ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަފާރީ ކޭސްއާ ގުޅިގެން ތިން މީހަކަށް ދައުވާ ކުރަން ޕީޖީއަށް!

ޖިންސީ ގޯނާއާއި ދެކޮޅަށް ވީއޯސީއިން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ސަފާރީއެއްގައި އަންހެނަކަށް ޖިންސީ ގޯނާކޮށް ރޭޕްކުރި މައްސަލާގައި ދައުވާކުރުމަށް އަލުން ޕްރޮސެކިޔުޓަރ ޖެނެރަލް އޮފީހަށް ފޮނުވައިފިއެވެ.

ފުލުހުންގެ މީޑީޔާ އޮފިޝަލަކު ވިދާޅުވީ، އަލުން މިމައްސަލަ ޕީޖީއަށް ފޮނުވީ ފުލުހުންގެ ތަހުގީގުން އިތުރަށް ތަހުގީގުކުރަންޖެހޭ ކަންތައް ތަހުގީގުކުރުމަށް ފަހުގައި ކަމަށެވެ. އެހެންނަމަވެސް، ދައުވާކުރުމަށް ފޮނުވި މީހުންގެ ތަފްސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

“ސަންގު ޓީވީ” އަށް މައުލޫމާތު ދެއްވަމުން ޕީޖީ އޮފީހުގެ ތަރުޖަމާނު އަދި ޕަބްލިކް ޕްރޮސެކިއުޓާރ އަހުމަދު ޝަފީއު ވިދާޅުވީ ސަފާރީ ކޭސް މައްސަލައިގައި ތިން މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައިވާ ކަމަށެވެ. އެހެން ނަމަވެސް އިދާރީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންތަކެއްގެ ސަބަބުން މައްސަލަ ބަލައިގަތުމާއި މެދު އަދި ވަކި ގޮތެއް ނިންމާފައި ނުވާކަމަށް ޝަފީއު ވިދާޅުވިއެވެ.

މައްސަލައިގައި ކިހާ ހިސާބެއްގައި ގޮތެއް ނިންމާލެވޭނެތޯ ސުވާލު ކުރުމުން ޝަފީއު ވިދާޅުވީ، އެއީ އިދާރީ މަސައްކަތަކެއް ކަމުން ގިނަ ވަގުތުތަކެއް އެކަމަށް ހޭދައެއް ނުވާނެ ކަމަށެވެ. އެހެން ނަމަވެސް ދައުވާކުރަން އެދި ފުލުހުން ފޮނުވި މީހުންގެ މައުލޫމާތާއި އެމީހުންނަށް ކުރަން އެދެނީ ކޮން ދައުވާތަކެއްކަން ޝަފީއު ހާމައެއް ނުކުރައްވައެވެ.

މިއަހަރުގެ ޖޫންމަހުގެ ތެރޭގައި ސަފާރީއެއްގައި 27 އަހަރުގެ ކެންޔާ އަންހެނަކަށް ޖިންސީ ގޯނާ ކުރިކަމަށް ބުނާ މައްސަލައާއި ގުޅިގެން ގިނަ ވާހަކަތަކެއް އެމައްސަލައާއި ގުޅިގެން އަންނަނީ ދެކެވެމުންނެވެ. އެގޮތުން މައްސަލާގައި، ސީންއިން ހައްޔަރުކުރި 29 އަހަރުގެ ދެފިރިހެނުން އޭގެ އިރުކޮޅެއް ފަހުން ދޫކޮށްލީ “މަތިން” އައި ފޯންކޯލެއްގެ ސަބަބުންކަމަށް ވަނީ ތުހުމަތުކުރެވިފައެވެ. އެހެންކަމުން، މިމައްސަލައިގެ އަޑީގައި ނުފޫޒުގަދަ ބައެއްގެ އަތެއްވާކަމަށް ތުހުމަތުކޮށް ވަނީ ވާހަކަތައް ދެކެވިފައެވެ.

މިކަމާއި ގުޅޭގޮތުން މަޖިލީހުގެ ހިޔުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީއަށް ފުލުހުންގެ އިސްވެރިން ހާޒިރުކުރުމުން، ފުލުހުން ވިދާޅުވީ ރޭޕް ކޭސްގައި ކުށުގެ ވެށިން ހައްޔަރުކުރި މީހުން ދޫކޮށްލީ ފޯންކޯލްއެއްވިޔަސް، އަދި އެހެން ގޮތަކުން ވިޔަސް ނުފޫޒެއް އައިސްގެންނޫންކަމަށެވެ. އެމީހުންގެ ބަޔާން ނަގައި، ދޫކޮށްލުމުގެ ކަންކަމާއި ވިކްޓިމް ޑޮކްޓަރަށް ދެއްކުމުގެ ކަންކަން ކުރިއަށްދިޔައީ އެވަގުތު ކްރައިމް ސީންއަށް އެޓެންޑްވި ފުލުހުންނަށް ލިބިފައިވާ ތަމްރީނާއި ތަޖްރިބާގެ އަލީގައި އޮފިސަރުންނަށް ފެންނަ ގޮތަށް ކަމަށެެވެ. އަދި މިހާދިސާއާ ގުޅިގެން އެއްވެސް ސްޓޭޝަނަަކަށް އެއްވެސް ކަހަލަ ނުފޫޒެއް ފޯރުވާފައިނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މައްސަލައިގެ އިތުރު ތަފްސީލް ހާމަކުރައްވަމުން ފުލުހުން ވިދާޅުވީ، މައްސަލަ ފާހަގަކުރެވުނީ ފުލުހުން އެވަގުތު ޕެޓްރޯލް ކުރަމުން ދަނިކޮށް ކަމަށެވެ. އަދި އެސަރަހައްދުން ފެނުނު މީހުންނާއި އެވަގުތު ސުވާލުކުރި ކަމަށާއި އެއަންހެން މީހާ އެވަގުތު ބުނީ ރަހްމަތްތެރިއެއްގެ ދައުވަތަކަށް ޕާޓީއަކަށް އައީ ކަމަށާއި އަދި އެއިން މީހެއް އަތުގައި އަންހެންމީހާގެ ފޯނު އޮތް ކަމަށެވެ. އެހެންނަމަވެސް ކްރައިމް ސީންއިން ފާހަގަވިކަންކަމަށް ބަލައި، ޕޮލިސް ރިކޯޑަށް މައްސަލަ ހުށައެޅުނީ ޖިންސީ ގޯނާގެ މައްސަލައެއްގެ ގޮތުގައި ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި ފުލުހުން އެވަގުތު އަމަލުކުރީ އިޖުރާއަތްތަކާއި އެއްގޮތަށް ކަމަށްވެސް ކޮމިޓީގައި ވާހަކަދެއްކެވި ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ އަންހެން މީހާގެ އަތުގައި އެވަގުތު އެއްވެސް ޑޮކިޔުމަންޓެއް ނެތް ކަމަށާއި އެހެންކަމުން ޑޮކްޓަރަށް ދެއްކުމުގެ ކުރިން މާލެ އައިސް ބައެއް ޑޮކިޔުމަންޓްތައް ނަގަން ޖެހުނު ކަމަށެވެ. އަދި ވިކްޓިމް ޑޮކްޓަރަށް ދައްކަން އުޒުރުވެރިވިކަމަށްވެސް ފުލުހުން ބުންޏެވެ. އެހެންނަމަވެސް ވިކްޓިމް ޑޮކްޓަރަށް ދައްކައި މެޑިކަލް ރިޕޯޓްވެސް މިހާރު އެބައޮތް ކަމަށް ފުލުހުން އޭރު ވަނީ ވިދާޅުވެފައެވެ.

އެހެންނަމަވެސް، ވިކްޓިމްގެ ވަކީލުން ވިދާޅުވެފައިވަނީ ސަފާރީ ކޭސް މައްސަލައިގައި، އަދުލުވެރިކަމާއި އަވަސް ކަމާއެކު މައްސަލަ ތަހުގީގުކޮށް ނިންމުމަށް ވިކްޓިމްއަށް ލިބިފައިވާ ހައްގަށް އުނިކަން ލިބޭގޮތަށް، އެ މައްސަލައިގެ ކުށުގެ ވެށިން އަނިޔާ ލިބޭ ފަރާތާ ބައްދަލުވި ހިނދުން ފެށިގެން ފުލުހުން އަމަލުކޮށްފައިވާ ކަމަށެވެ. އަދި މައްސަލައިގެ ހެކި ހޯދުމަށް ފުލުހުން އިހުމާލުވެފައިވާކަމުގެ ތުހުމަތުކުރަމުންދާއިރު، ވިކްޓިމްގެ ގާނޫނީ ވަކީލުންނާއިމެދު އަމަލުކުރަމުންދަނީ ކުށްވެރިންތަކެއްގެ އުސޫލުންކަމަށް ވަކީލުން ވަނީ ވިދާޅުވެފައެވެ.

މައްސަލަ ހިނގިތާ ގާތްގަނޑަކަށް ތިން މަހެއްހާ ދުވަސްފަހުން، ވިކްޓިމް ދިން ބަޔާނަށް އުނިއިތުރު ގެންނަމުންދާތަން ފެންނަކަމަށް ބުނާ ވީޑިޔޯއެއްވެސްވަނީ ދައުރުވެފައެވެ. ވިކްޓިމްގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލެއްކަމަށްވާ ޝަފީއާ ރިޒާ ވިދާޅުވީ ވީޑިޔޯއިން ފެނިގެންދަނީ ވީޑިޔޯއިން ފެނިގެންދަނީ މައްސަލައިގެ އިންވެސްޓިގޭޝަން އޮފިސަރު ވިކްޓިމް ދީފައިވާ ސްޓޭޓްމަންޓް ބަދަލުކުރަމުންދާ މަންޒަރުކަމަޝެވެ. އަދި މިކަމުންވެސް، މިމައްސަލައާމެދު ފުލުހުންގެ ނިޔަތް ވަރަށް ސާފުކޮށް ހާމަވާކަމަށް ވިދާޅުވެފައިވެއެވެ.

މިމައްސަލައާއި ގުޅިގެން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ، ސަފާރީގައި ހިނގައިދިޔައީ ރޭޕްގެ އަމަލެއް ނޫންކަމަށެވެ. އަދި ސަފާރީގައި ހިނގައިދިޔައީ އެއަށްވުރެ ކުޑަ އަމަލެއް ކަމަށް މިނިސްޓަރ އިމްރާން ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: