ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ މައްޗަށް ދައުވާކުރާ ފުއްގިރި މައްސަލައިގެ އަޑުއެހުމެއް މާދަމާ!

ރައީސް ޔާމީން ތަހުގީގަށް ހާޒިރުކުރުމަށްފަހު މާފުއްޓަށް ގެންދަނީ:_ ފޮޓޯ:- މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރ. ފުއްގިރި މައްސަލައިގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޝަރީއަތުގެ އަޑުއެހުމެއް ބުރާސްފަތި ދުވަހަށް ތާވަލް ކޮށްފިއެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގައި ހިމެނޭ، ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ކުށްޔަށް ދޫކުރި ރ. ފުއްގިރި މައްސަލައިގައި، ރައީސް ޔާމިންގެ މައްޗަށް ދެ ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އެވެ.

މި ދައުވާގެ ފުރަތަމަ އަޑުއެހުން މިމަހުގެ 18 ވަނަ ދުވަހަށް ތާވަލް ކުރިނަމަވެސް ރައީސް ޔާމީންގެ ސިއްހީ ހާލުކޮޅު ގޯސްވުމުގެ ސަބަބުން ދަތުރުކުރެއްވުމަށް އުޒުރުވެރިވާތީ ޝަރީއަތް ކެންސަލް ކޮށްދެއްވަން އެދިވަޑައިގަތުން ކްރިމިނަލް ކޯޓުންވަނީ އެ ޝަރީއަތް ފަސްކޮށްދީފައެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ އާ ދެ ދައުވާގެ އަޑުއެހުން އޮންނާނީ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގަ އެވެ.

ދައުވާގައި ބުނެފައިވަނީ ރައީސް ޔާމީން ނުފޫޒު ބޭނުން ކޮށްގެން މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަގުތެ ގޮތުގައި 1،117،000 (އެއް މިލިއަން އެއްލައްކަ ސަތާރަ ހާސް) ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުން ކޮށްގެން އެ ފައިސާ ލޯންޑާ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މި ދެ ދައުވާ އާ ގުޅިގެން މި މައްސަލާގެ ތެރެއިން ކުށުގައި ހިމެނޭ ފައިސާގެ ގޮތުގައި 1،349،885 (އެއް މިލިއަން ތިންލައްކަ ސާޅީސް ނުވަހާސް އަށްސަތޭކަ އަށްޑިހަ ފަހެއް) ޑޮލަރާއި ކުށުގެ އަމަލުން ހޯދި ފައިސާއާ އެއްކޮށްފައިވާ 2،295،250 ( ދެ މިލިއަން ދެލައްކަ ނުވަދިހަ ފަސްހާސް ދުއިސައްތަ ފަންސާސް) ޑޮލަރާއި ޖޫރިމަނާގެ ގޮތުގައި 34،689،425 (ތިރީސް ހަތަރު މިލިއަން ހަލައްކަ އަށްޑިހަ ނުވަހާސް ހަތަރުސަތޭކަ ފަންސަވީސް) ޑޮލަރު ދައުލަތަށް އަނބުރާ ހޯދުމަށް މަސައްކަތް ކުރާނެއެވެ.

މި މައްސަލައަކީ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން އަދި ކޮރަޕްޝަންތައް ބަލާ ރިޔާސީ ކޮމިޝަން ގުޅިގެން ހިންގާފައިވާ ތަހުގީގެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ. ފުށްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅޭ މަނީ ލޯންޑަރިންގެ ދައުވާއަކާއި ރިޝްވަތު ގަބޫލު ކުރެއްވުމުގެ ދައުވާގެ އިބްތިދާޢީ އަޑު އެހުމެއް އޮގަސްޓު މަހުގެ 16 ވަނަ ދުވަހު ބާއްވާފައިވެއެވެ.

އެދުވަހުގެ ޝަރީއަތުގެ މަޖިލީހުގައި ޝަރީއަތުގެ މަޖިލީހުގައި ދައުވާ އިއްވުމަށް ފުރުސަތު ދިނުމުން ދައުލަތުން އެދުނީ މައްސަލައާ ގުޅޭ ލިޔުންތައް ރައީސް ޔާމީނަށް ލިބިވަޑައިގެންފައިވާ ކަން ކޯޓުން ކަށަވަރުކޮށް ދިނުމަށެވެ.  އަދި ފަހުން އިތުރު ލިޔުންތަކެއް ވެސް ރައީސް ޔާމީނާ ހަވާލު ކުރަން ފޮނުވާފައި ވާނެ ކަމަށް ދައުލަތުން ބުންޏެވެ.

އެ އަޑު އެހުމުގައި ރައީސް ޔާމީންގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ އަލަށް އުފުލި ދައުވާތަކާއި އަދި ރައީސް ޔާމީންގެ ފަރާތުން ހައިކޯޓަށް ހުށަހަޅުއްވާފައިވާ އިސްތިއުނާފުގެ މައްސަލައިގައި ވެސް މިހާތަނަށް ވަކީލުންނާއި ބައްދަލުވެފައި ނުވާ ކަމަށެވެ.

އިބްތިދާޢީ އަޑު އެހުމުގައި ރައީސް ޔާމީން ވިދާޅުވީ ދައުވާ އާއި ގުޅޭ އެއްވެސް ލިޔެކިޔުމެއް މިހާތަނަށް އައި އިރު އެމަނިކުފާނަށް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. އަދި ފަހުން އުފުލުނު ދައުވާތަކާއި ގުޅޭގޮތުން ވަކީލުންނާއި މަޝްވަރާ ކުރުމެއްނެތި އެއްޗެއް ވިދާޅުވާން ދަތިފުޅު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދެ ފަރާތުގެ ވާހަކަތަކަށް ފަހު މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝަކީލް ވަނީ ވަކީލުންގެ ބައްދަލުވުމަކަށް ފުރުސަތު ދިނުމަށް ކަރެކްޝަންގެ މައްޗަށް އަމުރެއް ނެރެދޭނެ ކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: