ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ބްރޯ”އާއި އާޒިމްގެ ކޯޅުން: ކުރާ ވައްކަން އެނގޭ، ނޭނގޭގޮތަކަށް ނުވެސްކުރެވޭނެ!

މިނިސްޓަރ ފައްޔާޒާއި ޕީޖީ ލީޑަރު އާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

މިސަރުކާރުގެ “ބްރޯ”ގެ ލަގަބު ލިބިފައިވަނީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލަށެވެ. ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް ނިސްބަތްވާ މިނިސްޓަރަކަށްވުމުން ލިބޭ ވަކި ފައިދާއެއް މިނިސްޓަރ ފައްޔާޒަށް އޮތްކަމަކަށް ނުފެނެއެވެ. ކެބިނެޓުގައި ތިއްބަވާ އެހެން ބައެއް ވަޒީރުންނަށް ފިއްތުންތައް ކުރިމަތިވާތަން ފެންނަނީ، ގިނަ ފަހަރަށް އެވަޒީރުންނަކީ އެމްޑީޕީގެ މިނިސްޓަރުންނަށް ނުވާތީއެވެ. އެހެންނަމަވެސް، އެމްޑީޕީއަށްް ނިސްބަތްވާ މިނިސްޓަރަކަށް، މިނިސްޓަރ ފައްޔާޒު ވީތީ އެފިއްތުންތައް ނާންނަކަމަކަށް ނުބެލެވެއެވެ.

އެންމެ ފުރަތަމަ މިނިސްޓަރ ފައްޔާޒަށް ފިއްތުންތައް ކުރިމަތިވާން ފެށީ މިއަހަރުގެ އޮގްސްޓް މަހުގެ ތެރޭގައެވެ. މިނިސްޓަރުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް މެމްބަރުންގެ ސޮއި ހަމަކުރި ވާހަކައާއެކުގައެވެ. މިވާހަކަތަކާއެކު ގިނަ ބައެއްގެ މެދުގައި އުފެދުނު ސުވާލަކީ މިިނިސްޓަރުންގެ ތެރޭގައިވެސް އެންމެ ޒިންމާދާރު ނޫންކަމަށް ބެލެވޭ ބައެއް ވަޒީރުން ތިއްބެވިއިރު، ކުއްލިއަކަށް މިނިސްޓަރ ފައްޔާޒް ބޭރުކޮށްލުމުގެ މަސައްކަތް ފެށީ ކީއްވެގެންތޯ އުފެދުނު ސުވާލެވެ. ރައީސް ސޯލިހު ހުވާ ކުރެއްވި ދުވަހުން ފެށިގެން މިހާތަނަށް އައިއިރު، އެކި ވުޒާރާތަކުގެ މަސައްކަތްތަކަށް ބަލާއިރު އެންމެ ހިންގުންތެރި، އެންމެ ކާމިޔާބު މިނިސްޓްރީގެ ގޮތުގައިވެސް އެންމެ ގިނަ ބަޔަކު ފަހަގަކުރަމުންދަނީ މިނިސްޓަރ ފައްޔާޒްގެ ބެލުމުގެ ދަށުން ހިންގަމުންދާ އިކޮނޮމިކް މިނިސްޓްރީއެވެ.

މިނިސްޓްރީގެ ނަމުންވެސް އެނގޭނެ ފަދައިން މިނިސްޓްރީގެ މަސައްކަތްތަކާއި ދައުރު ގިނަވެފައި ވަރަށް ފުޅަލެވެ. ކޮންމެ ދިވެހި ރައްޔިތަކަށް ނުވަތަ މުޅި ރާއްޖޭގެ އިގްތިސާދަށް އަސަރުކުރާނެ ކޮންމެ ކަމަކީ މިނިސްޓްރީގެ މެންޑޭޓްގެތެރޭގައި ހިމެނޭ ކަންކަމެވެ. މިކަމުގެ ސަބަބުން ގިނަ ކުންފުނިތަކަކާއި އޮފީސްތައް މިނިސްޓްރީގެ މެންޑޭޓްގެ ތެރެއަށް އާދެއެވެ. މިކަން ޚުދު މިނިސްޓަރ ފައްޔާޒް އިސްމާއިލްވެސް ފާހަގަކުރައްވައެވެ. އެހެންނަމަވެސް، އެއީ “ބްރޯ”އަކަށްވާ ސަބަބެއްނޫންކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ފައްޔާޒާއި އެމްޑީޕީގެ ބައެއް ލީޑަރުންނާއި ޖެހިފައިވާ މައްސަލައެއް މިހާތަނަށް އައިއިރުވެސް ސާފުވެފައެއް ނެތެވެ. އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަރިހުގައިވެސް މިސުވާލު އެކިފަހަރުމަތިން އެކި ނޫސްވެރިން ކޮށްފައިވާއިރު މާ އެދެވޭ ޖަވާބެއް މިކަމަށް މިހާތަނަށް ލިބިފައެއް ނެތެވެ. ހުސްވި ހަފްތާގައި މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައިވެސް މިސުވާލު ކުރެއްވުމުން، ރައީސް ނަޝީދު ވިދާޅުވީ މިނިސްޓަރުގެ އިތުބާރުނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަން ނޫޅޭ ކަމަށެވެ. އަދި އެއީ ޕާޓީ ތެރޭގައި ހިނގި ބަހުސެއްކަމަށާއި ޕާޓީ ދެކޭގޮތް ބެލުމަސް ވަޒީރުންގެ ކަންކަމާއިމެދު ބަހުސްކުރަމުންދާނެ ކަމަށެވެ.

އެހެންނަމަވެސް، މިއީ މީގެ ކުރިން މިނިސްޓަރުގެ ކަންކަމާއި މެދު ރައީސް ނަޝީދުގެ ބަހާއި ރާގު ހުރިގޮތެއްނޫނެވެ. އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން މަސައްކަތްކުރި ދުވަސްވަރު، މިނިސްޓަރ އެހުންނެވީ މަގާމުން ވަކިކުރުމާއި އެއްހާލެއްގައިކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި ޕާޓީ ތެރޭގައި “ބްރޯ” ހެދިގެން ނޫޅުމަށްވެސް ރައީސް ނަޝީދު އެމްޑީޕީގެ ރަސްމީ ގްރޫޕެއްގައި ކޮށްފައިވާ މެސެޖެއްގައި މިނިސްޓަރ ފައްޔާޒަށް ވަނީ އިންޒާރު ދެއްވާފައެވެ. މިނިސްޓަރަށް “ބްރޯ”ގެ ނަމުން ނަން ދެވުނީ ލީކުވި މިސްކްރީންޝޮޓްތަކަށްފަހުގައެވެ. މިހާތަނަށް އައިއިރުވެސް މިއިން މެސެޖެއް ދޮގުކޮށްފައެއްނެތެވެ. .

ދުވަސްތަކަކަށްފަހު އަނެއްކާވެސް، މިނިސްޓަރ ފައްޔާޒަށް ބަހުގެ ހަމަލާތަކެއް އަމާޒުވަމުން އަންނައިރު، މިފަހަރު ކުރެވެމުންދަ ތުހުމަތުތަކަކީ ކުންފުނިތައް އުފައްދައިގެން ކުންފުނިތަކުގެ ބާރުވެރިކަން އިކޮނޮމިކް މިނިސްޓަރ ނަންގަވަން އުޅުއްވާކަމުގެ ތުުހުމަތުތަކެވެ. މިތުހުމަތުތައް ކުރައްވާފައިވަނީ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމެވެ.

މިވާހަކަތަކަށް ރައްދު ދެއްވައި މިނިސްޓަރ ފައްޔާޒް، ސަންގު ޓީވީގެ ލައިވް ޕްރޮގްރާމެއްގައި ވިދާޅުވީ ސިޔާސަތު ކަނޑައެޅުމުގައި އަދި ސްޓެރެޓެޖިކް ނިންމެވުންތަކުގައި އެބޭފުޅާގެ ބަސް ހިނގާނެކަމަށެވެ. އަދި އެކަން ހިނގާގޮތް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރަށް ސާފުވެފައި ނެތީކަމަށްވުން އެކަށީގެންވާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

“ވައްކަމެއް ނުކުރާނަން. އެ ބޭފުޅުންނަށް އެހީވާގޮތަށް “ބްރޯއަކަށް” މެސެޖްކޮށްގެން ކަމެއް ނުވެސް ކުރާނަން. އަޅުގަނޑު ކުރިޔަސް އެބޭފުޅުންނަށް ނޭންގޭނެ. އެއަށްވުރެ ފެންވަރު ރަނގަޅުވާނެ”

މިނިސްޓަރުގެ މިވާހަކަތަކަށް ގިނަ ބައެއްގެ ސަމާލުކަންލިބިގެން ދިޔައިރު، މިވާހަކަތަކަށް އާޒިމް ވަނީ އަންގާރަ ދުވަހުގެ ޖަލްސާގައި ރައްދު ދެއްވާފައެވެ. ޓުއަރިޒަމާ ބެހޭ ގާނޫނަށް ހުށައަޅުއްވާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުން އާޒިމް ވަނީ އެމްއެމްޕީއާރުސީއަށް މަންފާވި ގޮތަށް މަންފާލިބޭނެ ފަދަ އިތުރު ބަޔަކު ތިބިތޯ ބެލުމަކީ މުހިންމުކަމެއްކަމަށް ވިދާޅުވެފައެވެ.

ވައްކަންކޮށްފިއްޔާ އެނގޭނެ! އަޅުގަނޑުމެންނަށް ނޭންގޭ ގޮތަކަށް ވައްކަމެއް ނުވެސް ކުރެވޭނެ

މިނިސްޓަރ ފައްޔާޒާއި އެމްޑީޕީ މެމްބަރުންގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތަކުގެ އަސްލު ސަބަބު މިހާތަނަށް އައިއިރު ހާމަވާން ނެތްއިރު، މިނިސްޓަރ ފައްޔާޒަކީ ކެބިނެޓުގެ ވަޒީރުންގެ ތެރެއިން އާންމުންގެ މެދުގައި އެންމެ މަގްބޫލު އެއް މިނިސްޓަރުކަން ފާހަގަކުރެވެއެވެ. މިއިން އެއްވެސް ތުހުމަތުތަކެއްގެ އަސްލެއް މިހާތަނަށް އައިއިރު ޚުދު މިނިސްޓަރ ފައްޔާޒަށްވެސް އެނގިވަޑައިނުގަންނަވާކަމަށް މިނިސްޓަރ ވިދާޅުވެއެވެ. އަދި މިނިސްޓަރުގެ ވާހަކަތަކުން، ހުންނެވީ ދޫ ދެއްވާނެ ފަދަ ގޮތަކަށް ނޫންކަންވެސް ވަރަށް ސާފުކޮށް ވަނީ ދޭހަވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ކާކުތަމީނަމާމަގުބޫލްވެގެންއުޅެނީ ބޮޑެތިކުންފުނިތަކުގެޔުނިފޯމްލާއިގެންމަގުމަތީގަ ގަވައިދާހިލާފަށް އުޅޭ ބޭރުމީހުން ދުވާއިރުއެކަންހައްލުނުކުރެވޭމީހަކު މާމޮޮޅުމީހަކައްހަދާއިގެންކާކުތައުޅެނީ ރާއްޖެއިންފުރާއިގެންދާބޭރުމީހުންދަނީ އާދޭސްކޮށްގެން ބޮޑުއަގުގައަމިއްލައައްޓިކެޓްނަގާއިގެން ފައްޔާޒަކީމީހެއްނޫން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: