހިންގެ ލޯ ކުރިމަތިން ފެންނާނެ ކަމާއިމެދު އެއްވެސް ޝައްކެއްނެތެވެ. އެހެންކަމުން މިއަދު އެ ބޭކަލުން އެވީ މަތިވެރި ޤުރުބާނީގެ އަގުވަޒަންކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

އެ ހާދިސާ ދިވެހި ތަރީޚުގައި ލިޔާނީ ކަޅު ސަފްހާތަކުގައެވެ. ބާޢީން ޢާޒީންނަށް ހަދަން އުޅޭ މީހުންނަށް ދަންނަވާލަން އޮތީ ހަމަ އެންމެވާހަކައެއްކެވެ. “ގައުމާ މަގެ ދީނާ މަގެ އަމްނާ ނުކުޅެއްޗޭ،  ތާރީހު ބަލާ އެނގިތިބެ ޣައްދާރު ނުވައްޗޭ” އެވެ. އަދި އެއް ވާހަކައެވެ. ޝަހީދުވި ދިވެހި ދަރީން މި ގައުމު ދޫކޮށް ދިޔައީ މި ވަތަން ހަވާލުކޮށްފައެވެ. “އެކުވެރިންނޭ، ހަވާލޭ ވަތަން ލޯބިވާ” ގެ ފަހަތުގައި ވަނީ ފުން މާނައެކެވެ. އެ ހަމަލާ ދިވެހި ތާރީހުން ފޮހެލުމަށް، ނުވަތަ ޝައްކު އުފައްދަން ކުރާ ކޮންމެ މަސައްކަތެއް ވާނީ ނާކާމިޔާބެވެ.

ވަރަށް ގަދަ
92%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 8%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: