އެއީ ދުވަސްވަރަކީ މައިމީހާގެ ރަހިމުގައި އިތުރު ފުރާނައެއް ހެދިބޮޑުވަމުން އަންނަ ދުވަސްވަރަކަށް ވުމުންނެވެ. ރަހިމުގައި ހެދިބޮޑުވަމުން އަންނަ ތުއްތު ކުއްޖާގެ ދުޅަހެޔޮކަން ބިނާވެފައި އޮންނަނީ މައިމީހާއަށެވެ.

އެގޮތުން މާބަނޑު ދުވަސްވަރު ސިއްހަތަށް ފައިދާ ކުރުވާ، މޭވާއާއި ކާނާ ކެއުމަކީ މުހިންމު ކަމެކެވެ.

މީގެ ތެރެއިންވެސް އަންނާރަކީ މާބަނޑުދުވަސް ވަރު ބޭނުން ކުރުން މުހިންމު މޭވާ އެކެވެ.

މާބަނޑު ދުވަސްވަރު އަންނާރު ޖޫސް ބޯ ނަމަ ދަރިފުޅުގެ ސިކުނޑި ހެދިބޮޑުވުމަށް އެހީވެދޭ ކަމަށް ދިރާސާތަކުން ދައްކައެވެ.

އެމެރިކާގެ ބްރިގަމް އެންޑް ވިމެންސް ހޮސްޕިޓަލުން ހެދި ދިރާސާއެއްގެ  ނަތީޖާތަކުން ދައްކާ ގޮތުގައި މައިމީހާގެ ބަނޑުގައި އޮންނަ ދަރިފުޅު ބޮޑުވާންޖެހޭ ވަރަށް ބޮޑު ނުވެ ނުވަތަ އިންޓްރޯޓެރީން ގްރޯތު ރެސްޓްރިކްޝަން (އައިޔޫޖީއާރް) ދިމާވުމަކީ ދަރިފުޅުގެ ސިކުނޑި ވެސް ތަރައްގީވާން ހުރަސްއަޅާ ކަމެކެވެ.

ނަމަވެސް މާބަނޑު ދުވަސްވަރު އަންނާރު ޖޫސް ބުއިމުން އެކަން ހައްލުކޮށްދޭން ބާރުއަޅާ ކަމަށް ދިރާސާގައި ބުންޏެވެ.

ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި މާބަނޑު ދުވަސްވަރު ކޮންމެ ދުވަހަކު މަދުވެގެން 8 އައުންސްގެ ތާޒާ އަންނާރު ޖޫސް ބުއިމުން، ދަރިފުޅުގެ ސިކުނޑި އަށް ލިބޭ ގެއްލުންތަކުން ސަލާމަތްކޮށްދެން އެހީއަކަށްވެ އެވެ.

އެ ގޮތުން އަންނާރު ޖޫހުން ދަރިފުޅުގެ ބްރެއިން މެކްރޮސްޓްރަކްޗާ އާއި މައިކްރޮސްޓްރަކްޗްރަލް އޮގަނައިޒޭޝަންގެ އިތުރުން ފަންކްޝަނަލް އެކްޓިވިޓީ ރަނގަޅުކޮށްދޭން އެހީވެ އެވެ.

އަންނާރަކީ ލޭގެ ޕްރެޝަރު ދަށްކުރުމަށްވެސް ބޭނުންކުރުން މުހިންމު މޭވާއެކެވެ. ދިރާސާތަކުން ބުނާ ގޮތުން ކޮންމެ ދުވަހަކު 1.7 އައުންސްގެ އަންނާރު ޖޫސް ބޭނުންކުރުމަކީ ސިސްޓޮލިކް ޕްރެޝަރު 5 އިންސައްތަ ދަށްވާނެ ކަމަކަށް ދިރާސާތަކުން ހާމަވެއެވެ.

މީގެ އިތުރުން އަންނާރުގެ ސަބަބުން ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކޮށްދެއެވެ. އަދި މިކަމުގެ ސަބަބުން އުރަމަތީގެ ކެންސަރާއި ފުއްޕާމޭގެ ކެންސަރު ޖެހުމުން ދުރުކޮށްދެއެވެ.