ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ އަޑުއެހުމެއް މާދަމާ!

ހައިކޯޓުގެ އަޑުއެހުމަށް ރައީސް ޔާމީން ހާޒިރު ކުރި ދުވަހު/ ފޮޓޯ: ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

މަނީ ލޯންޑްރިން އާއި، ރިޝްވަތުގެ ތުހުމަތުކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ އަޑުއެހުމެއް މާދަމާއަށް ކްރިމިނަލް ކޯޓުން ތާވަލުކޮށްފި އެވެ.

ރައީސް ޔާމީންގެ މައްޗަށް ވަނީ މަނީ ލޯންޑްރިން އާއި، ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އުފުލާފައެވެ. އަދި މި ދެ ދައުވާ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ ޓޫރިޒަމް މިނިސްޓްރީ އާއި، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް އެމްއެމްޕީއާރުސީ މެދުވެރިކޮށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ދޫކުރި ރ. ފުއްގިރީގެ މުއާމަލާތާއި ގުޅިގެންނެވެ.

މި މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބައްވާފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހު އެވެ. އަދި އެ ދުވަހު ކުރިޔަށް ގެނދިޔައީ މައްސަލައިގެ އިބްތިދާއީ އަޑުއެހުމެވެ. އެ އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތުން ގިނަ ކަންބޮޑުވުންތަކެއް ހުށަހަޅާފައި ވެއެވެ. އޭގެ ތެރޭގައި ދައުލަތުން ހުށަހަޅާފައިވާ ހެކިތަކުގެ ތެރެއިން އޯޑިއޯތައް އަޑުއަހާ ދިރާސާ ކުރުމަށް ކަރެކްޝަންސްއިން ފޯރުކޮށްދިން ލެޕްޓޮޕް ބަގްކޮށްފައިވާ ކަމަށް ތުހުމަތު ކުރިއެވެ. އެކަމާއި ގުޅިގެން ދައުލަތުންނާއި، ފަނޑިޔާރުންގެ ބެންޗުން ވަނީ އަމިއްލަ ލެޕްޓޮޕް ބޭނުން ކުރެވޭނެ ކަމަށް ފާހަގަކޮށްފައެވެ.

އެ އަޑުއެހުން ކުރިޔަށް ގެންދިޔައިރު، ރައީސް ޔާމީނާއި އެމަނިކުފާނުގެ ވަކީލުން ދެ ތަނެއްގައި ތިބެންޖެހުމުން، އެކަމުގެ ޝަކުވާ ރައީސް ޔާމީން ހުށަހެޅުއްވިއެވެ. އަދި ޝަރީއަތް ކުރިޔަށް ގެންދާ ވަގުތު، ވަކީލުންނާއި އެކު މަޝްވަރާ ކުރަން ބޭނުންވާ ކަންތަކެއް ހުރުމުގެ ސަބަބުން އެއްތަނެއްގައި ތިބެ އަޑުއެހުން ކުރިޔަށް ގެންދިއުމުގެ އިންތިޒާމު ހަމަޖައްސައިދިނުމަށް ރައީސް ޔާމީން އެދިވަޑައިގެންނެވިއެވެ. ވަކީލުންނާއި ރައީސް ޔާމީންގެ ވާހަކައަށް ފަހު، މައްސަލަ ބައްލަވަމުން ގެންދަވާ ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ ޝަރީއަތްތަކަށް އަމިއްލަ ލެޕްޓޮޕް ވެއްދުމުގެ ހުއްދަ ދީފައިވާ ކަމަށެވެ. އަދި ކޯޓުގެ ޝަރީއަތް ކުރާ ކޮޓަރިއެއްގައި ރައީސް ޔާމީނަށް ވަކީލުންނާއި ބައްދަލު ކުރެެވޭނެކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މައްސަލައަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ލިބިފައިނުވުމާއި، ބައެއް ލިޔެކިއުންތައް ލިބިފައި ނުވާ ކަމަށް ރައީސް ޔާމީން ވިދާޅުވެފައި ވާތީ ޝަރީއަތުގެ މަޖިލީހުން ވަނީ އަޑުއެހުން ފެށުމުގެ ކުރިން ލިޔެކިއުންތައް ލިބިފައިވާކަން ނުވަތަ ނޫންކަން ލިޔުމުން ހުށަހެޅުމަށް އެދިފައެވެ.

 

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާފައި ބުނެފައިވާ ގޮތުގައި ޓޫރިޒަމް މިނިސްޓްރީ އާއި، އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމާއި ގުޅިގެން ރައީސްގެ މަގާމުގައި ހުންނަވާ ރައީސް ޔާމީން ވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ކ.މާލެ، މއ.ކުރިކީލަހިޔާ،  އަޙްމަދު ކްރިކް ރިޟާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި، 1،117،000 ޔޫއެސްޑީ ( އެއްމިލިއަން އެއްލައްކަ ސަތާރަހާސް އެމެރިކާ ޑޮލަރު) ހޯދައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑްއާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެފައިސާ ލޯންޑަރ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ ކަމަށެވެ.

މައްސަލައިގައި ޕީޖީން ވަނީ ރައީސް ޔާމީންގެ އިތުރުން، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޟާގެ މައްޗަށާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ވެސް ދައުވާ އުފުލާފައެވެ. އަދި މައްސަލައިގެ އަޑުއެހުންތައް ވެސް ވަނީ ފަށާފައެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވަނީ  ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ގެ510 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެމާއްދާގެ(ރ) ގެ ދަށުން ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދަޢުވާ އާއި މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 53 ވަނަ މާއްދާގެ (ހ) އާއި އެ ޤާނޫނުގެ5 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރާ ޙަވާލާދީ، އެ ޤާނޫނުގެ53 ވަނަ މާއްދާގެ (ށ) ގެ ދަށުން މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: