ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވައްކަން ކުރާ މީހާ ބަރަހަނާކޮށް އަނިޔާ ކުރުން، ފަހަކަށް އައިސް ދިވެހިންގެ ތެރޭ އާއްމު ވަމުން އަންނަ ކަމެއް!

ވައްކަން ކުރިކަމަށް ބުނެ އަނިޔާ ކުރަމުން ދިޔަ ވަގުތު ނަގާފައިވާ ވީޑިއޯގެ ސްކްރީން ޝޮޓްއެއް
ޝެއާރކޮށްލާ ކަހަލަދޯ؟

މީގެ ދުވަސްތަކެއް ކުރިން ފިހާރައަކުން ފޮށިގަނޑެއް ވަގަށް ނެގިކަމަށް ބުނެ ޒުވާން ބިދޭސީއަކު ބަރަހަނާކޮށް އޭނާއަށް އަނިޔާ ކުރި ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުވިއެވެ. އަދި އޭނާ ގަން ހިންގުވާ ފަޟީހަތް ވެސް ކުރިއެވެ. މިއީ ފަހަކަށް އައިސް އާއްމުވެފައިވާ ކަމެކެވެ. ވައްކަމާއި އަދި އެ ނޫންވެސް ކަންތަކުގެ ތެރެއިން އާއްމުންގެ ތެރެއިން ބަޔަކަށް ނިކުމެ އެ މީހަކު ހިފަހައްޓާލެވިއްޖެ ނަމަ އަނިޔާ ކުރެއެވެ.

ދާދިފަހުން އަނެއްކާވެސް އާއްމުވީ މިފަދަ ވީޑިއޯއެކެވެ. ދޯންޏަކުން ވައްކަން ކުރަން އުޅުނު މީހަކަށް އަނިޔާކުރީ އޭނާ ބަރަހަނާކޮށްލުމަށް ފަހުއެވެ. އާއްމުވެފައިވާ ވީޑިއޯ އެންމެ ފުރަތަމަ އާއްމު ކުރި މީހާ ސޯޝަލް މީޑިއާއަށް އެ ވީޑިއޯ ދޫކޮށްލާ ބުނެފައިވަނީ އެ ޒުވާނާއަކީ އައްޑޫ ހިތަދޫ މީހެއް ކަމަށެވެ. އަދި އޭނާއަށް ދޯނީގެ މަސްވެރިން އަނިޔާކުރީ ދޯނިން ވައްކަން ކުރަން އުޅުމުން ކަމަށް ވެއެވެ.

މި ވީޑިއޯ ސޯޝަލް މީޑިއާގައި އާއްމުވީ ނޮވެމްބަރު 19 ގެ ރޭގަނޑުގެ ވަގުތެއްގައެވެ. އޭނާ ދޯނިން ވަގަށް ނަގަން އުޅުނީ ފޯނުތައް ކަމަށް ވީޑިއޯގައި ބުނެފައި ވެއެވެ. އަދި އެ ޒުވާނާއަށް ހަމަލާ ދިނީ ފޯނުތައް ސަލާމަތް ކުރަން ކަމަށާއި، ހަމަލާ ދީ އަނިޔާތައް ކުރުމުގެ ސަބަބުން އޭނާއަށް ރަނގަޅަށް ހިނގަން ވެސް އުނދަގޫ ވި ކަމަށް ވީޑިއޯ ސޯޝަލް މީޑިއާއަށް ލީ މީހާ ބުންޏެވެ. ފުލުހުން އައިސް، ވެހިކަލްއަށް އޭނާ އަރުވައިގެން ގެންދަނީ އޭގެ ފަހުންނެވެ.

ދައުރުވަމުން ދާ ވީޑިއޯއިން ދޯނީގައި ތިބި މަސްވެރިން އޭނާއަށް ވަރަށް ބޮޑަށް އަނިޔާ ކުރެއެވެ. އަދި ބަރަހަނާކޮށް އޮތް އެ ޒުވާނާގެ ގައިގައި އެތައް ފަހަރަކު ފައިން ޖަހައި އަނިޔާ ކުރެއެވެ. އޭނާގެ ގައިގައި އަނިޔާވެ ނިޝާންތައް ވަރަށް ބޮޑަށް ފެނަން ހުއްޓެވެ. ނަމަވެސް އޭނާ ރޮމުން ބުނަމުން ދިޔައީ ވައްކަން ނުކުރާ ކަމަށެވެ.

މި ވީޑިއޯއަށް އާއްމުންގެ ނުރުހުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ. އަދި ގިނަ އާއްމުން ފާހަގަ ކުރަމުން ދިޔައީ ވައްކަން ކުރިނަމަވެސް އެއްވެސް މީހަކަށް ގާނޫނު މުށުގެ ތެރެއަށް ނުލެވޭނެ ކަމެވެ. އަދި އެފަދަ ގޮތަށް އޭނާއަށް އަނިޔާކޮށްފައިވާތީ އާއްމުން ކަންބޮޑުވުން ފާޅުކުރިއެވެ.

ގޯސްވާނީ ގޯހަށެވެ. އެކަން ގަބޫލު ކުރަމެވެ. އެހެން ނަމަވެސް، އެ ވީޑިއޯ ފެނުމާއި އެކު ހިތަށް އެރިހާވެސް އެއްޗަކީ އިންސާނިއްޔަތު ކަމުގެ ކަންފުޅެއް ވެސް ބައެއް މީހުންގެ ނުހުންނަނީ ބާއެވެ. ވައްކަން ކުރުމަކީ ގޯހެކެވެ. އެއްވެސް މީހަކަށް ގާނޫނު ތިމާގެ މުށުތެރެއަކަށް ނުލެވޭނެއެވެ. އެހެން ކަމަށްވާނަމަ ދެން އެ ޒުވާނާ ވައްކަން ކުރިކަން އެނގުމާއި އެކު އެކަން އަންގަން ޖެހޭނީ ފުލުހަށެވެ. ތިމާގެ “ގަދަ ބާރު” ދެއްކުމަށް އޭނާގެ ޓީޝާޓު ބާލުވާ އަނިޔާ ކުރަން ނުޖެހޭނެއެވެ.

މިއީ އަޅުގަނޑުގެ ވިސްނުމެވެ. ފާޑުކިޔުންތައް ވެސް އަންނާނެއެވެ.

މަސްތުވާތަކެތީގެ މައްސަލަތަކާއި، އަދި އާއްމުވެފައިވާ ވައްކަމުގެ މައްސަލަތައް ފުލުހުންނަށް ނުބެލޭނެ ކަމަށް ބުނެ ކުށް ކުރާ މީހަކަށް އަނިޔާއެއް ނުކުރެވޭނެއެވެ. އަދި އޭގެ މާނައަކީ ވައްކަން ކުރާ މީހާ ދޫކޮށްލުމެއް ވެސް ނޫނެވެ. އަދި ވައްކަން ކުރަނިކޮށް މީހަކު ހިފެހެއްޓުމަކުން ވެސް ގޯހެއް ނެތެވެ. ގޯހީ އަނިޔާ ކުރުމެވެ. ކުށްވެރިޔާ ހިފެހެއްޓުމަށްފަހު އާއްމުންގެ މައްޗަށް އޮންނަކަމަކީ އެކަން ފުލުހުންނަށް ރިޕޯޓު ކުރުމެވެ.

މި މައްސަލައިގައި ފުލުހުންނާއި ސުވާލު ކުރުމުން ފުލުހުން ބުނީ، ދައުރުވަމުންދާ ވީޑިއޯ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަށާއި، ބަލަންޖެހޭ ކަންކަން ބަލަމުން ގެންދާ ކަމަށެވެ.

ވަރަށް ގަދަ
23%ވަރަށް ގަދަ 5%ވަރަށް ގަޔާވޭ 9%ބޮޑު ޖޯކެއް 5%ހައިރާންވެއްޖެ 42%ވަރަށް ދެރަ 16%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. އެހެންވަނީ ސަބަބެއްނެތިއެއްނުން.ތަންފީޒީ އިދާރާތައް ފެއިލްވެފަ އޮތީމަ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: