ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދީބާއި ޒިޔަތާއި އެކު ހަދާފައިވަނީ ގާނޫނު ނުދަންނަ ސިއްރު އެއްބަސްވުންތަކެއް: ޖަމީލް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު --- ފޮޓޯ: ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ މައްސަލައިގައި ތާފާތުގޮތަކަށް އަމަލު ކުރަމުންދާއިރު، ހިޔާނާތުގެ މައްސަލައިގައި ހުކުމް އިއްވާފައިވާ ފަރާތްތަކާއި އެކު އެކުލަވާލާފައިވަނީ ގާނޫނު ނުދަންނަ ސިއްރު އެއްބަސްވުންތަކެއް ކަމަށް ކުރީގެ ނައިބު ރައީސް އަދި ރައީސް ޔާމީންގެ ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް ވިދާޅުވެއްޖެ އެވެ.

ވެރިކަމުގައި ހުންނަވައިގެން މަނީ ލޯންޑާރ ކުރެއްވިކަމުގެ ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ އެންމެ އިސް މީހުންނަށް ޖަލު ހުކުމް އިއްވުމުން ވެސް ގޭގައި ބައިތިއްބާތީ އެކަމަށް ރައީސް ޔާމީންގެ ގާނޫނީ ޓީމުން މީގެ ކުރިން ވެސް ފާޑުކިޔާފައި ވެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވުނެވެ. އަދި ކްރިމިނަލް ކޯޓުގައި އަދީބުގެ މައްޗަށް އުފުލި ދައުވާތަކަށް، ކުށުގެ އިއުތިރާފު އެއްބަސްވުމެއް އެކުލަވާލުމުގެ ދަށުން މައްސަލައިގައި އޭނާގެ މައްޗަށް އައިސްފައިވަނީ ކުޑަ ހުކުމެކެވެ. އަދި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް އުފުލި ދައުވާތަކުގައި ވެސް އިއުތިރާފު އެއްބަސްވުމެއް އެކުލަވާލިއިރު އޭނާގެ މައްޗަށް އިއްވާފައިވަނީ 11 އަހަރުގެ ޖަލު ހުކުމެކެވެ.

އަދީބާއި، ޒިޔަތުގެ މައްޗަށް އިއްވި ހުކުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޑރ. ޖަމީލް ވިދާޅުވީ، މިއީ ގާނޫނު ނުދަންނަ ސިއްރު އެއްބަސްވުންތަކެއް ކަމަށެވެ. އަދި އެ ދެ މީހުންނަކީ ވެސް މައްސަލައިގެ އެންމެ ބޮޑު ދެ މުޖްރިމުން ކަމަށް ވިދާޅުވިއެވެ. ޑރ. ޖަމީލް ވިދާޅުވީ އެ އެއްބަސްވުންތަކުން އަދީބާއި، ޒިޔަތަށް ބޮޑު ލުއިތަކެއް ދީފައިވާ ކަމަށާއި، މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުވާތަށް އުފުލާ އެމަނިކުފާނު ޖަލުގައި ބަހައްޓަންވީ ކޮން އަސާސެއްގެ ދަށުން ތޯ ސާފުކޮށްދޭން ޖެހޭ ކަމަށެވެ.

ކުރީގެ ނައިބް ރައީސް އަދީބު ގޭ ބަންދުގައި ހުންނަވަނީ ސިއްހީ ހާލަތަށް ރިއާޔަތް ކުރުމަށްފަހު އެވެ. އަދި ނިދުމަށް ބޭނުންވާ މެޝިންއެއްގެ ސަބަބުން ކަމަށް ހޯމް މިނިސްޓްރީއިން ވަނީ ބުނެފައެވެ. އެހެން ނަމަވެސް އެކަމަށް ފާޑުވިދާޅުވެ ޑރ. ޖަމީލް ވިދާޅުވީ މުޖްރިމުން ގޭގައި ބެހެއްޓުމަށް ދައްކާ “އުޒުރުތަކާއި ބަހަނާތައް” ރައްޔިތުން ގަބޫލެއް ނުކުރާނެ ކަމަށެވެ.

ރައީސް ޔާމީނާއި މެދު އަމަލު ކުރަމުން ދަނީ، ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހިލާފަށް ކަމަށާއި ސަރުކާރުން މަސައްކަތް ކުރަނީ ރައީސް ޔާމީން ޖަލުގައި ބަންދުކޮށްގެން ގައުމު ހިންގުމަށް ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ. އަދި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް ދައުލަތުން ލިޔެކިއުންތައް ފޯރުކޮށްދޭން ޖެހޭއިރު، އެ ލިޔުންތައް ދޫކުރުމަށް ދައުލަތުން ދެކޮޅު ހަދަމުން ދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީނަށް ވަކީލުންނާއި ބައްދަލު ކުރުމުގެ ފުރުސަތު ނުދެއްވާކަން ފާހަގަކުރައްވާ ޑރ. ޖަމީލް ވިދާޅުވީ، އެ ހައްގަށް ތަކުރާރުކޮށް ހުރަސް އަޅަމުން ގެންދަވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކަމަށެވެ. އޭގެ އިތުރުން ރައީސް ޔާމީންގެ މައްސަލައިގައި އެންމެ ފަހުން ކްރިމިނަލް ކޯޓުގައި ކުރިޔަށް ގެންދިޔަ އަޑުއެހުމުގައި ވެސް ބޭނުންވާ ލިޔުންތައް ފޯރުކޮށްދީ، ވަކީލު ބައްދަލުވުންތައް ކުރިޔަށް ގެންދެވޭނެ އިންތިޒާމުތައް ހަމަޖައްސަން ޝަރީއަތުން އެންގި ނަމަވެސް ދައުލަތުން އެ އެންގުންތަކަށް އަމަލު ނުކުރާ ކަމަށް ޑރ. ޖަމީލް ތަކުރާރުކޮށް ވިދާޅުވިއެވެ.

އެ މައްސަލައިގައި ޝަރީއަތަށް ގިނަ ޝަކުވާތަކެއް ހުށަހަޅުއްވާ ޖަމީލް ވަނީ، މައްސަލައަށް ރަނގަޅަށް ތައްޔާރުވެ ދައުލަތުން ހުށަހަޅާ ކަންކަމަށް ރައްދު ދެވެން އޮތީ ވެސް ލިޔެކިއުންތައް ލިބިގެންކަން ފާހަގަ ކުރައްވާފައެވެ. ދައުލަތުން މި ލިޔެކިއުންތައް ހިފަހައްޓަނީ ގަސްތުގައި ކަމަށާއި، މައްސަލައިގައި ރަނގަޅަށް ޖަވާބުދާރީ ވެވޭނެ ގޮތެއް ހަމަޖައްސައި ދެއްވުމަށް ޖަމީލް އެދިވަޑައިގެންނެވި އެވެ.

ޖަމީލް ވިދާޅުވީ ނުދީ ހިފަހައްޓާފައި ވަނީ މުހިންމު ލިޔެކިއުންތަކެއް ކަމަށެވެ.

މި ބައްދަލުވުންތަކަށް ހުރަސް އަޅާފައިވަނީ ކޮވިޑުގެ ސަބަބުން ރައްކާތެރި ފިޔަވަޅެއްގެ ގޮތުގައި ކަމަށް ހޯމް މިނިސްޓްރީއިން ބުނާއިރު ކޮވިޑުގެ ހާލަތު ގޯސްވީ ކުއްލިއަކަށް ތޯ ޑރ. ޖަމީލް ސުވާލު އުފެދެއްވިއެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީނާއި ވަކީލުންނަށް ބައްދަލު ކުރެވޭނީ ޕީސީއާރު ޓެސްޓެއް ހަދައިގެން ކަމަށް އަންގާފައިވާ ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑްރިންގެ ދައުވާގެ އަޑުއެހުމުގައި އެމަނިކުފާނު ވިދާޅުވީ، ދައުވާތަކަށް ތައްޔާރުވާން އެކަށީގެންވާ ފުރުސަތު ލިބިފައި ނުވާ ކަމަށެވެ. އަދި ދައުލަތުން ހުށަހަޅާ ކަންކަމަށް ވަކީލުންނާއި މަޝްވަރާކޮށް ވާހަކަ ދައްކަން ވެސް ބޭނުންވާނެ ކަމަށާއި، އެހެން ކަމުން އެއްތަނެއްގައި ތިބެގެން ޝަރީއަތް ކުރިޔަށް ގެންދިއުމަށް ރައީސް ޔާމީން އެދިފައި ވެއެވެ. މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 07 ވަނަ ދުވަހުއެވެ. އެއީ އިބްތިދާއީ އަޑުއެހުމެކެވެ. އަދި އޭގެ ކުރިން ލިޔެކިއުން ނުލިބޭނަމަ، ކޯޓަށް ހުށަހަޅަން ގާޒީ ވިދާޅުވިއެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށްލާން ކުރި ހުކުމް އެމަނިކުފާނުގެ ފަރާތުން އިސްތިއުނާފް ކޮށްފައިވާއިރު، އަޑުއެހުންތައް ނިމި މައްސަލަ މިހާރު އޮތީ ހުކުމް އިއްވުން މަރުހަލާގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: