ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެމްޕީއާރުސީ ހިޔާނާތުގެ އަޑުއެހުންތައް މި މަހު، ޝަރީއަތްތައް ލައިވް ކުރުމަށް ޕީޖީ ވަނީ އެދިފައި!

ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް (އެމްއެމްޕީއާރުސީ) ހިޔާނާތުގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް މި މަހުގެ ތެރޭގައި ފަށާ، އެ އަޑުއެހުންތައް ލައިވްކުރުމުގެ ހުއްދައަށް އެދިފައިވާކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތް ތަހުގީގު ކުރާނެ ކަމަށް ސަރުކާރުން ތަކުރާރުކޮށް ބުނަމުން ދާއިރު މައްސަލައިގައި މިހާތަނަށް ދައުވާއެއް އުފުލި ޖަލު ހުކުމެއް ކުރެވުނު ފަރާތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި، ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު އަބްދުލް ޤަފޫރުއެވެ.

ހިޔާނާތުގެ މައްސަލައިގެ އަޑުއެހުންތައް ފެށުމަށް ހަމަޖެހިފައިވާކަން ފާހަގަކުރައްވާ ޝަމީމް ވިދާޅުވީ، ބޭނުންވަނީ ވީހާވެސް ދެފުށް ފެންނަ އުސޫލަކުން މައްސަލަ ކުރިޔަށް ގެންދިއުމަށް ކަމަށެވެ. އަދި އެދިފައިވާ ގޮތަށް ކޯޓުން ޝަރީއަތް ލައިވް ކުރުމުގެ ހުއްދަ ދޭނެ ކަމުގެ އުންމީދު ކުރައްވާކަމަށް ޝަމީމް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ބޮޑެތި ތުހުމަތުތަކެއްކޮށް ރައީސް ޔާމީންގެ ސަރުކާރުގައި ވަނީ އޭރު ކުންފުނީގެ މެނޭޖިން ޑައިރެކްޓަރުކަމަށް ހުރި އަބްދުﷲ ޒިޔަތުގެ މައްޗަށް ދައުވާ އުފުލާފައެވެ. އަދި އޭނާގެ މައްޗަށް ކުށް ސާބިތުވެ 08 އަހަރުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް މި ސަރުކާރު އައުމަށްފަހު ވަނީ މަޖިލީސް އިންތިހާބާއި ދިމާކޮށް އޭނާ ގޭ ބަންދަށް ބަދަލުކޮށްފައެވެ. އަދި ޒިޔަތު ވަނީ ރައީސް ޔާމީންގެ ޝަރީއަތް ކުރިޔަށް ގެންދިޔައިރު އެމަނިކުފާނާއި ދެކޮޅަށް ހެކި ބަސް ވެސް ދެއްވާފައެވެ. އޭގެ އިތުރުން އޭރުގެ ނައިބް ރައީސް އަހުމަދު އަދީބުގެ މައްޗަށް ހިޔާނާތާއި ގުޅިގެން އެކި ދައުވާތަކެއް އުފުލުނެވެ. އަދި އެ ހުކުމްތައް ބާތިލު ކުރުމަށްފަހު އަލުން އެ ދައުވާތައް އުފުލާ އަދީބުގެ މައްޗަށް ވަނީ 20 އަހަރުގެ ހުކުމެއް އިއްވާފައެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން މައްސަލައާއި ގުޅިގެން ރިޕޯޓެއް އެކުލަވާލުމާއި އަދި އެ ނޫންވެސް ގޮތްގޮތުން އާއްމުކުރި މައުލޫމާތުތަކުގައި ސަރުކާރުގެ އިސް ބައެއް މީހުންނާއި މަޖިލީހުގެ މިދިޔަ ދައުރު އަދި މި ދައުރުގެ ބައެއް މެމްބަރުންނަށް ހިޔާނާތުގެ ފައިސާ ލިބިފައިވާކަމަށް ބުނާއިރު އޭގެ ތެރޭގައި ނުފޫޒުގަދަ މެމްބަރުން ހިމެނޭކަމަށް ވާހަކަ ދެކެވެއެވެ. އަދި މީގެ ތެރެއިން ގިނަ މެމްބަރުންނަކީ އެއީ، ވިޔަފާރިތައް ފަށާ، އެ ވިޔަފާރިތައް ފުޅާކޮށްފައިވާ ބޭފުޅުންކަމަށް ޝަރީއަތުގެ މަޖިލީހުގައި އަދީބު ވިދާޅުވެފައި ވެއެވެ.

މި މައްސަލައިގައި ފުލުހުން ބުނެފައިވަނީ މަޖިލީސް އިންތިހާބާއި ދިމާކޮށް ޕާޓީތަކުން ބާއްވާފައިވާ ޕްރައިމެރީތަކާއި، ޕްރައިމެރީތައް ކާމިޔާބު ކުރުމަށްފަހު މަޖިލީސް އިންތިހާބަށް ވެސް ހިޔާނާތުގެ ފައިސާ ހަރަދުކޮށްފައިވާ ކަމަށެވެ. އަދި އެސެޓް ރިކަވަރީ ކޮމިޝަނާއި، ފުލުހުން އަދި އޭސީސީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސެޓް ރިކަވަރީ ކޮމީޝަންގެ ރައީސް އައްސަދު ވިދާޅުވީ މެމްބަރުން މަޖިލީސް އިންތިހާބު ކާމިޔާބު ކުރުމަށްފަހު އޭގެ ފަހުން އައި މަޖިލީސް ރައީސަކު ހޮވުމަށްވެސް އެމްއެމްޕީއާރުސީގެ ފައިސާ ހަރަދުކޮށްފައިވާ ކަމަށެވެ. އަދި މަޖިލީހުގެ ތެރެއިން ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީއަށް ބަދަލު ގެނައުމަށް ވެސް ފައިސާ ހަރަދުކޮށްފައިވާ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މަގާމުތަކަށް މީހުން އައްޔަން ކުރުމާއި، ވަކި ކުރުމަށް ވެސް ނުފޫޒު ފޯރުވުމަށް ރިޝްވަތުގެ ގޮތުގައި މެމްބަރުންނަށް ފައިސާ ދީފައިވާކަމަށް ރިޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުން، ރިޔާޒް ވަނީ ބޮޑެތި މަގާމުތަކާއި ގުޅޭ ނިންމުންތަކާއި، އަދި އެކި ކަންކަމަށް ނެގޭ މުހިންމު ވޯޓުތަކަށް ވެސް އެމްއެމްޕީއާރުސީގެ ފައިސާ ބޭނުންކޮށްފައިވާ ކަަމަށެވެ. ރާއްޖޭގެ ސިޔާސީ މަޝްރަހަށް އައި ބޮޑެތި ބަދަލުތަކުގެ ތެރެއިން އެބޭފުޅަކު މަސައްކަތް ކުރަމުން އައި ސިޔާސީ ޕާޓީތައް ދޫކުރުމަށް އެމްއެމްޕީއާރުސީގެ ފައިސާ ހުށަހަޅާފައިވާކަން ރިޔާޒް ވަނީ ފާހަގަ ކުރައްވާފައެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން އާންމު ކުރި މައުލޫމާތަށް ބަލާއިރު ހިޔާނާތުގެ ފައިސާގައި ޖެހުނު މީހުންގެ އަދަދު މިހާތަނަށް ވަނީ 300 އަށް އަރާފަ އެވެ. ހިޔާނާތުގެ ތުހުމަތު ކުރެވޭ މީހުން މިހާރުވެސް މަޖިލީހުގެ އިތުރުން ސަރުކާރާއި ފަންޑިޔާރުންގެ ތެރޭގައި ތިއްބެވިއިރު، އެ މީހުންގެ ނަންތައް ހާމަކޮށް ފިޔަވަޅު އަޅަން ލަސްވާ ސަބަބެއްގެ ގޮތުގައި އައްސަދު ވިދާޅުވީ ވިދާޅުވީ ތަހުގީގު ތެރެއިން ފެންމަތިވާ ކޮންމެ ނަމެއްގެ ވަށައިގެންވާ ގިނަ ކަންތައްތަކަކަށް ބަލަންޖެހޭތީ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: