ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރަށް ދެ އަހަރު: އާސަންދައަށް ވެސް އެދެވޭ ބަދަލުތަކެއް

ޝެއާރކޮށްލާ ކަހަލަދޯ؟

މުޅި ދުނިޔެއަށް ކުރިމަތިވެގެންދިޔަ ކޮވިޑް-19 ގެ ބަލިމަޑުކަމާއެކު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ދެވަނަ އަހަރު ވެގެންދިޔައީ އެތަކެއް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު އަހަރަކަށެވެ. ޞިއްޙީ ކުއްލި ނުރައްކަލުގެ މި ޙާލަތުގައި ސަރުކާރުން މަސައްކަތްކުރަމުން ދިޔައީ، ކޮވިޑުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއެކު ވެސް، ކުރިއަށްވުރެ ފަސޭހަކަމާއެކު ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށްދެވޭނެ މަފު ފަހިކޮށްދިނުމަށެވެ. ދިވެހި ރައްޔިތުން އެއަށް ބަރޯސާވެފައިވާ މިފަދަ އެއް ޚިދުމަތަކީ އިޖުތިމާޢީ ޞިއްޙީ އިންޝުއަރެންސް ގެ ޤައުމީ ނިޒާމު އާސަންދައެވެ. ކޮވިޑްގެ ބަލިމަޑުކަމުގެ މި ޙާލަތުގައި ވެސް އާސަންދައިގެ ޚިދުމަތް އިތުރަށް ފުޅާކޮށް ފަސޭހައިން އަދި އަވަހަށް ޚިދުމަތްލިބޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ.

ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ޒަމާނީ ބަދަލުތަކެއް މި ސްކީމަށް ގެނެސްފައިވާކަން ފާހަގަކުރަން ޖެހެއެވެ. އެ ގޮތުން، ޓެލެމެޑިސިން ނުވަތަ އޮންލައިންކޮށް ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމާއެކު މި ސްކީމްގެ ދަށުން އޮންލައިން ކޮންސަލްޓޭޝަންގެ ޚިދުމަތް ދޭން ވަނީ ފަށާފައެވެ. މި ޚިދުމަތާއެކު އަތޮޅުތެރޭގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ރަށުގައި ތިބެގެން ވެސް، މާލެއާއި އެހެން ޞަރަޙައްދުތަކުގައި ތިބި ޚާއްޞަ ބަލިތަކުގެ ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކޭނެ އިންތިޒާމް ހަމަޖެހިގެން ދިޔައެވެ. މީގެ އިތުރުން، ކޮވިޑްގެ ބަލިމަޑުކަމާއެކު ޤާއިމްކުރި ފްލޫ ކްލިނިކްތަކުން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމް ހަމަޖެހި، އާސަންދަ ސްކީމްގެ ދަށުން ފްލޫ ކްލިނިކްތަކުން ބޭސްފަރުވާ ކުރެވޭނެ ގޮތް ހަމަޖެއްސުމަކީ ވެސް މިފަދަ ދަނޑިވަޅެއްގައި ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމަށްޓަކައި އެޅި މުހިންމު ފިޔަވަޅެކެވެ.

އެކި ބަލިތަކަށް ފަރުވާ ކުރަމުންދާ ފަރާތްތަކަށް ފަސޭހަކަމާއެކު ބޭސް ލިބޭނެ ގޮތްތަކެއް ހަމަޖައްސައިދިނުމަށްޓަކައި ވެސް އާސައިންދައިން ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެ ގޮތުން ދިގު މުއްދަތައް ބޭސްފަރުވާ ކުރަންޖެހޭ ބަލިމީހުންނަށް ދޫކޮށްފައިވާ ބޭސްސިޓީތަކަށް، ޑޮކްޓަރަށް ދެއްކުމަކާއި ނުލައި އިތުރު ތިން މަހަށް ބޭސް ނެގޭނެ އިންތިޒާމް ވަނީ ހަމަޖައްސައިދިނެވެ. އަދި ރާއްޖެއިން ބޭރުން ދޫކޮށްފައިވާ ބޭސް ސިޓީތަކަށް 6 މަސް ވުމުގެ ކުރިން، އިތުރު 6 މަހުގެ މުއްދަތަށް ބޭސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމާއި، އާސަންދަ ސްކީމްގެ ދަށުން ލިބިދެވޭ ހުރިހާ ބޭހެއް ދޫކުރުމަށް ރާއްޖޭގެ ހުރިހާ ފާމަސީތަކަށް ހުއްދަދިނުމަކީ ޞިއްޙީ ކުއްލި ނުރައްކަލުގެ ދަތި މި ޙާލަތުގައި ޚިދުމަތް ބޭނުންވާ ފަރާތްތަކަށް ލުއިގޮތްތަކެއް ހޯދައިދިނުމަށް ކުރެވިގެންދިޔަ މަސައްކަތްތަކުގެ ތެރެއިން ފާހަގަކުރެވޭ ކަންކަމެވެ.

މީގެއިތުރުން، މިދުވަސްވަރަކީ ބޭރަށް ނުކުމެ އުޅުން ވީހާވެސް މަދުކުރަންޖެހޭ ދުވަސްވަރަކަށްވުމާއެކު، ޒަމާނީ ވަޞީލަތްތަކުގެ އެހީގައި ބޭސްސިޓީއަށް ބޭސްނެގޭނެ އިންތިޒާމް ހަމަޖެއ1ސުމަކީ ވެސް އާސަންދައިން ފޯރުކޮށްދޭން ފަށާފައިވާ ޚިދުމަތެކެވެ. މިގޮތުން، ވައިބަރ ނުވަތަ އެ ނޫން ވެސް އެ ފަދަ ޕްލެޓްފޯމްތައް މެދުވެރިކޮށް ބޭސްސިޓީ ފޮނުވުމުން ބޭސްދޫކުރުމުގެ ހުއްދަ ފާމަސީތަކަށް މިހާރު ވަނީ ދީފައިވެއެވެ. ހަމައެއާއެކު ޑޮކްޓަރގެ ސޮއި ނެތް އީ-ޕްރިސްކްރިޕްޝަންތަކަށް ބޭސްދޫކުރުމާއި، މެނުއަލް ބޭސް ސިޓީތަކަށް ބޭސްދޫކުރެވޭނެ ގޮތްތައް ވެސް އާސަންދަ ސްކީމް ޕޯޓަލްގައި ޤާއިމްކޮށް ޚިދުމަތް ދޭންވަނީ ފަށާފައެވެ.

ކޮވިޑްގެ ޙާލަތާއެކު ބައެއް ކަހަލަ ޚިދުމަތްތަކަށް ބުރޫއަރައި ޚިދުމަތްހޯދުމަށް ދަތިތަކާއި ދިމާވުމާއެކު، މީގެ ކުރިން ހަމައެކަނި އައި.ޑީ ކާޑަށް ދެމުން އައި އާސަންދައިގެ ޚިދުމަތް، މިހާރު އައި.ޑީ ކާޑުގެ އިތުރަށް ޕާސްޕޯޓް އަދި ލައިސަންސް ކާޑު ބޭނުންކޮށްގެން ވެސް ލިބޭނެ އިންތިޒާމްވަނީ ހަމަޖައްސާފައެވެ. މިއާއިއެކު، އަލަށް އުފަންވާ ކުދިންގެ މަންމަ ނުވަތަ ބައްޕަގެ އައި.ޑީ ކާޑަށް މީގެ ކުރިން ޚިދުމަތް ލިބެމުން އައި 28 ދުވަހުގެ ބަދަލުގައި ކޮވިޑްގެ ޙާލަތާއި ގުޅިގެން އިޢުލާން ކޮށްފައިވާ ހެލްތް އެމަރޖެންސީގެ މުއްދަތުގައި މަންމަ ނުވަތަ ބައްޕަގެ އައި.ޑީ ކާޑަށް ޞިއްޙީ ޚިދުމަތް ލިބޭނެ އިންތިޒާމް ވެސް ވަނީ ހަމަޖައްސާފައެވެ.

މީގެއިތުރުން ރާއްޖެއިން ބޭރުން އާސަންދަ ސްކީމްގެ ދަށުން ބޭސްފަރުވާގެ ޚިދުމަތް ހޯދާ ފަރަތްތަކަށް ފަސޭހައިން ޚިދުމަތް ހޯދޭނެ ގޮތްތަކެއް ފަހި ކޮށްދިނުމަށް އާސައިންދައިން ވަނީ މަސައްކަތްތަކެއް ކޮށްފައެވެ. މިގޮތުން ރާއްޖެއިން ލިބެންނެތް ޞިއްޙީ ޚިދުމަތް ހޯދުމަށް އާސަންދަ ސްކީމްގެ ދަށުން ރާއްޖެއިން ބޭރަށްދާ ފަރާތްތަކުން ޚިދުމަތް ހޯދާ ހޮސްޕިޓަލް ނުވަތަ ކްލިނިކް މެދުވެރިކޮށް ފޯމް ހުށަހެޅޭނެ އިންތިޒާމް ހަމަޖެއްސުމާއެކު، އިމަޖަންސީގައި ބަލިމީހާ އުފުލުމަށްފަހު ހުށަހަޅާ އިންވޮއިސްތަކާއި، ސްކީމްގެ ދަށުން ޚިދުމަތްދޭ މަރުކަޒުތަކުން ހުށަހަޅާ އިންވޮއިސްތައް އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެ ގޮތަށް މުއްދަތެއް ކަނޑައެޅުމަކީ ވެސް އާސަންދަ ސްކީމަށް ގެނެވުނު މުހިންމު ބަދަލުތަކެކެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި އެކު ދަތުރުފަތުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އައެވެ. ނަމަވެސް މި ބަދަލުތަކުގެ އަސަރު ބަލިމީހުންނަށް ވީހާވެސް ކުޑަކުރުމަށް މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. އެގޮތުން މެޑިކަލް ޓްރާންސްފަރއާއި ބަލިމީހާ އަނބުރާ ރަށަށް ފޮނުވައިދިނުމުގެ ކަންކަން މެދުކެނޑުމެއްނެތި އާސަންދައިން ވަނީ ކުރިއަށް ގެންގޮސްފައެވެ. މެޑިކަލް ޓްރާންފަރގައި އުފުލަނީ އާސަންދަ ސްކީމުން ހިންގާ އިމަޖަންސީ ޙާލަތަށް ނުފެތޭ މެޑިކަލް ސަބަބުތައް ހުރި ފަރާތްތަކެވެ. އެއީ ތެލަސީމިޔާ ބަލިހުންނަ ކުދިން ލޭ އެޅުމަށާއި، ޑަޔަލަސިސް ހަދަންޖެހޭ ފަރާތްތަކުން އެ ޚިދުމަތް ހޯދުމަށާއި، ކެންސަރު ބައްޔަށް ބޭސްފަރުވާ ކުރާ ފަރާތްތަކުގެ ތެރެއިން ކީމޯ ދޭންޖެހޭ ފަރާތްތަކުން އެ ޚިދުމަތް ހޯދުމަށާއި އަދި މާބަނޑު މީހުން ވިހެއުމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ޤައުމު ފުރަބަންދުކޮށް، އެއާލައިންތަކުން ދަތުރުތައް ހުއްޓާލާފައިވާ ދުވަސްވަރު ރައީސް ޞާލިޙްގެ ޚާއްޞަ އެދިލެއްވުމަށް އިންޑިޔާ ސަރުކާރުން ދެއްވި ހުއްދައިގެ ދަށުން ޗާޓަރ ފްލައިޓުތައް ބާއްވާ، އިންޑިޔާގެ ކޮޗިންއަށާއި ޓްރިވެންޑަރަމަށް ވަނީ ބަލިމީހުން ފަރުވާއަށް ފޮނުވުމުގެ އިންތިޒާމްތައް ހަމަޖައްސައިދީފައެވެ. މިގޮތުން ފޮނުވުނު ފަރާތްތަކުގެ ހުރުމާ ކެއުމުގެ ޚަރަދުތައް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) މެދުވެރިކޮށް ހަމަޖައްސާފައިވެއެވެ. މީގެއިތުރުން ކޮވިޑް-19 އާ ގުޅިގެން އިންޑިޔާ އަދި ސްރީލަންކާގައި ތާށިވެފައިވާ ދިވެހިންނަށް އެންސްޕާއިން ދޫކުރި ފައިސާގެ އެހީގައި އެ ފަރާތްތަކުގެ ހަމަޖައްސައިދޭންޖެހޭ އިދާރީ އިންތިޒާމްތައް ހަމަޖައްސައިދީފައިވެއެވެ.

ކޮވިޑްގެ ބަލިމަޑުކަމުން އައިރައިގަތުމަށާއި އަދި މި ޙާލަތުގައި ދިވެހިންގެ ޞިއްޙީ ނިޒާމް ހީނަރުވިޔަ ނުދީ ލުއި ފަސޭހަކަމާއެކު ޚިދުމަތް ދިނުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ އިތުރަށް ވެސް އާސަންދަ އިންޝުއަރެންސް ސްކީމުން ގިނަ ކަންތައްތަކެއް ކާމިޔާބުކަމާއެކު ޙާސިލްކޮށްފައިވެއެވެ. އޭގެ ތެރޭގައި، ނަފްސާނީ ބައްޔަށް ބޭސްކުރުމަށް މިހާރު އައި.ޖީ.އެމް.އެޗްގައި އެ ކަމަށް ޚާއްޞަ މަރުކަޒެއް ޤާއިމްކުރެވިފައިވާއިރު، މި މަރުކަޒުން އާސަންދައިގެ ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެހުމަކީ ފާހަގަކޮށްލެވޭ ކަމެކެވެ. އާސަންދައިގެ ދަށުން ނަފްސާނީ ބަލިތަކަށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ރައީސް ޞާލިޙްގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ވަޢުދެކެވެ. މި ވަޢުދުގެ ދަށުން މިހާރު އަމިއްލަ ކްލިނިކްތަކާއި ހޮސްޕިޓަލްތަކުން ފޯރުކޮށްދޭ ނަފްސާނީ ބަލީގެ ބައެއް ފަރުވާތައް ކަމަށްވާ ސައިކޮލޮޖިސްޓް ކޮންސަލްޓޭޝަން، ސައިކޮލޮޖިކަލް އެސެސްމެންޓް އަދި ސައިކޮލޮޖިކަލް ތެރަޕީ އާސަންދަ ސްކީމްގެ ތެރެއިން ލިބިދެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

އަވައްޓެރި ޤައުމުތަކުގެ ދިރިއުޅެމުންއަންނަ ދިވެހިންނަށް އާސަންދައިގެ ދަށުން ބޭސްފަރުވާ ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން، ތަޢާރުފު ކުރި “މެރާނާ” ސްކީމަކީ ވެސް މި ރިޔާސީ ދައުރުގެ ތެރޭގައި އާސައިންދައިން ކުރެވުނު މުހިންމު މަސައްކަތެއްގެ ގޮތުގައި ފާހަގަކޮށްލަންޖެހޭ ކަމެކެވެ. “މެރާނާ” ގެ ނަމުގައި ތަޢާރުފު ކުރެވުނު ޚާއްޞަ ސްކީމްގެ ދަށުން އިންޑިޔާ، ސްރީލަންކާ އަދި މެލޭޝިޔާގައި ދިރިއުޅެމުންދާ ދިވެހިންނަށް ޤައުމީ ޞިއްޙީ އިންޝުއަރެންސް ނިޒާމުގެ ދަށުން ބޭސްފަރުވާގެ ޚިދުމަތްލިބޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސާފައެވެ.

އާސަންދަ ސްކީމުގެ މާލީ ތަފާސް ހިސާބުތަކަށް ބަލާއިރު، މި އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް އާސަންދަ ސްކީމްގެ ދަށުން ޖުމްލަ 311،326 ފަރާތަކަށް ޚިދުމަތް ދީފައިވާއިރު، މި ސްކީމްގެ ދަށުން މި މުއްދަތުގައި، ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކަށް ކުރެވުނު ޚަރަދުތަކާއެކު ޖުމްލަ 1.6 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މިދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖުމްލަ 349،743 ފަރާތަކަށް އާސަންދަ ޚިދުމަތް ދީފައިވާއިރު ޖުމްލަ 2.4 ބިލިއަން ރުފިޔާ، ސަރުކާރުގެ ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ  މަރުކަޒުތަކަށް ކުރެވުނު ޚަރަދުތަކާއި އެކު އާސަންދައިން ޚަރަދު ކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 67%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: