ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރަށް ދެ އަހަރުވީއިރު؟

ސަރުކާރުގެ ކޯލިޝަންގެ ލީޑަރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރަށް ދެއަހަރު ފުރުނީއެވެ. ލައްކަ ކުލަވަރާއި މަންޒަރު ދައްކާލިއެވެ. ލައްކަ ވާހަކަތައްވެސް ދެއްކިއެވެ. ސަރުކާރުގެ މޫނުމަތި ސާފުކުރަން ލައްކަ ޚަރަދުވެސް ކުރިއެވެ. އަނެއްހެން ދަންނަވާނަމަ ސަރުކާރު ކުންފުނިތަކުގެ ތިޖޫރިތައް ހުޅުވާލި ކަހަލައެވެ. މީ ޒަމާނެއްގައިވެސް ވެރިކަންކުރި ސަރުކާރަކަށް ނުކުރެވޭހާ ގިނަ ކަންކަން ސަރުކާރުންކުރި ވާހަކައެވެ. މަޝްރޫޢުތަކުގެ އަދަދުތަކުގެ ވާހަކައެވެ. ރަނގަޅަށް ބާލާލާއިރު ގިނައީ ކުރިއަށްދާ ނުވަތަ ޓެންޑަރ ކުރެވިފައިވާ ކަންކަމެއްވެ. ސަރުކާރަށް ދެއަހަރު ފުރުނުއިރު، މިހިނގާ 2020 އަހަރު ކަނޑާލީ ރަށުތެރެއަށް އަރައިގެން އުޅޭ ކޮވިޑް-19 ބަލިމަޑުކަމެއްގެ ބޮލަށެވެ.

ސަރުކާރަށް ދެ އަހަރު ވެގެން ބައެއް ބޭފުޅުން ދެއްކި ވާހަކަތަކުގެ ތެރޭގައި ހިމެނެނީ ހުދުމުހުތާރު، އަނިޔާވެރި އަދި ހިޔާނާތުގެ ސަރުކާރެއް މީގެ ކުރިން އޮތް ވާހަކައެވެ. ނަމަވެސް ހުރިހާ ކަމެއް މިހާރު ކޮވިޑަށް ކަޑާލާއިރު، ދައުލަތުގެ މާލިއްޔާ ތަނެއް ދޮރެއް ބަލާލުމެއް، ކަހާލުމެއް ނެތި ހިތު ހުރިގޮތަށް ތަޅާ ބުރުވާ ސުންނާފަތި ކުރި ހަދާނެއް ނެތެވެ. ކޮވިޑް 19ގެ ބޮލަށް ޖަހާފައި ސަރުކާރުން ހާދަލާރިއެއް އިސްރާފް ކުރިއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ 730 ދުވަސް ފުރިހަމަވިއިރު، އެއީ ކާމިޔާބު ދެ އަހަރުގެ ގޮތުގައި ދައްކަން ވަރަށް މަސައްކަތް ކުރެވުނެވެ.

ސަރުކާރަށް ދެ އަހަރުވީއިރު، މިހާތަނަށް ފެށުނު 382 މަޝްރޫއުގެ ތެރެއިން 154 މަޝްރޫއެއްގެ މަސައްކަތް ކުރިއަށްދާ ކަމާއި 62 މަޝްރޫއެއްގެ މަސައްކަތް ވަނީ މުޅިން ނިމިފައި ކަމާއި 66 މަޝްރޫއެއް ޓެންޑާ ކޮށްފައިވާއިރު 90 މަޝްރޫއެއް ވަނީ އެވޯޑް ކޮށްފައިކަން އިރުއިރުކޮޅާ ހަނދާންކޮށްދެމުންދިޔައެވެ. އަދި ޑިޒައިން މަރުހަލާގައިވެސް 10 މަޝްރޫއެއް ވާ ކަމަށް ބުންޏެވެ. އެއީ ފެނާ ނަރުދަމާ އަދި ބަނދަރު ހެދުން ނުވަތަ އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް ފުޓްސަލް ދަނޑާ، ފުޓުބޯޅަ ދަނޑުތަކުގެ ވާހަކައެވެ. ނަމަވެސް ނުދައްކާހުރި ބައެއް ވާހަކަތައްވެސް ހުއްޓެވެ. ކާމިޔާބު ދެ އަހަރެއް ދާއިރު، އެވާހަކަތައް ވެސް ދައްކާލަން ހަމަ ހިތަށް އެރީއެވެ. އެހެންވެ އެވާހަކަތައްވެސް ދައްކާލަންވާނެތާ އެވެ.

ސަރުކާރަށް ދެ އަހަރުވީއިރު، މިސަރުކާރު އައުމުގެ ކުރިން ރައްޔިތުންގެ އަތްމަތި ތަނަވަހެވެ. އެކަމަކާއި ދެބަސްވާނެ މީހަކު ނެތެވެ. ރައްޔިތުން ކުރާނެ މަސައްކަތްތައް ބައިވަރު އޮތެވެ. އޭޓީއެމް މެޝިންގައި ކާޑުޖަހާލުމުން ޑޮލަރު ލިބެއެވެ. މިސަރުކާރުގެ ދެ އަހަރު ނިމުނުއިރު ދިވެހިންގެ އަތްމަތި ދަތިވެއްޖެއެވެ. ކުރާނެ މަސައްކަތެއް ނެތެވެ. ޒަރޫރީ ބޭނުންތަކަށްވެސް ބޭނުންކުރަން ޑޮލަރެއް ލިބޭކަށް ނެތެވެ. ޑޮލަރެއް ލިބެނީވެސް ކަޅު ބާޒާރުން ޑޮލަރަކަށް 19 ރުފިޔާގެ ރޭޓުންނެވެ. އެއަށްވުރެވެސް ބޮޑުކޮށް ލިބޭ ފަހަރުވެސް އާދެއެވެ.

ސަރުކާރަށް ދެ އަހަރުވީއިރު ބެންކު އޮފް މޯލްޑިވްސްއިން ދޫކޮށްފައިވާ ކާޑުތައް ލިމިޓްކޮށް މަހަކު ހަމަ އެކަނި 250 ޑޮލަރު ނެގޭ ގޮތަށް ހަދާ ދިވެހިންނަށް ދުއްޕާން ކުރަމުންނެވެ. މީގެ ހެއްވާކަމަކީ ކާޑުތައް މިގޮތަށް ލިމިޓްކުރިއިރު ކޮންމެ ކާޑަކުން ބެންކުން ނަގާ އަހަރީ ފީ ކުޑައެއްނުކުރެއެވެ. ކަންތައްތައްވާނެ ކަމަށް ބުނެ ބައިސާ ކަނޑާއިރު ގައުމު އޮތް ޙާލަތަކީ މިހާރު މިއީއެވެ. މިއީ ނާގާބިލް ސަރުކާރެކޭ ރައްޔިތުން ގޮވަން ފަށައިފިއެވެ. ވައްކަމާއި ކޮރަޕްޝަން އިންތިހާއަށް ބޮޑު މަތިބަރު ސަރުކާރެކެވެ. ނަންވާނީ ޔާމީނުގެ ސަރުކާރެވެ. މިއީ ދިވެހިންގެ ނޭވާހޮޅިން ވައްކަންކުރި ކަމަށް މަޝްހޫރުވެފައިވާ ސަރުކާރެކެވެ.

ތުރާކުނުން އައްޑުއަށް ހިމެނޭ ރަށްރަށަށް ދޭންޖެހޭ އަސާސީ ހިދުމަތް ނުދީ އެރަށްރަށުގެ ރައްޔަތުންނަށް މަޖުބޫރީ ހާލަތް މެދުވެރިކޮށް ކުލީ އަޅުންގެ ގޮތުގައި މާލޭގެ ބިންވެރިންނަށް ފައިސާ ހޯދާދޭން އަޅުމަސައްކަތް ކުރާން މާލެ ގެންދިއުމަށް މާލޭސަރުކާރުން ގެންގުޅޭ ސަގާފަތް ނިމުމަކަށް ގެނެވޭ ގޮތެއްނުވިއެވެ. އެބުނާ ޖަޒީރާ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ފެންނަވަރެއް ނުވިއެވެ. “އެއްރަށް ދައުލަތް ސިޔާސަތު ދޫކޮށް” ކާމަރުކަޒީ އުސޫލުން ރާއްޖެ ހިންގާ މާލެ ފަދަ އިތުރު ސިޓީތަކެއް ހަދާންބުނެ ވެރިކަމަށް އައިސް މިވަނީ ކުރިއަށްވުރެންވެސް ނުބައިކޮށް ސިޔާސަތު ރާވާފައެވެ.

ސަރުކާރަށް ދެ އަހަރުވީއިރު، ސަރުކާރުގެ ސިޔާސަތުތައް ހިނގަނީ އެމްޑީޕީގެ ތަސައްވަރާ އެއްގޮތަށް ކަމަށް ވިދާޅުވާން ދަތި ކަމަށް ބުނަނީވެސް އެމްޑީޕީގެ އިސްވެރިންނެވެ. ކިތަންމެހާވެސް ފުރިހަމަވެފައި އަދަދު އެހާމެ ދިގު ލިސްޓެކެވެ. މިތަނުގައި ގިނައީ މިއަދު ލިސްޓަށް އެރުވި ކަންކަން ނަމަވެސް ތިޔަކޮންމެ ކަމެއްގެ ފަހަތުގައި ފޮރުވިފައިވަނީ ގޮތް ނޭނގޭ ސިއްރުތަކެވެ. ބޮޑަށް އޮތީ ވައްކަން ކުރުމުގެ ވިސްނުންހެން އަންނަ އަހަހަރުގެ ބަޖެޓު ބަލާލުމުން ހީވާ ކަހަލައެވެ. ތިޔަށްވުރެ ބޮޑެތި ލިސްޓް ހިފައިގެން ވެރިކަން ހޯދިނަމަވެސް ވީކަމެއް ހަރާމޭ ބުނަނީ ރައްޔިތުންނެވެ. އެކަމަކު ދެން ތިކިޔަނީ ކޮވިޑް ސަބަބުން ކަމެއް ނުވާ ވާހަކައެވެ. މުޅިދައުލަތް ގެސްޓް ހައުސްތަކުގައި ނާޗަރަގީ ކުޅެލީ އެހެންވެއެވެ.

ސަރުކާރަށް ދެ އަހަރުވީއިރު މިއަހަރަށް ފާސްކުރި ބަޖެޓަށް ވީގޮތް އަންނަ އަހަރުވެސް ވާނެކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ. ޔާމީނުހެން އެފައިސާ މިފައިސާ އެހެން ނުކިޔާ މިއަހަރުގެ ބިޔަ ބޮޑު ބަޖެޓު ވީނުވީއެއް ނޭގި ޢައިބު ވެއްޖެއޭ ކިޔުން ބުއްދިވެރިވާނެއެވެ. ވެރިކަން ބަދަލުކުރިއިރު ރިޔާސީ ކޮމިޝަނެއް އުފައްދައި އެކޮމިޝަނުގެ ބެލުމުގެ ދަށުން ބޭނުންވި ހުރިހާ ކަމެއް ބޭނުން ކަމެއް ކޮށްގެން ހިތްހަމަ ޖެހިގެން ވެރިކަމާއި ހަވާލުވެ ދެން މިހާރު ތިދައްކަނީ ތާކުންތާކު ޖެހޭ ވާހަކައެއް ނޫނެވެ. ގައުމު ހިންގަން ނޭގުނީމަ ދެން ކިޔާނެ އެއްޗެއް ނޭގުނީމަ ޔަމީނުބޮލަށް ހުރިހާ ކަމެއް ޖަހަން ނަހަދާށެވެ.

މިހާރު ޔާމީނަށް އެއްޗެތި ކިޔައިގެން ރައްޔިތުންގެ ތާއީދު ލިބޭނެ ގޮތެއް ނެތެވެ. ޔާމީން ” ލާރި ކެއީ” ކަމަށްބުނާ އިރު ރައްޔިތަކަށް ލިބުނު ދުއްތުރާލެއް ނެތެވެ. މިސަރުކާރުގައިވެސް ކާބަޔަކު ކެޔަސް އަޅެ ރައްޔިތަކަށް ހިންދެމިލައިގެން އުޅެވޭނެ ގޮތެއް އޮންނަންވާނެތާއެވެ. އެކަމަކު މިހާރު މިޖެހުނީ ކޮންތާކުތޯއެވެ. ތިޖޫރީގައި ހުރި ފައިސާ ގާތްމީހުންނަށް ބަހާ ދައުލަތް ދަވާލައިފިއެވެ. ތަރަޢްގީގެ ގިނަ މަސައްކަތްތައްވަނީ ހުއްޓިފައެވެ. ރާއްޖޭގެ މިނިވަންކަން ގެއްލޭވަރަށް އިންޑިއާ ހީލަތްތެރި ދަރަނީގެ ދަންތުރާގައި ޖެހި ދައުލަތާ ރައްޔިތުން ބަނގުރޫޓު ވެއްޖެ. އަދުލު އިންސާފު ވަޅުޖެހިއްޖެއެވެ. ބައެއް ވަޒީރުންނަކީ ނާގާބިލު އަމިއްލަ އެދުމުން ފޯވެފައި ތިބި ހިތައް އެރި ގޮތަކަށް ކަންކުރާ ބައެކެވެ. ކޮރަޕްޝަން ހައްދުފަހަނަ އަޅާ ގޮސް ގާދޫ ކޮލުން ބޭރުވެއްޖެއެވެ. ދެބޯގެރި ނުދުއްވާ ނާގާބިލުކަމަށް އެއްބަސްވުން މާ ބުއްދިވެރިއެވެ.

ކުރިން ވައްކަން ކުރިބަޔަކު ވައްކަން ކުރީ ޓޫރިޒަމް ކުރި އަރުވަންކަމަށް ބުނެއެވެ. މިފަހަރު ވައްކަން ކުރީ ކޮވިޑުން ސަލާމަތް ވާންކަމަށް ބުނެއެވެ. ވެންޓިލޭޓަރާއި އަދި ޕޮޒިޓިވްވީ މީހުންނާ ޑައިރެކްޓް ކޮންޓެކްޓްވީ މީހުން ބައިތިބަން ހިފި ހޮޓާތަކާ ރިސޯޓްތަކަކީ ކޮންބަޔަކު ހިއްސާވާ ތަންތަންތޯ ބަލާލީމާ އެބަ އެނގެއެވެ. އަދި އޭގެއިން ކަޓްލިބުނީ ކޮންބަޔަކަތޯ ބަލާބަލަންވެސް ޖެހެއެވެ. ކޮވިޑްގެ ނަމުގައި ވައްކަން ކޮއްފައި މިއީ މިހާލަތުގައި އެއްމެ ރަނގަޅު ބަޖެޓޭ ބުންޏަސް ޤަބޫލުކުރާނެ މީހަކު ނެތެވެ.

ސަރުކާރު ބަދަލުވި ފަހުން އަހަރުން އަހަރަށް ދިވެހިން މިވަނީ އަތްމަތި ދަތިވެ ކުރާނެ މަސައްކަތެއް ނެތި ބިކަވެފައެވެ. އެނޫން ޝަކުވާއެއް ރާއްޖޭގެ އެއްވެސް ދިމާލަކުން ނީވެއެވެ. އަންނައަހަރު މުދަލުގެ އަގު އުފުލި ޚިދުމަތުގެ އަގު އުފުލޭނެކަމަށް ބުނާއިރު ދިވެހިން މިހާރުވެސް މިއުޅެނީ އަނގަޔާ އަތާ ދިމާނުވެގެންނެވެ. ރައްޔިތުން ސަރުކާރަށް ރަތް މަހަކަށް ނުކުރާވަރުއެބަކުރެއެވެ. މިއީ އުންމީދެއްނެތް ދޮގާއި މަކަރުން ފުރިގެންވާ ވިޔާނުދާ ސިޔާސަތުތަކެއް ގެންގުޅޭ ދީނާ ދުރު އަދި ގައުމިއްޔަތާ ދުރު ދިވެހިންގެ މިނިވަންކަންވެސް ވިއްކާލަން މަސައްކަތްކުރާ ސަރުކާރެއްގެ ގޮތުގައި ދެކޭ ދިވެހިން މިގައުމުގައި ގިނަވެއްޖެއެވެ.

ސަރުކާރަށް ދެ އަހަރު ވީއިރު، މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ވައުދުވެސް ވީ އިބިލީހުގެ ކައިވެންޏަށެވެ. މާލޭގެ ރައްޔިތުންނޭ ކިޔާފަ ބޯހިޔާވަހި ކަމަކީ މައުމޫނުގެ އަދި ނާސިރު ދައުރުންފެށިގެން މިއަދާއި ހަމަޔަށް އައި އިރުރުވެސް ހިގަމުން އަންނަ ސަގާފަތެކެވެ. މަސްރޫއު ފަށަނީ މާލޭ ސަރަހައްދުގެ ރައްޔިތުންނަށެވެ. މާލޭގެ ރައްޔިތުންނަށްވެސް އަދި ރާއްޖޭގެ ރައްޔިތުންނަށްވެސް މި ސަރުކާރަކަށް ހޯދައި ދެވޭނެ ބޯހިޔާވަހިކަމެއް ނެތެވެ. ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގައި އަޅާ ނިންމާފަ ހުރި 7000 ހައުސިން ޔުނިޓް، މި ވެރިކަމުގައި ދެ އަހަރު ވީއިރުވެސް ހަވާލު ނުކުރެވުނެ ބަޔަކަށް ދެންވަކި ކުރެވޭނެ އެހެން ކަމެއް އޮވެދާނެ ކަމަކަށްނުފެނެއެވެ.

ސަރުކާރަށް ދެ އަހަރުވީއިރު، ކުރިއަށް އޮތް އަހަރުގެ މިސްރާބު ވަރަށް ސާފެވެ. އިގުތިސާދު މެނޭޖު ނުކުރެވުމާއި ބޭރު ޤައުމުތަކުން ނެގިލޯނާއި ޗާޕުކުރި ފައިސާއާއި ދަރަނީގެ ސަބަބުން އަންނަ އަހަރު ރައްޔިތުން އެތައް ތަކުލީފެއް އުފުލަން ޖެހި ވޭނާއި ދަތީގައި ވަޒީފާ ނެތި އާމްދަނީ ލިބޭނެ ގޮތެއް ނެތި އާސަންދައިން އެކަށީގެންވާ ގޮތެއްގައި ބޭސްކުރެވޭނެ ގޮތްވެސް ނެތި އުޅެން ޖެހޭނެކަން ވަރަށް ބޮޑަށް ސާފުވިއެވެ.

މިސަރުކާރަށް ދެއަހަރުވީއިރު، މަރު ކޮމިޝަނުން ބަލާ މައްސަލަތައް އަދި ނުނިމޭތީ އާއި މާލޭ ރައްވެހިންނަށް ބޯހިޔާވަހިކަން ހޯދައި ދެއްވުމަށް އެންމެ ފުރިހަމައަށް މަސައްކަތްތައް ކުރެވިފައި ނެތުމުން އުނދަގޫވާ ކަމަށް ބުންޏަސް އެވަހަކަތައް ރައްޔިތުންނަކަށް ފަހުމެއް ނުވެއެވެ. ސަރުކާރުން ދައްކާ ވާހަކަތައް ދެކޮޅު ޖައްސަން ނޭނގެނީ އެހެންވެގެނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: