ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިޔަފާރިއަށް ލިބުނު ގެއްލުމު ބަދަލު ހޯދަން ޖާބިރު ކޯޓަށް: “ކުންފުންޏަށް ގެއްލުންދީ ބަނގުރޫޓު ކުރުމަށް މަސައްކަތް ކުރި”

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުންފުންޏަށް ގެއްލުންދީ ގަސްތުގައި ބަނގުރޫޓު ކުރުމަށް ކުރީގެ ސަރުކާރުތަކުންނާއި، މި ސަރުކާރުން މަސައްކަތްކޮށްފައިވާ ކަމަށް ވިދާޅުވީ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެ މައްސަލަތައް ކޯޓަށް ހުށަހެޅުއްވުމަށް ނިންމަވައިފިއެވެ.

ރައީސް އިބްރާމް މުހައްމަދު ސޯލިހުއަށް އެޑްރެސްކުރައްވާ ޖާބިރު ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައިވަނީ 2008 ވަނަ އަހަރަށް ފަހު އުފެދުނު ދެ ސަރުކާރުން ވެސް މަސައްކަތްކޮށްފައިވަނީ އެ ކުންފުންޏަށް ގެއްލުންތައް ދީ، ބަނގުރޫޓު ކުރުމަށް ކަމަށެވެ. އަދި ޔޮޓް ޓުއާސް އާއި، ކުންފުނީގެ ހިއްސާ އޮންނަ އެހެން ކުންފުނިތަކަށް ވެސް ފިއްތުންތަކާއި ކުރިމަތި ކުރުވަމުންދާ ކަމަށް ޖާބިރުގެ ސިޓީގައި ވަނީ ބުނެފައެވެ. މިއީ ގަސްތުގައި ދެމުން އަންނަ ގެއްލުންތަކެއްގެ ގޮތުގައި ފާހަގަކޮށް ޖާބިރު ވިދާޅުވީ، އެ ގެއްލުންތަކުގެ ތަފްސީލުތައް މިވީ މުއްދަތުގެ ތެރޭގައި ކަމާއި ބެހޭ މުވައްސަސާތަކާއި ހިއްސާކޮށްފައިވާނެ ކަމަށެވެ.

ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމަށް އިޝާރާތް ކުރައްވާ ޖާބިރު ވިދާޅުވީ އޭރުގެ ސަރުކާރުން އެ އެޅި ފިޔަވަޅުތަކަކީ ގާނޫނު އަސާސީއާއި، ގާނޫނުތައް އަދި އުސޫލުތަކާއި ވެސް ހިލާފަށް އަޅާފައިވާ ފިޔަވަޅުތަކެއް ކަމަށެވެ. އޭގެ ސަބަބުން ޔޮޓް ޓުއާސް އާއި، ކުންފުންޏާއި ގުޅިފައިވާ އެހެން ފަރާތްތަކަށް ވެސް ލިބެމުން ދަނީ އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ކަމަށް ޖާބިރު ވިދާޅުވިއެވެ. އެންމެ ބޮޑު އެދުމަކީ އެ އަޑުތައް އައްސަވައި، އެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުން ކަމަށް ޖާބިރު ވިދާޅުވިއެވެ.

ކުންފުންޏަށް ލިބިފައިވާ ގެއްލުންތަކަކީ ޙަގީގަތުގައި ވެސް އެ ދެ ސަރުކާރުން ޒާތީގޮތެއްގައި އަޅުއްވާފައިވާ ފިޔަވަޅުތަކެއްގެ ސަބަބުން ލިބިފައިވާ ގެއްލުންތައް ކަމަށް ގާބޫލު ކުރާކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ. އަދި ކުންފުންޏަށް ނުދީ 2 ސަރުކާރުން ހިފަހައްޓަވާފައިވާ ހައްގުތައް އިންސާފުގެ މަގުން ލިބިދެއްވުމުގެ މަސައްކަތް މި ސަރުކާރުން ކުރާނެ ކަމަށް ގަބޫލުކުރާކަމަށް ޖާބިރު ވިދާޅުވިއެވެ. ރައީސް ސޯލިހުއަށް ފޮނުވި ސިޓީގައި ޖާބިރު ވިދާޅުވެފައިވަނީ ކުންފުންޏަށް ގެއްލުން ދިނުމަށްޓަކައި ކުރެއްވި ގިނަ ކަންތައްތަކުގެ ތެރޭގައި އެކައުންޓްތައް އެއް ފަހަރަށްވުރެ ގިނަ ފަހަރު ފްރީޒްކުރި ކަމަށެވެ. އޭގެ ސަބަބުން ލިބުނު ގެއްލުންތަކާއި، އަދި މީރާ މެދުވެރިކޮށް ކުންފުނީގެ 17 ކޮންޓެއިނަރ މުދާ މޯލްޑިވްސް ކަސްޓަމްސްއިން ހިފެހެއްޓުމުގެ ސަބަބުން، އެއިރު ހުޅުވުމަށް މަސައްކަތް ކުރަމުން ދިޔަ ގދ. ވަޓަވައްރެހާ ރިސޯޓް ނުހުޅުވި ދިގުމުއްދަތެއް ފާއިތުވެ ގެއްލުންވި ކަމަށެވެ.

ހދ. ހޮނޑައިދޫ ކުއްޔަށްދިނުމަށް ސަރުކާރާއި މިކުންފުންނާއި ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމާއި ޚިލާފަށް އެ އެގްރީމެންޓް ބާޠިލުކޮށްފައިވާތީ، ލިބިފައިވާ ގެއްލުންތަކާއި، އަދި ސަރުކާރުން މިކުންފުންޏާމެދު އެޅުއްވި ދަތިކުރުމުގެ ފިޔަވަޅު ތަކުގެ ސަބަބުން މާލެއަތޮޅު ދޮންވެލި ރިސޯޓްއާއި، ގއ. ފުނަމައުއްޑުއާ އާއި، އދ. ކުޑަރަށުގައި މިކުންފުނިން ކޮށްފައިވާ އެތައް ސަތޭކަ މިލިޔަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓްތައް ނުއަގުގައި ވިއްކާލަން ޖެހުމުގެ ސަބަބުން ލިބުނު ގެއްލުންތަކާއި، އަދި ހަމަ މިފަދައިން ލ. ގަން އައްސޭރި ޕްރޮޖެކްޓް މިކުންފުންޏަށް އެވޯޑްކޮށްދިނުމަށްފަހު، އެ ޕްރޮޖެކްޓް ކެންސަލް ކުރުމުގެ ސަބަބުން ލިބުނު ގެއްލުންތަކާއި، މާލެއަތޮޅު ތިލަފުށިން މިކުންފުންޏަށް ކުއްޔަށްދެއްވާފައިވާ ބިމުގެ އެގްރީމެންޓް ސަރުކާރުން ބާޠިލު ކުރުމުގެ ނޯޓިސް ސަރުކާރުން އެތައް ފަހަރެއްގެ މަތިން ދެމުން ގެންދިއުމުގެ ނަތީޖާއެއްގެ ގޮތުން އެބިމުގައި އިންވެސްޓްކޮށްގެން ކުރަން ކަނޑައެޅިފައިވާ ވިޔަފާރި ނުކުރެވުމުން ލިބުނު ގެއްލުންތަކާއި، އަދި މާލޭ މުނިސިޕަލްޓީން މިކުންފުންޏަށް ކުއްޔަށްދެއްވާ މ. ވެސްޓްޕާކް ކެފެޓީރިޔާ ގެ އެގްރީމެންޓުގެ 11 ވަނަ މާއްދާއާއި ސަރުކާރުން ޚިލާފުވެ، އެބިން މިކުންފުންޏަށް ނުދީ އެހެން ފަރާތަކަށް ކުއްޔަށްދިނުމުގެ ސަބަބުން ހިންގަމުން އައި ވިޔަފާރި ހުއްޓާލަން ޖެހުމުގެ ސަބަބުން ލިބިފައިވާ ގެއްލުންތަކާއި، އަދި  ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާއި، ޤާނޫނުތަކާއި ޚިލާފަށް މިކުންފުނީގެ ޗެއަރމަން (ޢަބްދުﷲ ޖާބިރު ހ. ތިމާވެށި/ މާލެ) ގެ ޕާސްޕޯޓް ކެންސަލްކޮށް ދިވެހިރައްޔިތުކަން ގެއްލުވާލުމުގެ ސަބަބުން ވިޔަފާރީގެ އެއްވެސް މަސައްކަތެއް ނުކުރެވޭގޮތުގެމަތިން ރާއްޖޭން ބޭރުގައި ދިގު މުއްދަތެއްގައި ހުންނަން ޖެހުމުގެ ސަބަބުން މިކުންފުންޏާއި މިކުންފުނީގެ ދަށުން ހިންގަމުން އައި އެންމެހާ ކުންފުނިތަކަށް ލިބުނު ގެއްލުން ހިސާބު ކުރުމަށް ޙަވާލުކޮށްފައިވާ އިންޑިޕެންޑަންޓް އިންޓަނޭޝަނަލް އޯޑިޓް ފާރމް އިން ވިދާޅުވަނީ މިއެންމެހާ ގެއްލުންތަކުގެ ރިޕޯޓްއިން 500 މިލިއަން ޑޮލަރު (ފަސްސަތޭކަ މިލިޔަން) އެމެރިކާ ޑޮލަރާއި ގާތްކުރާ ޢަދަދުގެ ގެއްލުމުން މިކުންފުންޏާއި މިކުންފުނީގެ ދަށުން ހިންގަމުން އަންނަ އެހެނިހެން ކުންފުނިތަކަށް ވެފައިވާކަން އެނގިގެން ދާކަމަށެވެ.” ޖާބިރުގެ ސިޓީގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ހއ. އަލިދޫއަށް ލިބުނު ގެއްލުމުގެ ބަދަލު އެލައިޑް އިންޝުއަރެންސް ކުންފުނިން ނުދީ ހިފެހެއްޓުމުގެ ސަބަބުން 200 އެނދުގެ އެރިސޯޓް ބަންދުކޮށްފައި އޮންނަތާ 6 އަހަރު ދުވަސް ފާއިތުވެފައިވާ ކަމަށް ޖާބިރު ވިދާޅުވިއެވެ. މީގެ ސަބަބުން ސަބަބުން ލިބުނު ގެއްލުންތަކާއި، އަދި ހއ. ބީނާފުއްޓާއި ކަނޑާލިފިނޮޅުގައި ރިސޯޓެއް ތަރައްގީ ކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އާއި ދެމެދު ސޮއިކޮށްފައިވާ އެގްރީމެންޓް ސަރުކާރުން ބާޠިލު ކުރުމުގެ ސަބަބުން ވެސް ގެއްލުންތަކެއް ވެފައިވާކަމަށް ސިޓީގައި ވެއެވެ.

ޖާބިރު ވިދާޅުވީ ތަފާތު އެކި ގޮތްގޮތުން ކުރިމަތި ކުރި ފިއްތުންތަކާއި ހެދި ކުންފުންޏަށް 500 މިލިއަނަށް ވުރެ ގިނަ ޑޮލަރުގެ ގެއްލުންވެފައިވާ ކަމަށެވެ. ޖާބިރު ވަނީ ގެއްލުމުގެ ބަދަލު ހޯދުމުގެ ދަޢުވާތައް ސަރުކާރުގެ މައްޗަށް ކުރުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ސިޓީ ރައީސްއަށް ފޮނުވީ އެފަދަ ދައުވާތަކެއް ހުށަހެޅުމަށް މަސައްކަތް ކުރަމުންދާކަން ރައީސްގެ ސަމާލުކަމަށް ގެނައުމަށް ކަމަށް ޖާބިރު ވިދާޅުވިއެވެ.

މައްސަލަތައް ކޯޓަށް ހުށަހެޅުއްވުމަށް ޖާބިރު ނިންމެވިއިރު ޔޮޓް ޓުއާސް އަށް 22 މިލިއަން ޑޮލަރު ދިނުމަށް އެލައިޑް އިންޝުއަރެންސްގެ މައްޗަށް ކުރި ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރެއް ހައިކޯޓުން ވަނީ ނެރެފައެވެ. ހުކުމާއި އެއްގޮތަށް އެލައިޑުން ފައިސާ ނުދައްކާތީ އެކަން ޔޮޓް ޓުއާސްއިން ކޯޓަށް ވެސް ހުށަހެޅިއެވެ. އެހެން ނަމަވެސް ފައިސާ ދައްކަން ދެކޮޅު ހަދާ އެލައިޑުން މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރީއެވެ.

ސިވިލް ކޯޓުގެ ހުކުމުން އިންޝުއަރެންސްގެ ކްލެއިމްގެ ގޮތުގައި 22.7 މިލިޔަން ޑޮލަރު އެލައިޑުން ޔޮޓް ޓުއާސްއަށް ދޭން ޖެހޭކަން ވަރަށް ސާފުކޮށް އެނގޭ ކަމަށާއި އެހެން ކަމުން އެ ފައިސާ ނުދިނުމުގެ ސަބަބުން މިވީ މުއްދަތުގެ ތެރޭގައި ރިސޯޓް މަރާމާތު ނުކުރެވި ރިސޯޓް ނުހުޅުވި ދިޔަ މުއްދަތުގެ ގެއްލުމުގެ ބަދަލު އެއް 100 މިލިޔަން ޑޮލަތަށް ވުރެ މައްޗަށް އަރާ ކަމަށާއި އެފައިސާ ހޯދުމަށް އެލައިޑާއި ދެކޮޅަށް ދައުވާ ކުރުމަށް ޔޮޓް ޓުއާސްގެ ބޯޑުން ނިންމާފައިވާ ކަމަށް ޖާބިރު ވިދާޅުވެފައިވެއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: