ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑްގެ ތެރޭގައި ކޮރަޕްޝަނުގެ 34 މައްސައެއް!

އޭސީސީގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދިން ބައްދަލުވުމުވުގައި ކޮމިޝަންގެ ރައީސް، މަރިޔަމް ޝިއުނާ -- ސަން ފޮޓޯ/ ފަޔާޒުމޫސާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ދައުލަތުގެ އެކި އިދާރާތަކުން ޚިދުމަތާއި ތަކެތި ހޯދުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތުކޮށް ޖުމްލަ 34 މައްސަލައެއް އޭސީސީއަށް ހުށައަޅާފައިވާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ރައީސާ މަރްޔަމް ޝިއުނާ ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހާއި ގުޅިގެން އޭސީސީގެ ރައީސާ މަރްޔަމް ޝިއުނާ ދެއްވި ޚިޠާބުގައި ވިދާޅުވީ މިފަދަ ނުރައްކާތެރި ބަލިމަޑުކަމެއްގެ ތެރޭގައި ކޮރަޕްޝަންގެ އަމަލުތައް ހިންގާ މީހުން އެއްވެސް އިންސާނިއްޔަތުކަމެއް ނެތި ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމަށް ފަސް ނުޖެހޭ ކަމަށެވެ.

ޝިއުނާ ވިދާޅުވީ ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ޒިންމާދާރު މަޤާމުތަކުގައި ތިއްބަވާ ފަރާތްތަކުގެ ވިސްނުމަކީ، މިދަނޑުވަޅުގައިވެސް ނާޖާއިޒު ފައިދާ ނަގައި، ނުޙައްޤު މުއްސަނދިކަމެއް ހޯދުންކަމަށް ދެކޭނަމަ، ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހޭނެކަން ހަނދާން ކުރަން ޖެހޭކަމަށެވެ.

އޭސީސީގެ އަމާޒަކީ ރައްޔިތުންގެ ފައިސާއިން ނާޖާއިޒު މަންފާ ހޯދާ ފަރާތްތަކާމެދު، މަޤާމަށް ނުވަތަ ނިސްބަތްވާ ޕާޓީއަށް ބެލުމެއްނެތި ރައްޔިތުންގެ ކުރިމަތީގައި ޖަވާބުދާރީ ކުރުވައި ޤާނޫނީ އޮނިގަނޑުގެ ތެރެއިންފިޔަވަޅު އެޅުންކަމަށް ޝިއުނާ ވިދާޅުވިއެވެ.

ޝިއުނާ ވިދާޅުވި ގޮތުގައި ކޮރަޕްޝަނަކީ، ވަކި ދާއިރާއެއް ނުވަތަ ވަކި ފަންތިއެއް އިސްތިސްނާވުމެއްނެތި ތަހައްމަލް ކުރަންޖެހިފައިވާ ނުރައްކާތެރި ވަބާއެކެވެ. އަދި ކޮރަޕްޝަނުގެ ޢަމަލުތަކުގެ ސަބަބުން ޤައުމު ތަރައްޤީކުރުމަށާއި ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ހުރަސްއެޅި، އެތައް ފައިސާއެއް ދައުލަތަށް ގެއްލިގެންދާކަމަށް ޝިއުނާ ވިދާޅުވިއެވެ.

“ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރެއިން ލިބުނު އެންމެ މުހިންމު އެއް ފިލާވަޅަކީ ކިތަންމެ ބޮޑު ނުރައްކާތެރި ބަލިމަޑުކަމެއްގައިވެސް ކޮރަޕްޝަންގެ އަމަލުތައް ހިންގާ މީހުން އެއްވެސް އިންސާނިއްޔަތުކަމެއްނެތި ރައްޔިތުންގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރަން ފަސް ނުޖެހޭކަން” ޝިއުނާ

މީގެ އިތުރުން ޝިއުނާ ވިދާޅުވީ ކުރިއަށް އޮތް އަހަރަކީ، ނަޒާހަތްތެރިކަން އިސްކޮށް މުހިންމު ނިންމުމެއް ނިންމަންޖެހޭ އާންމު އިންތިޚާބެއް އޮތް އަހަރެއް ކަމަށެވެ.

ޝއުނާ ވިދާޅުވީ ލޯކަލް ކައުންސިލްގެ އިންތިޚާބަކީ، ލާމަރުކަޒީ އުސޫލުން ޤައުމުގެ ކަންކަން ހިންގައި ބެލެހެއްޓުމަށްޓަކައި ރައްޔިތުންނަށް ވަރަށް މުހިންމު އިންތިޚާބެއް ކަމަށާއި މިފަދަ މުހިންމު އިންތިޚާބެއްގައި ތިމާގެ އިންތިޚާބީ ޙައްޤު އަދާކުރުމުގައި ނަޒާހަތްތެރިކަމާއެކު ރައްޔިތުންގެ ފަރާތުން ބަސްބުނާނެ މަންދޫބުން އައްޔަންކުރުމަކީ ޑިމޮކްރަސީ ދަސްކޮށްދީފައިވާ ވަރަށް މުހިންމު އަސާސެއް ކަމަށެވެ.

ވޯޓު ދިނުމުގައި ރިޝްވަތުގެ ހުތުރު ޢަމަލުތަކަށް ހުށަހެޅިގެންދާ ދިއުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށް ޝިއުނާ ވިދާޅުވިއެވެ. އަދި ރައްޔިތުންގެ މަންދޫބުން ޢައްޔަންކުރުމުގެ ބާރު ރައްޔިތުންނަށް ދިނުމުގެ ބޭނުމަކީ، ވޯޓު ވިއްކުމަށް ދެވޭ ލައިސެންސެއް ނޫންކަމަށް ޝިއުނާ ވިދާޅުވިއެވެ.

“ވޯޓު ވިއްކުމުގެ ސަބަބުން ތިމާއާއި ތިމާގެ ޢާއިލާގެ މުސްތަޤުބަލު ނެތިގެންދާކަން ކޮންމެ މީހަކުވެސް ވިސްނަންޖެހޭ، ވޯޓު ހޯދުމަށް ރައްޔިތުންގެ ކުރިމައްޗަށް އަރާ މީހުންނަކީ، ވިޔަފާރި އުސޫލުން ވޯޓު ހޯދާ މީހަކަށްވާނަމަ، އެކަމަށް ފާޅުގައި ދެކޮޅު ހަދަންޖެހޭ، ރައްޔިތުންގެ މުސްތަޤުބަލާމެދު ގޮތެއް ނިންމުމަށް ނަޒާހަތްތެރިކަމާއެކު ވޯޓު ދިނުމަކީ ލިބިދީފައިވާ އަސާސީ ޙައްޤެއް” ޝިއުނާ

ޝިއުނާ އިތުރަށް ވިދާޅުވީ މިއަދުގެ ޙާލަތަށް ބަލާއިރު ޤައުމު މިވަނީ ގެއްލިގެން ގޮސްފައިވާ ފައިސާއަށް ނުހަނު ބޭނުންޖެހިފައިކަމަށެވެ. އަދި އިޤުތިޞާދު ހަމަމަގަށް އެޅުވުމާއި ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށާއި، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ދިނުން ފަދަ މުހިންމު އެތައް ކަމަކަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަންޖެހިފައިވާ ދަނޑިވަޅެއްގައި، ތަފާތު ނަންނަމުގައި ދުރާލާ ރޭވިގެން ހިންގާފައިވާ ކޮރަޕްޝަނުގެ ޢަމަލުތަކުގެ ސަބަބުން އެތައް ފައިސާއެއް ގެއްލިގެން ގޮސްފައިވާކަމާމެދު ވިސްނާ ފިކުރު ކުރަންޖެހޭ ކަމަށްވެސް ޝިއުނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: