ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތުގެ ދަރަނި 70.4 ބިލިއަނަށް، ރާއްޖޭގެ އިގްތިސާދު 29.3 އިންސައްތަ ދަށަށް: އަމީރު

މިނިސްޓަރ އޮފް ފިނޭންސް އިބްރާޙީމް އަމީރު
ޝެއާރކޮށްލާ ކަހަލަދޯ؟

2020 ވަނަ އަހަރު ދައުލަތުގެ ދަރަނި 70.4 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ކަފާކުރެވޭކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

2021 ވަނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓު މަޖިލީހަށް ހުށައަޅުއްވައިދެއްވަމުން މިނިސްޓަރ އަމީރު ވިދާޅުވީ، ކޮވިޑް-19ގެ ހާލަތު ރާއްޖެއާ ކުރިމަތިވިއިރު ރާއްޖޭގެ އިގްތިސާދީ ޙާލަތު އައީ ޑަބަލް ޑިޖިޓް ގްރޯތު ރޭޓުގައި ކުރިއަރަމުންކަމަށެވެ. ކޮވިޑް-19އާއި ގުޅިގެން މުޅި ދުނިޔޭގެ އިގްތިސާދު ހުއްޓުމަކަށް އައުމާއިގުޅިގެން، ރާއްޖެފަދަ ފަތުރުވެރިކަމަށް ބަރޯސާވާ ގައުމުތަކަށް ކުރި އަސަރު ވަކިން ބޮޑުުކަމަށް ވިދާޅުވިއެވެ. އަދި މިއީ ކުރިން ކުރިމަތިލާންޖެހުނު އިގްތިސާދީ ލޮޅުންތަކަށްވުރެ ބޮޑު ލޮޅުމެއް ކަމަށާއި ކުރިން އޮތް ހާލަތަށް ދިޔުމަށް ބުރަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

2020 ވަނަ އަހަރު ނިމިގެންދާއިރު ރާއްޖޭގެ އިގްތިސާދު 29.3 އިންސައްތަ ދަށަށް ދާނެކަން ފާހަގަކުރައްވައި މިނިސްޓަރ އަމީން ވިދާޅުވީ، މިއީ ރާއްޖޭގެ އިގްތިސާދު ދުވަހަކުވެސް ދަށްވި މިންވަރެއް ނޫން ކަމަށެވެ. ހުރިހާ ސިނާއަތެއް އެއްކޮށް މަޑުޖެހިފައިވާކަމަށާއި ފަތުރުވެރިކަމަށް 65 އިންސައްތައިގެ ދަށްވުމެއް އައިސްފައިވާކަމަށް ވިދާޅުވިއެވެ. އަދި އިމާރާތްކުރުމަށް 11 އިންސައްތައިގެ ދަށްވުމެއް އައިސްފައިވާކަމަށް ވިދާޅުވިއެވެ.

2020 ވަނަ އަހަރުގެ ބަޖެޓު ފާސްކުރިއިރު ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 29.9 ބިލިއަން ރިފިޔާކަމަށެވެ. އެހެންނަމަވެސް، މިއަހަރު ނިމޭއިރު ދައުލަތަށް ލިބޭނެކަމަށް ލަފާކުރެވެނީ 14.7 ބިލިއަން ރުފިޔާކަމަށެވެ. މިއީ ދައުލަތަށް ލިބޭނެކަމަށް ލަފާކުރެވުނު އަދަދަށްވުރެ 51 އިންސައްތަ ދަށް އަދަދެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އަހަރު ނިމިގެންދާއިރު 15.9 ބިލިއަން ރުފިޔާ ޑެފިސިޓްވާނެކަމަށް ލަފާކުރެވޭ ކަމަށާއި މިއީ ޖީޑީޕީގެ ނިސްބަތުން ބަލާއިރު 27.5 އިންސައްތަކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ ދައުލަތުގެ ދަރަނި ހުންނާނެކަމަަށް ލަފާކުރެވޭނީ 70.4 ބިލިއަން ރުފިޔާގައި ކަމަށާއި މިއީ ޖީޑީޕީގެ ނިސްބަތުން ބަލާއިރު 121.4 އިންސައްތަ ކަމަށެވެ. 2020 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓު ފާސްކުރިއިރު ދަރަނި ހުންނާނެކަމަށް ލަފާކުރީ 58.4 އިންސައްތައިގައި ކަމަށާއި އެހެންކަމުން ކުރިން ލަފާކުރި މިންވަރަށްވުރެ 10 ބިލިއަން ރުފިޔާ ޑެފިސިޓްވެފައިވާކަމަށެވެ.

2021 ވަނަ އަހަރާއި އަޅުގަނޑުމެން މި ކުރިމަތިލަނީ، އިޤްތިސާދީ ތަދުމަޑުކަމެއްގެ ތެރޭގައި، ފަހުން ކަންތައްވާނެ ގޮތަކާއި ދޭތެރޭ ޔަގީންކަން ކުޑަ ދަނޑިވަޅެއްގައި ޕޮލިސީ ޓްރޭޑް-އޯފް ހުރިކަން ދެނެތިބެގެން. އިގްތިސާދީ އަދި ފިސްކަލް ސިޔާސަތުތައް ރޭވިފައިވަނީ ރާއްޖޭގެ އިންފްލޭޝަން އާއި އެކްސްޗޭންޖް ރޭޓަށް އަންނާނެ ބަދަލުތައް ދެނެތިބެ، ރަނގަޅު މިންގަނޑުތަކެއްގައި ހިފެހެއްޓުމަށް އަމާޒު ހިފައިގެން.

ރާއްޖޭގެ އިންފްލޭޝަން މައްޗަށް ދިޔަނުދީ ހިފެހެއްޓޭކަން ފާހަގަކުރައްވައި މިނިސްޓަރ އަމީރު ވިދާޅުވީ 2020 ވަނަ އަހަރު ރާއްޖޭގެ އިންފްލޭޝަން ޖުމްލަގޮތެއްގައި ދަށަށް ކަމަށެވެ. މީގެ ސަބަބަކީ ތެލުގެ އަގު ދަށްވެފައިވުމާއި، ބާޒާރުގައި ޑިމާންޑް ދަށްވުމާއި، ކޮވިޑް-19ގެ ޕޮލިސީ އެކްޝަންގެ ތެރެއިން ކަރަންޓުބިލުންނާއި ފެންބިލުތަކުން ޑިސްކައުންޓް ދީފައިވުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އަންނަ އަހަރު، ރާއްޖޭގެ އިންފްލޭޝަން ހުންނާނެ ކަމަށް ބެލެވެނީ 3.6 އިންސައްތައިގަ ކަމަށާއި މިއީ މިއަހަރު ނަގާފައިވާ ޕޮލިސީ އެކްޝަންތަކުގެ ނަތީޖާ ކަމަށެވެ. ނަމަވެސް ދުނިޔޭގެ އިންފްލޭޝަން ރޭޓާއި ތަރައްގީވަމުން އަންނަ ގައުމުތަކުގެ އިންފްލޭޝަންއާ އަޅާބަލާއިރު، މިއީ ދަށް އަދަދެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް އިމްޕޯޓްކުރާ މިންވަރު ވަނީ ދަށަށް ގޮސްފައިވުމާއެކު، ބޭރު ފައިސާ ވަންނަ މިންވަރު ދަށްވެފައިވާކަން ފާހަގަކުރެއްވިއެވެ. ނަމަވެސް، ރާއްޖެއަށް ބޭނުންވާ ތަކެތި ހޯދަން ބޭރު ފައިސާ ބޭރުވާ މިންވަރުވެސް ދަށްވެފައިވާ ކަމަށާއި ރާއްޖޭގެ ކަރަންޓް އެކައުންޓް ޑެފިސިޓް ހުންނާނީ 1.1 ބިލިއަން އެމެރިކާ ޑޮލަރުގައިކަމަށް އަމީރު ވިދާޅުވިއެވެ. ރާއްޖޭގެ ރަސްމީ ރިޒާވް މި އަހަރު ނިމޭއިރު ހުންނާނީ 799 މިލިއަން އެމެރިކާ ޑޮލަރުގައި ކަމަށާއި މިއީ މި އަހަރު ފެށުނު އިރު ރިޒާވް ހުރި މިންވަރަށްވުރެ މަތީ އަދަދެއް. އަދި 2021 ވަނަ އަހަރު ރަސްމީ ރިޒާވް ހުންނާނެ ކަމަށް ލަފާކުރެވެނީ 696 މިލިއަން އެމެރިކާ ޑޮލަރުގައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެހެންކަމުން އެކްސްޗޭންޖް ރޭޓް ޑިވެލިއު ކުރަން ޖެހޭ ވަރުގެ ޕްރެޝަރެއް ނެތްކަމަށް މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި މިވަގުތު ޕެރަލެލް މާކެޓުގައި ޑޮލަރުގެ އަގު މައްޗަށް ދިއުމުގެ ސަބަބުން އިމްޕޯޓަރުންނަށް ޑޮލަރު އަގުބޮޑުކޮށް ހޯދަން ޖެހުމުގެ ޝަކުވާ އޮތް ނަމަވެސް އެ މައްސަލައަށް ހައްލު ހޯދައިދެމުން އަންނަކަމަށް ވިދާޅުވިއެވެ. އަދި އިޤްތިސާދީ ހަރަކާތް ފެށި، އިތުރުވާ މިންވަރަކުން މި ކަންތައްތައް ފަސޭހަވެގެން ދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: