ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލްތަކުގެ ބައެއް ގޮނޑިން ފިރިހެނުން “މަހުރޫމް ވީ” މައްސަލަ ހުކުމާއި ހަމައަށް!

ކައުސިލް ގޮނޑި އަންހެނުނަށް ހާއްސަ ކުރި މައްސަލައިގައި ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ލޯކަލް ކައުންސިލްތަކުގެ 33 އިންސައްތަ އަންހެނުނަށް ހާއްސަކުރުމަށް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ބާތިލު ކުރުމަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުން ނިންމާލައިފި އެވެ.

ކައުންސިލް އިންތިޚާބުގައި ސިޓީ ކައުންސިލްތަކުން އަންހެނުންނަށް ހާއްސަކުރި ދާއިރާތައް ވަނީ ކަނޑައަޅާފައެވެ. އެގޮތުން މާލޭގެ 18 ދާއިރާގެ ތެރެއިން ހަ ދާއިރާއެއް އަންހެނުންނަށް ހާއްސަކުރާއިރު، އައްޑޫސިޓީގެ 12 ދާއިރާގެ ތެރެއިން ހަތަރު ދާއިރާ އަދި ފުވައްމުލަކުސިޓީގެ ހަ ދާއިރާގެ ތެރެއިން ދެ ދާއިރާއެއް އަންހެނުންނަށް ވަނީ ކަނޑައަޅާފައެވެ. ކައުންސިލް އިންތިހާބުގައި 980 ކައުންސިލަރުން އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރެއިން ރަށު ކައުންސިލްތަކަށް 372 އަންހެން ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ.

އަންހެނުންނަށް ހާއްސަކޮށްފައިވާ ދާއިރާތަކަށް ފިރިހެނުންނަށް ވާދަ ނުކުރެވޭނެއެވެ. މި އިސްލާހު ބާތިލު ކުރުމަށް ހައިކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ މޫސާ އަންވަރުއެވެ.

މަލައިގައި ބޭއްވި އަޑުއެހުންތައް ނިންމާލުމުގެ ކުރިން ދެ ފަރާތަށް ވެސް ވަނީ ވާހަކަ ދެއްކުމުގެ ފުރުސަތު ދީފައެވެ. އަދި އެއަށްފަހު ފަނޑިޔާތުންގެ ބެންޗުން ވަނީ ދެން އޮންނާނީ މައްސަލައިގެ ހުކުމް އިއްވުން ކަމަށެވެ. ނަމަވެސް ހުކުމް އިއްވާނެ ތާރީހެއް އިއުލާނެއް ނުކުރައްވައެވެ. އަޑުއެހުންތައް ނިންމާލީކަމަށް ފާހަގަ ކުރުމުން މޫސާ އަންވަރު ވަނީ، ޝަރީއަތުގައި އެކަށީގެންވާ ހަމަހަމަ ފުރުސަތު ދީފައިނުވާކަމަށް ވިދާޅުވެފައެވެ.

މި އަޑުއެހުމުގައި ދައުލަތުން ވަނީ، މިއީ ބައެއް ގައުމުތަކުގައި އަމަލު ކުރަމުން އަންނަ އުސޫލެއްކަން ފާހަގަކޮށްފައެވެ. ފަނޑިޔާރުންގެ ބެންޗުން އަމާޒުވީ ސުވާލުތަކުގެ ރައްދުގައި ދައުލަތުން ބުނެފައިވަނީ ވަނީ ގާނޫނު އަސާސީއަށް އިސްލާހު ގެނެސްގެން ބައެއް ގައުމުތަކުގައި އަންހެނުނަށް ގޮނޑިތައް ހާއްސަކޮށްފައިވާ ކަމަށެވެ.

ރާއްޖެއަށް މިފަދަ އިސްލާހެއް ތައާރަފް ކުރީ ކިހިނެއްތޯ އާއި، އަދި ކުރި ދިރާސާތަކަކީ ކޮބައިތޯ ސުވާލު ކުރުމުން ދައުލަތުން ބުނެފައިވަނީ އެގޮތަށް ކަނޑައެޅީ ބޭރުގެ ޖަމާއަތްތަކުން ވެސް ދީފައިވާ ލަފާތަކާއި އެއްގޮތަށް ކަމަށެވެ. ރައްޔިތުންގެ މަޖިލީހުން ގެނައި އެ އިސްލާހު އެއީ ސަރުކާރުގެ ހުށަހެޅުމެއް ކަމަށާއި، ހަމަހަމަކަން ގާއިމް ކުރުމަށް ކައުންސިލްތަކުގެ ގޮނޑޮތައް އިތުރުކޮށްފައިވާ ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

އަންހެނުން ބާރުވެރިކޮށް، ކުރިއެރުވުމުގެ ގޮތުން ގިނަ ގައުމުތަކުގައި މިގޮތަށް އަމަލު ކުރާކަމަށް ދައުލަތުން ވަނީ ބުނެފައެވެ. ދައުލަތުގެ ވާހަކަތަކަށް ރައްދުދީ މޫސާ އަންވަރު ވިދާޅުވީ އެއީ ރަނގަޅު މައުލޫމާތުތަކެއް ނޫން ކަމަށެވެ. އަދި ދައުލަތުން ފާހަގަކުރި ބަންގްލަދޭޝް އާއި، ނޭޕާލް ފަދަ ގައުމުތަކުގައި އަންހެނުނަށް ގޮނޑި ހާއްސަ ކުރީ އިތުރު ގާނޫނެއް މެދުވެރިކޮށްގެން ނޫން ކަމަށް ވިދާޅުވިއެވެ. މޫސާ އަންވަރު ވިދާޅުވީ އެ ބަދަލު ގައުމުތަކުން ގެނެސްފައިވަނީ ގާނޫނޫ އަސާސީ އިސްލާހުކޮށްގެން ކަމަށެވެެ.

މައްސަލައިގައި މޫސާ އަންވަރު ވިދާޅުވީ ސަބްސްޓެއިން އީކުއޭލިޓީ ގާއިމް ކުރުމަށް އެފަމެޓީ އެކްޝަންތަކެއް ނަގައި ހައްގުތައް ލިބިދިނިމުގައި، ވަކި ގިންތިއެއްގެ މީހުންނާއި މެދު އަމަލު ކުރާވާހަކަ ދައުލަތުން ފާހަގަކޮށްފައިވާ ކަމަށެވެ. އަދި މިގޮތަށް އަމަލު ކުރެވިދާނެކަމަށް ގަބޫލު ކުރާ ކަމަށާއި، އެހެން ނަމަވެސް ގާނޫނު އަސާސީގެ 17 ވަނަ މާއްދާގެ (ށ) ގެ ދަށުން މިފަދަ ހާއްސާ އުސޫލެއް ކަނޑައަޅާއިރު އެއް ގިންތިއެއްގެ މީހުންނާއި މެދު ތަފާތު ކުރެވިދާނެކަމަށް ގަބޫލު ނުކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ.

އަންހެނުންނަށް ގޮނޑި ހާއްސަކޮށްފައިވާ ގޮތުން މަދުން ވޯޓު ލިބޭ މީހުން ކައުންސިލަށް ހޮވުމުގެ ފުރުސަތު އޮތްކަމަށް ދައުލަތުން ޖަވާބު ފޯމުގައި ގަބޫލު ކުރާކަމަށް މޫސާ އަންވަރު ވިދާޅުވިއެވެ. އަދި އެއީ ގާނޫނު އަސާސީ އާއި ހިލާފު ނޫން ކަމެއްގެ ގޮތުގައި ބުނުމަށްފަހު، ރަށު ކައުންސިލްތަކުގެ ރައީސުންނާއި މޭޔަރުންނަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެ މަގާމަށް އިންތިހާބު ކުރެވޭ ފަރާތަކީ ވެސް އެ ކައުންސިލްގެ އެހެން ގޮނޑިތަކަށް ކުރިމަތިލައިގެން ނުހޮވޭ ކެނޑިޑޭޓުންނަށް ވުރެ މަދުން ވޯޓު ލިބޭ ބަޔަކަށް ވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ޑިމޮކްރަޓިކް އުސޫލުތަކާއި ބީރައްޓެހިކޮށް އަމަލުކޮށް، އެއީ ޑިމޮކްރެޓިކް އުސޫލެއްގެ ގޮތުގައި ނުދެއްކޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މޫސާ އަންވަރު ވިދާޅުވީ މުއްދަތެއް ނެތް ގޮތަށް އަންހެނުނަށް ދާއިރާތަކެއްގެ ގޮނޑިތަކެއް ހާއްސަ ކުރުމުގެ ސަބަބުން ފިރިހެނުންގެ ހައްގުތައް ގެއްލި، ނިގުޅައިގަނެވިފައިވާ ކަމަށެވެ.

މި މައްސަލަ ބައްލަވަނީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި، ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު ހުސައިން ޝަހީދުގެ އިތުރުން ފަނޑިޔާރު ހާތިފް ހިލްމީ އެވެ. އަދި ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ނިޔާޒެވެ.

ކައުންސިލްތަކުގެ ގޮނޑިއާއި ބެހޭ މައްސަލަ ހުށަހެޅި މޫސާ އަންވަރު އަކީ މީގެ ކުރިން ވެސް ދުސްތޫރީ ބައެއް މައްސަލަތައް ކޯޓަށް ހުށަހަޅާ، އެ މައްސަލަތައް ކާމިބާބުވެސް ކޮށްފައިވާ ފަރާތެކެވެ. އެގޮތުން 2010 ވަނަ އަހަރުގައި ލާމަރުކަޒީ ގާނޫނު އެންމެ ފުރަތަމަ ވުޖޫދުވެގެން އައިއިރު ކައުންސިލްތަކަށް އިންތިހާބު ކުރަންޖެހޭ އަދަދަށްވުރެ މަދު ކެނޑިޑޭޓުންނަށް އިންތިހާބުގައި ވޯޓުލާނަމަ، އެ ވޯޓެއް ބާތިލުވާގޮތަށް ގާނޫނުގައި އޮތް އޮތުން ސުޕްރީމް ކޯޓުން ބާތިލުކޮށްފައިވަނީ އޭނާ ހުށަހެޅި މައްސަލައާއި ގުޅިގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: