ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާނާތް ހިނގާކަން އެނގިހުރެ، ފޮރުވި މައްސަލައިގައި އާތިފްއަށް ކުރާ ދައުވާގެ އަޑުއެހުން މާދަމާ!

އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ކުރީގެ އިސްވެރިޔާ އިބްރާހިމް އާތިފް ޝަކޫރު/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ދަށުން ހިންގާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) ގެ ކުރީގެ އިސްވެރިޔާ، އިބްރާހިމް އާތިފް ޝަކޫރުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާއަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.

އާތިފްގެ މައްޗަށް ކުރީ މަނީ ލޯންޑަރިންއާއި ޓެރަރިޒަމްއަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނާ ހިލާފުުމުގެ ކުށުގެ ދައުވާއެވެ. އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާތައް ދައުރުވަމުން ދިޔައިރު އެކަން އެނގިހުރެ ފިޔަވަޅު ނޭޅުމުގެ ތުހުމަތު އާތިފްގެ މައްޗަށް ކުރެވެއެވެ. ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެއްއިރެއްގައި ބާރު ސްޕީޑެއްގައި އިހުމާލުވީ ފަރާތްތަކުގެ މައްސަލަ ބެލިއިރު އާތިފްވެސް ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފައިވެއެވެ. އެއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހެވެ.

އާތިފްގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުން ތާވަލުކޮށްފައިވަނީ މާދަމާގެ 14:00 އަށެވެ. މި މައްސަލައިގެ އަޑުއެހުމެއް އެންމެފަހުން ބާއްވާފައިވަނީ މިދިޔަ ސެޕްޓެމްބަރު 23 ގައެވެ. އެއީ، މައްސަލައިގެ އިބްތިދާއީ އަޑުއެހުމެވެ. އެ އަޑުއެހުމުގައި އާތިފް ވަނީ ދައުލަތާއި އެކު އިއުތިރާފުގެ އެއްބަސްވުމެއް ގާއިމް ކުރުމުގެ މަޝްވަރާތައް ކުރިޔަށް ގެންދާކަމަށް ވިދާޅުވެފައެވެ.

މައްސަލައާއި ގުޅިގެން ދައުލަތާއި އެކު މަޝްވަރާތައް ކުރިޔަށް ގެންދިޔަ ނަމަވެސް، އޭރު ހާމަކުރި ގޮތުން ވަކި ގޮތެއް ނިންމާފައި ނުވެއެވެ. އެހެންވެ ކޯޓުން ނިންމީ، ދައުލަތުން ވަކި ގޮތެއް ނާންގާ ހިނދެއްގައި ޝަރީއަތުގެ އަޑުއެހުންތައް ކުރިޔަށް ގެންދިއުމަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ޖަމާކޮށްފައިވާ ޕްރައިވެޓް ކުންފުންޏާ ގުޅޭ ގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން އެފްއައިޔޫއަށް 2014 ވަނަ އަހަރުގެ ނޮވެމްބަރު 27 ގައި ފޮނުވާފައިވާ އެސްޓީއާރު އެނެލައިޒް ކުރުމަށްފަހު، އެފްއައިޔޫއިން 2014 ވަނަ އަހަރުގެ ޑިސެމްބަރު 31 ގައި ތައްޔާރުކޮށްފައިވާ އެނަލިސިސް ރިޕޯޓުގައި މަނީ ލޯންޑަރިންއަށް ތުހުމަތު ކުރެވޭ ކަންތައްތަކެއް ހިނގާފައިވާ ކަމަށް ބަޔާންކޮށްފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އާއްމުކޮށްފައިވާ ރިޕޯޓުގައި ވަނީ ބުނެފައެވެ.

ރިޕޯޓުގައި ބުނެފައިވަނީ އެ ނިންމުމުގެ ސަބަބުން ދައުލަތަށް ލިބެން ޖެހޭ ގިނަ އަދަދެއްގެ ފައިސާ އަމިއްލަ ކުންފުންޏެއްގެ އެކައުންޓަށް ޖަމާވެ ދިޔައިރު، އެ ކަން ހުއްޓުވަން އެއްވެސް ފިޔަވަޅެއް ނޭޅި ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ލިބިފައިވާ ކަން އޭސީސީގެ ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ. ރިޕޯޓުގައި ބުނެފައިވަނީ އެފްއައިޔޫއިން ނިންމާ ނިންމުންތަކަށް ފުރިހަމައަށް ޒިންމާ ވާން ޖެހޭނީ އެ ޔުނިޓުގެ ވެރިޔާ އާތިފް ކަމަށެވެ.

މި މައްސަލައިގައި އޭސީސީގެ ތަހުގީގަށް އާތިފް ދެއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ އެސްއޯފުން ބޮޑެތި އަދަދުތަކުގެ މުއާމަލާތް ހިންގުމާއި އެ ފައިސާ ވަންނަނީ ކޮން އެކައުންޓްތަކަކަށް ކަން އެފްއައިޔޫގެ ރިޕޯޓުން އެނގެން އޮތުމާ އެކު އެކަން އިތުރަށް ތަހުގީގު ކުރަން ޖެހޭނެ ކަމަށް އޭރުގެ ގަވަރުނަރު އައިޝަތު އަޒީމާ އަށް ދެންނެވި ކަމަށެވެ. އެހެން ނަމަވެސް އެކަން ތަހުގީގުކުރަން ފުލުސް އޮފީހަށް ހުށަހަޅަން އިންކާރު ކުރައްވައި އަޒީމާ ނެންގެވީ އެ ޔުނިޓުގައި މުވައްޒަފުން މަދު މައްސަލަ ކަމަށް ތަހުގީގަށް ދެއްވި ބަޔާނުގައި އާތިފް ވިދާޅުވެފައި ވެއެވެ.

އާތިފްއެ ތުހުމަތު އަޒީމާ ވަނީ ދޮގު ކުރައްވައިފަ އެވެ.

މަނީ ލޯންޑްރިންގެ އަމަލެއް ހިންގަން އުޅުމަކީ ނުވަތަ އެ ކުށް ކުރުމުގައި އެހީތެރިވެދިނުމަކީ ނުވަތަ މަގުފަހިކޮށްދިނުމަކީ ވެސް ކުށަކަށްވާއިރު، ގާނޫނުގެ ދަށުން މި ކުށްސާބިތުވާ މީހެއްގެ މައްޗަށް ބޮޑެތި އަދަބުތަކެއް ވަނީ ކަނޑައަޅާފައެވެ. މަނީ ލޯންޑާ ކުރުން އަދި މަނީ ލޯންޑްރިންއަށް ހިއްވަރު ދޭ މީހެއްގެ މައްޗަށް ކަނޑައަޅާފައިވަނީ 50،000ރ އާއި 500،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާ އެކު 2-10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ. ނުވަތަ ކުށުގެ އަމަލު ހިންގުމުގައި  ބޭނުންކުރި ފައިސާގެ އަދަދުގެ ފަސް ގުނަ އަށް ވުރެ އިތުރު ނުވާ އަދަދަކުން ޖޫރިމަނާކޮށް، 5-15 އަހަރުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: