ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަރިކައަކީ އިޤްތިޞާދީ ވަރަށް މުހިންމު ވަސީލަތެއް: ރައީސް

ފޮޓޯ:ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މި ޒަމާނުގައި ތަރިކަ އަގު ކުރެވޭގޮތަށް ބަލާއިރު، ތަރިކައަކީ އިޤްތިޞާދީ ވަރަށް މުހިންމު ވަސީލަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ކަޅުވަކަރު މިސްކިތް އަލުން ރާވައި ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ޘަޤާފީ ތަރިކައަކީ، ފަތުރުވެރިކަން ވިއްކުމުގައި، ދުނިޔޭގެ ހުރިހާ ޤައުމުތަކެއްގައިވެސް ބޭނުންކުރާ އެންމެ މުހިންމު އެއް ވަސީލަތް ކަމަށެވެ. އަދި ފަތުރުވެރިކަން އިޝްތިހާރު ކުރުމުގައި، ޘަޤާފަތާއި ތަރިކައާ ގުޅުވުމަކީ، އޭގެ ނަތީޖާ ވަރަށް ރަނގަޅު ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ކޯވިޑް-19ގެ ސަބަބުން، ކުރިމަތިވެފައިވާ އިޤްތިޞާދީ ހީނަރުކަމުން ސަލާމަތްވުމަށްޓަކައި، މި އަންނަ އަހަރުގެ ތެރޭގައި އިޤްތިޞާދީ ދާއިރާތައް އިތުރުކުރުމަށް ސަރުކާރުން ނިންމާފައިވާއިރު، ރާއްޖޭގައި ޘަޤާފީ ފަތުރުވެރިކަމެއް އާލާކުރެވޭނެ ގޮތަކާމެދު ވިސްނުން ބެހެއްޓުމަކީ މުހިންމު ކަމެއް ކަމުގައި ދެކިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ސަލްޓަންޕާކުގައި ހުއްޓައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުން ކަޅުވަކަރު މިސްކިތް ރޫޅާލުމަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ އެ މިސްކިތް ރޫޅައިލުމާ ގުޅިގެން އޭރު ހެރިޓޭޖުގެ މަސައްކަތާ ހަވާލުވެވަޑައިގެން ހުންނެވި އެންމެ ފަރާތް އަދި މިސަރުކާރުގައި މިނިސްޓަރަކަށް ހުންނެވި ޔުމްނާ މައުމޫން ޢަބްދުލްޤައްޔޫމް ސަރުކާރުން އިސްތިޢުފާ ދެއްވައި ގެޔަށް ވަޑައިގެންނެވި ކަމަށެވެ.

ރައީސް ވިދާޅުވީ މިސަރުކާރުގައި މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތުމާ އެކީގައި ޔުމްނާ އެންމެ ފުރަތަމަ ފެށްޓެވި ކަމަކީ މިސްކިތް އަނބުރާ ހޯދައި މިހާރު ހުރިތަނުގައި މިސްކިތް ބެހެއްޓުމުގެ މަސައްކަތް ކަމަށާއި އެކަމަށްޓަކައި ޔުމްނާއަށާއި، މިނިސްޓްރީގެ ޓީމަށް ޝުކުރު ދަންނަވާ ކަމަށެވެ.

ރާއްޖޭގެ ޘަޤާފީ ތަރިކައިގެ ތެރެއިންވެސް ވަރަށް މުއްސަނދި ތަރިކައެއް، ތާރީޚުގެ އަނދިރިކަމުގެ ތެރެއަށް، ފަހުނޭވާ ދޫކޮށްލަމުންދަނިކޮށް، އަލުން އަނބުރާ ސަލާމަތްކުރުމަކީ ވަރަށް ފުރިހަމަ މަސައްކަތެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކަޅުވަކަރު މިސްކިތަކީ، ދިވެހިންގެ ޘަޤާފަތާއި، ފަންނުވެރިކަމާ ގުޅި ލާމެހިފައިވާ މިސްކިތެއް ކަމަށާއި އެއް ތަނުން އަނެއް ތަނަށް ބަދަލުވަމުން އައިވެސް މިސްކިތެއް ކަމަށެވެ. އަދި ދިވެހިންގެ އަމިއްލަވަންތަ އެތައް ސިފަތަކެއް ޖަމާވެ ރައްކާތެރި ކުރެވިފައިވާ، ތާރީޚީ ޚަޒާނާއެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

“ވާނުވާ ނޭނގޭ އަނދިރިކަމެއްގައި ވަނިކޮށް، ސަރުކާރުން މި މިސްކިތް އަލުން މި ބިނާކުރީ، ޤާނޫނީގޮތުންވެސް ފުރިހަމަ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީފައި. މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހު ޢަމަލުކުރަން ފެށި، ޡަޤާފީ ތަރިކައިގެ ޤާނޫނު ބުނާގޮތުން، މިފަދަ ތަންތަން ރައްކާތެރިކޮށް ޙިމާޔަތްކުރުމަކީ، ދައުލަތާއި ރައްޔިތުންގެވެސް ޒިންމާއެއް” ރައީސް

މީގެ އިތުރުން ރައީސް ވިދާޅުވީ ކާބަފައިންގެ ފަރާތުން ވާރުތަވެފައިވާ، މިފަދަ ތަރިކަތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމަކީ، ކޮންމެ މީހެއްގެ ޒިންމާއެއް އަދި މަސްއޫލިއްޔަތެއް ކަމަށާއި މި މިސްކިތް ދިވެހިންގެ ތާރީޚުގައި ޚާއްޞަވަނީ ހަމައެކަނި އެވޭލާ ޒަމާނުގެ މިސްކިތަކަށް ވާތީއެއްނޫން ކަމަށެވެ.

ރައީސް ވިދާޅުވީ ދިވެހިންގެ ޤައުމިއްޔަތުގެ އެންމެ މުހިންމު ބަހާއަކީވެސް އަޅުގަނޑުމެންގެ ހިތްތަކުގައިވާ އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާ ކަމަށެވެ. އަދި ދިވެހިންގެ މިނިވަންކަމާއި ސިޔާދަތު ދަމަހައްޓައިދެނީވެސް ދީނީ އެއްބައިވަންތަކަން ކަމަށާއި މިއީ މި މުހިންމު ޒިކުރާ އާކުރާއިރު، އަބަދުވެސް އަޅުގަނޑުމެންގެ ހަނދާނުގައި ބަހައްޓަންޖެހޭ ކަމެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: