ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ގަރާރަކަށް އެމްޑީޕީ މެމްބަރުންގެ މެދުގައި ބަހުސް: ފިޗްއިން ރޭޓް ކުރަނީ ސިޔާސީ މީހުން ބުނާ އެއްޗަކަށް ބަލާފައެއް ނޫން!

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފާއި، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ފިޗް ރޭޓިން ކުންފުނިން ގައުމުތައް ރޭޓް ކުރަނީ ސިޔާސީ ލީޑަރުން ދައްކާ ވާހަކަތަކަށް ބަލާފައިނޫންކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ސޮވެރިން ކްރެޑިޓް ރޭޓިން 2016 އިން ފެށިގެން ކުރަމުން އަންނަ، ހޮންކޮންގްގެ ފިޗް ރޭޓިން އިން ނެރުނު ރާއްޖޭގެ ރޭޓިންގައި ވާ ގޮތުން، ރާއްޖޭގެ ރޭޓިން “ބީ” ނެގެޓިވް އައުޓްލުކްއިން “ސީސީސީ” އަށް ދަށްކުރީ ބޭރު ފައިސާ ލިބުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ސަބަބުން ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސޯދު ވަރަށް ބޮޑަށް ހީނަރުވެ، ދަރަނިތައް އިތުރުވަމުން ދާ ކަމަށް ފިޗް ރޭޓިންގްސް ގައި ވަނީ ބުނެފައެވެ.

ފިޗުގެ ރިޕޯޓައި އެކު ފިނޭންސް މިނިސްޓްރީއިން ވެސް ވަނީ އެ ރިޕޯޓު ބަލައިނުގަންނަ ކަމަށް ބުނެ ބަޔާން ނެރެފައެވެ. އަދި އެމްޑީޕީގެ މެމްބަރުންގެ މެދުގައި ވެސް ވަނީ ރޭޓިންގްސްގެ ސަބަބުން ބަހުސްތަކެއް އުފެދިފައެވެ. ފިޗްގެ ރޭޓިންތަކުން ދިވެހިރާއްޖެ ރޭޓްކޮށްފައިވާ މިންގަނޑު ދަށްކޮށްފައިވަނީ ދާދިފަހުން މަޖިލީހުން ފާސްކުރި ދަރަންޏާއި ގުޅުންހުރި ގަރާރުގެ ސަބަބުންކަމަށް މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެފައިވާ ޓުވީޓު ރީޓުވީޓުކުރައްވައި މެމްބަރު އާޒިމް ވިދާޅުވީ ފިޗްއިން ރޭޓްކުރާނީ ގައުމެއްގެ ހާލަތު ބެލުމަށްފަހު ކަމަށެވެ. އަދި އެއީ ސިޔާސީ ލީޑަރަކު ވިދާޅުވީ އެއްޗަކަށް ބެލުމަސްފަހު ކުރާ ކަމެއް ނޫންކަމަށް ވިދާޅުވިއެވެ.

ބެލެވޭ ގޮތުގައި އާޒިމްގެ ޓުވީޓުގައި ދިފާއުކުރެއްވުމަށް މަސައްކަތް ކުރައްވާފައިވަނީ ދަރަންޏާއި ގުޅޭ ގަރާރުގެ މަސައްކަތުގައި އިސްނެންގެވި އެމްޑީޕީގެ އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ރައީސް ނަޝީދުގެ އިސްނެންގެވުމުގެ މަތިން ދަރަންޏާއި ގުޅޭ ގަރާރުގެ މަސައްކަތްތައް ކުރެއްވިއިރު، އެމަސައްކަތް ކޮށްފައިވަނީ މުޅި މަޖިލީހުގެ ކޮމިޓީއިން ކުރި މަސައްކަތުގެ ގޮތުގައެވެ. އަދި ދިރާސާކޮށްފައިވަނީ 2013 އިން ފެށިގެން 2018 ވަނަ އަހަރާއި ހަމައަށް ނަގާފައިވާ ދަރަނިތަކެވެ. ރައީސް ނަޝީދު ފާހަގަކުރައްވާ ގޮތުގައި މިހާރު ރާއްޖެ މިހާލަތުގައި މިއޮތީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ނަގާފައިވާ ލޯނުތަކުގެ ސަބަބުންނެވެ. އަދި މިވާހަކަތައް ތަކުރާރަުކުރައްވަމުންދާއިރު ވަކިން ޚާއްސަކޮށް ޗައިނާގެ ނަން ރައީސް ނަޝީދު ފާހަގަކުރައްވައެވެ.

މަޖިލީހުން ތައްުޔާރުކުރި ކޮމިޓީ ރިޕޯޓް ތައްޔާރުކޮށްފައިވަނީ ފިނޭންސް މިނިސްޓްރީއިންނާއި މޯލްޑިވްސް މަނިތަރީ އޮތޯރިޓީއިން ދިން މައުލޫމާތުތަކަަށް ބެލުމަށްފަހުއެވެ. އެހެންނަމަވެސް، ރައީސް ޔާމީންގެ ވެރިކަމުގައި ނަންގަވާފައިވާ ދަރަނިތަކުގެ މައުލޫމާތުތަކުގެ ތެރެއިން ކޮންމެހެން ސާފުވާންޖެހޭ ބައެއް މައުލޫމާތުތައް ރެކޯޑް ކުރެވިފައިނުވާކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

ފިޗްގެ ރިޕޯޓުގައި ސަރުކާރުގެ ދަރަންޏާއި ގުޅޭގޮތުން އެ އިދާރާއިން ބުނެފައިވަނީ ސަރުކާރުގެ ދަރަނި ޖީޑީޕީގެ ނިސްބަތުން 110.7 ޕަސެންޓަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ފިސްކަލް ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން 21.7 އަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ފިޗްއިން ވަނީ ބުނެފައެވެ.

މި ދަނޑިވަޅުގައި އިންޓަނޭޝަނަލް ކޮމިއުނިޓީގެ އެއްބާރުލުމާއި އެހީ ބޭނުންވާކަމަށް ފިޗްގެ ރިޕޯޓުގައި ވެއެވެ. އަދި ބުނެފައިވަނީ ރާއްޖެއަށް ބައިލެޓްރަލް އަދި މަލްޓިލެޓްރަލް ފައިނޭންސިން ބޭނުންވާ ކަމަށެވެ.

ފިޗްއިން ބުނެފައިވަނީ ދަރަނިތައް އަދާކުރުމުގައި ރާއްޖެއަށް ހުރި ގޮންޖެހުންތައް އެ އިދާރާއިން ވެސް ގަބޫލު ކުރާ ކަމަށެވެ.

ފާއިތުވެ ދިޔަ މަދު މަސްދުވަހުގެ ތެރޭގައި ރާއްޖޭގެ އިގްތިސޯދު ވަރަށް ބޮޑުތަނުން ދަށަށް ގޮސްފައިވާ ކަމަށާއި، މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އެންމެ ބޮޑު ގެއްލުމެއް ލިބޭނެ ގައުމެއްގެ ގޮތުގައި ބެލެވެނީ ދިވެހި ރާއްޖެކަމަށް ފިޗުގެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: