ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޖަލަށްލިތާ އަހަރެއް ފުރޭ ދުވަހު އިދިކޮޅު ޕީޕީއެމް/ޕީއެންސީން އިހުތިޖާޖަށް ނިކުންނަން ނިންމައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިދިކޮޅު ކޯލިޝަނުގެ އެޓޯލްސް ޑިޕާޓްމެންޓުގެ ޗެއާ އަދި ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލު ވިދާޅުވީ ޔާމީން ޖަލުގައި އޮންނަވާތާ 365 ދުވަސް މި މަހުގެ 28 ވަނަ ދުވަހަށް ހަމަވާނެ ކަމަށެވެ. ނިމާލް ވިދާޅުވީ މި އިހުތިޖާޖުތައް ކުރިއަށް ގެންދަނީ “އަނިޔާވެރިކަމާ ދެކޮޅަށް ދިވެހިރާއްޖެ” މި ނަމުގައި ކަމަށެވެ.
އަދި ޔާމީނަށް ލިބިވަޑައިގަންނަވަމުންދާ އަނިޔާތަކަކީ އެންމެންގެ ކުރިމަތީގައި ހިނގާދިޔަ ޝަރީއަތަކުން ނުހައްގުން ނާއިންސާފުން ކުރި ހުކުމަކުން ލިބެމުންދާ އަނިޔާތަކެއް ކަމަށާއި މިއަދާއި ހިސާބަށް އައިއިރު ވެސް ޔާމީންގެ އެއްވެސް ހައްގެއް ހިމާޔަތް ކުރެވިފައި ނުވާ ކަމަށް ނިމާލް ވިދާޅުވިއެވެ.
މީގެއިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތިބި ޔާމީނަށް ތާއީދުކުރައްވާ ރައްޔިތުން އެމަނިކުފާނުގެ ތަރައްގީ އަށް ބޭނުންވެފައިވާ މިންވަރު ފެންނަމުންދާ ކަމަށާއި އެގޮތުން އެ ރައްޔިތުން ބޭނުންވަނީ ޔާމީންގެ ހައްގުގައި މި މަހުގެ 28 ވަނަ ދުވަހުގެ ހަވީރު 4 ޖަހާއިރު ސަރުކާރަށް މި އަޑުތައް އިއްވުމަށްޓަކާ އިހުތިޖާޖުކުރަން ކަމަށް ނިމާލް ވިދާޅުވިއެވެ.
ނިމާލް ވިދާޅުވީ މި އިހުތިޖާޖު ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ކުރިއަށްދާނެ ކަމަށާއި އެ ދުވަހުން ފެށިގެން ސިލްސިލާ ގޮތެއްގައި އެ ހަރަކާތް ކުރިއަށް ގެންދާނެ ކަމަށްވެސް ނިމާލް ވިދާޅުވިއެވެ.
One Response
Ma nudhiyayas magey nafsu dhaanan . Mee varH vaahaka