ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީއެންގެ ލާދީނީ ރިޕޯޓު: ޝަމީމް ވިދާޅުވީ އޭނާގެ ރައީސްކަމުގައި އެފަދަ ރިޕޯޓެއް ނެރުނު ހަނދާނެއް ނެތް ކަމަށް!

އެމްޑީއެންގެ ފައުންޑާރ ޝަހިންދާ އިސްމާއިލް އާއި، ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންސާނީ ހައްގުތަކަށް ވަކާލާތު ކުރުމުގެ ނަމުގައި އުފައްދާފައިވާ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގައި މަދު ދުވަސްކޮޅަކަށް ހުރި ހަނދާނެއް ވާކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

މިދިޔަ އަހަރުގެ މެދުތެރޭ މީޑިއާތަކާއި ސޯޝަލް މީޑިއާތަށް އެންމެ ބޮޑަށް ހޫނުވެގެންދިޔައީ ރާއްޖޭގައި އިންސާނީ ހައްގުތަކަށް ވަކާލާތު ކުރުމުގެ ނަމުގައި އުފައްދާފައިވާ އެމްޑީއެންއިން “ޕްރިލިމިނަރީ އެސެސްމެންޓް އޮން ރެޑިކަލައިޒޭޝަން އިން ދި މޯލްޑިވްސް” ގެ ނަމުގައި ނެރެފައިވާ ރިޕޯޓުގައި އިސްލާމްދީނަށް ފުރައްސާރަކޮށް ދީނާއި ހިލާފު ވާހަކަތައް ހިމަނާފައިވާ މައްސަލައިގައެވެ. ގާތްގަނޑަކަށް 125 ސޮފުހާގެ އެރިޕޯޓުގައި ކަންބޮޑުވާންޖެހޭ ވަރަށް ގިނަ ކަންކަން ވަނީ ހިމަނާފަ އެވެ.

އެ ރިޕޯޓްގައި އެންމެ މަތިވެރި އެއް މުއުޖިޒާތް “އިސްރާ އާއި މިއުރާޒު” ގެ ދަތުރުފުޅާ ގުޅުވައި ބުހުތާނު ވާހަކަ ލިޔެފައި ވެއެވެ. މާތް ﷲ ގެ މަތިވެރި ޒާތުފުޅާއި، އެ އިލާހުގެ ސިފަފުޅުތަކާމެދު ޝައްކު އުފައްދާފައި ވެއެވެ. ރާއްޖޭގެ އިސްލާމީ މުގައްރަރުން ކުދިންގެ ހިތުގައި އިސްލާމީ އަގީދާއަށް ލޯބި ޖެހުމުގެ ސަބަބުން، ޝިރުކާއި ކުފުރުގެ އަހުލުވެރިންނާމެދު، ނަފުރަތު އުފެދޭނޭ ކަމުގައި ބުނެފައި ވެއެވެ.

ރިޕޯޓުގެ މައްސަލައިގައި އެންމެ ބޮޑަށް ފާޑުކިއުން އަމާޒުވީ ޖަމިއްޔާގެ ފައުންޑާރ ޝަހިންދާ އިސްމާއިލްއަށެވެ. އަދި އެ ޖަމިއްޔާގައި އެކި ގޮތްގޮތުން ޝަމީމް އާއި މިހާރުގެ ޕޮލިސް ކޮމިޝަނަރު ބައިވެރިވިކަމަސް މީގެ ކުރިން ވެސް ވާހަކަ ދެކެވުނެވެ. އަދި ދާދިފަހުން ސޯޝަލް މީޑިއާގައި ދިޔަ ބަހުސްއެއްގެ ތެރެއިން ޝަހިންދާ ވަނީ ރިޕޯޓު ނެރުނުއިރު ޖަމިއްޔާގެ ރައީސްއަކީ، ޝަމީމްކަމަށް ބުނެފައެވެ.

“ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް” އިސްލާމް ދީނަށާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް އެމްޑީއެންއިން ރިޕޯޓް ނެރެފައިވަނީ 2016 ގައެވެ. އަދި އެ ރިޕޯޓު ޝާއިއުކޮށް ފެންމަތިވީ 2019 ގައެވެ.

ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ “އަހާށޭ ބުނާނަން” ޕްރޮގްރާމުގައި އާއްމުންގެ ފަރާތަކުން ވަނީ ޝަމީމް އާއި އެމްޑީއެންއާއި އެއްވެސް ގުޅުމެއް އޮންނަތޯ ސުވާލުކޮށްފައެވެ. އަދި އެ ޖަމިއްޔާގެ ރައީސްގެ މަގާމު އެއްވެސް އިރެއްގައި އަދާކޮށްފައިވާނެތޯ އެ ސުވާލުގައި ވެއެވެ.

ސުވާލުގެ ޖަވާބަށް ޝަމީމް ވިދާޅުވީ އެމްޑީއެންގެ ޗެއާޕާސަންއަކަށް ނުވަތަ ރައީސެއްގެ މަގާމު އޭނާ އަދާކުރި ކަމަށެވެ. އެމްޑީއެން ނޫނަސް ތަފާތު އެކި ޖަމިއްޔާތަކާއި އެކު މަސައްކަތްކުރިކަން ފާހަގަކޮށް ޝަމީމް ވިދާޅުވެފައިވަނީ، އެމްޑީއެންގެ ރައީސަކަށް މަދު ދުވަސްތަކެއް ވަންދެން ހުރި “ހަނދާނެއް” ވާ ކަމަށެވެ.

ވަރަށް ގިނަ ޖަމިއްޔާތަކާއި އެކު މަސައްކަތްކޮށް މަގާމުތައް އަދާކޮށްފައިވާތީ، އެމްޑީއެންގެ މާބޮޑު ތަފްސީލެއް ނޭނގޭ ކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ. 2014 ވަނަ އަހަރުން ފެށިގެން އެއްވެސް ޖަމިއްޔާއެއްގައި މަސައްކަތްކޮށްފައި ނުވާނެ ކަމަށް ޝަމީމް ވަނީ ފާހަގަކުރައްވާފައެވެ. އަދި އެއްވެސް އިރެއްގައި ޖަމިއްޔާއެއްގެ ހިންގުމުގެ ކަންތަކުގައި މަސައްކަތް ނުކުރާކަމަށް އޭނާ ވިދާޅުވިއެވެ.

“އަޅުގަނޑު އެމްޑީއެން އާ އެއްކޮށް މަސައްކަތް ކުރާތާ އެކި ތަފާތު ގޮތްގޮތުން، އެމްޑީއެން އެކަންޏެއް ނޫން ވަރަށް ބައިވަރު ޖަމާއަތްތަކާއެކު އަޅުގަނޑު މަސައްކަތް ކުރަން. ބައިވަރު ޖަމިއްޔާތަކުގެ މަގާމުތައްވެސް ފުރާފައި ހުންނާނެ. އެހެން ނަމަވެސް އެމްޑީއެންގެ ރައީސެއްގެ ގޮތުގައި މަދު ދުވަސްކޮޅަކު ހުރި ހަނދާނެއްވޭ. ދެން އޭގެ ތަފްސީލްތަކެއް އަޅުގަނޑަކަށް ނޭންގޭ. ހަނދާނެއް ނުހުރޭ، މި ދެންނެވިހެން ވަރަށް ބައިވަރު ޖަމާއަތްތަކުގައި މަސައްކަތް ކުރެވިފައި ހުރީމަ.” ޝަމީމް

ޝަމީމް ވިދާޅުވި ގޮތުން މަސައްކަތްތައް ކުރިޔަށް ގެންގޮސްފައިވާނީ ހިލޭ ސާބަހަށް އަދި ބައެއް ޖަމިއްޔާތަކުގެ ފަންނީ ލަފާދިނުމާއި ޓްރެއިނިން ޕްރޮގްރާމުތައް ނަގައިދިނުމަށެވެ. އެހެން ނަމަވެސް ޖަމިއްޔާއެއްގެ ހިންގުމާއި، އަދި ކަންކަމަށް ފާޑުކިއުންތަކުގައި އެއްވެސް ވަރަކަށް ބައިވެރިވެފައި ނޯންނާނެކަމަށް ޝަމީމް ތަކުރާރު ކުރެއްވިއެވެ.

ޝަމީމް ވިދާޅުވީ ލާދީނީ ރިޕޯޓް ނެރުނީ އޭނާ އެ ޖަމާއަތުގެ ރައީސެއްގެ ގޮތުގައި ހުއްޓާ ނޫން ކަމަށެވެ. އަދި އެ ރިޕޯޓު ނެރުނުއިރު އޭނާ ހުރީ މާލޭގައި ވެސް ނޫން ކަމަށް ވިދާޅުވިއެވެ.

“ހަނދާނެއް ނެތް އެކަހަލަ ރިޕޯޓެއް ނެރުނު ކަން. އަދި ނެރުނަސްވެސް އެ ރިޕޯޓް ނެރުނު ދުވަސް ވަރު އަޅުގަނޑު ހުރީ މާލޭގައެއް ވެސް ނޫން….. ރާއްޖެއިން ބޭރުގައި، ތަންކޮޅެއް ދިގު މުއްދަތަކަށް ހުރީ. އެހެންވީމަ އަޅުގަނޑު ހިތުން އެއްވެސް ކަމެއްގައި އަޅުގަނޑު ބައިވެރިފައެއް ނޯންނާނެ. އެ ރިޕޯޓް ޕަބްލިޝްކުރުމުގައި އޭގަ ހުރި އެއްޗެއް ކިޔާ އެ ރިޕޯޓް ޕަބްލިޝް ކުރުމުގައި” ޝަމީމް

އެމްޑީއެންއިން ރިޕޯޓުތަކެއް ނެރުމަށް ތައްޔާރުވާކަމުގެ މައުލޫމާތު ލިބުނުކަމަށް ޝަމީމް އެ އިންޓަވިއުގައި ވިދާޅުވިއެވެ. އެހެން ނަމަވެސް އެއީ ކޮން ރިޕޯޓެއްކަމާއި، އެ ރިޕޯޓު ތައްޔާރު ކުރުމުގައި އެއްވެސް ވަރެއްގެ މަސައްކަތެއް ނުކުރާކަމަށް ޝަމީމް ވިދާޅުވިއެވެ.

އެމްޑީއެން ރިޕޯޓުގައި ޒިނޭ އާއި ލިވާތުފަދަ ކަންކަމާ ގުޅޭ ފިލާވަޅުތަކުގައި އެކަން ކަމަކީ ހަރާމް ވެގެންވާ ހަޑިމުޑުދާރު އަމަލުގެ ގޮތުގައި ސިފަކޮށްފައިވާތީ ފާޑުކިޔާފައި ވެއެވެ. އިސްލާމް ދީނަށް ލޯބި ޖައްސުވާ ގޮތަށް ކިޔަވައިދިނުމުގެ ބަދަލުގައި، އުޅޭނެ ދީނެއް އިހުތިޔާރު ކުރުމުގެ ފުރުސަތު ކުދިންނަށް ދޭން ޖެހޭނެ ކަމަށް ބުނެފައި ވެއެވެ. ޔަހޫދީންގެ ނުބައިކަމުގެ ވާހަކަ އާއި، ނަބިއްޔާ صلى الله عليه وسلم ގަތުލު ކުރަން ޔަހޫދީން ކޮށްފައިވާ މަސައްކަތްތައް ފިލާވަޅުތަކުގައި ބަޔާން ކޮށްފައިވާތީ އެއީ ގޯހެއް ކަމަށް ލިޔެފައިވެއެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރުމުގެ ނަމުގައި އުފައްދާފައިވާ އެ ޖަމިއްޔާއިން ނެރުނު ރިޕޯޓްގައި އިސްލާމްދީނުގެ އަސާސްތަކާއި ޚިލާފު ވާހަކަތައް ހިމަނާ މާތް ރަސޫލާއަށް ނިސްބަތްކޮށް ބޭ އަދަބީ ބަސްތައް ބޭނުން ކޮށްފައި ވެއެވެ.ރިޕޯޓްގައި ބުނެފައި ވަނީ ރާއްޖޭގެ ތައުލީމީ ނިޒާމުގައި ކިޔަވައިދޭ ފޮތްތަކުގައި ހަރުކަށި ވިސްނުމަށް ބާރުއަޅާ ވާހަތަކެއް ހުރި ކަމަށެވެ. ސުންނަތުުން އައިސްފައިވާ ކަންތައްތަކަށް ރިޕޯޓްގައި ދެކޮޅު ހަދާފައިވާ ކަމުގެ އެއް މިސާލަކީ ދޫ ރައްކާތެރި ކުރުމުގެ ގޮތުން ތިމާއާ ނުބޭ ކަންކަމާ ނުބެހުމަށް އަންގަވާފައިވާ ހަދީސެވެ. ރިޕޯޓްގައި ބުނެފައި ވަނީ އެއީ ޑިމޮކްރަސީގެ އުސޫލެއްް ކަމަށްވާ ޚިޔާފާޅުކުރުމުގެ މިނިވަންކަމާ ތައާރުޒުވާ ކަމެއް ކަމަށެވެ.

އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ރިޕޯޓް ނެރުނު މައްސަލާގައި ދިވެހި ރައްޔިތުން މުޅި ރާއްޖޭގައި ސިލްސިލާކޮށް މުޒާހަރާ ކުރިއެވެ. އަދި އެ ރިޕޯޓުގެ މައްސަލައިގައި ޖަމިއްޔާ އުވާލި ނަމަވެސް އެ ޖަމިއްޔާގެ ހަރަކާތްތައް ކުރިޔަށް ގެންދާކަން ފާހަގަ ކުރެވެއެވެ. ނަމަވެސް މިހާތަނަށް އެ ރިޕޯޓު ނެރުނު މީހުންނާއި މެދު އެޅުނު އެއްވެސް ފިޔަވަޅެއް ނެތެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: