ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާފަރުގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ 4 ބިދޭސީން މިސަރުކާރަށް ނުބޭލުނު ވާހަކަ ބުނަން ލަދުގަނޭ: އީސަ

ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ
ޝެއާރކޮށްލާ ކަހަލަދޯ؟

މިސަރުކާރަށް މާފަރުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދާ ހަތަރު ފަސްވަރަކަށް ބިދޭސީން އެރަށުން ނުބޭލުނު ވާހަކަ ދައްކަން ލަދުގަންނަކަމަށް ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ ވިދާޅުވެއްޖެއެވެ.

މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުން މެމްބަރު އީސަ ވިދާޅުވީ މާފަރު އެއާޕޯޓު ހެދި ދުވަސްވަރު ލޭބަރުންގެ ގޮތުގައި މަސައްކަތްކުރަން ކޮންޓްރެކްޓަރުން މާލޭ މަގުމަތިން ގެންދިޔަ ހަތަރު ފަސްވަރަކަށް ބިދޭސީންގެ މައްސަލަ މިސަރުކާރުގެ ޕޮލިސް ކޮމިޝަނަރަށާއި ހޯމް މިނިސްޓަރަށް ހައްލު ނުވި ވާހަކަ ދައްކަން ލަދުގަންނަ ކަމަށެވެ. މާފަރު އެއާޕޯޓު ހަދަން ދިޔަ ބިދޭސީން، އެޕްރޮޖެކްޓް ނިމުމުންވެސް އަނބުރާ ނުގެންދާ ކަމަށާއި އެއަށްފަހު ފެށީ ގަވާއިދާ ޚިލާފަށް މަސައްކަތް ކޮށްގެން އާމްދަނީ ހޯދަންކަމަށް ވިދާޅުވިއެވެ. އެގޮތުން ވިޔަފާރި ހިންގައި ފިހާރަތައް ހުޅުވައި ކަޅު ބާޒާރުގައި ޑޮލަރު ވިއްކަން ފެށި ކަމަށެވެ. އަދި އެވަރުން ނުވެގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރަންފެށި ކަމަށެވެ.

އެންމެ ފުރަތަމަ މާފަރުގެ ޒުވާނުން މަސްތުވާތަކެތީގެ އަވައިގައި ޖެއްސުމަށް މަސައްކަތްކުރުމަށްފަހު، މިހާރު އެމީހުންގެ މަސައްކަތް ހުރީ ރަށް ނިސްބަތްވާ ދާއިރާއިންވެސް ބޭރުން ކެނދިކުޅުދޫ ދާއިރާގެ ރަށްތަކުގައި މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ކުރުމަށްކަމަށް ވިދާޅުވިއެވެ. އަދި އަތޮޅުގެ މަސްތުވާތަކެތީގެ ވިޔަފާރީގެ މުގުލުގައި ތިބީ ހަތަރު، ފަސް ބިދޭސީންނޭ ބުނަންވެސް ލަދުގަންނަ ކަމަށާއި އެމީހުން ރަށުންވެސް، ގައުމުންވެސް ބޭރުނުކުރެވެނީ އެކަމަށް ގާނޫނެއް ނެތިގެންކަމަށް ބުނަންވެސް ލަދުގަންނަ ކަމަށެވެ. އަދި ސަރުކާރު ހިންގާ ޕާޓީގެ މެމްބަރަކަށްވެ ހުރެ، މިސަރުކާރުގެ ޕޮލިސް ކޮމިޝަނަރަށާއި ހޯމް މިނިސްޓަރަށް މިކަން ހައްލުނުވި ވާހަކަ ދައްކަން ކެރޭނީ ކިހިނެއްތޯ ސުވާލު އުފެއްދެވިއެވެ.

މިމައްސަލަ ރީޖަނަލް ކޮމާންޑަރާއި، ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދަށާއި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲއަށް އެކި ފަހަރުމަތިން ހުށައަޅާފައިވާނެ ކަމަށާއި މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހެ ކޮމެޓީއަށް ފުލުހުންގެ އިސްވެރިން ވަޑައިގަތް ދުވަހެއްގައިވެސް މިކަންކަން ހިއްސާކޮށްފައިވާނެ ކަމަށް ވިދާޅުވިއެވެ. އަދި އެދުވަހު މައްސަލާގައި މީގެ ކުރިން ކަމާއި ގުޅުން ހުރި އިދާރާތަކަށް ފޮނުވާފައިވާ ސިޓީތައް އަލުން ފޮނުވާފައިވާނެ ކަމަށާއި އެހެންނަމަވެސް، އެދުވަހު މައްސަލަ ބަލާނެކަމަށް ވިދަޅުވުމަށްފަހު އެކަމުގެ ޚަބަރެއް ނުވާކަމަށް ވިދާޅުވިއެވެ.

މަޖިލީހުގެ މެމްބަރަކަށްވެ ހުރެ ގާނޫނެއް ނެތިގެން މަސްތުވާތަކެތީގެ ވިޔަފާރިކުރާ 4 ބަންގްލަަދޭޝް މީހުން ރަށުންނާއި ގައުމުން ނުބޭލުވިފައޭ ބުނާކަށް ލާހިކެއްނޫން. ލަދުވެސް ގަނޭ ނިސްބަތްވާ ޕާޓީގެ ސަރުކާރުގެ ސީޕީއާ ހޯމް މިނިސްޓަރަށް މިކަން ކަން ނުވާ ވާހަކަދައްކަން!

ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ ބޮޑު ޚަރަދެއް ހިނގާނެ ކަމެއް ކަމަށާއި އެހެންނަމަވެސް، ކިތަންމެ ބޮޑު ހަރަދެއް ހިނގިކަމުގައިވިޔަސް ގައުމާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ޖެހޭ ކަމަށް އީސަ ވިދާޅުވިއެވެ. އަދި އިންސާނީ ކަރާމާތް ހިފަހައްޓަންޖެހޭނެ ކަމަށާއި ގަވާއިދާ ހިލާފަށް އުޅޭ ބަޔަކަށް ވިޔަސް ބޭނުންހާ ގޮތަކަށް ކަންތައްތައް ނުކުރެވޭނެކަމަށް ވިދާޅުވިއެވެ. އަދި ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކަށް އަމަލުކުރަންޖެހޭކަމަށާއި މިފަދަ ހުރިހާ ގޮންޖެހުންތަކަކުން އަރައިގަނެ ގާނޫނީ ހަމަތަކުން މިކަން ކުރެވޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ބިދޭސީންގެ މައްސަލައަށް ހައްލު ލިބިފައިނުވަނީ މުއައްސަސާތަކުގެ ވެރިންގެ އިހުމާލުންކަން ގިނަ މެމްބަރުން ފާހަގަކުރައްވާފައިވާއިރު، އީސަވެސް ވަނީ މުއައްސަސާތަކުގެ ވެރިންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ގާނޫނަށް ހުށައަޅާފައިވާ އިސްލާހުތައް ފާސްވެގެން ދިޔުމާއެކު ވެރިންނަށްވެސް މިކަން ހައްލު ނުކުރެވުނީ ގާނޫނީ އޮނިގަނޑެއް ނެތުމުންކަމަށް ވިދާޅުނުވެވޭނެކަމަށް އީސަ ވިދާޅުވިއެވެ. އަދި ކޮންމެ ފަހަރަކު ނިވާފަތްގަނޑަކަށް ގާނޫނީ އޮނިގަނޑު ނުހެދޭނެކަމަށާއި އެއްވެސް ގައުމެއްގަ ހުރިހާކަމަކަށް ގާނޫނު ނުުހުންނަކަމަށް ވިދާޅުވިއެވެ. އަދި ކަންކަން އިސްލާހު ވާނީ އޮތް ގާނޫނެއްގެ ތެރެއިން އިހުލާސްތެރި ނިޔަތެއްގަ ކަންކުރުމުން ކަމަށް ވިދާޅުވިއެވެ. އަދި ކަންކަން ހަމަ މަގަށް އެޅުވުމަށް ގާނޫނީ ބާރުވެރިކަން ލިބޭނެ ކިތަންމެ ގާނޫނެއް އެބަހުރިކަމަށް މެމްބަރުގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: